[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ صلى الله عليه وسلم ދެކެ ލޯބިވާންވީ ކީއްވެ؟ -1

މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އީ ، ﷲ ތަޢާލާ ޤިޔާމަތަށް ދެމިގެންވާ ރިސާލާތަކާއިގެން ފޮނުއްވެވި ނަބިއްޔާއެވެ. އެކަލޭގެފާނު ފޮނުއްވެވީ އެންމެހައި ޢާލަމްތަކަށް ރަޙްމަތެއްކަމުގައެވެ. އެންމެ ރިވެތިވެގެންވާ ނަމޫނާ އެކަލޭގެފާނުގެ ގައިކޮޅުގައާއި އަޚްލާޤުގައި ލެއްވުމަށްފަހުގައެވެ. އެކަލޭގެފާނުގެ ކިބައިން އަހަރެމެންނަށް ހިދާޔަތުގެ ސީދާ މަގަކީ ކޮބައިކަން އެނގިގެން ދިޔައެވެ. މި ހިދާޔަތުގެ ދީން އަހަރެމެންނާއި ހަމައަށް ފޯރުކޮށްދެއްވުމަށްޓަކައި ޖާނާއި މާލުން ޤުރުބާންވެވަޑައިގެންނެވިއެވެ. ސުވަރުގެއަށް ވާސިލުވާނޭ މަގަކީ ކޮބައިކަން ބަޔާންކޮށްދެއްވާ، އެ ސުވަރުގެއަށް އަހަރެމެން ޝައުޤުވެރިކޮށްދެއްވިއެވެ. ނަރަކައިން ސަލާމަތްވާނޭ މަގަކީ ކޮބައިކަން ބަޔާންކޮށްދެއްވާ، އެ ނަރަކައިގެ ޢަޒާބުން އިންޒާރުދެއްވިއެވެ. ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރިވެގެންދާނޭ، ހެޔޮ އެއްވެސް ޢަމަލެއް ބަޔާންކޮށްނުދެއްވާ ދޫނުކުރައްވައެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ޙަޔާތް އަބާއްޖަވެރިވެގެންދާނޭ އެއްވެސް ޢަމަލަކާއިމެދު އިންޒާރު ނުދެއްވާ ދޫނުކުރައްވައެވެ. ފަހެ އެކަލޭގެފާނަކީ މުއުމިނުންނަށް ނުހަނު އޯގާތެރި ރަޙުމުހުރި ބޭކަލެކެވެ.

އެކަލޭގެފާނާއި ބޭހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾ [سورة التوبة] 

މާނަ: “ހަމަތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމުހުރި ބޭކަލެކެވެ.”

ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރިވުން ބިނާވެފައި އޮތީ އެކަލޭގެފާނުދެކެ ހައްޤު ގޮތުގައި ލޯބިވެ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމުގެ މައްޗަށެވެ.

އެއްދުވަހެއްގައި އަޢުރާބީއަކު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް އައިސް ސުވާލު ދެންނެވިއެވެ.

“ޤިޔާމަތްވާނީ ކޮންއިރަކުން ހެއްޔެވެ؟” އެ ހިނދު ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިބާ އެދުވަހަށްޓަކައި ތައްޔާރުކުރީ ކޮންއެއްޗެއްތޯއެވެ؟” އެނާ ދެންނެވިއެވެ. ” ﷲ އާއި އެއިލާހުގެ ރަސޫލާ ދެކެ އަހުރެން ލޯބިވަމެވެ.” ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެހެންވީއިރު ތިބާ ވާނީ ތިބާ ލޯބިވީ މީހަކާއެކުގައެވެ.” [رواه البخاري]

އަލްއިމާމު އަލްޤުރުޠުބީ رحمه الله ޒިކުރުކުރައްވާފައި ވެއެވެ.

ރަސޫލުﷲ صلى الله عليه وسلم ގެ މައުލާއެއްކަމުގައިވާ ޘަވްބާނު رضي الله عنه އަކީ ރަސޫލުﷲ صلى الله عليه وسلم ދެކެ އިންތިހާއަށް ލޯބިފުޅުވާ އަދި އެކަލޭގެފާނާއި ބައްދަލުވުމަށްއެދި އަބަދުވެސް ކެއްތެރިކަން ކޮޅުންލާފައި ހުންނަ ބޭކަލެކެވެ. އެއްދުވަހަކު ޘަވްބާނު رضي الله عنه، އެކަލޭގެފާނުގެ ގައިގެ ކުލަ ބަދަލުވެ ހަށިގަނޑު ނިކަމެތިވެފައިވާހާލު ރަސޫލުﷲ صلى الله عليه وسلمގެ އަރިހަށް އައެވެ. އެކަލޭގެފާނުގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވާންހުއްޓެވެ. އެ ހިނދު ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނުގެ ގައިގެ ކުލަވަރު ބަދަލުވެފައި ތިވަނީ ކޮންކަމަކާހެއްޔެވެ؟” ޘަވްބާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންނާއަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ. އަދި ތިމަންނާ ބައްޔެއްވެސް ނޫނެވެ. ނަމަވެސް ތިމަންނާއަށް ކަލޭގެފާނު ނުފެންނާތީ  ކަލޭގެފާނު ދެކިލުމަށް މާބޮޑު ޝައުޤުވެރިކަމެއް އުފެދުނީއެވެ. އަދި ކަލޭގެފާނާއި ބައްދަލުނުވެ ގިނަވަގުތުވުމުން ކަލޭގެފާނާއި ދުރުކަމެއް ވަރަށްބޮޑަށް އިޙްސާސްވީއެވެ. ދެން ތިމަންކަލޭގެފާނަށް އާޚިރަތް ހަނދާންވެފައި އެދުވަހުން ކަލޭގެފާނު ނުފެނިދާނެތީ ކަންބޮޑުވީއެވެ. އެހެނީ ޤިޔާމަތްދުވަހުގައި ކަލޭގެފާނު، ނަބީބޭކަލުންނާއިއެކުގައި އެންމެމަތީ ދަރަޖައަށް އުފުއްލެވޭނެކަން ތިމަންނައަށްވަނީ އެނގިފައެވެ. އަދި ތިމަންކަލޭގެފާނު ސުވަރުގެއަށް ވަތްކަމުގައި ވިޔަސް ، ތިމަންކަލޭގެފާނު ވާހުށީ ކަލޭގެފާނަށްވުރެ ދަށު ދަރަޖައެއްގައެވެ. އަދި ސުވަރުގެއަށް ނުވަދެއްޖެނަމަ ދުވަހަކުވެސް ކަލޭގެފާނަކާއި ބައްދަލެއް ނުވާނެއެވެ.  އެ ހިނދު ﷲ ތަޢާލާ ހަތްއުޑުމަތިން މިއާޔަތް ބާވައިލައްވާފިއެވެ.

وَمَن يُطِعِ اللَّـهَ وَالرَّ‌سُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَ‌فِيقًا ﴿٦٩﴾ [سورة النساء]  

މާނަ : “އަދި ﷲ ތަޢާލާއަށާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހުން ދަންނާށެވެ! އެބައިމީހުންވާހުށީ ﷲ ތަޢާލާ އެބައެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާއި ޞާލިޙުންނާއި އެކުގައެވެ. އެބޭކަލުންނީ އެކުވެރިންކަމުގައި ވުމަށް ހާދަ ރަނގަޅުބައެކެވެ.”

ނަބިއްޔާ صلى الله عليه وسلم އާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَمَا أَرْ‌سَلْنَاكَ إِلَّا رَ‌حْمَةً لِّلْعَالَمِينَ ﴿١٠٧﴾ [سورة الأنبياء]

މާނަ : ” އަދި އެންމެހައި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ. “

އަލްއިމާމް އިބުނުލްޤައްޔިމް رحمه الله جلاء الأفهام ގައި ވިދާޅުވެފައި ވެއެވެ.

” ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ގެ ރިސާލަތުގެ ސަބަބުން އާއްމުކޮށް އެންމެހައި މީސްތަކުންނަށްވެސް ފައިދާ ހާސިލުވިއެވެ.

އެކަލޭގެފާނުގެ ރިސާލަތުގެ ސަބަބުން، އެކަލޭގެފާނަށް ތަބާވީ މީސްތަކުންގެ ކަރާމާތްތެރިކަމާއި ދަރަޖަ ދުނިޔެއާއި އާޚިރަތުގައިވެސް މަތިވެ އުފުލިގެން ދިޔައެވެ.

އަދި އެކަލޭގެފާނާއި ހަނގުރާމަކުރި އެކަލޭގެފާނުގެ ޢަދާވާތްތެރިން އަވަހަށް ޤަތުލުވެ މަރުވެގެން ދިޔުން، އެބައިމީހުންނަށް ކާފަރުކަންމަތީ ދުނިޔޭގައި ހުރުމަށްވުރެ ރަނގަޅެވެ. އޭގެ ސަބަބުން އެބަިއމީހުންގެ އާޚިރަތުގެ ޢަޒާބުގެ ގަދަފަދަކަން އިތުރުވެގެން ނުދިޔުމަށްޓަކައެވެ. އެހެނީ އެބައިމީހުންނަށް ﷲ ތަޢާލާވަނީ އަބާއްޖަވެރިކަން ލިޔުއްވާފައެވެ. ވީމާ، އެބައިމީހުންގެ ޢުމުރު ދިގުވުމަށްވުރެ އެބައިމީހުންގެ މަރު އަވަސްވުން އެބައިމީހުންނަށް ހެޔޮވެގެން ވެއެވެ.

އަދި އެކަލޭގެފާނާއި ޞުލްޙައިގެ މުޢާހަދާގައި ތިބި މީސްތަކުން ދުނިޔެމަތީގައި ދިރިއުޅެމުން ދިޔައީ އެކަލޭގެފާނުގެ ހިމާޔަތާއި ޛިއްމާގެ ދަށުގައެވެ. އެހެންކަމުން އެބައިމީހުން އުޅެމުންދިޔައީ، ހަނގުރާމަކުރި މީހުންނަށްވުރެ ރައްކާތެރިކަމާއި ފަސޭހައިގައެވެ.

އަދި މުނާފިޤުން އެބައިމީހުންގެ އީމާންކަން ބޭރުފުށުން ފާޅުކުރުމުގެ ސަބަބުން، އެބައިމީހުންގެ ލެޔާއި މުދަލާއި އަހުލުވެރިންނަށް ރައްކާތެރިކާމާއި އިޙްތިރާމް ދުނިޔެމަތީގައި ލިބުނެވެ.

އަދި އުއްމަތުގެ އެހެނިހެން މީސްތަކުންނަށް ބަލާއިރު ﷲ ތަޢާލާ ބިމަށް އާއްމުވެގެންވާ ޢަޒާބެއް އެކަލޭގެފާނުގެ ރިސާތުގެ ސަބަބުން ނުފޮނުއްވައެވެ. ފަހެ އެކަލޭގެފާނުގެ ރިސާލަތުގެ ސަބަބުން އެންމެހައި ފަރާތްތަކަށްވެސް ފައިދާ ހާޞިލުވިއެވެ.”

–   ނުނިމޭ     –

ރަސޫލުﷲ صلى الله عليه وسلم ދެކެ ލޯބިވާންވީ ކީއްވެ؟ -2