[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ޢީދު އުފާ

ދުވަހަކީ އަޟްހާ ޢީދު ދުވަހެވެ. ޢަލީ ހުރީ ޢީދު ނަމާދު ކޮށްގެން އައިސް ގޭގެ އެންމެންނާ އެކުގައި ހެނދުނުގެ ސައިގައި ބައިވެރިވާށެވެ. ޢީދު ނަމާދަށްފަހު ޢަލީއަށް އެންމެ ޚާއްޞަ ކަމަކަށް އޮތީ ސްކޫލުން ޢީދު ފާހަގަ ކުރުމަށް “ޢީދު އުފާ” ގެ ނަމުގައި  ބާއްވާ ޙަރަކާތްތަކެވެ. ކޮންމެ އަހަރަކުވެސް އަހަރެމެން މުސްލިމުންނާ ބައްދަލު ކުރާ ދެ ޢީދު، ސްކޫލުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެއެވެ. ޢީދު ދުވަހު ޢަލީމެންގެ ސްކޫލުން ބާއްވާ ޙަރަކާތްތަކުގައި ރަށުގެ ހުރިހާ ކުޑަކުދިންނަށްވެސް ބައިވެރިވެވޭގޮތަށް ސްކޫލުން ވަނީ ހުޅުވާލާފައެވެ.

އެދުވަހު މުޅި ސްކޫލް އޮންނަނީ ފުއްޕާހަމާއި ކުލަކަރުދާސް ފަދަ ތަކެތިން ޒީނަތްތެރި ކޮށްފައެވެ. ތަފާތު އެކި ވައްތަރުގެ ކުޅިވަރު  ކުޅުމާއި ޢީދު މަދަޙަ ކިޔުން އޮވެއެވެ. ސްކޫލުގެ ފަރާތުން ކުދިންނަށް ޢީދު ހަދިޔާ ދިނުން އޮވެއެވެ. އަދިވެސް މިފަދަ ތަފާތު މަޖާ އަދި އުފާވެރި އެތައް ކަންތައްތަކެއް ޢީދު ދުވަހު ޢަލީމެންގެ ސްކޫލުގައި އޮވެއެވެ.

ޢީދު ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ޢަލީއަށް އެންމެ ޚާއްޞަ ކަމަކަށް އޮތީ ޢީދު މަދަޙަކިޔުމެވެ. ޢީދު މަދަޙަކިޔުމަށް މުޅި ސްކޫލުން ހޮވި ކުދިންތަކުގެ ތެރޭގައި ޢަލީ ހިމެނުނީތީ ޢަލީ ހުރީ ވަރަށް އުފާވެފައެވެ. އެހެންކަމުން ޢަލީގެ ބައްޕަ ގެއަށް އައުމާއެކު އެންމެ ފުރަތަމަވެސް މަދަޙަކިޔުމަށް ހޮވުނުވާހަކަ ބުންޏެވެ. ބައްޕަވެސް ވަރަށް އުފާވެފައި ބުންޏެވެ. “އެހެންތަ! އިންޝާﷲ ބައްޕަވެސް ދާނަން ދަރިފުޅު ޢީދު މަދަޙަ ކިޔާތަން ބަލަން.”

ޢަޞުރު ނަމާދު ކޮށްގެން ޢަލީގެ މަންމަ އާއި ބައްޕަ، ޢަލީ ގޮވައިގެން ސްކޫލަށް ދިޔައެވެ. ޢަލީމެންނަށް ސްކޫލަށް ދެވުނީ ތަންކޮޅެއްކުރިންނެވެ. އެހެން ކަމުން “ޢީދު އުފާ” ފެށެންދެން އެންމެން ގޮނޑީގައި އިށީނެވެ. ޢަލީ ހުރީ ސްކޫލް ރީތިކަމުން ވަރަށް އުފާވެފައެވެ. ސްކޫލަށް އަންނަ ކުދިންވެސް ތިބީ ވަރަށް ރީތިވެލައިގެންނެވެ. އެކި ކުލަކުލައިގެ ހެދުން ލައިގެން ވަރަށް ތިއްތި ވެގެންނެވެ.

ކުއްލިއަކަށް ޢަލީއަށް ފެނުނީ އަންހެނަކު ކުޑަކުއްޖަކު އުރައިގެން ސްކޫލުގެ ދޮރާށިން ވަންތަނެވެ. ކައިރީގައި ދެކުދިން ތިއްބެވެ. ޢަލީއާ އެއްވަރުގެ ކުއްޖަކާއި އެއަށްވުރެ ތަންކޮޅެއް ކުޑަކުއްޖެކެވެ. އެކުދިން ފެނުމުން ޢަލީ ވަރަށް ހަމްދަރުދީވެ ވަރަށް ދެރަވިއެވެ. އެއީ އެކުދިން ލައިގެން ތިބި ހެދުން ބާކަމުންނެވެ. އެއްކުއްޖަކު ފެންފައިވާނަށް އަރައިގެން ހުރިއިރު، ދެންހުރި ކުއްޖާ އަރައިގެންހުރި ފައިވާން ވަނީ ވަރަށް ބާވެފައެވެ. އެކުދިންގެ މަންމަވެސް ލައިގެން ހުރިހެދުމުން ވަނީ ކުލަގޮސްފައެވެ. އެހެންކަމުން، ޢަލީއަށް އެމީހުން ފެނުމުން އެއީ ވަރަށް އަތްމަތި ދަތި ފަޤީރުބައެއްކަން ވިސްނުނެވެ. ޢަލީހިތަށް އެރިއެވެ. “އެހެންކުދިން ރީތި ހެދުން ލައިގެން ތިބޭތަން ފެނުމުން އެކުދިން ހާދަދެރަވާނޭ. އެކުދިންވެސް ޢީދު ދުވަހު އާހެދުން ލާން ބޭނުންވާނެ.” ޢަލީ އެކުދިންނަށް އެހީތެރިވާން ބޭނުންވިއެވެ. އެހެންކަމުން ޢަލީ މަންމައަށް ގޮވާލައިފައި އެކުދިން ދައްކާލިއެވެ. ޢަލީގެ މަންމައާއި ބައްޕަ ވެސް އެކުދިން ފެނުމުން ވަރަށް ދެރަވިއެވެ. ޢަލީގެ މަންމައާއި ބައްޕަ ވަގުތުން އެމީހުންނަށް އާހެދުން ހޯދައިދޭން ނިންމިއެވެ. އެހެންކަމުން އެކުޑަކުޑަ ޢާއިލާއާއި ޢަލީގެ ބައްޕަ އާއި މަންމަ ބައްދަލުކުރިއެވެ. ޢަލީއާއި ޢަލީގެ ބައްޕަ ކުޑަދެކުދިންނާއި ވާހަކަދައްކަން ފެށިއެވެ. ޢަލީގެ މަންމަ ވެސް އެކުދިންގެ މަންމައާ ހިނިތުންވެލާފައި ސަލާމްކޮށް  ވާހަކަ ދައްކަން ފެށިއެވެ.

އެކުދިންގެ މަންމަގެ ނަމަކީ ޒުލޭޚާ އެވެ. މަންމަގެ އުރުގައި ހުރީ ޢުމުރުން ދެ އަހަރުގެ ކުޑަކުޑަ ޙަނާއެވެ. ޢަލީއާއި އެއްވަރުގެ ކުއްޖަކަށް ހުރީ ފަސް އަހަރުގެ ޢަބްދުﷲ އެވެ. ދެން ހުރީ ތިން އަހަރުގެ އަޙްމަދެވެ. އެކުދިންގެ ބައްޕަ ވަނީ ޙަނާއަށް އެއްމަހުގައި ނިޔާވެފައެވެ. އޭގެފަހުން ކުދިންގޮވައިގެން އެކަނިމާއެކަނި އުޅެނީ މަންމަ ޒުލޭޚާއެވެ.

ޒުލޭޚާއާ ވާހަކަ ދައްކަން ފެށުމުން ޒުލޭޚާއަކީ ވަރަށް ދީނަށްލޯބިކުރާ ހިތްހެޔޮ މީހެއްކަން ޢަލީގެ މަންމައަށް ފާހަގަވިއެވެ. އަދި ޒުލޭޚާގެ ކުދިންގެ މަޑުމައިތިރިކަމާއި ރީތިއަދަބުގެ ސަބަބުން އެކުދިންނަކީ ވެސް ވަރަށް ބަސްއަހާ ކުދިންތަކެއްކަން ވިސްނުނެވެ. އެހެންކަމުން ޢަލީއާއި ޢަލީގެ މައިންބަފައިންގެ ހިތުގައި ޒުލޭޚާގެ ޢާއިލާއާމެދު ވަރަށް އިޙްތިރާމާއި ލޯބިއުފެދުނެވެ.

އިރުކޮޅަކު ވާހަކަ ދައްކާލަންތިބެފައި ޖެހިގެން ހުރި ފިހާރައަށް ގޮސްފައި އެބައަންނަމޭބުނެ ޢަލީގެ މަންމައާއި ބައްޕަ ސްކޫލްކައިރީގައި ހުރި ފިހާރައަށްދިޔައެވެ. އެމީހުން ދިޔައީ ޢަލީ ޒުލޭޚާގާތު ބަހައްޓާފައެވެ. ޢަލީވެސް ޢަބްދުﷲ އާއި އަޙްމަދު ކައިރިއަށްގޮސް ސަލާމްކޮށް ވާހަކަދައްކަން ފެށިއެވެ. ޢަލީހުރީ ބަސްއަހާ ރަނގަޅު ރައްޓެހިންތަކެއް ލިބުމުން ވަރަށް އުފާވެފައެވެ.

ފިހާރައަށްގޮސް ޢަލީގެ މަންމައާއި ބައްޕަ، ޒުލޭޚާއާއި ކުދިންނަށް ހެދުމާއި ފައިވާނާއި ގަމީސް ގަތެވެ. އަދި ސްކޫލަށްގޮސް ޢަލީގެ މަންމަ، ޒުލޭޚާއަތަށް ހެދުން ކޮތަޅު ދިނެވެ. އަދި އެއީ ޒުލޭޚާއާއި ކުދިންނަށް ދިން ޢީދު ހަދިޔާއެއްކަމަށް ބުންޏެވެ. ޒުލޭޚާ ކޮތަޅުބަލާލައިފައި ޙައިރާންވިއެވެ. ސަބަބަކީ ޒުލޭޚާގެ ކުދިންގެ ބައްޕަ ދުނިޔޭގައި ހުރިއިރުވެސް އެހާ އަގުބޮޑު ރީތި ހެދުންތަކެއް ނުލިބެއެވެ. އަމުދުން އެކުދިންގެ ބައްޕަ ނިޔާވުމުން މިހާތަނަށްވެސް ލަމުން އައީ މީހުންލައިފައި ހުންނަހެދުމެވެ. އެހެންކަމުން އެހާ އަގުބޮޑު ހެދުންތަކެއް ހޯދާކަށް ޒުލޭޚާއަކަށް ނުކެރުނެވެ. އެހެންނަމަވެސް ޢަލީގެ މަންމަ ތަކުރާރުކޮށް ބުނަންފެށުމުން ޒުލޭޚާއަށް ޖެހުނީ ހެދުންކޮތަޅުގައި ހިފާށެވެ. އަދި ޢަލީގެ މަންމައަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރިއެވެ.

ޢަލީގެ މަންމަ، ޒުލޭޚާކައިރީގައި އާހެދުން ލައިގެން އައުމަށް އެދުނެވެ. އެވަގުތު ޢަލީގެ ބައްޕަވެސް ޢަބްދުﷲ އާއި އަޙްމަދުގެ ބޮލުގައި ފިރުމާލައިފައި އަވަހަށް ގެއަށްގޮސް ޢީދުހެދުން ލައިގެން އައުމަށްބުންޏެވެ. ޒުލޭޚާވެސް ހީނލާފައި “ޢީދު އުފާ” ފެށެންވާއިރަށް ސްކޫލަށް އަންނަންވެގެން އަވަހަށް ގެއަށްދިޔައެވެ.

އިރުކޮޅަކުން “ޢީދު އުފާ” ޙަރަކާތްތައް ފެށުނެވެ. ޢަލީއާއި ޢަލީގެ މަންމައާއި ބައްޕަ އިރުއިރުކޮޅާ ސްކޫލުގެ ދޮރާއްޓާދިމާލަށް ބަލާލައެވެ. އެމީހުން ތިބީ ޒުލޭޚާގެ ޢާއިލާ ނައިސްގެން ލަސްވެފައެވެ. އެކުދިން އާހެދުން ލައިގެން ތިބޭތަން ދެކޭހިތްވެފައެވެ.

ސްކޫލުގެ ޕްރިންސިޕަލްގެ ވާހަކަފުޅަށްފަހު އޮތީ ޢީދު މަދަޙަ ހުށަހެޅުމެވެ. އެހެންކަމުން ޢަލީ ސްޓޭޖަށް އަރާ ވަގުތު ކައިރިވާތީ ޢަލީއަށް ބެލެނީ ޢަބްދުﷲ އާއި އަޙްމަދުފެނޭތޯއެވެ. ޢަލީހުރީ އެމީހުން ލަސްވެގެން ވަރަށް ދެރަވެފައެވެ. ޕްރިންސިޕަލްގެ ވާހަކަނިމެން  ކުޑައިރުކޮޅަކަށްވެފައި ވަނިކޮށް ބަޔަކު ސްކޫލުގެ ދޮރާށިން ވަދެގެން އަންނަތަން ފެނުނެވެ. ޢަލީއަށް އެންމެފުރަތަމަ އެއީކޮންބައެއްކަން ނޭނގުނެވެ. އެހެންނަމަވެސް ތަންކޮޅެއްކައިރިއަށް އައުމުން އެއީ ޢަބްދުﷲގެ ޢާއިލާކަން އެނގުނެވެ. އެމީހުންތިބީ ޢަލީގެ މަންމައާއި ބައްޕަ ހަދިޔާކުރި ޢީދުހެދުން ލައިގެންނެވެ. ޢަލީ އުފަލުންފޮޅުނެވެ. ޢަލީގެ މަންމައާއި ބައްޕަވެސް އެމީހުން އާހެދުން ލައިގެން އައީމާ ވަރަށް ހިތްހަމަޖެހުނެވެ.

އިރުކޮޅަކުން ޢަލީ ޢީދު މަދަޙަ ކިޔަންއަރަން ދާން އާންޓީ ޢިޝާރާތް ކުރުމުން އަވަހަށް ސްޓޭޖަށް އަރާ މަދަޙަކިޔަން ތައްޔާރުވިއެވެ. އަދި ގްރޫޕްގެ ހުރިހާ ކުދިންނާއެކު ޢީދު މަދަޙަކިޔަން ފެށިއެވެ. ޢަލީމެންގެ ޢީދު މަދަޙަ ވަރަށް ރީއްޗެވެ. އެންމެންވެސް ތިބީ ޢީދު މަދަޙައިގެ ސަބަބުން ދުވަހުގެ ޖޯޝާއި އުފާވެރިކަން އިތުރުވެފައެވެ.

ޢީދު ލަވައަށްފަހު” ޢީދު އުފާ” ގެ  އެހެނިހެން ޙަރަކާތްތައް ފެށުނެވެ. ސްކޫލުގެ ގޯތިތެރެއާއި ހޯލުގެ އެކި ހިސާބުތަކުގައި ތައްޔާރު ކޮށްފައިވާ ތަފާތު ކުޅިވަރުތައް ކުޅެން ކުދިންނަށް ހުޅުވާލިއެވެ. ޢަލީވެސް ޢަބްދުﷲ އާއި އަޙްމަދު ގޮވައިގެން އެކިއެކި ކުޅިވަރުތައް ކުޅުނެވެ. ހުރިހާ ކުދިންނަށްވެސް އެންމެ މަޖާ ކުޅިވަރަކީ “ފައިގަތަޅާ” އެވެ. ޢަލީއާއި ކުލާސް ކުދިން އަދި ޢަބްދުﷲ ކުޅުނީ ވަރަށް ފޯރީގައެވެ. އެކުދިންގެ މައިންބަފައިން ތިބީ އެކުދިން އުފާވެރިކަމާއެކު ކުޅޭތަންބަލާށެވެ.

އޭގެފަހުންވެސް ތަފާތުއެތައް ކުޅިވަރެއްގައި އެކުދިން ބައިވެރިވިއެވެ. ސްޓޭޖްމަތީ ޙަރަކާތްތައް ފެށެންކައިރިވީމާ ކޮންމެފަހަރަކު ހުރިހާ ކުދިން ހޯލަށް ޖަމާވެއެވެ. ޢަލީވެސް ޅެމެއް ހުށަހަޅައިދިނެވެ. ހުރިހާ ކުދިންނަށް ހުޅުވާލި ފުރުޞަތެއްގައި ޢަބްދުﷲ ވަރަށް ރީތި މަދަޙައެއް ހުށަހަޅައިދިނެވެ.

ގަޑިން ފަސްގަޑި ބައި ވުމާއެކު ޢީދު އުފާ ނިންމާލުމުގެ ގޮތުން ސްކޫލުގެ ފަރާތުން ހުރިހާކުދިންނަށް ޢީދުހަދިޔާ ބެހިއެވެ. ޢަލީވެސް ޢީދު ހަދިޔާ ހިފައިގެން ގެޔަށްދިޔުމުގެ ކުރިން ޢަބްދުﷲ އާއި އަޙްމަދަށް  ޢަލީމެންގެއަށް ދާން ދަޢުވަތުދިނެވެ. ޢަލީގެ މަންމަވެސް ޢަބްދުﷲގެ މަންމަ ޒުލޭޚާއާ ސަލާމްކޮށް ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހި ކުރަންވާނެ ކަމަށް ބުންޏެވެ.

ޢަލީމެންގެ ޢާއިލާތިބީ ވަރަށް އުފާވެފައެވެ. އެއީ އުފާވެރި ޢީދެއްގެ އިތުރަށް ބޭނުންޖެހިފައިވާ ބަޔަކަށް އެހީތެރިވެވުނީމައެވެ.  ޢަބްދުﷲ ބޮޑުވަންދެން ޒުލޭޚާގެ ޢާއިލާއަށް އެހީތެރިވުމަށް ޢަލީގެ ބައްޕަ އާއި މަންމަ އެދުވަހު ނިންމިއެވެ. އެއީ ފަޤީރު އަދި ޔަތީމުކުދިންނަށް އެހީތެރި ވުމަކީ ކިހާދަރުމަ އާއި ޘަވާބުލިބޭ ކަމެއްކަން ޢަލީގެ މައިންބަފައިންނަށް އެނގޭތީއެވެ.

ގެއަށް ދާ ގަޑި ޖެހުނުއިރުވެސް ހުރިހާކުދިންވެސް ތިބީ ގެއަށްދާހިތަކުންނޫނެވެ. އެކުދިންތިބީ އަދިވެސް ކުޅެ މަޖާކޮށްލާހިތުންނެވެ. އެހެންނަމަވެސް އިރުއޮއްސެންކައިރިވާތީ “ޢީދު އުފާ” ޙަރަކާތް ނިންމާލީމާ އެކުދިން ގެއަށްދިޔައީ އަނެއްކާވެސް ދެން އަންނަ ޢީދެއްގައިވެސް ވަރަށް މަޖާކޮށްލުމަށް އުއްމީދުކުރަމުންނެވެ.

           އުފަލުގައި ދެން ސަލާމްކޮށްލާ ޝުކުރުކޮށް ހެޔޮހިތުން ހީލާ

                         މި ޢީދުގެ ތަހުނިޔާކިޔަމުން މިއަޚުކަން އަދު ބަދަހިކޮށްލާ