ތިމާގެ އަނބިމީހާ އިސްލާމް ދީން މަތީ އޮބެހެއްޓޭތޯ ބަލައި އެކަމަށް މަޖުބޫރު ކުރުވުމީވެސް ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބެންޖެހޭ ބޮޑު ޙައްޤެކެވެ. އަދި އަނބިމީހާއަށް އެކަމަށް މަގުފަހިކޮށްދީ ހެދުމީ ފިރިމީހާ ކޮށްދޭންޖެހޭނެކަމެކެވެ. އަދި އިސްލާމްދީނުގައިވާ ގޮތާ ޚިލާފަށް އަނބިމީހާ އުޅެމުންދާނަމަ ނަޞީޙަތްތެރިވެ ދީނުގައިވާ ޤަވާއިދުން އަދަބުދީ ތަޅާހެދުންވެސް ފިރިމީހާއަށް ޖާއިޒު ވެގެންވެއެވެ. މިހެން މިކަންކުރަން އިސްލާމްދީން ފިރިމީހާއަށް އަމުރުކުރެއެވެ. އިސްވެދިޔަوَاللَّاتِي تَخَافُونَ نُشُوزَهُنَّގެ އާޔަތުން އޮޅުމެއްނެތި ބަޔާންވެއެވެ. މި ޢިބާރާތް ކޮޅުގާ މި ބަޔާންކުރާ ޙައްޤަކީ އިސްވެދިޔަ އުޞޫލުން ފިރިމީހާ ޢަމަލުކުރުމުން އަނބިމީހާއަށް ލިބޭ ދީނީ އިޞްލާޙާއި ތަރުބިއްޔަތެވެ.
ފަހެ ފިރިމީހާ އޮބަހައްޓަންޖެހޭ ކަންތަކަކީ އިސްލާމްދީނުގެ ފަރާތުން އަންހެނުންނަށް މަނާކުރައްވާފައިވާ ކަންތަކެވެ. އޭގެތެރޭގައި އެކަނބަލުން ދީނުގައި މަޖުބޫރު ކުރައްވާފައިވާ ވަރަށް ނިވައިނުވެ އުޅެންޏާ އެކަން މަނާކޮށް އެކަން ނުކުރުމުގެ މައްޗަށް މަޖުބޫރު ކުރުވަންޖެހޭނެއެވެ. އަދި ހިލޭ ފިރިހެނުންނާ މަސްހުނިވެ އަދި އެމީހުންނާއެކު ދަތުރުގޮސް ހަދާކަމުގައި ވާނަމަ އަދި މިނޫންވެސް ދީނުގައި މަނާކުރައްވާފައިވާ އެބާވަތުގެ ކަމެއްކުރާނަމަ ފިރިމީހާ އެކަމާރުހި ޤަބޫލު ވެގެން ނުވާނެއެވެ. އެހެނީ އެފަދަކަންކަމީ ފިރިމީހާއަށްވެސް ހުއްދަދެވޭނެ ކަންކަމެއްނޫނެވެ. އެއީ ދީނުގެ ފަރާތުން މަނާކުރައްވައިފައި ހުރިކަންކަމެވެ. މިފަދަ ނުބައި ހުރިހާ ކަންތައްތައް މަނާކުރުވައި ސީދާމަގަށް އަނބިމީހާ ލެންބޭތޯ މަސައްކަތްކުރުމީ ފިރިމީހާގެ ވާޖިބެކެވެ. އެކަމުގެ ބާރު ﷲ ސުބްޙާނަހޫ ޥަތަޢާލާ ފިރިމީހާއަށް ދެއްވާފައި ވެއެވެ. ވަޙީ ކުރެއްވީ
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ- النساء: ٣٤
މާނައީ “ފިރިހެނުންނަކީ، އަންހެނުން ސީދާކޮށް ބަރާބަރުކުރުންމަތީ ޤާއިމްވެ ތިބޭބައެކެވެ.” އެބަހީ ﷲގެ އަމުރުތަކާ ނަހީތައް އަންހެނުންލައްވައި ތަންފީޛު ކުރުންމަތީ ޤާއިމްވެ ތިބޭ ވާހަކައެވެ. އަދި އެމީހުންނަށް ދޭންޖެހޭ ޚަރަދު ބަރަދު ދިނުމާއި އެމީހުންގެ ބޭނުންތައް ފުއްދައި ދިނުންމަތީ ޤާއިމްވެ ތިބޭވާހަކަވެސް މެއެވެ. އެހެންވީއިރު ތިމާގެ އަނބިމީހާ ވިޔާނުދާ ގޮތްގޮތަށް އުޅޭކަން ފިރިމީހާއަށް އެނގިއްޖެނަމަ އިސްލާމްދީން ފިރިމީހާއަށް ދީފައިވާ ހުރިހާ އިޚްތިޔާރެއް ބޭނުންކޮށްގެން ނަމަވެސް ތިމާގެ އަނބިމީހާ ހަމަމަގަށް އެޅުވޭތޯ އާދެ! އިސްލާމްދީނުގެ ހިދާޔަތުގެ ތެރެއަށް ގެނެވޭތޯ މަސައްކަތްކުރުމީ ފިރިމީހާގެ ވަރަށްބޮޑު ވާޖިބެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا -التحريم: ٦
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންގެ ނަފްސުތަކާ ކަލޭމެންގެ އަހުލު ވެރީންގެ ނަފްސު ތައްވެސް ކަލޭމެން އަލިފާނުން ސަލާމަތް ކުރާށެވެ”. އެބަހީ ނަރަކައިން ސަލާމަތް ކުރާށެވެ. ޔަޢުނީ ނަރަކައިން ސަލާމަތްވާފަދަ ޢަމަލުތައް އެމީހުން ލައްވައި ކުރުވައި އަދި އެފަދަ ޢަމަލު ކުރުމަށް އަމުރު ކުރާށެވެ.” މިއެވެ.
ޝައްކެއްނެތްގޮތުގައި އަނބިމީހާއީ އެންމެގާތް އަހުލުވެރީންކުރެ މީހެކެވެ. އިސްވެދިޔަ އާޔަތުގެ ޞަރީޙަ ލަފްޒުން ބަޔާންވެ އެނގެނީ ތިމާގެ އަނބިމީހާ ދީނާ ޚިލާފް ކަންތައްކުރާނަމަ އެކަން މާނާކޮށް ހެދުމީ ފިރިމީހާގެ ބޮޑު ވާޖިބެއްކަމެވެ. އެހެންނޫންނަމަ އޭނާ ނަރަކައިން ސަލާމަތްކުރާށޭ ވަޙީ ކުރެއްވުމުގެ މާނައެއް ނެތެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމް ޙަދީޘް ކުރެއްވިއެވެ.
“وَالرَّجْلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُوْلٌ عَنْ رَاعِيَّتِهِ”
މާނައީ: “ފިރިމީހާއީ އޭނާގެ އަނބިމީހާ ބަލަހައްޓާ އަދި އޭނާގެ ވެރިޔާއެވެ. އަދި އޭނާއަކީ އޭނާ ބަލަހައްޓަން ޙަވާލު ވެވިފައިވާ މީހުންގެ ކަންތަކާމެދު ސުވާލު ވެވޭނެ މީހެކެވެ.” މިއެވެ.
މިހެން މިކަންހުރިއިރު ކޮންމެ ފިރިޔަކުވެސް އޭނާގެ އަނބިމީހާގެ ކަންތަކާމެދު ފަރުވާތެރި ނުވެއްޖެނަމަ ﷲ ޞުބްޙާނަހޫ ޥަތަޢާލާގެ ޙަޟްރަތުގައި ކުށްވެރިނުވެނުދާނެ ކަމީ ޝައްކެއްނެތި އެގޭނެކަމެކެވެ. އަދި ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބެންވާ ޙައްޤު ތަރުބިއްޔަތެއް ނުދިން މީހަކު ކަމުގާ ނުވެނުދާނެއެވެ. މިގޮތުން ބަލާއިރު ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބެންވާ އިރުޝާދަކީ އަނބިމީހާގެ ޙައްޤެކެވެ. އެ ޙައްޤު ފިރިމީހާ އަދާކުރަން ޖެހޭނެއެވެ.