(1) އަމާނާތްތެރިވުން
ދެމަފިރިންކުރެ ކޮންމެ މީހަކީ އަނެއްމީހާގެ އަމާނާތްތެރިޔަކު ކަމުގައިވާން ޖެހޭނެއެވެ. ކިތަންމެ ބޮޑުކަމެއްގައި ނަމަވެސް ކިތަންމެ ކުޑަކަމެއްގައި ނަމަވެސް އެކަކު އަނެކަކަށް ޚިޔާނާތްތެރިވުން ޖާއިޒް ވެގެން ނުވެއެވެ. މާތްﷲ ޥަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ -الأنفال: ٢٧
މާނައީ: “ކަލޭމެން ﷲ އަށާއި ރަސޫލާއަށް ޚިޔާނާތްތެރިނުވާށެވެ. އަދި ކަލޭމެން ކަލޭމެންގެ އެއްބަޔަކު އަނެއްބަޔަކަށްވެސް ޚިޔާނާތްތެރިނުވާށެވެ.” މިއެވެ. ދެމަފިރިންގެ މެދުގައި ނުވަތަ އެއިން އެކެއްގެ ކިބައިގައި ޚިޔާނާތްތެރިކަމެއް ހުރެއްޖެނަމަވެސް ދެމީހުންގެ އޮމާން އަދި ހިތްފަސޭހަ ދިރިއުޅުން މުޅިން ބަރުބާދު ވެދާނެއެވެ.
(2) ލޯބިވެރިކަމާއި ރަޙްމަތް ބެހެއްޓުން:
ދެމަފިރިންކުރެ ކޮންމެ މީހަކު އެކަކު އަނެކަކަށް އޯގާވެރިވެ ރަޙުމް ކުރުމީ ދެމީހުންކުރެ ކޮންމެ މީހެއްގެ މައްޗަށް ވާޖިބު ކަމެކެވެ. ދެމަފިރިވަންތަކަން ﷲ ސުބްޙާނަހޫ ވަތަޢާލާ، މަޚްލޫޤުންގެ ތެރޭގައި ލައްވާފައިވަނީ އެކަލާނގެ ޤުދުރަތްތެރި ކަމުގެ ދަލީލެއްގެ ގޮތުންނެވެ. ވީއިރު އިންސާނުން އެކަން ތަމްޘީލް ކުރެވޭތޯ ބަލަންޖެހޭނެއެވެ.
އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.
وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً -الروم: ٢١
މާނައީ: “ތިޔަބައިމީހުން ހިތްހަމަޖައްސައި ހިތަށް އިޠްމިއްނާންކަން ލިބިގަތުމަށްޓަކައި ތިޔަބައިމީހުންގެ ނަފްސު ތަކުން ތިޔަބައިމީހުންނަށް އަނބީން ލައްވާފައިވާކަމީ އެކަލާނގެ ޤުދުރަތްތެރިކަމާއި އެއްކައުވަންތަކަމުގެ ޢަލާމާތްތަކުގެ ތެރެއިން ވާކަމެކެވެ. އަދި ތިޔަބައިމީހުންގެ ދެމެދުގައި ޔަޢުނީ ދެމަފިރިންގެ ދެމެދުގައި ލޯބިވެރިކަމާއި ރަޙްމަތް އެކަލާނގެ ލެއްވިއެވެ.” މިއެވެ.
(3) އިތުބާރުކުރުން
ދެމަފިރިންކުރެ ކޮންމެ މީހަކު އަނެއްމީހާއަށް އިތުބާރު ކުރަންވާނެއެވެ. އަދި ދެމީހުންކުރެ އެކަކުވެސް އަނެއްމީހާގެ ގާތުގައި ތިމާގެ އިތުބާރު ގެއްލޭފަދަ އެއްވެސްކަމެއް ކުރުން ހެޔޮ ނުވާނެއެވެ. އެހެންވެއްޖެނަމަ ދެމީހުންގެ ދެމެދުގައި ﷲ ލައްވާފައިވާ ރަޙްމަތާ މަވައްދަތު ކެނޑިދާނެއެވެ. އެކަމަކު މިދެންނެވި އިތުބާރުކަނޑައިލާންޖެހޭނީ މަޤްބޫލު ސަބަބެއް އޮވެގެންނެވެ. ދީނީ އަދި ދުނިޔެވީ އެއްވެސް ހަމައެއްނެތި ތިމާގެ ހިތްހަމަނުޖެހޭކަމެއް ދިމާވުމަކީ އަދި އަނެއްމީހާގެ ފަރާތުން އިތުބާރު ކަނޑައިގެން ވާނެކަމެއްނޫނެވެ. މިފަދަ ކޮންމެ ކަމެއްގައި ބަލަންޖެހޭނީ ދީނުގެ ހަމަތަކަށެވެ. މިސާލަކަށް ފިރިމީހާ އެހެން އަންހެނަކާ އިންނަށް ޤަޞްދުކޮށް އެކަމަށް ކުރިމަތިލުމަކީ އަނބިމީހާ ވަރަށް ގިނަފަހަރު ރުޅިއައިސް ފިރިމީހާގެ ކިބައިން އިތުބާރު ކަނޑައިލާކަމެކެވެ. ނަމަވެސް އެއީ ދީނީ ހަމައަކުން ކަނޑައިލެވޭ އިތުބާރެއްނޫނެވެ. އެގޮތަކީ ފިރިހެނަކު ދެވަނަ ނުވަތަ ތިންވަނަ ނުވަތަ ހަތަރުވަނަ މީހަކާ އިނުމަކީ ދީން މަނާކުރާކަމެއް ނޫނެވެ. އަދި އެޔާ ޚިލާފަށް އެކަމަކީ ފިރިހެނާގެ ޤާބިލިއްޔަތު ހުރިކަމުގައި ވަންޏާ ދީން ތަރުޙީބުދޭ ކަމެކެވެ. ވީމާ މިފަދަ ހުރިހާކަމެއްގައި މީޒާނަކަށް މުސްލިމުން ބަލަންޖެހޭނީ ހަމަ އިސްލާމް ދީނުގެ ތަޢްލީމާއި އެދީނުގެ އިރުޝާދެވެ. އެ އިރުޝާދާއި ޚިލާފު ވާނަމަ ނުބައެވެ. ނޫންނަމަ ރަނގަޅެވެ. وَالله وَلِيُّ التَّوْفِيْق
(4) މުޢާމަލާތް ރަނގަޅުކުރުން:
ދެމަފިރިންކުރެ ކޮންމެމީހަކުވެސް އަނެއްމީހާގެ ނިސްބަތުގައި ތިމާކުރަންޖެހޭ ކަންތައް ބަރާބަރުކުރުމީ އިސްލާމް ދީން ވާޖިބު ކުރާކަމެކެވެ. އެއީ ފިރިމީހާ އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ކަންތައްތައް ރަނގަޅުގޮތުގައި ތިމާގެ އަމިއްލަ ކަމެއްގެ ގޮތުގައި ކޮށްދިނުމެވެ. އަދި އަނބިމީހާވެސް ފިރިމީހާއަށްޓަކައި ތިމާކުރަންޖެހޭ ކަންތައްތައް ރަނގަޅުގޮތުގައި ތިމާގެ އަމިއްލަ ކަމެއްގެ ގޮތުގައި ކޮށްދިނުމެވެ.
“ لاَ يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأِخِيهِ مَا يُحِبُّ لِنَفْسِهِ وَيُكْرَهُ مَا يَكْرَهُ لِنَفْسِهِ” (متفق عليه)
މިމާތް ޤަވާޢިދުގެމާތީންނެވެ. “ޔައުނީ ތިމާގެ އަމިއްލަ ނަފްސަށްޓަކައި ހުރުމަށް ލޯބިކުރާ ކޮންމެ ރަނގަޅުކަމެއް ތިމަގެ އަޚާއަށްވެސް ހުރުމަށް ލޯބިކޮށްފުމަށް ދާންދެން ކަލޭމެންކުރެ އެކަކުވެސް އީމާން ނުވެއެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށް ހުރުމަށް ނޭދޭކޮންމެ ނުބައިކަމެއް ތިމާގެ އަޚާއަށްވެސް ނުހުރުމަށް ލޯބިކޮށްފުމަށް ދާންދެން ކަލޭމެން ކުރެ އެކަކުވެސް އީމާން ނުވެއެވެ.” މިއެވެ. މިހެން މިކަން ހުރިއިރު ކޮންމެ މީހަކުވެސް ތިމާގެ މައްޗަށް ކަނޑައެޅިފައި ހުރިކަންތައްތައް ރަނގަޅަށް ބަލައި ފަރުވާތެރިވުން ހުއްޓެވެ.
އިސްވެދިޔަ ހަތަރު ނުކުތާއަކީ ދެމަފިރިން ކުރެ ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޙައްޤުތަކެވެ. އެކަންކަމުގައި ދެފަރާތްވެސް ޝާމިލް ވާނެއެވެ.