[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރުއާނުގެ ގޮންޖެހުން

ޢަދަބިއްޔާތަކީ ދުނިޔޭގެ ކޮންމެ ގައުމަކަށް ނަޒަރު ހިންގާލިޔަސް ނުވަތަ ކޮންމެ ބަޔެއްގެ އާދަކާދަޔަށް ބެލިޔަސް ޝުޢޫރު ފާޅުކުރުމަށާއި އުފެއްދުންތެރިކަން ދައްކުވައިދިނުމަށް ބޭނުންކުރެވޭ ވަރަށް ވެސް މުހިއްމު އަދި އެހާމެ ބޭނުންތެރި އާލާތެކެވެ. މިޒަމާނުގައި އިންސާނުން ސައިންސާއި ޓެކްނޮލޮޖީއަށް ލޯބިކޮށް ކުރިއަރައިގެން ދާފަދައިން ބަހުގެ ޢަދަބިއްޔާތުގެ ވެސް ރަން ޒަމާނެއް މި ދުނިޔެވަނީ ދެކެފައެވެ. އެގޮތުން ކީރިތި ޤުރުއާނަކީ ބަހުގެ ޢަދަބިއްޔާތުގެ ނަޒަރަކުން ބަލާއިރު ޢަދަބިއްޔާތުގެ ރަންޒަމާނުގައިވެސް، މިހާރުވެސް އަދި ކުރިޔަށް އޮތްތާނގައިވެސް އެފަދަ ދެވަނައެއް ނެތް އަދި ނުވެސް ގެނެވޭނެ ފަދަ ފޮތެކެވެ.

ޢަދަބިއްޔާތަށް ލޯބިކުރާ މުސްލިމުން ހަމައެހެންމެ ޣައިރު މުސްލިމުން ވެސް ގަބޫލުކުރާ ގޮތުގައި ކީރިތި ޤުރުއާނަކީ ޢަރަބި ބަހުގެ ޢަދަބިއްޔާތުގެ އެންމެ މަތީ ފަންތީގެ ފޮތެވެ. ﷲ ތަބާރަކަ ވަތަޢާލާ ކީރިތި ޤުރުއާނުގައި މުޅި އިންސާނިއްޔަތައް ގޮންޖައްސަވައި سورة البقرة ގެ 23 އަދި 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވަނީ މިފަދައިންނެވެ.

وَإِن كُنتُمْ فِي رَ‌يْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَ‌ةٍ مِّن مِّثْلِهِ وَادْعُوا شُهَدَاءَكُم مِّن دُونِ اللَّـهِ إِن كُنتُمْ صَادِقِينَ (23)
فَإِن لَّمْ تَفْعَلُوا وَلَن تَفْعَلُوا فَاتَّقُوا النَّارَ‌ الَّتِي وَقُودُهَا النَّاسُ وَالْحِجَارَ‌ةُ ۖ أُعِدَّتْ لِلْكَافِرِ‌ينَ (24)
މާނަ :
” ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ ! “
” ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ – އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. – (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ “

ކީރިތި ޤުރުއާނުގައި ﷲ ތަބާރަކަ ވަތަޢާލާ އެންމެހައި އިންސާނުންނާއި އަދި ޖިންނީން ހިމެނޭގޮތަށް ގޮންޖައްސަވާފައިވަނީ އެފޮތުގައިވާ ސޫރަތްތަކާ އެއްފަދަ އެންމެ ސޫރަތެއް ނުވަތަ އާޔަތެއްނަމަވެސް ގެނައުމަށެވެ. މިފަދައިން ﷲ ތަބާރަކަ ވަތަޢާލާ ވަނީ ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ބަސް ވަޙީ ކުރައްވާފައެވެ. ޤުރުއާނުގައި ބަސް އަތުރާލެވިފައިވާ ތަރުތީބާއި، އޭގައިވާ ފުން މާނަޔާއި، އޭގެ ރީތިކަމާ އަދި އަސަރާ އެއްފަދަ ނުވަތަ ކޮންމެވެސް ވަރަކަށް އެއްގޮތްކަމެށް އެކުލެވިގެންވާ ޖުމްލައެއްގެ މިންވަރުވެސް އެފޮތް ބާވާލެއްވުނުތާ 1400 އަށް ވުރެ ގިނަ އަހަރު ވީއިރުވެސް އެއްވެސް ބަޔަކަށް  ގެނެވިފައިނުވެއެވެ. އަދި މިމަސައްކަތް ކޮއްފައިވާ މީހުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.