[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުގެ މުހިއްމުކަން

اَلْحَمْدُ ِللهِ الْعَلِىِّ اْلأَحَدِ الَّذِىْ لَمْ يَلِ دْوَلَمْ يُوْلَدْ وَلَمْ يَكُنلَّهُ كُفْوًا اَحَدْ  وَالصَّلاَةُ َوَالسَّلاَمُ عَلَى مُحَمَّدِ الَّذِىْ اَرْشَدَ اِلَى النَّهْجِ اْلأَقْوَمِ وَعَلَى اَلِه وَاَصْحَاِبهِ الَّذِيْنَ تَمَسَّكُوْا بِالطَّرِيْقِ اْلاَرْشَدِ …. اَمَّابَعْدَ:

 އަޅުގަޑުމެންނީ އެއްކައުވަންތަ މަތިވެރި ﷲ އަށް އީމާން ވެގެން ތިބި މުއުމިނުން ކަމުގައި އިޤްރާރު ކުރަމުން ދާއިރު، އެމަތިވެރި ﷲ އީ އެއްކައުވަންތަ އިލާހު ކަމުގައި ޤަބޫލުކޮށް އެގޮތުގެމަތީން އަޅުގަޑުމެންގެ ޢަމަލުތައް ބެހެއްޓޭނީ އެއިލާހު އެއްކައުވަންތަ ކުރެވޭ ގޮތް އެގިގެންނެވެ. އާދެ! تَوحِيدُ އޭ މިކިޔާ ކަލިމަ ފުރިހަމައަށް ދެނެގަނެ ގެންނެވެ. އަދި تَوحِيدُ އާއި އިދިކޮޅު ކަމުގައިވާ ޝިރްކުވެސް އެގިގެންނެވެ.

 ޝައްކެއްނެތެވެ. تَوحِيدُ އަކީ އެންމެހައި ރަސޫލުންގެ ރިސާލަތު އޭގެމައްޗަށް ހުއްޓިގެންވާ މުހިންމު މައުޟޫޢުއެވެ. ކޮންމެ މުއުމިނަކު ދެނެގަތުން ވާޖިބު ވެގެންވާ އެންމެ ފުރަތަމަ ފިލާވަޅެވެ. ތިމާ ހެއްދެވި މަތިވެރި ﷲ މަޢުރިފާކޮށް އެއިލާހު ހަޟުރަތައް އިޚްލާޞްތެރި ކަމާއިއެކު އަޅުކަން ކުރާނޭ ގޮތް ދަސްކޮށްދޭ ފިލާވަޅެވެ. “لاَاِلَهَ اِلاّ اللهُ” މިކަލިމަ އިން އެދެވޭ މުރާދެއް އުގަންނައިދޭ މުޤައްދަސް ދަރްސްއެވެ. އަޅުކަން ޤަބޫލުވެވޭގޮތާއި، ނުވެވޭ ގޮތް ބަޔާންކޮށްދޭ މަންހަޖްއެވެ.

  ޝައްކެއްނެތެވެ. تَوحِيدُ އަށް ސީދާނުވާ ގޮތަށް ތިމާ ވަރުބަލިވަންދެން އަޅުކަންކުރި ނަމަވެސް، ކުރެވޭ އަޅުކަމަކީ، އެއަޅުކަމަށް އެއްވެސް ޘަވާބެއް އުޖޫރައެއް ލިބޭނޭ އަޅުކަމެއް ނޫނެވެ. އަދި ކީއްތޯއެވެ! ޘަވާބެއް ނުލިބުމުގެ ބަދަލުގައި ވޭންދެނެވި ޢަޛާބު ލިއްބައިދޭ ކަމެކެވެ. ޤިޔާމަތް ދުވަހުގެ މުޞީބާތާއި ނުރައްކަލުން ސަލާމަތްވާނެ ހަމައެކަނި ބަޔަކީ تَوحِيدُ ގެ އަހުލު ވެރިންނެވެ. ރަސޫލުﷲ  ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަމުގެ ފުރަތަމަ ތޭރަ ވަރަކަށް އަހަރު ހޭދަކުރެއްވީ ޢާންމު ގޮތެއްގައި  ހަމައެކަނި މިމައުޟޫޢު، އާދެ! تَوحِيدُ މީސްތަކުންނަށް ދަސްކޮށް ދެއްވައި، ޝިރްކުކުރުމުގެ ނުބައި ސުންޕާކަމުން  މީސްތަކުން ސަލާމަތްވާނޭ ގޮތް ދަސްކޮށް ދެއްވުމުގައެވެ.

 މިހެން މިކަން ހުރިއިރު އަޅުގަޑު ގަސްތު ކުރަނީ މިމަައުޟޫޢު، އާދެ! تَوحِيدُ އާއި އަދި އެއާއިބެހޭ ބައެއް ނުކުތާތައް ކޮންމެވެސް މިންވަރަކަށް ބަޔާންކޮށްދެވޭތޯ ބެލުމެވެ. ޚާއްސަކޮށް ކިޔަވާ ކުދިންނަށެވެ. ޢާންމުކޮށް ދިވެހި އެންމެހައި އަޚުންނާއި އުޚްތުންނަށެވެ.

 އާދެ! މިކުޑަކުޑަ ރިސާލަތު އެކުލެވޭތޯ ކޮންމެވެސް ހިތްވަރެއް ކުރަން މިޖެހުނީ ސަބަބުތަކެއް ހުރެގެންނެވެ. އަޅުގަޑުގެ އިޚްލާސްތެރި ބައެއް އަޚުން މިކަމަށް އެދިލެއްވުމުގެ ނާތީޖާއެއްގެ ގޮތުންނެވެ. އަދި، ރާއްޖޭގައި މިމައުޟޫއިން ދެކެވިފައި ހުރި ވާހަކަތަކާއި ލިޔެވިފައި ހުރި ލިޔުންތައް މިމައުޟޫޢުގެ މުހިއްމުކަމަށް ބަލާއިރު އެކަށީގެންވާ ވަރަށްވުރެ މަދުކަމުގައި ފެންނާތީއެވެ.

އަދި ހުރިހައި ކަމަކަށްވުރެ ކުރިން މަތިވެރި އިސްލާމް ދީނަށް ކޮންމެވެސް ޚިދުމަތެއް ކޮށްދެވޭތޯއެވެ. މިހެންވެ މަތިވެރި ﷲ ގެ ހަޟުރަތުން ވާގި އެދޭ ޙާލު މިކުޑަކުޑަ ފޮތް رِسَالَةُ التَّوحِيدُ މިފަށަނީ މުސްލިމުންނަށް މިފޮތުން އެދެވޭ ފައިދާއެއް ދެއްވުން އެދި ﷲ އަށް ދުޢާ ކުރަމުންނެވެ.

 މިފޮތުގައި އަޅުގަޑު ހިމަނައިލުމަށް ޤަސްތުކުރަނީ، ކޮންމެ މުސްލިމްއަކަށް ދީނުގެ ފަރާތުން ހަމަ ކޮންމެހެން ދެނެގަތުން ވާޖިބު ވެގެންވާ ހަތަރު ބައެކެވެ.

*ފުރަތަމަ ބަޔަކީ تَوحِيدُ އެވެ.

*ދެވަނަ ބަޔަކީ تَوحِيدُ ގެ އިދިކޮޅު ކަމުގައިވާ ޝިރުކެވެ.

*ތިންވަނަ ބަޔަކީ ސުންނަތެވެ.

*ހަތަރުވަނަ ބަޔަކީ ސުންނަތުގެ އިދިކޮޅުކަމުގައިވާ ބިދުޢަ އެވެ.

 މިއިން ކޮންމެ ބައެއްވެސް ބަޔާން ކޮށްދެވޭތޯ ބަލާފައިވާނީ ފިލާވަޅުތަކަކަށް ބަހާލައިގެންނެވެ. ﷲ  އަޅަމެން އެންމެހައި މުސްލިމުންނަށް تَوحِيدُ ގެ ފުރިހަމަ ދީން މަތީގައި އިޚްލާޞްތެރި ކަމާއިއެކު އަޅުކަން ކުރުމުގެ ހެޔޮ ތައުފީޤް ދެއްވުންއެދެމެވެ. އަދި އާޚިރަތް ދުވަހުން އަމާން ކަމާއިއެކު ޖަންނަތައް ވަނުމުގެ ނަސީބު ދެއްވުންއެދެމެވެ.

 آمِين ….اِنَّهُ وَلِيُّنَا وَنِعْمَ النَّصِيْر.

رمضان 1405 ހ

30 މެއި 1985 މ

(ނުނިމޭ)