އެކަލޭގެފާނަކީ، ޢަދުނާނުގެ ދަރި މަޢައްދިގެ ދަރި ނިޒާރުގެ ދަރި މުޟަރުގެ ދަރި އިލްޔާސްގެ ދަރި މުދްރިކާގެ ދަރި ޚުޒައިމާގެ ދަރި ކިނާނާގެ ދަރި ނަޟްރިގެ ދަރި މާލިކުގެ ދަރި ފިހުރުގެ ދަރި ޣާލިބުގެ ދަރި ލުއައްޔުގެ ދަރި ކަޢުބުގެ ދަރި މުއްރާގެ ދަރި ކިލާބުގެ ދަރި ޤުޞައްޔުގެ ދަރި ޢަބްދުމަނާފްގެ ދަރި ހާޝިމުގެ ދަރި ޢަބްދުލްމުއްޠަލިބުގެ ދަރި ޢަބްދުﷲގެ ދަރި މުޙައްމަދު އެވެ.(ޞައްލަﷲ ޢަލައިހި ވަސައްލަމަ )
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅު، އަލް އިމާމުލް ބުޚާރީ ރަޙިމަހުﷲ މި މިންވަރަށް އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވާފައި ވެއެވެ. އަދި މި މިންވަރާމެދު ޢިލްމުވެރިން ވަނީ އިޖްމާޢުވެ ވަޑައިގެންފައެވެ. ނަމަވެސް ޢަދުނާނަށް ފަހުގައި އާދަމް ޢަލައިހިއްސަލާމާ ހަމައަކަށް އެކަލޭގެފާނުގެ ނަޞަބުފުޅު ޞައްޙަ މަގަކުން ޘާބިތުވެގެން އައިސްފައެއް ނުވެއެވެ. ނަމަވެސް ޢަދުނާނަކީ، ﷲ ގެ ނަބިއްޔާ އިސްމާޢީލް ބިން އިބްރާހީމް ޢަލައިހިމައްސަލާމްގެ ނަސްލުގެ ބޭފުޅެއްކަމާއިމެދު ޚިލާފެއްނެތެވެ.
އެކަލޭގެފާނުގެ ބޮޑުބޭބެއިން ނިސްބަތްވަނީ بَنِيْ زَهْرَة އަށެވެ. އެހެނީ އެކަލޭގެފާނުގެ މަންމާފުޅު އާމިނަތު ބިންތު ވަހަބު ނިސްބަތްވަނީ އެދަރިކޮޅަށެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅާ އެކަލޭގެފާނުގެ މަންމާފުޅުގެ ނަސަބުފުޅު ގުޅެނީ ކިލާބު ބިން މުއްރާ އާއި ހަމައިންނެވެ.
ﷲ ތަޢާލާ އިރާދަކުރެއްވީ، ނަސަބުގެ ގޮތުންނާއި ޝަރަފުގެ ގޮތުންނާއި ޤައުމުގެ ގޮތުންނާއި ޤަބީލާގެ ގޮތުންވެސް ބިންމަތީގައިވާ އެންމެ މަތިވެރި އެންމެ ޠާހިރު އަހުލުވެރިންގެ ތެރެއިން އެކަލޭގެފާނު ވެގެންދިޔުމަށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( އިސްމާޢީލް ގެ ދަރިކޮޅުން ﷲ ތަޢާލާ ކިނާނާ މަތިވެރިކުރެއްވިއެވެ. އަދި ކިނާނާގެ ދަރިކޮޅުން ޤުރައިޝުން މަތިވެރި ކުރެއްވިއެވެ. އަދި ޤުރައިޝުވަންހައިން ހާޝިމްގެ ދަރިކޮޅު މަތިވެރި ކުރެއްވިއެވެ. އަދި ހާޝިމްގެ ދަރިކޮޅުން ތިމަންކަލޭގެފާނު މަތިވެރިކުރެއްވިއެވެ. )) رواه مسلم –
އަދިވެސް ޙަދީޘްކުރެއްވިއެވެ. (( ހަމަކަށަވަރުން ﷲ ތަޢާލާ ޚަލްޤުތަކުން ޚަލްޤުކުރެއްވެވި ދުވަހުގައި، އެމީހުންގެ ތެރެއިން އެންމެ ހެޔޮ މީހާ ކަމުގައި ތިމަންކަލޭގެފާނު ލެއްވެވިއެވެ. ދެން އެއަށްފަހު އެމީހުން ބައިކުރެއްވި ހިނދު އޭގެތެރެއިން އެންމެ ހެޔޮބައިގައި ތިމަންކަލޭގެފާނު ލެއްވެވިއެވެ. ދެން އެއަށްފަހު އެމީހުން އެކި ޤަބީލާތަކަށް ލެއްވެވި ހިނދު އޭގެތެރެއިން އެންމެ ހެޔޮ ޤަބީލާގައި ތިމަންކަލޭގެފާނު ލެއްވެވިއެވެ. ދެން އެއަށްފަހު އެންމެ ހެޔޮ ގޭގައި ތިމަންކަލޭގެފާނު ލެއްވެވިއެވެ. ފަހެ މީސްތަކުންގެތެރެއިން ނަސަބުގެ ގޮތުންނާއި ގޭގެ ގޮތުން އެންމެ ހެޔޮ ބޭކަލަކީ ތިމަންކަލޭގެފާނެވެ. )) – سنن الترمزي , ( قال : هذا حديث حسن صحيح )
އަބޫސުފްޔާނު ރަޞިޔަﷲ ޢަންހު އިސްލާމްވުމުގެކުރިންވެސް ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅުގެ މަތިވެރިކަމާއިމެދު އިޢުތިރާފުވެވަޑައިގެންފައެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި މެދު އޮތް އަދާވާތްތެރިކަމާއި ނުރުހުންތެރިކަމާއި އެކުވެސް، އެކަލޭގެފާނުގެ މަތިވެރި ނަސަބުފުޅާއިމެދު އިންކާރުކުރާކަށް އަބޫސުފްޔާނަކަށް ކުޅާދާނައެއްނުވިއެވެ. އަބޫ ސުފްޔާނު، ހިރަޤުލް (ޝާމުގައި ހުރި ރޯމަނުންގެ އޭރުގެ ވެރިޔާ) އަށް ބުންޏެވެ. (( އެކަލޭގެފާނަކީ އަހަރެމެންގެ ތެރޭގައި މަތިވެރި ނަސަބުފުޅެއްގެ ވެރިބޭކަލެކެވެ. )) – رواه البخاري –
މިއީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅެވެ. އެކަލޭގެފާނަށް “މުޙައްމަދު” މިނަންފުޅު ދެއްވީ އެކަލޭގެފާނުގެ ކާފާފުޅު ޢަބްދުލްމުއްޠަލިބާއި އެކަލޭގެފާނުގެ މަންމާފުޅު އާމިނަތުއެވެ. އެކަލޭގެފާނުގެ މަންމާފުޅާއި ކާފާފުޅު އެދިވަޑައިގަތީ އުޑުގައި ﷲ ތަޢާލާ އެކަލޭގެފާނަށް ހަމްދުލެއްވުމަށާއި ބިމުގެ އަހުލުވެރިން އެކަލޭގެފާނަށް ހަމްދުކިޔުމަށެވެ.
مصدر : ” سيرة النبوية في ضوء المصادر الأصلية ” للأستاذ الدكتور مهدي رزق الله أحمد