(ސ 224) ރަށުގައި ޤާއިމުވެހުރި އިމާމު ނަމާދުކުރަމުން ދަނިކޮށް، ދަތުރުވެރިޔާއަށް އެއިމާމާއެކު ބައިވެރިވެވުނީ ފަހު ދެރަކުޢަތުގައިނަމަ، ފަހެ ދަތުރުވެރިޔާ ޤަޞްރަށް ނިޔަތްގަނެ އެއިމާމާއެކު ސަލާމްދޭނީ ހެއްޔެވެ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޖަވާބު: ރަށުގައި ޤާއިމުވެ ހުންނަމީހެއްގެ އިމާމުކަމުގެ ދަށުގައި ދަތުރުވެރިޔަކު ނަމާދުކޮށްފިނަމަ، ޤަޞްރުކުރުން ދަތުރުވެރިޔާއަށް ހުއްދަނުވާނެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްފުޅުގެ ޢާންމު ލަފްޒުގެ ސަބަބުންނެވެ.
((…مَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَأَتِمُّوا)) [أخرجه البخاري/ كتاب: الأذان / باب: لا يسعى إلى الصلاة… (٦٣٦) ، ومسلم / كتاب: المساجد / باب: استحباب إتيان الصلاة بوقار (١٥١)]
މާނައީ: “…ތިޔަބައިމީހުންނަށް ލިބުނުމިންވަރަށް ނަމާދުކުރާށެވެ.[އެބަހީ: ލަހުން ޖަމާޢަތަށް އާދެވިއްޖެނަމަ] އަދި ފާއިތުވީބައި ފުރިހަމަކުރާށެވެ.”
މިއަށް ބިނާކޮށް، ދަތުރުވެރިއަކަށް ރަށުގައި ޤާއިމުވެހުރި އިމާމެއްގެ ފަހަތުގައި [ހަތަރު ރަކުޢަތުގެ ނަމާދެއްގެ] ފަހު ދެރަކުޢަތް ލިބުނުނަމަ، ވާޖިބުވެގެންވަނީ އިމާމުމީހާ ސަލާމްދިނުމަށްފަހު ދެރަކުޢަތް ކުރުމެވެ. އަދި ނަމާދު ޤަޞްރުކޮށް، އިމާމުމީހާއާއެކު ސަލާމްދިނުން އޭނާއަށް ހުއްދަނުވާނެއެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله
فتاوى أركان الإسلام / ص: ٣۰٧ / طبعة: دار الثريا للنشر