‘މައްކާގެ ޙަރަމްފުޅު’ އަދި ‘މަދީނާގެ ޙަރަމްފުޅު’ މިފަދައިން ބުނުމުން ހަމަކަށަވަރުން މީގެ މަޤްޞަދަކީ: އެދެރަށުގެ ސަރަހައްދަށެވެ. ‘ޙަރަމްފުޅު’ މިނަން ދެވިފައިވަނީ ސަރަހައްދަށެވެ. ނަމަވެސް ‘ޙަރަމްފުޅު’ މިލަފްޒު، އަލްމަސްޖިދުއް ނަބަވީއަށް އެކަނި ނިސްބަތްކުރުމަކީ [މިހާރު] ފެތުރިފައިވާ ކުށްހީއެކެވެ. އެހެނީ ޙަރަމަކީ އެމިސްކިތް އެކަންޏެއް ނޫނެވެ. ނަމަވެސް މުޅި މަދީނާއަކީ ޙަރަމެކެވެ. އެއީ ޢައިރުން ފެށިގެން ޘައުރާހަމައަށެވެ. އަދި ދެ لابة ދެމެދުގައިވާހާ ތަނެކެވެ. [ޢައިރާއި ޘައުރަކީ މަދީނާގައިވާ ދެފަރުބަދައެވެ. އަދި ދެ لابة އަކީ: މަދީނާގެ އިރުމަތީ ފަރާތާއި ހުޅަނގުފަރާތުގައިވާ އަލިފާންފަރުބަދަތަކުން ލާވާފައިބާފައިވާ ސަރަހައްދެކެވެ.] އެއީ ޙަދީޘްގައި އައިސްފާވާ ފަދައިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
((الْمَدِينَةُ حَرَمٌ مَا بَيْنَ عَيْرٍ إِلَى ثَوْرٍ)). [رواه البخارى ومسلم]
މާނައީ: “މަދީނާއަކީ ޙަރަމެކެވެ. އެއީ ޢައިރުން ޘައުރަށެވެ.”
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
((إِنِّى أُحَرِّمُ مَا بَيْنَ لاَبَتَىِ الْمَدِينَةِ أَنْ يُقْطَعَ عِضَاهُهَا أَوْ يُقْتَلَ صَيْدُهَا…)) [رواه مسلم]
މާނައީ :” ދެ ލާބަ ދެމެދުގައިވާ މަދީނާގެ ބިން، އެތަނުގެ ކަށިގަސްކެނޑުމާއި ޖަނަވާރުތައް ޝިކާރަކުރުން މަނާވެގެންވާ ޙުރުމަތްތެރި ތަނެއްގެ ގޮތުގައި ތިމަން ކަލޭގެފާނުހައްދަވަމެވެ.”
އެނގިވަޑައިގަންނަވާނޭ ފަދައިން މިހާރު މަދީނާގެ މީހުންދިރިއުޅޭ ސަރަޙައްދު ވަނީ ވަރަށް ބޮޑުވެފައެވެ. ޙަރަމްފުޅުގެ ޙުދޫދުން ބޭރުގައިވެސް މީހުންވަޒަންވެރިވެފައިވެއެވެ. އެހެންކަމުން މަދީނާގެ މީއުންއުޅޭ ކޮންމެ ހިސާބަކީ ޙަރަމްފުޅުގެ ސަރަޙައްދެކޭ ނުކިޔޭނެއެވެ. އެހެންނަމަވެސް ޙަރަމްފުޅުގެ ސަރަޙައްދުކަމަށް ޙަދީޘުން ވާރިދުވެފައިވާ ސަރަޙައްދަކީ ޙަރަމްފުޅެވެ. އެސަރަޙައްދުންބޭރުގައި ވާތަންތަނަކީ ހަމަ މަދީނާގެ ވެސް ތަންތަނެވެ. ނަމަވެސް އެއީ ޙަރަމްފުޅުގެ ސަރަޙައްދެއްކަމަކަށް ނުބެލެވޭނެއެވެ.
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ކިބައިން ޙަރަމުގެ ހުދޫދާއި ބެހޭގޮތުން އެއީ ما بين لابتين [لابة: މިލަފްޒުގެ މާނައަކީ އަލިފާން ފަރުބަދައިން ފައިބާ ލާވާއެވެ.] ދެލާބަ ދެމެދުގައިވާކަމަށް އައިސްފައިވެއެވެ.
އަދި ما بين حرتين [حرة ގެ މާނައަކީ: އަލިފާނުގެ ނުވަތަ ލާވާގެ ސަބަބުން އަނދާފައިވާ ހިލަ ބިމެވެ.] ދެ حرة ގެ ދެމެދުގައިވާކަމަށް އައިސްފައިވެއެވެ.
އަދި ما بين جبلين [جبل ގެ މާނައަކީ: ފަރުބަދައެވެ.] އަދި ދެފަރުބަދަ ދެމެދުގައިވާކަމަށް އައިސްފައިވެއެވެ.
ما بين عير إلى ثور [ޢީރާއި ޘައުރަކީ: މަދީނާގެ ދެ ފަރުބަދައަކަށް ކިޔާނަމެކެވެ.] އަދި ޢައިރާ ޘައުރާދެމެދު ވާކަމަށް އައިސްފައި ވެއެވެ.
މިލަފްޒުތައް އެއްލަފްޒު އަނެއް ލަފްޒާއި ފުށުނާރައެވެ. އެހެނީ ކުޑަ ސަރަޙައްދަކީ ހަމަ ބޮޑު ސަރަޙައްދުގެ ތެރެއިން ހިމެނޭ ބައެކެވެ. އެހެންކަމުން ދެ އަލިފާން ފަރުބަދަ ދެމެދުވާ ބިމަކީވެސް ޙަރަމްފުޅެވެ. އަދި އަނދާފައިވާ ދެހިލަބިމުގެ ދެމެދުގައި ވާ ސަރަޙައްދަކީވެސް ޙަރަމްފުޅެވެ. އަދި ޢީރާއި ޘައުރާއި ދެމެދުގައިވާ ސަރަޙައްދަކީ ވެސް ޙަރަމްފުޅެވެ. ފަހެ ކަމެއްގައި އޮޅުން އަރައިފިނަމަ – މާނައަކީ އެ ސަރަޙައްދަކީ ޙަރަމުން ބައެއްތޯ ނުވަތަނޫންތޯ އޮޅުން އަރާނަމަ – މިކަންތައް ތަކަކީ ޝުބުހައިގެ ތެރެއަށް ވަދެގެންދާނެ ކަންކަމެވެ.
މިފަދަ ކަންކަމުގައި ޢަމަލުކުރަންވީ ގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ. އެއީ އެކަންކަމުގައި ރައްކާތެރިކަން އިޚްތިޔާރުކުރުމެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިކަމަށް، [އިމާމް ބުޚާރީއާއި މުސްލިމް] އެޙަދީޘްއެއްގެ ޞައްޙަކަމަށް އިއްތިފާޤުވެވަޑައިގެންފައިވާ ޙަދީޘެއްގައިވެއެވެ. ނުޢުމާން ބުން ބަޝީރު (رضى الله عنه) ރިވާކުރެއްވިއެވެ.
((…فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ…))
މާނައީ: “ފަހެ ޝުބުހާތުތަކަށް ރައްކާތެރިވެއްޖެމީހާ އޭނާގެ ދީނާއި އޭނާގެ އަބުރަށްޓަކައި އެކަމުން ބަރީއަވެގެންފިއެވެ. އަދި ޝުބުހައިގެ ތެރެއަށް ވެއްޓިއްޖެމީހާ އޭނާ ޙަރާމްކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.”
=ނުނިމޭ=