ސާލިމް އަކީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ދަރިކަލެއްކަމުގައިވާ މާތް ޞަޙާބީ ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ ދަރިކަލެކެވެ. އެހެން ކަމުން އެކަލޭގެ ފާނަކީ ޢުމަރު ރަޟިޔަﷲ ޢަންހުގެ ކާފަ ދަރިކަލެކެވެ.
އުމަރު ރަޟިޔަﷲ ޢަންހުގެ ދަރިދަރިކަލުންގެ ތެރެއިން އެކަލޭގެފާނާއި އެންމެ ވައްތަރު ބޭކަލަކީ ޢަބްދުﷲ ރަޟިޔަﷲ ޢަންހުއެވެ. އަދި ޢަބްދުﷲ ރަޟިޔަﷲ އަންހުގެ ދަރިދަރިކަލުންގެ ތެރެއިން އެކަލޭގެފާނާއި އެންމެ ވައްތަރީ ސާލިމް ބިން ޢަބްދުﷲ ރަޙިމަހުﷲ އެވެ.
މިކަލޭގެފާނަކީ ތާބިޢީ ބޭކަލެކެވެ.
ސާލިމް ބިން ޢަބްދުﷲ ރަޙިމަހުﷲ ދިރިއުޅުއްވަމުން ގެންދެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަށް، މަދީނާގައެވެ. އެދުވަސްވަރަކީ ، އޭގެ ކުރިން ދެކިފައިނުވާފަދަ މިންވަރަކަށް މަދީނާއަށް ތަނަވަސްކަމާއި ފާގަތިކަން އައިސްފައިވާ ދުވަސްވަރެކެވެ. އެއްވެސް ހައްދެއްނެތި އެކި ދިމަދިމާއިން ރިޒްޤު ވަންނާނެ ދޮރުތައް ތަނަވަސްވެފައިވެއެވެ.
އެހެންނަމަވެސް ސާލިމް ރަޙިމަހުﷲ ދުނިޔެއާއި ކުރިމަތިލީ އެހެން ގިނަ މީސްތަކުންނާއި ޚިލާފުގޮތަށެވެ. އެހެނިހެން ގިނަމީސްތަކުން ފަދައިން ދުނިޔޭގެ ފާނާކުރަނިވި މުދާތައް ޖަމާކުރުމުގައި އެކަލޭގެފާނު ނޫޅުއްވައެވެ. ނަމަވެސް މީސްތަކުން ޖަމާކޮށް ގިނަކުރަމުންދިޔަ މުދާތަކާއިމެދު އެކަލޭގެފާނި ޒުހުދުވެރިވެވަޑައިގަތީ ﷲ ތަޢާލާގެ ހަޟްރަތުގައިވާ މަތިވެރިވެގެންވާ ނިޢުމަތްތަކަށް ދަހިވެތިވެފައިވާ މިންވަރުންނެވެ.
އެއް އަހަރެއްގައި، އޭރުގެ ޚަލީފާ ސުލައިމާނު ބިން ޢަބްދުލްމަލިކު ހައްޖުވުމަށްޓަކައި މައްކާއަށް ވަޑައިގަތެވެ. މައްކާގެ ހަރަމަށް ވަޑައިގެން ޠަވާފުލް ޤުދޫމް ކުރައްވަން ފެއްޓެވިތަނާ، ޚަލީފާއަށް، ސާލިމް ރަޙިމަހުﷲ ގެފުޅާއި ކުރިމަތިވާގޮތަށް އިށީންދެވަޑައިގެން އިންނެވިތަން ޚަލީފާއަށް ދެނިވަޑައިގަތެވެ. އޭރު އެކަލޭގެފާނު އިންނެވީ ޚުޝޫޢަތްތެރިކަމާއި ޚުޟޫޢަތްތެރިކަމާއިއެކު ޤުރުއާން ކިޔަވާ ވިދާޅުވާށެވެ. އެކަލޭގެފާނަށް ދުނިޔެމަތީގައި ހިންގާ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާފަދައެވެ. އެކަލޭގެފާނުގެ ލޯފުޅުން ހުއްޓުމެއްނެތި ކަރުނަފައިބަމުން ދިޔައެވެ.
ޠަވާފުކޮށްނިމުމުން ޠަވާފުގެ ސުންނަތް ދެރަކުޢަތްކުރުމަށްފަހު ޚަލީފާ މިސްރާބުޖެހީ ސާލިމް ރަޙިމަހުﷲ އިންނެވި ދިމާއަށެވެ. ޚަލީފާ ވަޑައިގެން އެކަލޭގެފާނާއި ކަކުލާއި ކަކޫ ޖެހޭހާކަން ހިސާބުގައި އެކަލޭގެފާނުގެ އެއްފަރާތުގައި އިށީންދެވަޑައިގެންފިއެވެ. ނަމަވެސް ސާލިމް ރަޙިމަހުﷲ އަކަށް އެކަމެއް އިހްސާސެއްވެސް ނުވެއެވެ. އެކަލޭގެފާނު ބަލައެއްވެސް ނުލައެވެ. އެހެނީ އެކަލޭގެފާނު ވަނީ ޤުރުއާން ކިޔެވުމާއި ﷲ ތަޢާލާގެ ޒިކުރުކުރުމުގައި ޣަރަޤުވެވަޑައިގެންފައެވެ.
ސާލިމް ރަޙިމަހުﷲ އާ ވާހަކަދައްކާލުމަށް ފުރުޞަތެއް ލިބިވަޑައިގަންނަވާތޯ ޚަލީފާ މަސައްކަތަކުރައްވަމުން ގެންދެވިއެވެ. އޭރުވެސް އެކަލޭގެފާނު ގެންދެވީ ކީރިތި ކުރައްވަމުންނެވެ.
އިރުކޮޅަކުން ސާލިމް ރަޙިމަހުﷲ ކިޔެވުން ހުއްޓާލެއްވުމުން، ޚަލީފާ އެކަލޭގެފާނަށް ސާލާމް ދެންނެވިއެވެ. އަދި އެކަލޭގެފާނު ސަލާމް ރައްދުކުރެއްވިއެވެ.
އެއަށްފަހު ވަރަށް މަޑު އަޑަކުން ޚަލީފާ އެކަލޭގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު، ތިމަންގެ ކިބައިން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ. އެކަމެއްގެ ވާހަކައިން ތިމަންނައަށް ދަންނަވާށެވެ.
ނަމަވެސް ސާލިމް ރަޙިމަހުﷲ އެއްވެސް ޖަވާބެއް ނުދެއްވައެވެ.
އެކަލޭގެފާނަށް އަޑު ނީވެނީކަމަށް ހީފުޅުކުރައްވައި، އިރުކޮޅަކުން އަނެއްކާވެސް ޚަލީފާ އެ ސުވާލު ތަކުރާރުކުރެއްވިއެވެ.
ސާލިމް ރަޙިމަހުﷲ ޚަލީފާއަށް ޖަވާބުގައި ދެންނެވިއެވެ.
” ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ﷲ ތަޢަލާގެ ގެކޮޅުގެ ތެރެއިން ގެކޮޅެއްގައި ހުރެގެން އެއިލާހު ފިޔަވައި އެހެން ފަރާތެއްގެ ކިބައިން ކަމެއްގައި ދަންނަވަން ތިމަން ލަދުވެތިވަމެވެ. “
އެކަލޭގެފާނުގެ މި ބަސްފުޅު އިވުމުން، ޚަލީފާގެ ބަސްފުޅުހުއްޓި، ލަދުވެތިވިއެވެ.
ކޮންމެއަކަސް ނަމާދު ނިމިގެން ސާލިމް ރަޙިމަހުﷲ އެކަލޭގެފާނުގެ ސަވާރީއަށް ދިޔުމަށް ހިނގައިގަތެވެ. އެކަލޭގެފާނުގެ ފަހަތުން ވަރަށްގިނަބަޔަކު ދާންފެށިއެވެ.
އެއްބަޔަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުގެ ތެރެއިން ޙަދީޘަކާއި ބޭހޭގޮތުން ސުވާލުކުރަނީއެވެ.
އަނެއްބަޔަކު ދީނުގެ ކޮންމެވެސް ކަމަކާއިބެހޭގޮތުން ފަތުވާއަށް އަހަނީއެވެ.
އަނެއްބަޔަކު އެކަލޭގެފާނުގެ ކިބައިން ނަޞޭޙަތެއް ދެއްވުމަށް އެދެމުންދަނީއެވެ.
އަނެއްބަޔަކު އެކަލޭގެފާނުގެ ކިބައި ދުޢާކޮށްދިނުމަށް އެދެނީއެވެ.
އެ މީސްތަކުންގެ ތެރޭގައި، ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކުވެސް ހުންނެވިއެވެ. މީސްތަކުން ޚަލީފާ ފެނިވަޑައިގަތުމުން، ޚަލީފާއަށް މަގުތަނަވަސްކޮށްދިނެވެ. ދެން ޚަލީފާ ވަޑައިގެން ސާލިމް ރަޙިމަހުﷲ އާ ހަމައަށް އަރާވަޑައިގެން މަޑުމަޑުން ދެންނެވިއެވެ. ” މިހާރު އަހަރެމެންނަށް މިހުރެވުނީ މިސްކިތުން ބޭރުގައެވެ. ކަލޭގެފާނު ބޭނުންވާ ކަމެއްގެ ވާހަކަ ދަންނަވާށެވެ. “
ސާލިމް ރަޙިމަހުﷲ ދެންނެވިއެވެ. ” ދުނިޔެވީކަންތައްތަކުގެ ތެރެއިން ކަމެއް ހެއްޔެވެ؟ ނުވަތަ އުޚުރަވީ ކަންތަކުގެތެރެއިން ކަމެއް ހެއްޔެވެ؟ “
ޚަލީފާ ދެންނެވިއެވެ. ” އަދިކއެއްހެއްޔެވެ! ދުނިޔެވީ ކަންތަކުގެ ތެރެއިން ކަމެކެވެ. “
ސާލިމް ރަޙިމަހުﷲ ދެންނެވިއެވެ. ” ދުނިޔެ އެފަރާތެއްގެ މިލްކުގައިވާ ފަރާތުގެ ކިބައިންވެސް ތިމަންނަ ދުނިޔެވީ ކަންކަމަކަށް ނުދަންނަވަމެވެ. ދެން އަދި އެ ދުނިޔެ މިލްކުވެގެންނުވާ ފަރާތެއްގެ ކިބައިން ދުނިޔެވީކަމަކަށް ތިމަން އެދޭނީ ކޮންފަދައަކުން ހެއްޔެވެ؟ “
އެކަލޭގެފާނުގެ މި ބަސްފުޅާއިއެކު ޚަލީފާ ލަދުވެތިކަމާއިއެކު މިފަދައިން ވިދާޅުވަމުން އެނބުރި ދާންފެށިއެވެ. ” އޭ ޚައްޠާބުގެ އާލުންނޭވެ. ޒުހުދުވެރިކަމާއި ތަޤުވާވެރިކަމުގެ ގޮތުން ތިޔަބައިމީހުންގެ މަތިވެރިކަމާއެވެ. “
– ނިމުނީ –
مصدر : صور من حياة التابعين