(ސ 222) ނިޔަތް ދުލުންކިޔުމުގެ ޙުކުމަކީ ކޮބާ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޖަވާބު: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
((إِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى…)) [أخرجه البخاري/ كتاب: بدء الوحي / باب: كيف بدأ الوحي إلى رسول الله (١) ، ومسلم / كتاب: الإمارة / باب: إنما الأعمال بالنية (١٩۰٧)]
މާނައީ: “ޢަމަލުތައް ވަނީ ނިޔަތްގަތްގޮތަށެވެ. އަދި ކޮންމެ މީހަކަށްވެސްވަނީ އެމީހަކު ނިޔަތްގަތްކަމެކެވެ…”
ނިޔަތްގަނެވޭ ތަނަކީ ހިތެވެ. ދުލުންކިޔާކަށް ނުޖެހޭނެއެވެ. ތިބާ ވުޟޫކުރުމަށް ތެދުވުމަކީ ނިޔަތެކެވެ. ޢަމަލެއްކުރުމަށް މަޖުބޫރުކުރެވިފައިނުވާ، ބުއްދިހުރި އިންސާނަކަށް ނިޔަތް ނުގަނެ އެއްވެސް ކަމެއް ނުކުރެވޭނެއެވެ.
އެހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ: ނިޔަތަކާ ނުލާ ޢަމަލެއްކުރުމަށް، ﷲ އަޅުގަނޑުމެންނަށް ޖައްސައިފިނަމަ، އެކަންވާނީ ނުކުރެވޭވަރުގެ ތަކުލީފަކަށެވެ.
ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަދި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ އަރިހުންވެސް – رضوان الله عليهم – އެބޭކަލުން ނިޔަތުގެ ލަފްޒު ކިޔުއްވިކަމަށް ވާރިދުވެގެން އައިސްފައި ނުވެއެވެ.
ނިޔަތުގެ ލަފްޒު [ދުލުން] ކިޔާމީހުން، އެފަދައިން އެކަން އެކުރަނީ ނޭނގިއެވެ. ނުވަތަ އެފަދައިން ކުރުމަށް ވިދާޅުވެފައިވާ ޢިލްމުވެރިންނަށް ތަޤްލީދުކޮށްގެންނެވެ. އެފަދަބޭފުޅުން ވިދާޅުވެފައިވަނީ ނިޔަތުގެ ލަފްޒު ކިޔަންވާނެއެވެ. އެއީ ދުލާ ހިތާ އެކުއެކީ އެކަންކުރުމަށެވެ.
ނަމަވެސް އަޅުގަނޑުމެން ދަންނަވާލަން އޮތީ އެބޭފުޅުންގެ މިބަހަކީ ޞައްޙަ ބަހެއް ނޫނެވެ. އެކަންކުރުމަކީ ޝަރުޢުކުރެވިގެންވާ ކަމެއްނަމަ، އެކަން ރަސޫލާ صلى الله عليه وسلم އުންމަތަށްޓަކައި އެކަލޭގެފާނުގެ ބަސްފުޅުން ނުވަތަ ޢަމަލުފުޅުން ބަޔާންކޮށްދެއްވީހެވެ. [1]
والله الموفق.
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله
فتاوى أركان الإسلام / ص: ٣۰٦/ طبعة: دار الثريا للنشر
_____________________________
[1] “އަލްމުލައްޚަޞް އަލްފިޤްހީ” އޭ ކިޔުނު ފޮތުގައި ފަޟީލަތުއްޝައިޚް ޞާލިޙުލް ފައުޒާން حفظه الله ވިދާޅުވެފައިވެއެވެ:
“އަދި ދަންނާށެވެ. ނިޔަތުގައި ބައެއްމީހުން ބިދުޢައެއް ހަދާ އުޅެއެވެ. އަދި ﷲ ގެ ޙަޟްރަތުން އައިސްފައިނުވާ ގޮތަކަށް އެކަމުގައި ހަރުކަށިވެފައިވެއެވެ. އެބައިމީހުން ކިޔާއުޅެއެވެ: “މިވެނި ފަރުޟެއްކުރުމަށް އަހަރެން ނިޔަތް ގަނެފީމެވެ. މިވެނި ޢަދަދެއްގެ ރަކުޢަތެކެވެ. ﷲއަށްޓަކައި އަދާއަށެވެ. މިއިމާމުގެ ފަހަތުގައެވެ.” އެފަދަ ޢިބާރާތްތަކުންނެވެ.
މިއީ ރަސޫލާ صلى الله عليه وسلم ކުރެއްވިކަމެއް ނޫނެވެ. އެކަލޭގެފާނު ސިއްރުގައިވިޔަސް ފާޅުގައިވިޔަސް ނިޔަތް ކިޔުއްވިކަމަށް ވާރިދުވެގެން އައިސްފައި ނުވެއެވެ. އަދި އެކަމަށް އަމުރުކުރެއްވިކަމެއްވެސް ވާރިދުވެފައިނުވެއެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ: “އެ [އެބަހީ: ނިޔަތް] ބާރަށް ކިޔުމަކީ ޝަރުޢުވެގެންވާ ކަމެއް ނޫންކަމަށާއި އެކަން ތަކުރާރުކުރަން ނުޖެހޭނެކަމަށް އިމާމުންވަނީ އިއްތިފާޤުވެވަޑައިގެންނެވެ. އަދި ކިއެއް ހެއްޔެވެ. އާދަވެގެން އެކަންކޮށްފިމީހާއާމެދު އެކަށީގެންވަނީ އޭނާ އަދަބުވެރިކުރުމެވެ. އަދި ފާޅުކޮށް އެކިޔާމީހާއަކީ ތައުޒީރުކުރުން ޙައްޤުވެގެންވާ މީހެކެވެ. އެއީ އޭނާއަށް އެކަން އޮތްގޮތް ބަޔާންކޮށްދިނުމަށް ފަހުގައެވެ. ޚާއްޞަގޮތެއްގައި އޭނާގެ ސަބަބުން [މީހުންނަށް] އުނދަގޫވަންޏާއެވެ. ނުވަތަ އެކަން ތަކުރާރުކުރަންޏާއެވެ.”
އަދިވެސް ވިދާޅުވެފައިވެއެވެ:
” އަދި ފަހުގެ ބައެއް ބޭކަލުން ޝާފިޢީ މަޛްހަބުގައި އެކަން ވާރިދުވެފައިވާކަމަށް ވިދާޅުވެފައިވެއެވެ. އިމާމް ޝާފިޢީއާއެކުގައިވީ ގިނަ ބޭކަލުން މިކަމުގައި އޮޅުން އަރާފައިވެއެވެ. އިމާމް އައްޝާފިޢީ ވިދާޅުވެފައިވެއެވެ: “ހަމަކަށަވަރުން ނަމާދުފެއްޓުމުގައި އެންމެ ފުރަތަމަ ދުލުން އެއްޗެއް ކިޔަން ޖެހެއެވެ.” އޮޅުންއެރި ބޭކަލުންނަށް ހީފުޅުވީ އެކަލޭގެފާނުގެ މުރާދަކީ ނިޔަތްކަމަށެވެ. ނަމަވެސް އެކަލޭގެފާނުގެ އަޞްލުމުރާދަކީ ތަކްބީރުގެ ވާހަކައެވެ.” ” – ޝައިޚުގެ ބަސްފުޅުނިމުނީ –
الملخص الفقهي للفوزان / ص: ٩٣ / مجلد: ١ / طبعة: دار ابن الجوزي