الحمد لله رب العالمين. اللهم صل وسلم على نبينا محمد وعلى آله وصحبه أجمعين.
އަހަރުގެ މައްސަރުތަކުގެ ތެރެއިން މުޙައްރަމް މަހަކީ އިސްތިޤްބާލުކުރެވޭ ފުރަތަމަ މައްސަރެވެ. ﷲ ތަޢާލާ ވަނީ އަހަރެއްގައި 12 މައްސަރު ކަނޑައަޅުއްވާފައެވެ. އޭގެތެރެއިން 4 މައްސަރެއް ވަނީ މި 12 މައްސަރުގެ މައްޗަށް މާތް ކުރައްވާ ޤަދަރު އުފުއްލަވާފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.
﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالأرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلا تَظْلِمُوا فِيهِنَّ أَنْفُسَكُم…﴾ [التوبة / 36]
މާނައީ: ” ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ. އެއީ ޙައްޤުތެދު ދީނެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާވެރިނުވާހުށިކަމެވެ. …”
މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނު ރިވާކުރެއްވިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެވިއެވެ.
((الزَّمَانُ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَان)) [أخرجه البخاري (3167) ومسلم (1679)]
މާނައީ: ” އިހު ހުރިގޮތަށް ޒަމާންތަށްވަނީ އެނބުރި އައިސްއެވެ. އެއީ ﷲ، އުޑާއި ބިން ޚަލްޤުކުރެއވިދުވަހު ހުރިގޮތަށެވެ. އަހަރެއްގައި ބާރަ މައްސަރުވެއެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެންއަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އަދި [ހަތަރުވަނައީ] ޖުމާދާއާއި ޝަޢްބާނުގެ ދެމެދަށް އަންނަ މުޟަރުގެ ރަޖަބެވެ.” [1]
ދެންފަހެ ރަމަޟާން މަހަށްފަހު އެންމެ މާތްވެގެންވާ ރޯދައަކީ މުޙައްރަމް މަހުގައި ހިފާ ރޯދަ ކަމުގައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ އަރިހުން ޘާބިތުވެގެން ވެއެވެ. އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وأفضل الصلاة بعد الفريضة صلاة الليل)) [ رواه مسلم (1163)]
މާނައީ: “ރަމަޟާން މަހަށްފަހު އެންމެ އިތުރުކަންބޮޑުވެގެންވާ ރޯދައަކީ ﷲ ތަޢާލާގެ ޙުރުމަތްތެރިވެގެންވީ މުޙައްރަމު މަހުގެ ރޯދައެވެ. އަދި ފަރްޟު ފަސްނަމާދަށްފަހު އެންމެ އިތުރުކަންބޮޑު ވެގެންވީ ނަމާދަކީ ދަމު ނަމާދެވެ.”
އިސްވެދިޔަ ޙަދީޘްގައި، (شهر الله) “ﷲގެ މައްސަރު” ކަމުގައި މުޙައްރަމް މަސް ﷲ ތަޢާލާ އަށް ނިޞްބަތް ކުރެވިފައި ވުމުން އެއިން ދޭހަވަނީ އެމައްސަރުގެ މާތްކަމާއި މަތިވެރިކަން ކަމުގައި ޢިލްމުގެ އަހުލުވެރިން ބަޔާން ކުރައްވައެވެ. އަދި މިޙަދީޘްގައި އައިސްފައި މިވަނީ މުޙައްރަމު މަހުގައި ރޯދަ ހިފުން އިތުރު ކުރުމަށް ހިތްވަރު ދެއްވުމުގެ ގޮތުންކަން ދަންނަ ހުއްޓެވެ! އެއީ މުޙައްރަމު މަހު އެކީ އެއްކޮށް ރޯދަ ހިފުމެއް ނުމެ ނޫންމެއެވެ. ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ގެ ކިބަފުޅުން ޘާބިތުވެގެންވާ ގޮތުގައި އެކަލޭގެފާނު މައްސަރެއްގައި އެއްކޮށް ރޯދަފުޅަށް ހުންނެވި ހަމައެކަނި މައްސަރަކީ ރަމަޟާން މަހެވެ. الله تعالى أعلم.
وصلى الله وسلم على نبينا محمد وعلى آله وصحبه وسلم. والحمد لله رب العالمين.
________________________________
[1] މުޟަރަކީ ޢަރަބިންގެ ޤަބީލާއެކެވެ. މިޙަދީޘްގައި މުޟަރު ޤަބީލާއަށް ރަޖަބުމަސް ނިސްބަތްކުރެވިފައިވަނީ އެބައިމީހުންނީ ރަޖަބުމަހަށް ޚާއްޞަކަމެއްދީ އެމަހަށް މާތްކޮށްހިތިބަޔަކަށްވާތީއެވެ. ބައްލަވާ تحفة الأحوذي للمباركفوري / كتاب: الإيمان / باب: ما جاء في إضافة الفرائض… / مجلد: ٧ / ص: ٣٨٩ / طبعة: دار إحياء التراث العربي