[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިރްކު

ޝިރުކު އޭ ބުނެވޭ ބަހުގެ މާނައީ ބައިވެރިވުމެވެ. ޝަރީކަކު ބައިވެރި ކުރުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ޝިރުކުކުރުމޭ ބުނެވޭ ބަހުގެ މާނައީ؛ ތައުޙީދުގެ ތިން ބައިން ކުރެ ބައެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރި ކުރުމެވެ. ވަކިން ޚާއްސަކޮށް ތައުޙީދުލް އުލޫހިއްޔާގައި ޔަޢުނީ  ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އަޅުކަން ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އާއެކު އެހެން ތަކެތި ބައިވެރި ކުރުމެވެ. ޝިރުކުކުރުމަކީ ތައުޙީދުގެ އިދިކޮޅެވެ.

ޝިރުކުކުރުމަކީ އެންމެ ބޮޑު ފާފަ ކުރުމެވެ. ތައުބާނުވެ ހުރެ މަރުވެއްޖެނަމަ އެފާފަ ﷲ ސުބްޙާނަހޫ ވަތަޢާލާ ނުފުއްސަވާނެއެވެ. އެހެނިހެން ފާފަތައް އެއިލާހު އިރާދަ ކުރައްވައިފި އަޅަކަށް ފުއްސަވައިފާނެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

إِنَّ اللهَ لاَ يَغْفِرُ أنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَالِكَ لِمَنْ يَشَاءُ (النساء 48)

ހަމަކަށަވަރުން މާތްﷲ  އެއިލާހަށް ޝިރުކުކުރުމުގެ ފާފަ ނުފުއްސަވައެވެ. އެ ނޫންފާފަތައް އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ.

 ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (مَنْ عَمِلَ عَمَلاً أَشْرَكَ مَعِيَ فِيْهِ غَيْرِىْ تَرَكْتُهُ وَشِرْكَهُ) (صحيح مسلم كتاب الزهد)މާނައީ: “ޢަމަލެއް ކުރާ މީހާ (އެބަހީ؛ އަޅުކަން ކުރާމީހާ) އެއަޅުކަމުގައި ތިމަން އިލާހު އާއި އެހެން އެއްޗެއް ބައިވެރިކޮށްފި ނަމަ އެމީހާއާއި، އެމީހާ ކުރި ޝިރުކާއި ތިމަން އިލާހު ދޫކޮށް ލައްވާހުށީމެވެ.”

 

މިބަސްފުޅުގެ މުރާދަކީ އެމީހަ އެކުރި އަޅުކަން ތިމަން އިލާހު ޤަބޫލްނުކުރައްވާ ހުށީމެވެ. އަދި އެކަމުގެ ޢުޤޫބާތްއެ މީހާއަށް ހުއްޓެވެ.

 

 ސުވާލު:

(1) ޝިރުކު އަކީ ކޮބައި ހެއްޔެވެ؟ އަދި ޝިރުކުކުރުމަކި ކޮބައި ހެއްޔެވެ؟

(2) ޝަރީޢަތުގެ އިޞްޠިލާޙުގައި ޝިރުކުކުރުމަކީ ކޮބައި ހެއްޔެވެ؟

(3) ތައުބާ ނުވެ މަރުވެއްޖަނަމަ ނުފުއްސަވާނޭ ފާފައަކީ ކޮބައި ހެއްޔެވެ؟ އަދި އޭގެ ދަލީލްބަޔާންކުރޭ!

(4) އަޅުކަން ކުރާއިރު ﷲ ސުބްޙާނަހޫ ވަތަޢާލާއާއެކު އެހެން އެއްޗެއް ބައިވެރިކޮށްގެން އަޅުކަން ކުރުމަކީ ކޮންކަހަލަ ކަމެއް؟