(ސ 200) މީހަކު މިސްކިތަކަށް ވަތްއިރު، ބަންގިގޮވާމީހާ ބަންގިގޮވަން ހުރިނަމަ ފަހެ [އޭނާ ޢަމަލުކުރަން] އެންމެ މޮޅުއިތުރު ގޮތަކީ ކޮބާ ހެއްޔެވެ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އޭނާއަށް އެންމެ މޮޅުއިތުރުވެގެންވަނީ ބަންގިގޮވާމީހައަށް ޖަވާބުދިނުމެވެ. [1] އަދި އެއަށްފަހު ބަންގީގެ ފަހުން ކިޔުމަށް ވާރިދުވެފައިވާ ދުޢާ ކިޔުމެވެ. ދެން އެއަށްފަހު ތަޙިއްޔަތުލް މަސްޖިދުކުރުމެވެ.
ނަމަވެސް މިކަމުން ބައެއް ޢިލްމުވެރިން އިޘްތިސްނާކުރައްވާ ޙާލަތެއްވެއެވެ. އެއީ ހުކުރުދުވަހު މީހަކު މިސްކިތަށް ވަތްއިރު ބަންގިގޮވާމީހާ [ހުކުރުނަމާދަށްގޮވާ] ދެވަނަ ބަންގިގޮވަން ހުރިނަމައެވެ. ފަހެ އޭނާ ތަޙިއްޔަތުލް މަސްޖިދުކުރާނީއެވެ. އެއީ ޚުޠުބާ ކަނުލާ އަޑުއެހުމަށެވެ. އޭގެ ސަބަބައްކަމުގައި އެބޭފުޅުން ވިދާޅުވަނީ ޚުޠުބާ އަޑުއެހުމަކީ ވާޖިބެކެވެ. އަދި ބަންގިއަށް އިޖާބަދިނުމަކީ ވާޖިބެއްނޫނެވެ. އެހެންކަމުން ވާޖިބުނޫން ކަމަކަށް ރައްކާތެރިވުމަށްވުރެ ވާޖިބުކަމަކަށް ރައްކާތެރިވުން މާއައުލާކަން ބޮޑެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله
فتاوى أركان الإسلام / ص: ٢٨٥ / طبعة: دار الثريا للنشر
______________________________________
[1] ބަންގިގޮވާމީހާއަށް ޖަވާބުދިނުމޭ ބުނެވޭ ބަހުގެ މާނައަކީ: ބަންގިގޮވާމީހާ ކިޔާފަދައިން ބަންގީގެ ކަލިމަތައް ކިޔުމެވެ. އަދި (حَيَّ عَلَى الصَّلَاةِ) އާއި (حَيَّ عَلَى الْفَلَاحِ) ކިޔުމުން ކިޔާނީ (لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ) އެވެ.
އެހެނިހެން ފަތުވާތައް