[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޤައުމެއްގައި ބުދު ބެހެއްޓުން

ބުދުތަކަކީ ﷲ ތަޢާލާއަށް ޝިރުކު ކުރުމަށްޓަކައި ވަރަށް ޤަދީމީ ޒަމާނުއްސުރެ އިންސާނުން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ނަމަވެސް ﷲ ތަޢާލާ އެއްކައުވަންތަކޮށް، އެއިލާހަށް އެކަނި އަޅުކަން ޚާލިޞްކުރާ މުވައްޙިދުން ދަނީ ބިން، އެބުދުތަކުން ސާފުކުރުމަށް މަސައްކަތް ކުރަމުންނެވެ.  މިކަމާހުރެ ހުރިހާ ޒަމާނެއްގައިވެސް މުޝްރިކުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ހިތާމަކުރަމުންނެވެ. ހިތާމަޔަކީ މި ގޮވެލިތަކުގައި ﷲ އަށް އީމާންވާކަމަށް ދަޢުވާކުރާ މުސްލިމުންވެސް ޖެހިގެން އުޅޭކަމެވެ.

އަޅުގަނޑުމެންގެ ފަހުން އަންނަން އޮތް ޖީލުތަކަށް ޝިރުކު ކުރާނޭ ބުދުތަކެއް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން ބަލަނީތޯއެވެ؟ ބުދުތައް ހިމާޔަތްކުރަން ކޮޅަށް ތެދުވާވަރަށް، އަޅުގަނޑުމެންގެ އީމާންކަން ބަލިކަށިވީ ހެއްޔެވެ؟ އަޅުގަނޑުމެންނަކީ އެބުދުތަކަށް ކާފިރުވެ، އެބުދުތައް ދޫކޮށް، އެއިލާހަށް އެކަނި އަޅުކަން ޚާލިޞްކޮށްގެން ތިބި ބަޔެއްކަން އަޅުގަނޑުމެން ހަނދާން ނެތުނީތީ ވަރަށްވެސް ހިތާމަކުރަމެވެ! އާޘާރީ ތަކެތި ރައްކާކުރުމަށްޓަކައި ބުދު ކޮއިލުތައް އަޅާ، އެ ބުދުތަކަށް މާތްކޮށް ހިތާ، އެތަކެތި ހަލާކުވުމުން މަރާމާތުކޮށް އަދި އުސްތަންތަނުގައި ބަހައްޓައިގެން އުޅުމަކީ މީ ކޮންބަޔެއްގެ ޢަމަލެއްތޯއެވެ؟

ޝައިޠާނާގެ ދަންތުރައިގައި އަޅުގަނޑުމެން ޖައްސަނީ ރީތި ނަންތަކުގެ ނިވަލުގައެވެ. ބުދު ކޮއިލަށް އެހެން ނަމެއް ކިޔަސް ބުދުކޮއިލުވާނީ ހަމަ ބުދު ކޮއިލަކަށެވެ.

ޔާ ﷲ! އަޅަމެން ޝިރުކުން ސަލާމަތް ކުރައްވާ، އެފަދަ ނަޖިސް ތަކެތިން އަޅަމެންގެ ރާއްޖެ ޠާހިރުކުރައްވަފާނދޭވެ! އާމީން.

އަޅުކަންކުރުމަށްޓަކައި ބުދެއް ބެހެއްޓުމަކީ ފާޅުކަންބޮޑު މުންކަރާތެއްކަމާމެދު އެއްވެސް މުސްލިމަކު ދެބަސްނުވާނެކަން ކަށަވަރެވެ. އެހެނަސް އެނޫން މަޤްޞަދެއްގައި ބުދެއް ބެހެއްޓުމަކީ މާބޮޑު މައްސަލައެއް ނޫންކަމަށް ބައެއް މީހުން ބުނެ، އެގޮތަށް ޢަމަލުކުރަމުންވެސް އެބަދެއެވެ. މިފަދަ އަނދަވަޅަކަށް މުސްލިމުން ވެއްޓެމުންދާތީ، މިކަމާ މެދު ކަންބޮޑުވެ، ދީނުގައި މިކަން އޮތް ގޮތް ބަޔާންކޮށްދިނުމަށްޓަކައި، މި މައުޟޫއަށް ލިޔުމަށް އަޅުގަނޑު ޤަޞްދު ކުރީމެވެ. މިގޮތުން خالد بن عبدالله الغليقة މި މަޢުޟޫއަށް ލިޔުއްވާފައިވާ، މަޢުލޫމާތުގެ ގޮތުން ވަރަށް މުއްސަނދި މަޒުމޫނެއް އަޅުގަނޑަށް ފެނުނެވެ. އެހެންކަމުން އަޅުގަނޑު ނިންމީ އެލިޔުން އަޞްލަކަށް ބަލައިގެން، ދިވެހިބަހުން އަޅުގަނޑުގެ އަޚުންނާއި އުޚްތުންނަށް މިކަން ބަޔާންކޮށްދެވޭތޯ މަސައްކަތް ކުރުމަށެވެ. وبالله التوفيق.

 

 

އެންމެ ފުރަތަމަވެސް ދެނެގަންނަން ޖެހޭ ހަޤީޤަތަކީ އިސްލާމްދީނުގައި، ބުދުތައް ތެޅުން ބިނާވެފައިވަނީ ބުދަށް އަޅުކަން ކުރޭތޯ ނުވަތަ ނޫންތޯ، ބެލުމަށް ފަހުގައި ނޫންކަމެވެ. އެހެން ނަމަވެސް އިސްލާމް ދީނުގައި ބަލާ އަޞްލަކީ ބުދު އެބަހުރިތޯ ނުވަތަ ނޫންތޯއެވެ. ބުދު ހުރެއްޖެއްޔާ އޮތީ ތަޅާލުމެވެ. މުސްލިމު ވެރިކަމެއް އޮތް، މުސްލިމުންގެ ބާރު ހިނގާ، މުސްލިމުން ދިރިއުޅޭ ޤައުމެއްގައި ބުދުތަކެއް ހުރެއްޖެއްޔާ އެބުދުތަކެއް ތަޅާލަން މުސްލިމުން އަވަސްވެގަނެއެވެ.

މިޒަމާނުގައިވެސް އިސްލާމީ ޤައުމުތަކުގައި ހުރި ބުދުތައް ތަޅާލަން ޖެހޭކަން ޘާބިތުވާ ވަރަށް ވަރުދަގަ ޙުއްޖަތްތަކެއް ވެއެވެ. އެ ޙުއްޖަތްތައް ތިރީގައި ބާޔަންކޮށްލާނަމެވެ.

  1. ބުދުތައް ނުތަޅާ ބެހެއްޓުމަކީ އެ ބުދުތަކަށް އަޅުކަން ކުރުމަށް މަގުފަހިވެދާނެ ސަބަބެކެވެ. ފަހެ ޢަރަބިކަރައަކީ އެބިމަކަށް ވަޙީ ބާވައިލެއްވުނު އަދި ރަސޫލުﷲ صلى لله عليه وسلم ދަޢުވަތާއިގެން ވަޑައިގެންނެވި ބިމެވެ. ބިމެއްގައި ބުދަށް އަޅުކަން ނުކުރާނެކަމުގެ ޔަޤީންކަން ދެވެން އޮތްނަމަ ޢަރަބިކަރައިގައި ރަސޫލާ صلى لله عليه وسلم އަވަހާރަވުމަށްފަހު ބުދަށް އަޅުކަން ނުކުރެވޭނެޔޭ އަހަރެމެންނަށް ބުނެވުނީހެވެ. އެހެން ނަމަވެސް ތާރީޚީ ލިޔެކިޔުންތަކުން އެނގޭގޮތުގައި އެކަލޭގެފާނުގެ ދަޢުވަތަށް ފަހުގައިވެސް ޢަރަބިކަރައިގައި ބުދުފަދަ ހިލަތަކާއި އެހެނިހެން މަޚްލޫޤުތަކަށް އަޅުކަން ކުރެވުނެވެ. ޤަބުރުތަކަށްވެސް އަޅުކަންކުރެވުނެވެ. އަދި ބައެއް ގޮތްގޮތުން ބަލާއިރު ކުރިން އޮތް ޖާހިލިއްޔަތަށްވުރެވެސް ނުބައި ކަންތައްތަކެއް ޢަރަބިކަރައިގައި ފެތުރިގެން ދިޔައެވެ.

ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި މައްކާގެ މުޝްރިކުން ކަނޑުގައި ދުއްވާ އުޅަނދަކަށް އަރައިފިނަމަ، އެބައިމީހުން ﷲ އާއި އެއްވެސް އެއްޗެއް ބައިވެރިނުކޮށް އެއިލާހަށް އެކަނި ދުޢާކުރެއެވެ. އެހެންނަމަވެސް ޢަރަބިކަރައިގައި ބިދުޢައާއި ޝިރުކުގެ ޢަމަލުތައް ފެތުރިގެންދިޔަ ދުވަސްވަރުގައި، އެބައިމީހުން ކަނޑު އުޅަނދަކަށް އަރާވެސް ދުޢާކުރަމުން ދިޔައީ އެކިއެކި ވަލީވެރިންނަށާއި އެކިއެކި މަޚްލޫޤުންނަށެވެ. އުފާވެރި ޙާލަތްތަކާއި ބިރުވެރި ޙާލަތްތަކުގައިވެސް އެބައިމީހުން ދިޔައީ ﷲ ނޫން އެހެން ފަރާތްތަކަށް ދުޢާކޮށް ކަންކަމަށް އެދި ދަންނަވަމުންނެވެ.

 

 

  1. ބުދުތައް ނުތަޅާ ބެހެއްޓިދާނެކަމަށް ބުނާމީހުންގެ ބަސް ދޮގުކަން އެނގެނީ ރަސޫލުﷲ صلى لله عليه وسلم މައްކާ ފަތަޙަކުރެއްވި ދުވަހު ގެފުޅުގެ ވަށައިގެން ހުރި 360 ވަރަކަށް ބުދު ތާޅާލެއްވުމުންނެވެ. ފަހެ، ބުދު ތެޅުމަކީ ދީންތަކަށް ޢިހްތިރާމު ނުކުރުމޭ ބުނާމީހާއަށް އެބުނެވެނީ ރަސޫލުﷲ صلى لله عليه وسلم ވެސް އެދުވަހު އެހެއްދެވީ ގޯހެއްކަމުގައި ހެއްޔެވެ! ފަހެ އެޒަމާނުގައިވެސް ބުދަށް އަޅުކަންކުރާ މީހުން ދުނިޔޭގައި ތިއްބެވެ! އެބައިމީހުންގެ ދީނަށް އިޙްތިރާމްކުރެއްވުމުގެ ނަމުގައި މާތް ނަބިއްޔާ صلى لله عليه وسلم އެބުދުތައް ނުތަޅާ ދޫކޮށްލެއްވިތޯއެވެ؟ ނޫނެކެވެ. އެހެނެއްކަމަކު މުޅި ޢަރަބިކަރައިގެ އެތަން މިތަނުގައި ހުރި ބުދުތައް ތަޅާލުމަށްޓަކައި މާތް ނަބިއްޔާ صلى لله عليه وسلم ގެ ޞަޙާބީބޭކަލުން ފޮނުއްވިއެވެ. މިއަދު އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންވީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ޞަޙާބީން ނޫންތޯއެވެ.

 

  1. ބުދުތައް ނުތަޅާ ބެހެއްޓިދާނެކަމަށް ދެކޭ މީހުން ބުނެފާނެއެވެ.

“މައްކާ ފަތަޙަކުރެއްވުމުގެ ކުރިން އެބުދުތަކަށް އަޅުކަން ކުރެވުނެވެ.”

އެހެން ނަމަވެސް އަހަރެމެން ބުނަން އޮތީ ބުދުތަކަށް އަޅުކަން ނުކުރަންޔާ ނުތަޅާ ބެހެއްޓިދާނެޔޭ ބުނަނީ ހަމަ ތިޔަބައިމީހުން ނޫންތޯއެވެ! އެކަލޭގެފާނު މައްކާ ފަތަޙަކުރެއްވުމުން މައްކާގެ އަހުލުވެރިން އިސްލާމުވެ ބުދުތަކަށް ކާފިރުވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް އެބައިމީހުން ބުދުތަކަށް އަޅުކަން ކުރި ހެއްޔެވެ؟ ނުދެއެވެ. އަދި ފަހުން ނުކުރާނެކަމުގެ ޔަޤީންކަންވެސް އޮތީ އެކަލޭގެފާނު ދުނިޔޭގައި ހުންނެވި ދުވަސްވަރުގައެވެ. ސަބަބަކީ ފިތުނަތަކުން އެންމެބޮޑަށް ދުރުހެލިވެގެންވަނީ އެކަލޭގެފާނު އެބައިމީހުންނާ އެކުގައި، އެބައިމީހުންނަށް ދީން ބުނެދެއްވަން ހުންނެވުމުންނެވެ.

އެއާއެކުވެސް އެކަލޭގެފާނު އެބުދުތައް ތަޅާލެއްވުމުން ދަލީލުކޮށްދެނީ އަދުގެ އިސްލާމީ ޤައުމުތަކުގައި ހުރި ބުދުތައްވެސް މަސްއޫލުވެރި ފަރާތްތަކުން ތަޅާލަންޖެހޭނެ ކަމެވެ. ފަހެ އެކަލޭގެފާނު ދުނިޔޭގައި ހުންނެވި ދުވަސްވަރަކީ އެންމެބޮޑަށް ޝިރުކުން އަމާންކަން ލިބިގެންވީ  ދުވަސްވަރެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު، ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، ޝިރުކުން ދުރުހެލިވުމަށް އޮތް ފުރުޞަތު މިދަނީ ހަނިވަމުންނެވެ. ފަހެ އެކަލޭގެފާނުގެ ޞަޙާބީން ދުނިޔޭގައި ތިއްބަވަނިކޮށް މީސްތަކުންވަނީ ﷲ ފިޔަވާ އެހެނިހެން ފަރާތްތަކަށް އަޅުކަންކުރަން ފަށާފައެވެ. އެއާއެކުވެސް އެބޭކަލުންވަނީ ބުދުތައް ތަޅާ، ޝިރުކު ކުރެވޭ އެހެނިހެން ތަކެތި ނައްތާލުމަށް މަސައްކަތްކުރައްވާފައެވެ. އެބޭކަލުން ހިއްޕެވީ މާތް ނަބިއްޔާ صلى لله عليه وسلم ގެ ވަޞިއްޔަތްޕުޅުގައެވެ. ފަހެ، އެބޭކަލުން ވަނީ އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ބޭކަލުންނަށްވެސް ބުދުތައް ތަޅާލުމަށް ވަޞިއްޔަތް ކުރައްވާފައެވެ.

ފަހެ، އަޅުގަނޑުމެންނަށްވަނީ އެ ވަޞިއްޔަތުގައި ހިފައި، އަޅުގަނޑުމެންގެ ދަރިންނަށްވެސް އެވަޞިއްތަޔް ފޯރުކޮށްދިނުމެވެ.

އަބުލް ހައްޔާޖު އަލްއަސަދީ، ޢަލީ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ޢަލީގެފާނު ވިދާޅުވިއެވެ.

)) أَلا أَبْعَثُكَ عَلَى مَا بَعَثَنِى عَلَيْهِ رَسُولُ اللّهِ – صلى لله عليه وسلم- أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ وَلاَ قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ)) [أخرجه مسلم في صحيحه]

މާނައީ: “އެކަމެއް ކުރުމަށް ރަސޫލުﷲ صلى لله عليه وسلم ތިމަންކަލޭގެފާނު ފޮނުއްވިކަމަކާއިގެން، ކަލޭގެފާނު ފޮނުއްވަން ވީތޯއެވެ؟ އެއީ ﷲ ފިޔަވައި އަޅުކަންކުރަން ބޭނުންކުރާ ބުދުފަދަ އެއްވެސް އެއްޗެއް ފުނޑުފުނޑު ނުކޮށް ދޫކޮށް ނުލެއްވުމަށެވެ. އަދި އުސްކޮށްހުރި އެއްވެސް މަހާނައެއް ބިމާހަމަކޮށްފައި މެނުވީ ދޫކޮށް ނުލެއްވުމަށެވެ.”

ހަމަކަށަވަރުން ރަސޫލުﷲ صلى لله عليه وسلم އުޅުއްވި ޤަރުނަކީ އެންމެ ހެޔޮ ޤަރުނެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުން އެކަން ޘާބިތުވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((خَيْرُ النَّاسِ قَرْنِي ثمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ …)) [رواه البخاري في صحيحه]

މާނައީ: ”އެންމެ ހެޔޮވެގެންވާ މީސްތަކުންނަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީސްތަކުންނެވެ. ދެން އެބައިމީހުންނަށް ފަހު އަންނަ ޤަރުނުގެ މީސްތަކުންނެވެ. ދެން އެބައިމީހުންނަށްފަހު އަންނަ ޤަރުނުގެ މީސްތަކުންނެވެ.”

ފަހެ، މިޙަދީޘްގައި މިވާ ހެޔޮކަމުގައި، ސާފު ޢަޤީދާގެ މަތީގައި ތިބުމާއި ﷲ އަށް އިޚްލާޞްތެރިވުމާއި އެއިލާހަށް ޝިރުކުނުކުރުންވެސް ހިމެނިގެންވެއެވެ. އެހެންކަމުން އެއްވެސް ޝައްކެއްނެތް ގޮތުގައި އެނގިގެންދަނީ މާތް ނަބިއްޔާ صلى لله عليه وسلم ދިރިއުޅުއްވި ޤަރުނަކީ އެންމެ ހެޔޮ ޤަރުނުކަމެވެ. ބުދަށް އަޅުކަންކުރުން  އެންމެ ދުރީ އެޤަރުނުގައެވެ. އެއާއެކުވެސް އެކަލޭގެފާނު ބުދުތައް ތެޅުއްވިއެވެ. އަދި އެކަމަށް އަމުރުވެސް ކުރެއްވިއެވެ.

ކިތަންމެ ހިތްސާފު ބަޔަކު އުޅޭ ޤައުމެއްވިޔަސް، ކިތަންމެ ހިތްހެޔޮމީހުން އުޅޭ ޒަމާނެއްވިޔަސް، ބުދުތަކަކީ ތަޅާލަންޖޭހެ އެއްޗެއްކަން މާތް ނަބިއްޔާ صلى لله عليه وسلم ގެ ބަސްފުޅުތަކުންނާއި ޢަމަލުފުޅުތަކުން ވަރަށް ސާފުކޮށް އެނގިގެންދެއެވެ.

 

 

  1. ބުދުތައް ތަޅާލުމާ ދެކޮޅު ހަދާމީހުން ގެންނަ އަނެއް ޝުބުހައަކީ: މުސްތަޤުބަލުގައި އެތަކެއްޗަށް މީސްތަކުން އަޅުކަން ނުކުރާނެކަމަށް ބުނުމެވެ. އެއީ މިހާރުގެ މީހުންނަކީ އެހާ ބޯދާ ބަޔަކަށް ނުވާތީއެވެ.

އެބައިމީހުންނަށް ދެވެން އޮތް އެންމެ ވަރުގަދަ ރައްދަކީ، ރަސޫލުﷲ صلى لله عليه وسلم ގެ އަރިހުގައި ތިއްބެވި ޞަޙާބީންނަކީ އެންމެ ހިތްސާފު، ޢަޤިދާ ވަރުދަގަ ބޭކަލުންކަމުގައި ވީއިރުވެސް، އެބޭކަލުންގެ ދުވަސްވަރުގައި ބުދުތައް ތެޅުއްވިކަން ޘާބިތުވެއެވެ. ފަހެ، ޢަރަބިކަރައިގައި ޝައިޠާނާއަށް އަޅުކަންކުރުމާމެދު އެސޮރު ނާއުންމީދުވިކަމުގެ ޚަބަރުދެއްވީ ކޮންބޭކަލެއްތޯއެވެ؟ މާތް ނަބިއްޔާ صلى لله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ.

((إِنَّ الشَّيْطَانَ قَدْ أَيِسَ أَنْ يَعْبُدَهُ الْمُصَلُّونَ فِى جَزِيرَةِ الْعَرَبِ …)) [أخرجه مسلم في صحيحه]

މާނައީ: ”ހަމަކަށަވަރުން ޢަރަބިކަރައިގައި އުޅޭ ނަމާދުކުރާމީހުން (އެބަހީ: މުސްލިމުން) ޝައިޠާނާއަށް އަޅުކަންކުރާނެކަމާމެދު އެސޮރު ނާއުންމީދުވެއްޖެއެވެ.”

އެހެނަސް އެއްވެސް ޞަޙާބީއަކު ބުދުތަކާއި، ﷲ ފިޔަވައި އަޅުކަންކުރެވޭ އެހެނިހެން ތަކެތި ނައްތާލުމަށް ރަސޫލުﷲ صلى لله عليه وسلم ކުރެއްވި އަމުރުފުޅަށް ދެކޮޅުހެއްދިކަމެއް އެނގޭކަށެއް ނެތެވެ. ”ކަލޭގެފާނު ތިޔަ ވިދާޅުވިގޮތަށް ޢަރަބިކަރައިގައި ޝައިޠާނާއަށް ދެން އަޅުކަން ނުކުރެވޭނެތީ، އާޘާރީ ތަކެތީގެ ގޮތުގައި އެ ބުދުތަށް ނުތަޅާ ބަހައްޓާވާށެވެ.”، މިފަދައިން އެއްވެސް ޞަޙާބީއަކު ވިދާޅެއް ނުވެއެވެ!

އެއްވެސް ޞަޙާބީއަކުވެސް އަދި އެބޭކަލުންގެ މަންހަޖަށް ތަބަޢަވެވަޑައިގެންނެވި ތާބިޢީންނާއި ތަބަޢުއްތާބިޢީންގެ ބޭކަލަކުވެސް، މާތް ނަބިއްޔާ صلى لله عليه وسلم ޢަމަލުކުރެއްވި ގޮތަކީ އިސްލާމްދީނާއި ޚިލާފުގޮތެއްކަމުގައި ވިދާޅެއް ނުވެއެވެ. ފަހެ، ވިދާޅުވާނީވެސް ކިހިނެއްތޯއެވެ! އެކަލޭގެފާނީ ﷲ ގެ ރަސޫލާ صلى لله عليه وسلم އެވެ. އެކަލޭގެފާނަށްވުރެ ބޮޑަށް އެހެން މީހަކަށް ދީން އެނގޭނީ ކިހިނެއް ހެއްޔެވެ. އެކަލޭގެފާނު ވިދާޅުވާ އެފަދަ ބަސްފުޅުތަކަކީ ﷲ ގެ ޙަޟްރަތުން އެކަލޭގެފާނަށް ބާވައިލެއްވޭ ވަޙީއެވެ. ﷲ ތައާލާ ވަޙީކުރައްވާފައިވެއެވެ.

(وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾ ) [سورة النجم ٣ ، ٤]

މާނައީ: ”އަދި އެކަލޭގެފާނު އަމިއްލަފުޅަށް ވާހަކައެއް ނުމެދައްކަވާމެއެވެ. [3] އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ. [4]”

އެހެންކަމުން ޝަރުޢުގައި ކަނޑައެޅިގެންވާ ޞައްޙަގޮތަކީ ބުދުތައް ތެޅުމެވެ. އަޅުކަންކުރާ އެއްޗެއް ނޫންކަމަށްބުނެ ދޫކޮށްލުމަކީ އެއްވެސް ބުރަދަނެއްހުރި ވާހަކައެއް ނޫނެވެ.

 

 

  1. ފަހެ، ބަހައްޓާފައި ހުރި ބުދަކީ އެއީ މިހާރު އަޅުކަންކުރެވޭ ބުދެއްކަމުގައި ނުވިޔަސް އަދި ފަހުން މުސްތަޤުބަލުގައި އަޅުކަންކުރެވޭނެ އެއްޗެއްކަމުގައި ޔަޤީން ނުވިޔަސް، ބުދުތަކެއް ބެހެއްޓުމަކީ އޭގެ ޒާތުގައިގައިވެސް މުންކަރާތެކެވެ. އަދި އެއީ ނެގުން ވާޖިބުވެގެންވާ އެއްޗެކެވެ. ސަބަބަކީ އެއީ ﷲ އަށް ޝަރީކުކުރުމަށް ބަޔަކު ބޭނުންކުރި ނުވަތަ ބޭނުންކުރާ ތަކެއްޗަށް ވާތީއެވެ. އެހެންކަމުން އެފަދަ ތަކެތި އެގޮތަށް ބެހެއްޓުމަކީ މުސްލިމަކަށް ރުހެވޭނެކަމެއް ނޫނެވެ. މުސްލިމެއްގެ ކިބައިން އިސްލާމްދީން އެދެނީ އެފަދަ ތަކެއްޗަށް ނަފުރަތުކުރުމެވެ. ފަހެ މުޝްރިކުންވަނީ ﷲ އާއި އެ ބުދުތަކާ އެއްވަރުކަމަށް ދެކިފައެވެ. އަދި އެއީ އެއިލާހަށް އަޅުކަންކުރާ ފަދައިން އެބައިމީހުން އަޅުކަންކުރަމުން ދިޔަ ތަކެއްޗެވެ.

ފަހެ ހަމަކަށަވަރުން ރަސޫލުﷲ صلى لله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

((مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ)) [أخرجه مسلم في صحيحه]

މާނައީ: ”ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އޭނާގެ އަތުން އެކަން ބަދަލުކުރާށެވެ. (އެބަހީ: އެކަން މަނާކުރާށެވެ.) އެކަމަށް ކުޅަދާނަކަން ލިބިގެންނުވާނަމަ އޭނާގެ ދުލުން އެކަން މަނާކުރާށެވެ. ފަހެ، އެކަމަށްވެސް ކުޅަދާނަވެގެންނުވާނަމަ އޭނާގެ ހިތުންނެވެ. އެއީ އީމާންކަމުގެ އެންމެ ދަށުދަރަޖައެވެ.”

އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ އެމީހެއްގެ ހިތުން މުންކަރާތް މަނާ ނުކުރާމީހާވަނީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. އޭނާ އެވަނީ ފުން ވަޅުގަނޑެއްގެ އަނގަ މަތީގައެވެ.

މާލިކީ މަޛްހަބުގެ ޢިލްމުވެރިޔެއް ކަމުގައިވާ ޢަބްދުﷲ އަލްޣިމާރީ ވިދާޅުވެފައިވެއެވެ.

“ހަމަށަވަރުން ޙަދީޘްތަކުންނާއި ޢިލްމުވެރިންގެ އިޖުމާޢުން ނެގިފައިވާ ޝަރުޢީ ޤާއިދާއެއްގައިވެއެވެ. އެކަމެއް ކުރުން ޝަރުޢުގައި ޙަރާމްވި ކޮންމެ ކަމަކަށް – ރުޙުމާއެކު – ބެލުންވެސް ޝަރުޢުގައި ޙަރާމްވެގެންވެއެވެ. އަދި އެކަމަކަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީވެސް ޝަރުޢުގައި ޙަރާމްކަމެކެވެ. އެހެންކަމުން ޒިނޭކުރާތަން ބަލާމީހަކީ ފާފަވެރިޔެކެވެ. އަދި މައިދާންތަކުގައި ބަހައްޓާފައި ހުންނަ ބުދުތަކަށް ބަލާމީހަކީ ފާފަވެރިޔެކެވެ. އެހެނީ ބުދު ހެދުމަކީވެސް ޙަރާމްކަމެކެވެ. އަދި އެއަށް ބެލުމަކީވެސް ޙަރާމްކަމެކެވެ.”

 

 

  1. ފަހެ، ސައްދުއް ޒަރީޢާ ނުވަތަ ނުބައިކަމަށް އޮތް މަގު ބަންދު ކޮށްލުމަކީ އިސްލާމްދީނުގެ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ. ފަހެ، މިޤާޢިދާގެ ދަށުން ޝިރުކަށް މަގުފަހިކޮށްދޭ ހުރިހާކަމަކީ ޙަރާމް ކަންތައްތަކެވެ. ފަހެ، އިސްލާމްދީނުގައިވަނީ ޝިރުކަށް މަގުފަހިވެދާނެތީ ތަވީދުއެޅުންވެސް މަނާކުރައްވާފައެވެ. ދެންފަހެ ޝިރުކަށް މަގުފައިވެދާނެތީ ބުދުތައް ތަންތަނުގައި ބެހެއްޓުން ދީނުގައި މަނާ ނުކުރެޔޭ ބުނުމަކީ ޖާހިލުކަމެކެވެ. ސަބަބަކީ ބުދުތަކަކީ ތަވީދަށްވުރެ ބޮޑަށް ޝިރުކަށް މަގުފަހިކުރާ އެއްޗަކަށް ވާތީއެވެ. އަދި ދުނިޔޭގެ ތާރީޚުންވެސް ހެކިދޭ ގޮތުގައި އިންސާނުންވަނީ އެކިއެކި ޒަމާންތަކުގައި ބުދުތަކަށް އަޅުކަންކޮށްފައެވެ.

މިގޮތުން ނޫޙުގެފާނުގެ ޤައުމުގެ މީހުން ބުދުތަކަށް އަޅުކަންކުރިއެވެ. އަދި ރަސޫލުﷲ صلى لله عليه وسلم ގެ ދަޢުވަތަށްފަހު ޢަރަބިކަރައިގެ މީހުންވެސް ބުދުތައްފަދަ ތަކެއްޗަށް އަޅުކަންކުރިއެވެ. އިސްލާމްދީނުގައިވަނީ ޝިރުކަށްވުރެ ކުދި ފާފަތަކަށް ވާސިލުކުރުވާ ވަސީލަތްތައްވެސް މަނާކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَلاَ تَقْرَبُوا الزِّنَا…) [سورة الإسراء ٣٢]

މާނައީ: ”އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ.”

މިއާޔަތުގައި ﷲ ތަޢާލާ މިވަނީ، ޒިނޭއަށް މަގުފަހިވާ ހުރިހާ ވަސީލަތްތަކެއް ޙަރާމްކުރައްވާފައެވެ. “ގާތްނުވާށޭ” ވަޙީކުރެއްވުމުގެ މުރާދަކީ އެއީއެވެ. ރަސޫލުﷲ صلى لله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

((لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ)) [أخرجه الترمذي في سننه و صححه الألباني]

މާނައީ: ”ހިލޭ ފިރިހެނަކު ހިލޭ އަންހެނަކާއެކީ އެކަހެރިނުވާހުށިކަމެވެ. (އެފަދައިން) އެކަހެރިވެއްޖެނަމަ، އެދެމީހުންނާއެކު ތިންވަނަ ފަރާތަކަށް ޝައިޠާނާވާނެއެވެ.”

މި ޙަދީޘްގައިވެސް މިކަން ނަހީކުރައްވާފައިވަނީ ޒިނޭއަށް މަގުފަހި ވެދާނެތީއެވެ. އެހެންކަމުން ޒިނޭއަށް މަގުފަހިވާނެ ހުރިހާ ސަބަބަކާއި ވަސީލަތަކާއި ޒިނޭއަށް ހިތްތައް ލަންބުވާނެ ހުރިހާ ކަމެއް މިވަނީ ޙަރާމްކުރައްވާފައެވެ.

ﷲ ތަޢާލާ، ރާ ޙަރާމްކުރެއްވުމުން ޞަޙާބީން ކަންތައް ކުރެއްވީ ކިހިނެއްތޯއެވެ؟ އެބޭކަލުން ބާޒާރުތަކުގައި ހުރި ރަލުގެ ކަންވާރުތައްވެސް ހަލާކުކޮށް، އެތަކެތި ބިންމައްޗަށް އޮއްސާލީއެވެ. އެބޭކަލުންގެ އަތްޕުޅުގައިވެސް އަދި އެބޭކަލުންނަށް ފެންނަ ހިސާބުގައިވެސް ރަލުގެ ކަންވާރުތައް ނުބަހައްޓަވައެވެ. މިސާލަކަށް: ބައްޕައަކު “ދެންމިހާރު ރަލަކީ ބޯ އެއްޗެއް ނޫނޭ”، ބުނެ ދަރިންގެ ކުރިމަތީގައި ހަނދާނަކަށް ރާފުޅިޔެއް ބެހެއްޓުމަކީ ރަނގަޅުކަމެއް ހެއްޔެވެ!

އައްޠާހިރު ބުން ޢާޝޫރު އަލްމާލިކީ رحمه الله ވިދާޅުވެފައިވެއެފެ.

“ގިނަ ޢިލްމުވެރިންގެ އަރިހުގައި ރަލަކީ ނަޖިސް އެއްޗެކޭ ބުނުމުގެ މަޤްސަދަކީ މީސްތަކުންގެ ހިތްތަކުގައި ރަލާމެދު ނަފްރަތު އުފައްދައި އެތަކެތިން މީސްތަކުން ދުރުހެލި ކުރުމެވެ. އިބްނު ޢަޤީލުލް ޙަންބަލީ ވިދާޅުވެފައިވެއެވެ. ރަލުގެ ވަހަކީ ނާސިގެތަކުން އަންނަ ފާހިޝް އަޑުތައް ފަދަ އެއްޗެކެވެ. ރަލުގެ ވަސްބަލާ މީހަކީ އެ ފާހިޝް އަޑުތައް ކަނުލާ އަޑުއަހާމީހާއާ އެއްފަދަ މީހެކެވެ. އެހެންކަމުން ނާސިގެތަކުގެ ފާޙިޝް އަޑުތައް އެހުން ޙަރާމްވީ ފަދައިން ރަލުގެ ވަސް ބެލުންވެސް ޙަރާމްވެގެންވެއެވެ. އަދި ރާބޯތަންތަން ގޮތަށް ތަންތަން ހަދައި، މަޖުލިސް ހަދައި، ތަށިތައްޓަށް ޙަލާލުބުއިން އަޅައިގެން ބުއިންވެސް ބައެއް ޢިލްމުވެރިން ހުއްދަނުކުރައްވައެވެ. ސަބަބަކީ ރާބޯމީހުންނާއި އެއްގޮތްވާތީއެވެ. އެއީ ބޭރުފުށުން އެއްގޮތްވުމަކީ އެތެރެފުށުން ރުހުން އޮތްކަމުގެ ޢަލާމާތެކެވެ.”

ރަސޫލުﷲ صلى لله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنْ كَانَ يُؤْمِنُ بِاللهِ وَاليَوْمِ الآخِرِ فَلَا يَجْلِسْ عَلَى مَائِدَةٍ يُدَارُ فِيْهَا الخَمْرُ)) [أخرجه الترمذي وحسنه الألباني]

މާނައީ: “ﷲ އާއި ޤިޔާމަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. އެ ސުފުރާއެއްގެ މަތީގައި ރާ ދައުރުކުރާ ސުފުރާއެއްގައި ނުއިށީންނަ ހުށިކަށެވެ!”

އަދި އޭނާ ރާ ނުބުއިކަމުގައި ވިޔަސް އެތަނުގައި ހުރުންވެސް ރަސޫލާ صلى لله عليه وسلم އެވަނީ ވަރަށް ވަރުގަދައަށް ނަހީކުރައްވާފައެވެ. ވުމާއެކު ރާބުއިން ފަދަ ފާފަތަކަށް މަގުފަހިވާ ކަންކަން ޙަރާމްކޮށް، އެފަދަކަންކަމުން މީސްތަކުން ދުރުހެލިކުރުމަށް އަމުރުކުރައްވާފައިވާ މިމަތިވެރި ދީނުގައި ޝިރުކުކުރުމުން މީހުން ދުރުހެލިކުރުމަށް މާބޮޑަށް ބާރުއަޅާނެކަން ޔަޤީނެވެ. ޝިރުކަށް މަގުފަހިވާ ކަންކަމުން ދުރުހެލިވުމަށް ބާރުއެޅުން މާ އައުލާވެގެންވެސް ވެއެވެ. އިސްލާމްދީންވަނީ ޝިރުކަށް ހުރި ހުރިހާ މަގެއް ބަންދުކުރައްވާފައެވެ. އެހެންކަމުން ބުދުތައްވެސް ތަޅާލަން ޖެހޭނެކަމާމެދު ޝައްކަތްވެސް ނެތެވެ.

 

 

  1. ((أَلاَّ أَبْعَثُكَ عَلَى مَا بَعَثَنِى عَلَيْهِ رَسُولُ اللّهِ – صلى لله عليه وسلم- أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ وَلاَ قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ)) [أخرجه مسلم في صحيحه]

މާނައީ: “އެކަމެއް ކުރުމަށް ރަސޫލުﷲ صلى لله عليه وسلم ތިމަންކަލޭގެފާނު ފޮނުއްވިކަމަކާއިގެން، ކަލޭގެފާނު ފޮނުއްވަން ވީތޯއެވެ؟ އެއީ ﷲ ފިޔަވައި އަޅުކަންކުރަން ބޭނުންކުރާ ބުދުފަދަ އެއްވެސް އެއްޗެއް ފުނޑުފުނޑު ނުކޮށް ދޫކޮށް ނުލެއްވުމަށެވެ. އަދި އުސްކޮށްހުރި އެއްވެސް މަހާނައެއް ބިމާހަމަކޮށްފައި މެނުވީ ދޫކޮށް ނުލެއްވުމަށެވެ.”

މިގޮތަށް ޢަލީ رضي الله عنه އަށް މާތް ނަބިއްޔާ صلى لله عليه وسلم ވަނީ ވަޞިއްޔަތްކުރައްވާފައެވެ. މި ވަޞިއްޔަތާ ޚިލާފަށް ޤަބުރުތައް މަތީގައި ބިނާތައް ހަދާ، ޤުއްބުތައް ހަދަންފެށުމުން މުސްލިމު އުންމަތަށް ވީ ކިހިނެއްތޯއެވެ؟ އެ ޤަބުރުތަކުގައިވީ މީހުން މާތްކުރަން ހެދި ބިނާތަކުގެ ސަބަބުން، ފަހުގެ ޖީލުތައް އެ ޤަބުރުތަކަށް އަޅުކަންކުރަން ފެށީއެވެ. އެބައިމީހުންގެ ކިބައިން ޙާޖަތްތައް ފުއްދައިދިނުމަށް އެދި ދުޢާކުރަން ފެށީއެވެ. އެ ޤަބުރުތަކަށް ޤުރުބާނީ ކަތިލަން ފެށީއެވެ. ނަތީޖާ ނިކުތީ އެންމެ ނުބައިކޮށެވެ. ޝިރުކު ފެތުރިގެން ދިޔައީއެވެ. މާތް ނަބިއްޔާ صلى لله عليه وسلم މި އުންމަތަށް އިންޛާރުދެއްވި ޝިރުކުގެ ފިތުނައިގައި އެބައިމީހުން ޖެހުނީއެވެ. ޤަބުރުމަތީގައި ބިނާތައް ނޭޅުމަށް އެކަލޭގެފާނު އަމުރުކުރެއްވީ އެކަމުގެ ސަބަބުން ނިކުންނާނެ ނަތީޖާ އެކަލޭގެފާނަށް އެނގިވަޑައިގަންނަވާތީއެވެ. މިހާރުވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި މިފަދަ ޤަބުރުތައް ހުރުމުގެ ސަބަބަކީ ރަސޫލުﷲ صلى لله عليه وسلم ގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމެވެ. އަދި ދީނުގައި ކަނޑައެޅިފައިވާ ސައްދުއް ޒަރީޢާގެ ޤަވާޢިދުގެ ދަށުން (އެބަހީ: ނުބައިކަމަށް އޮންމަ މަގު ބަންދުކުރުމަށް ކަނޑައެޅިވާފައިވާ ޤަވާޢިދުގެ ދަށުން) ޝިރުކަށް މަގުފަހިވާ ކަންތައްތައް ނައްތާ ނުލުމެވެ.

މަތީގައި ބަޔާންވެދިޔަ ވަޞިއްޔަތްޕުޅަށް ޢަމަލުކުރުން މުސްލިމުންގެ ތެރެއިން ނެތިގެން ދިޔައީ އެބައިމީހުންގެ ތެރޭގައި އުފެދުނު ބާޠިލް ފިކުރެއްގެ ސަބަބުންނެވެ. އެއީ ﷲ ފިޔަވައި އަޅުކަންކުރެވޭ ތަކެއްޗާއި ބުދުތައް ތެޅުމާއި ޤަބުރުތައް ބިމާ ހަމަކުރުމަކީ އިސްލާމްދީނުގެ ކުރީކޮޅަށް ޚާއްޞަކަމެއް ކަމުގައި ގޮވާލާ ފިކުރެވެ. އަދި އެބައިމީހުން ޤަބޫލުކުރަނީ އިސްލާމްދީން ފެތުރި، މީސްތަކުން ދެން ޝިރުކަށް އެނބުރިނުދާނޭ ކަމަށެވެ.

ފަހެ މިފިކުރަކީ ރަސޫލުﷲ صلى لله عليه وسلم އާއި އެކަލޭގެފާނުގެ ޞަހާބީންގެ އިޢުތިޤާދާއި މުޅިން ތަޢާރުޟުވާ ބާޠިލު ފިކުރެކެވެ. މިފިކުރުތައް ފެށިފައިވަނީ ކުށްހީއެއްގެ ސަބަބުންނެވެ. އެއީ އިސްލާމްދީން ފެތުރުމަށްފަހު، ދެން މީސްތަކުން އެނބުރި ބުދަށް އަޅުކަން ނުކުރާނެ ކަމަށް ހީކުރުމެވެ. އެހެނަސް ވަޙީގެ ބިން ކަމުގައިވާ ޢަރަބިކަރައިގައިވެސް ﷲ އަށް ޝިރުކު ކުރެވުނެވެ. މިކަމަކީ ބުދުތެޅުމާއި ދެކޮޅުހަދާ މީހުންނަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެކެވެ. މިކަމަކީ ރަސޫލުﷲ صلى لله عليه وسلم ގެ ވަޞިއްޔަތައް ޢަމަލުކުރުމުގެ މުހިންމުކަން އަންގައިދޭ ކަމެކެވެ. އަދި އެބައިމީހުންގެ ޤަބޫލުކުރުމާއި ދެކޮޅަށް ޤާއިމްކުރެވޭ ވަރުގަދަ ޙުއްޖަތެކެވެ. އަދި މާތް ނަބިއްޔާ صلى لله عليه وسلم ގެ ޙަދީޘްފުޅުގެ މަފްހޫމް ނުބައިކޮށް ނަގާފައިވާކަމުގެ ދަލީލެއްވެސްމެވެ.

 

 

  1. މި ޒަމާނުގައި ބުދުތައް ތަޅަން ނުޖެހޭނޭކަމަށް ބުނާ މީހުން ގެންނަ އަނެއް ޝުބުހައަކީ: ޞަހާބީން رضي الله عنهم މިޞްރު ފަތަޙަކުރައްވާ، މިޞްރަށް ވަދެވަޑައިގެންނެވިއިރު، މިޞްރުގެ އަހްރާމްތައް (ޕިރަމިޑްތައް) ކައިރީ ހުރި ބުދު ތަޅާ ނުލައްވާ ވާހަކައެވެ. ނަމަވެސް މިއީ ބުއްދީގެ ގޮތުންނާއި ޝަރުޢީގޮތުންނާއި ތާރީޚީގޮތުންވެސް ބުރަދަނެއް ހުރި ވާހަކަޔެއް ނޫނެވެ.

ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى لله عليه وسلم ގެ ސުންނަތުން ސާފުކޮށް އެނގެން އޮތްކަމެއްގައި އެންމެ އިސްކަންދޭން ޖެހޭނީ މިދެމަޞްދަރަށެވެ.

އިބްނު ޢައްބާސް رضي الله عنهما ވަނީ މިކަން ބަޔާންކުރައްވާފައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“تُوْشكُ أَنْ تَقَعَ عَلَيكُمْ حِجَارَةً مِنَ السَّمَاءِ، أَقُولُ قَالَ اللّهُ وَقَالَ الرَّسُولُ، وَتَقُولُونَ قَالَ أَبُو بَكْرٍ وَعُمَرُ”

މާނައީ: “އުޑުން ހިލަތަކެއް ތިޔަބައިމީހުންގެ މައްޗަށް ފޭބުމާ ގާތްވެއްޖެއެވެ. ތިމަން ކަލޭގެފާނު މި ވިދާޅުވަނީ ﷲ ވަޙީކުރެއްވިޔޭ، އަދި ރަސޫލުﷲ صلى لله عليه وسلم ޙަދީޘްކުރެއްވިއެވެ. އެހެނަސް ތިޔަބައިމީހުން ތިޔަ ބުނަނީ (އެއާ ދެކޮޅު ހެދުމުގެ ގޮތުން) އަބޫބަކުރާއި ޢުމަރު رضي الله عنهما ވިދާޅުވިޔޭ އެވެ!“

ތާރީޚީ ގޮތުން ބަލާއިރުވެސް މަތީގައި ބަޔާންވެދިޔަ ޝުބުހަ ސާބިތު ކުރެވޭކަށް ނެތެވެ. ޞަޙާބީން  رضي الله عنهم އެ ބުދު ނުތަޅުއްވާ ދޫކޮށްލި ކަމަށް ދެއްކޭނެ އެއްވެސް ދަލީލެއް ނެތެވެ. އެހެންކަމުން އަޞްލަކީ، މާތް ﷲ ގެ އަމުރުފުޅާއި ރަސޫލާ صلى لله عليه وسلم ގެ އަމުރުފުޅަށް އެބޭކަލުން ތަބާވުމެވެ. އެބޭކަލުންވަނީ އެބޭކަލުންނަށް ތަބަޢަވީ ބޭކަލުންނަށް ބުދުތައް ތެޅުމަށް ވަޞިއްޔަތް ކުރައްވާފައެވެ. ޢަލީގެފާނު އަބޫ ހައްޔާޖަށް ވަޞިއްޔަތް ކުރެއްވި ފަދައިންނެވެ. އެހެންކަމުން އެބޭކަލުންގެ ގޮތަކީ މާތް ނަބިއްޔާ صلى لله عليه وسلم ގެ އަމުރުފުޅާ އެއްގޮތަށް ޢަމަލުކުރެއްވުމެވެ.

ފިރުޢަނު އުޅުނު ދުވަސްވަރާ ބެހޭފޮތްތަކާއި ޤަދީމީ މިޞްރުގެ ޚަބަރުތައް ގެނެސްފައިވާ ފޮތްތައް ބަލާލުމުން އެނގިގެންދަނީ މިހާރު ފެންނަން ހުރި ހުރިހާ ބުދުތައް އޭރު (އެބަހީ: ޞަޙާބީ ބޭކަލުންގެ ދުވަސްވަރު) ފެންނަން ނެތްކަމެވެ. އެތަކެތި ކޮނެ ހޯދާފައިވަނީ މި ވޭތުވެދިޔަ 2 ޤަރުނުގެ ތެރޭގައި މިޞްރަށް ޒިޔާރަތްކުރި ހުޅަނގުގެ ދަތުރުވެރިންނެވެ. މިކަމަކީ ތާރީޚީ ފޮތްފޮތުން ވަރަށް ސާފުކޮށް އެނގެންހުރި ކަންކަމެވެ. މި ބުދުތަކުގެ ތެރެއިން އިންސާނެއްގެ ބޮލުގެ ސޫރައިގައިވާ ބޮޑު ބުދަކާއި ބެހޭގޮތުން ބައެއްމީހުން ސުވާލު އުފައްދައެވެ. ޞަޙާބީން މިޞްރު ފަތަޙަކުރެއްވި ދުވަސްވަރު އެ ބުދު ހުރިކަމަށް އެމީހުން ބުނެއެވެ. އެހެން ނަމަވެސް ތާރީޚީގޮތުން ފެންނަން ހުރި ޙަޤީޤަތަކީ އެ ބުދު އެ ޒަމާނުގައި ފެންނަށް ހުރިކަމަށް ބުނެވެން ނެތްކަމެވެ. އެ ބުދުގެ ވާހަކަ ޒިކުރު ކުރެވިފައިވަނީ ހިޖުރައިން 7 ވަނަ ޤަރުނާއި 8 ވަނަ ޤަރުނުގައި އުޅުނު ތާރީޚު ޢިލްމުވެރިންގެ ފަތްފުއްތަކުންނެވެ. އޭގެ ކުރިން އެބުދާބެހޭ މަޢުލޫމާތެއް ފެންނާކަށް ނެތެވެ. އެހެންކަމުން ސީދާ ޔަޤީންކޮށް ޞަޙާބީން މިޞްރު ފަތަޙަކުރެއްވި ދުވަސްވަރުގައި އެބުދު ފެންނާން ހުންނާނެކަމަށް ބުނުމަކީ ގޯހެކެވެ. ސަބަބަކީ އޭރު އެ ބުދުވަނީ އެހެން ބުދުތަކޭވެސް އެއްގޮތަށް ވަޅުލެވިފައިކަމަށް ބުރަވެވޭތީއެވެ. އަދި އެބޭކަލުންނަށް އެ ބުދު ފެނުމަށްފަހު އޭތި ނުތަޅާ ދޫކޮށްލިޔޭ ބުނުމަކީ އެބޭކަލުންނާމެދު ކުރެވޭ ނުބައި ހީއެކެވެ. ސަބަބަކީ އެބޭކަލުން އެ ބުދު ނުތަޅައި ދޫކޮށްލިކަމަށް ދަލީލެއް ނެތީމައެވެ. އަދި މިސާލަކަށް އެބުދު ހުއްޓަސް އެބޭކަލުންނަށް އެބުދު ފެނިވަޑައިގެންނެވިކަމަށް ތާރީޚީގޮތުން ހެއްކެއްވެސް ދެއްކޭކަށް ނެތެވެ. ފެނިވަޑައިގެންނެވިނަމަ އަޞްލަކީ އެބޭކަލުން އެއެއްޗެހި ތަޅާލެއްވުމެވެ.

މިސާލަކަށް އެބޭކަލުންނަށް އެބުދު ފެނިވަޑައިގަތުމަށް ފަހު ނުތަޅާ ދޫކޮށްލެއްވީކަމަށް ޤަބޫލުކުރާނަމަވެސް، އެއިން ބުދު ނުތެޅުމަށް ހުއްޖަތްދެއްކޭކަށް ނެތެވެ. ސަބަބަކީ އެޒަމާނުގައި އެހާ ބޮޑު ބުދެއް ހަލާކުކޮށްލުމަކީ ފަސޭހަކަމަކަށް ނުވުމެވެ. އެހެންކަމުން އެއެއްޗެހި ހަލާކުކޮށްލުމުގެ ކުޅަދާނަކަން އެބޭކަލުންގެ ކިބައިގައި ނެތީކަމަށްވުންވެސް އެކަށީގެންވެއެވެ. ބާމިޔާންގެ މުސްލިމުން، އެތަނުގައި ހުރި ބޮޑު ބުދު ހަލާކުކޮށްލީ ޒަމާނީ ގޮވާތަކެތި ބޭނުންކޮށްގެން ނުހަނު ފަސޭހަކަމާއެކުގައެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(فَاتَّقُوا اللّهَ مَا اسْتَطَعْتُمْ ) [سورة التغابن ١٦]

މާނައީ: ”ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ﷲ އަށް ތަޤްވާވެރިވާށެވެ.”

މިގޮތުން ބާލާއިރު ޚަލީފާ ހާރޫނުއްރަޝީދު، ކިސްރާގެ އީވާނު ތަޅާލެއްވުމަށް މަސައްކަތްކުރެއްވިއެވެ. އެހެން ނަމަވެސް އެކަލޭގެފާނަށް އެކަމެއް ނުވިއެވެ. އަދި ޚަލީފާ މައުމޫން، އަހްރާމްތައް(ޕިރަމަޑްތައް) ތަޅާލެއްވުމަށް މަސައްކަތްކުރެއްވިއެވެ. އެކަލޭގެފާނަށްވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެ ދެ ޚަލީފާއިންގެ ޒަމާނަކީ ޞަޙާބީން މިޞްރު ފަތަޙަކުރެއްވި ޒަމާނަށްވުރެވެސް ތަރައްޤީވެފައި، އާލާތްތައް ގިނަ ޒަމާނެކެވެ.

ޢީސާ عليه السلام ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމުގެ 430 އަހަރު ކުރިން މަރުވި ތާރީޚު ޢިލްމުވެރިޔާ ހައިރޫދަތު އޭނާގެ މަޝްހޫރު ދަތުރުގައި ޖީޒާގައި ހުރި އަހްރާމްތަކުގެ(ޕިރަމިޑްތަކުގެ) ވާހަކަ ޒިކުރުކޮށްފައިވެއެވެ. އެ ސަރަހައްދާބެހޭ އިތުރު ތަފްސީލުތައްވެސް ޒިކުރުކުރިއިރުވެސް، ބޮޑު ބޮލެއްގެ ސިފައިގައި ހަދާފައިހުރި ބުދުގެ ވާހަކަ ޒިކުރުކޮށްފައި ނުވެއެވެ. ވުމާއެކު ބޮޑަށް ބުރަވެވެނީ އެބުދު އޭރުވަނީ ފަސްއެޅި ފޮރުވިފައިކަމެވެ.  އަދި އެސަރަހައްދުގެ ވެލިގަނޑަކީ ވަރަށް ބޮޑަށް ހަރަކާތްކުރާ ވެލިގަނޑެއްކަން ވަރަށް ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ ބުދު އެކި ޒަމާންތަކުގައި ވަޅުލެވި ފާޅުވާގޮތަށް މެދުވެރިވުންވެސް އެކަށީގެންވެއެވެ.

މުސްލިމުން މިޞްރު ފަތަޙަކުރި ދުވަސްވަރު އެބުދު ވަޅުލެވިފައިވުން އެކަށީގެންވެއެވެ. އަދި އޭގެ ފަހުންވެސް އެބުދަކީ ނައްތާލަން ވާޖިބުވެފައިވާ މުންކަރާތެއްކަމަށް ދެކިގެން، އެބުދު ތަޅަން މަސައްކަތްކުރި މީހުން ފާޅުވެފައިވެއެވެ. މިގޮތުން އަލްމަގްރީޒީ ވިދާޅުވެފައިވެއެވެ. ހިޖުރައިން 9 ވަނަ ޤަރުނުގައި އެބުދު ތަޅާލުމަށްޓަކައި އައްޝައިޚް މުޙައްމަދު ޞާއިމް އައްދަހުރު މަސައްކަތް ކުރެއްވިއެވެ. އަދި އެމަސައްކަތުގައި ކޮންމެވެސް ވަރަކަށް އެބުދު ހަލާކުކޮށްލެވުނެވެ.

ރަސޫލުﷲ صلى لله عليه وسلم ގެ އަރިހުން ޢަމްރު ބިން ޢަބަސާ އެއްސެވިއެވެ. ކަލޭގެފާނު ފޮނުއްވުނީ ކޮންކަމަކާއިގެން ތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ.

((أَرْسَلَنِى بِصِلَةِ الأَرْحَامِ وَكَسْرِ الأَوْثَانِ وَأَنْ يُوَحَّدَ اللّهُ لاَ يُشْرَكُ بِهِ شَىْءٌ))  [أخرجه مسلم في صحيحه]

މާނައީ: ”ތިމަންކަލޭގެފާނު ފޮނުއްވުނީ ރަޙިމުގެ ގުޅުން ޤާއިމުކުރުމަށެވެ. އަދި ބުދުތަކާއި، ﷲ ފިޔަވައި އަޅުކަންކުރެވޭ އެހެނިހެން ތަކެތި ނައްތާލުމަށެވެ. އަދި ﷲ އެއްކައުވަންތަކޮށް، އެއިލާހާ އެހެން އެއްވެސް އެއްޗެއް ބައިވެރި ނުކުރުމަށެވެ.”

އެހެންކަމުން ޞަހާބީ ބޭކަލުން، މާތް ނަބިއްޔާ صلى لله عليه وسلم ގެ މި އިރުޝާދުތަކާއި ޚިލާފުވެވަޑައިގެންނެވިމަކަމަށް ޤަބޫލުކުރުމަކީ އެއްވެސް ދަލީލެއް ނެތް، ހަމަޖެހޭ ވާހަކައެއް ނޫނެވެ.

މިސާލަކަށް ޢަމްރު ބުން އަލްޢާޞް رضي الله عنه އާއި އެކަލޭގެފާނާ އެއްކޮށް ތިއްބެވި ޞަޙާބީން رضي الله عنهم މިޞްރު ފަތަޙަކުރެއްވި އިރު އެބުދު ނުތަޅާ ޤަޞްދުގައި ދޫކޮށްލެއްވީކަމަށް ޔަޤީންކުރިޔަސް، ﷲ ގެ ރަސޫލާ صلى لله عليه وسلم މައްކާ ފަތަޙަކުރެއްވި ދުވަހު ގެފުޅުގެ ވަށައިގެން ހުރި 360 ވަރަކަށް ބުދު ތަޅާލެއްވުމާ އަދި ބުދު ތެޅުމަށް އެކަލޭގެފާނު ވަޞިއްޔަތް ކުރެއްވުމާ ޠަޢާރުޟެއް ނުވެއެވެ. އަހަރެމެންނަށް އޮތީ މާތް ރަސޫލާ صلى لله عليه وسلم އަށް ތަބާވުމެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ އެކަލޭގެފާނު ނަމޫނާއަކަށް ބެލުމަށެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

(لَقَدْ كَانَ لَكُمْ فِي رَسُولِ اللّهِ أُسْوَةٌ حَسَنَةٌ…) [ الأحـزاب: ٢١]

މާނައީ: ”ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ…”

އަދިވެސް ވަޙީކުރެއްވިއެވެ.

( وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا… ) [الحشر: ٧]

މާނައީ: ”އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ!…”

މާތް ނަބިއްޔާ صلى لله عليه وسلم އަށް އިޖާބަދިނިންތޯ، ﷲ ތަޢާލާ ކޮންމެ މީހަކާވެސް ޤިޔާމަތްދުވަހުން ސުވާލުކުރައްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(مَاذَا أَجَبْتُمُ الْمُرْسَلِينَ) [القصص: ٦٥]

މާނައީ: ”ރަސޫލުންނަށް ތިޔަބައިމީހުން ދިނީ ކޮންޖަވާބެއް ހެއްޔެވެ.”

 

 

  1. އިސްލާމީ ބައެއް ޤައުމުތަކުގައި ހުރި ބުދުތަކެއް ތަޅާލުމުން، ބަޔަކު މީހުން ބުނަމުން ދިޔައީ އެ ބުދުތަކަކީ އެއްވެސް ބަޔަކު އަޅުކަންކުރަމުން ދިޔަ ބުދުތަކެއް ނޫނެވެ. އެހެންކަމުން އެބުދުތައް ތަޅާކަށް ނުޖެހޭނެއެވެ. މިފަދަ ވާހަކަ މިދައްކަނީ އެމީހެއްގެ ޙަޔާތުގައި ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅު ދުވަހަކުވެސް އަޑު އަހާފައި ނުވާ މީހެއް ހެއްޔެވެ!

(وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا) [نوح: ٢٣]

މާނައީ: ”އަދި އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާ ހުށިކަމެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވައްދާއި، ސުވާޢާއި، ޔަޣޫޘާއި، ޔަޢޫޤާއި، ނަސްރާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާ ހުށިކަމެވެ.”

ދީނުގެ ޙުކުމްތަކާމެދު ވާހަކަދައްކާއިރު ކީރިތި ޤުރުއާނުގައި އައިސްފައިވާ މިއާޔަތުގެ ތަފްސީރު އެބަޔަކަށް ނޭނގެނީ ހެއްޔެވެ! މި އާޔަތުގެ ތަފްސީރުގައި ޞަޙީޙު ބުޚާރީގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

“މި (އާޔަތުގައިވާ) ނަންތަކަކީ ނޫޙުގެފާނުގެ ޤައުމުގައި އުޅުނު ޞާލިޙު ބޭކަލުންތަކެއްގެ ނަންތަކެވެ. އެބޭކަލުން އަވަހާރަވެ ދިޔުމުން، އެޤައުމުގެ މީހުންނަށް ޝައިޠާނާ ވަސްވާސްދިނީ އެމީހުންގެ މަޖިލިސްތަކުގައި އެބޭކަލުންގެ ބުދުތައް ބެހެއްޓުމަށެވެ. އަދި އެ ބުދުތަކަށް އެޞާލިޙު ބޭކަލުންގެ ނަންތަކުން ނަން ދިނުމަށެވެ. އޭރު އެބައިމީހުން އެއަށް އަޅުކަމެއް ނުކުރެއެވެ. އެޖީލު ނެތިގޮސް ދީނުގެ ޢިލްމާ މީސްތަކުން ދުރުވުމުން، ފަހުން އައި ޖީލުގެ މީސްތަކުން އެބުދުތަކަށް އަޅުކަންކުރަން ފެށީއެވެ.”

ފަހެ މިއީ ޝިރުކުގެ ފެށުމެވެ. މި ބުދުތައް ހެދިމީހުން މި ބުދުތަކަށް އެއްވެސް ވަރަކަށް އަޅުކަމެއް ނުކުރެއެވެ. އެހެން ނަމަވެސް އެބައިމީހުން އެބުދުތައް ބެހެއްޓީ ހަނދާނަކަށް، ޒިކުރާއާލާކުރުމަށް، އާޘާރީ ތަކެތީގެ ގޮތުގައެވެ. އެހެން ނަމަވެސް އޭގެ ނަތީޖާ ނިކުތީ ކިހިނަކުންތޯއެވެ؟ ނިކަން ވިސްނަވާށެވެ!

އަޅުގަނޑުމެންގެ ޤައުމުގައިހުރި “ހެރިޓޭޖު” އަދި އާޘާރީ ތަކެތި ހިމާޔަތްކޮށްދީ އެކަމުގެ ޚަރަދުތައްދީ ހަދަނީ މުސްލިމުންދެކެ އެންމެ ލޯބިވާ މީހުންތޯއެވެ؟ ނުވަތަ އިސްލާމުންނާ ހުރިހާ ގޮތަކުން ޢަދާވާތްތެރިވެ މެދުނުކެނޑި ހަނގުރާ ކުރާ މީހުންތޯއެވެ. ބުއްދީގެ އަހުލުވެރިންނަށް މިފަދަ ކަންކަމުގައި ޢިބްރަތެއްވެއެވެ.

 

 

 

އަޅުކަންކުރުމުގެ މަޤްޞަދު ނުވާނަމަ ބުދު ބެހެއްޓުމަކީ މައްސަލައެއް ނޫންކަމަށް ބުނާ މީހުންނަށް ޢިލްމުވެރިން ދެއްވާފައިވާ ބައެއް ރައްދުތައް

ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިޔެއް ކަމުގައިވާ އަލްޢައްލާމާ އިބްނު ދަޤީޤުލް ޢީދު رحمه الله ވިދާޅުވެފައިވެއެވެ.

“ހަމަކަށަވަރުން ތަޞްވީރާއި ޞޫރަތައް ނަހީ ކުރައްވާފައިވާ ޝަރީޢަތުގެ ދަލީލުތައް ގިނަގުނަ ވެގެންވެއެވެ. ބައެއް މީހުން ބުނެއެވެ.

އެ އެއްޗެހި (ތަޞްވީރުތައް ހެދުން) ހިމެނިގެންވަނީ މަކްރޫހަކަންކަމުގެ ތެރޭގައެވެ. އަދި އެހާ ވަރުގަދައަށް އެ އެކަން މަނާކުރެއްވީ އެ ޒަމާނުގައެވެ. މީސްތަކުން ބުދަށް އަޅުކަންކުރި ޒަމާނާއި އެޒަމާނާއި ކައިރިވުމުގެ ސަބަބުންނެވެ.

މިޒަމާނުގައި އިސްލާމްދީން މިވަނީ ފެތުރިފައެވެ. އަދި އިސްލާމް ދީނުގެ ޤަވާޢިދުތައް މިވަނީ ބިންވަޅުނެގިފައެވެ. އެހެންކަމުން މިއީ ޙަރާމްކަމެއްކަމުގައި ނުބެލެވޭނެއެވެ. އަދި އެހާ ވަރުގަދައަށް އެކަންތައް މަނާކުރުންވެސް މިޒަމާނާއި އެކަށީގެން ނުވެއެވެ. ފަހެ މިގޮތަށް ބުނާ މީހުން މިވަނީ ނިހާޔަތަށް ޙައްޤާ ދުރުވެގެންވެއެވެ.

ފަހެ އަހަރެމެންގެ ގާތުގައި (އެބަހީ: އިބްނު ދަޤީޤުގެ އަރިހުގައި) މި ވާހަކަތަކަކީ މުޅިން ބާޠިލު ވާހަކަތަކެކެވެ. ފަހެ ތަޞްވީރު ކުރަހާ މީހުންނަށް އާޚިރަތުގައި ޢަޛާބު ލިބޭނެކަމުގައި ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ. އަދި އެބައިމީހުންނަށް ބުނެވޭނެއެވެ. ތިޔަބައިމީހުން ހެދި ތަކެއްޗަށް ފުރާނައަޅާށެވެ. ފަހެ މިކަން ވަރަށް ޞަރީޙަކޮށް މާތް ނަބިއްޔާ صلى لله عليه وسلم ގެ ބަސްފުޅުގައިވެއެވެ.  ”ﷲ ގެ ޚަލްޤުތަކާއި އެއްގޮތްކުރުމަށް މަސައްކަތްކުރާ މީހުން”، މި ބަސްފުޅުން އެނގިގެންދަނީ އެބައިމީހުންނަށް އަޛާބު ދެއްވޭ ސަބަބަކީ މިއީކަމުގައެވެ. މިސަބަބަކީ މުސްތަޤިއްލު ސަބަބެކެވެ. އެއްވެސް ޒަމާނަކަށް ޚާއްސަވެގެންވާ ސަބަބެއް ނޫނެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ހުރި މިފަދަ ފާޅުކަން ބޮޑު، ގިނަގޮތްގޮތުން ވާރިދުވެފައިވާ ދަލީލުތަކުން ދޭހަވާ މާނަ އެއްފަރާތްކޮށްލާފައި، އަހަރެމެންނަށް ހީވާ ޚިޔާލީ މާނައަކަށް ޖެހިލުކަމީ އަހަރެމެންގެ މައްޗަށްވާ ކަމެއް ނޫނެވެ. ނައްޞުގައި އެވަނީ ސަބަބު ބަޔާންކުރާ ލަފްޒު ވާރިދުވެފައެވެ…”

އަލް ޢައްލާމާ އައްޞަންޢާނީ އަލް ޔަމާނީ رحمه الله ، އިބްނު ދަޤީޤުގެ މިބަސްފުޅަށް ތަޢުލީޤު ކުރައްވަމުން ވިދާޅުވެފައިވެއެވެ.

“ފަހެ އަހަރެމެންގެ ގާތުގައި މި ވާހަކައަކީ (އެބަހީ: ދެކޮޅު ހަދާމީހުންގެ ގެންނަ ބަހަނާތަކަކީ) މުޅިން ބާޠިލު ވާހަކައެކެވެ. މިބަސްފުޅުގައި އިބްނު ދަޤީޤުވަނީ ޙައްޤު ގޮތް ޚިޔާރުކުރައްވާފައެވެ.”

ބައެއްމީހުން ބުނެފާނެއެވެ. މަތީގައި އެވަނީ ތަޞްވީރާބެހޭ ވާހަކައެވެ. އޭގެ ޖަވާބަކީ: މިފަދަ ކަންކަމުގައި ބަލަން ޖެހެނީ ސަބަބަށެވެ. ނަހީކުރެއްވުނު ސަބަބުތަކަށް ބަލާށެވެ. އިބްނު ދަޤީޤު رحمه الله ވިދާޅުވި ފަދައިން ޝަރުޢުގައި އައިސްފައިވާ ނައްޞުތަކުގައި ހުރި ޢިއްލަތްތައް ބަލާށެވެ. އޭގެ ބަދަލުގައި ޚިޔާލީ ސަބަބުތައް ނުހޯދާށެވެ. ތަޞްވީރުވެސް އަދި ބުދުތައްވެސް ޙަރާމްކުރެވުނު ސަބަބު މިޒަމާނުގަވެސް ދެމި އެބައޮތެވެ. ޒަމާން ބަދަލުވިޔަސް ކުރީގައި ބުދު ތެޅުން ޝަރުޢުވެފައި، ފަހުން ނުތަޅައި ދޫކޮށްލާންޖެހޭ ސަބަބެއް ނެތެވެ.

އަޅުކަންކުރުމުގެ މަޤްޞަދުނުވާނަމަ ބުދުބެހެއްޓުމަކީ މައްސަލައެއް ނޫންކަމަށް ބުނާމީހުންނަށް މިޒަމާނުގެ ޢިލްމުވެރިންވެސްވަނީ ރައްދުދެއްވާފައެވެ. އެބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ޝިރުކަށް އޮތްދޮރު ބަންދުކުރުމުގެ ގޮތުން، ބުދުތައް ބެހެއްޓުން ހުއްދަ ނުވާނެއެވެ. އަދި އެފަދަ ހުރިހާ ބުދުތައްވެސް ތަޅާލަން ޖެހޭނެއެވެ.

އަޅުކަން ނުކުރެވުނަސް ބުދުތައް ނަގަންޖެހޭނެކަމާމެދު ޢިލްމުވެރިންގެ މެދުގައި ތަޢާރުޟުވުމެއް ނަޤުލުވެގެން އައިސްފައިނުވާތީ، ބައެއް ޢިލްމުވެރިންވަނީ މިކަމުގެ މައްޗަށް ޢިޖުމާޢުވެސް ނަޤުލުކުރައްވާފައެވެ.

 

 

މިގޮތުން ޢިޖުމާޢު ނަޤުލުކުރެއްވި ބޭކަލުން ތިރީގައި ބަޔާންކޮށްލާނަމެވެ.

  1. އަބޫ ބަކުރު ބުން އަލްޢަރަބީ އަލްމާލިކީ ވިދާޅުވެފައިވެއެވެ.

“ފަހެ ޞޫރަތައް އެއީ ޖިސްމެއްގެގޮތަށް ހުރި އެއްޗެއްކަމުގައިވާނަމަ އެއެއްޗެއް ބެހެއްޓުން ޙަރާމްވެގެންވާކަމަށް އިޖުމާޢުވެފައިވެއެވެ.”

  1. އަލް ޢައްލާމާ ޠާހިރު ބުން ޢާޝޫރު އަލްމާލިކީ ވިދާޅުވެފައިވެއެވެ.

“ރޫޙު ހުންނަ ތަކެތީގެ ހިޔަނި އެޅޭ ތަމާޘީލްތައް (ބުދުފަދަ ތަކެތި) ބެހެއްޓުމަކީ ޙަރާމްކަމެއްކަމަށް ފިޤުހުވެރިންވަނީ އިއްތިފާޤުވެލައްވާފައެވެ.”

  1. އައްޝައިޚް އަޙްމަދު ޤާދިރު އަޙްމަދު ޢަޠާ ވިދާޅުވެފައިވެއެވެ.

“ފަހެ ޖިސްމެއްގެ ގޮތަށް ހަދާފައިވާ ތަމާޘީލުތައް (ބުދުފަދަ ތަކެތި) ބެހެއްޓުމާމެދު ދަންނައެވެ. އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާކަމެއްކަމަށް ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގެންފައެވެ.“