ޙަޔާތުގެ ނަޒަރިއްޔާ ބިނާވާނީ އެމީހަކު ބަލާ ދާއިރާއަކުން އެމީހެއްގެ ފިކުރު ބުނާގޮތަށެވެ. ނަމަވެސް މުސްލިމުންނަށް ވީތީވެ ޙަޔާތާ ދޭތެރޭ ދެކޭގޮތާއި ޙަޔާތަށް ބަލަންވީގޮތް ދެނެގަންނަން ޖެހޭނީ ދީނުގެ މަޞްދަރުތަކުންނެވެ.
އިންސާނާ ދިރިއުޅެމުން މިދާ ޙަޔާތަކީ ކުޑަވަގުތުކޮޅެއްކަމުގައި ދެކެފިނަމަ ޙަޔާތަކީ ކޮން އެއްޗެއްކަން އެމީހަކަށް އެނގޭނެއެވެ. އެހެނީ އެފަދަ މިހާގެ ފިކުރު މަރުގެ މަތިން ދުރެއްނުވާނެއެވެ. ކަށްވަޅަށް ދަތުރުކުރަންޖެހޭ ވަގުތާއިމެދު ޣާފިލެއް ނުވާނެއެވެ. ޙަޔާތުގެ މަޤްޞަދު ކަމުގައިވާ ﷲ ތަޢާލާއަށް އަޅުވެތިވުމުގެ ވާޖިބު އަބަދުމެ ހަނދާން ހުންނާނެއެވެ. ލޮލުގެ ކުރިމަތިން ކޮންމެދުވަހަކު މަރުވެ، ކަފުންކުރެވި، ވަޅުލެވެމުންދާ އިންސާނާގެ ނިމުމާއިމެދު ޝައްކެއް ނުކުރާނެއެވެ. އަދި އެކަމުގެ ޚިޔާލުން ދުރު ނުމެވާނެއެވެ.
ނަމަވެސް ދުނިޔެވީ ޙަޔާތަށް ދުނިޔެވީ ގޮތުންނާއި މާއްދީގޮތުން ބަލާ ލޮލުގެ ނަޒަރިއްޔާ މުޅިން ތަފާތެވެ. ދުނިޔޭގެ މުދަލާއި ޒީނަތާއި ކުލަތަކުގެތެރޭގައި އެތަކެއް ސަތޭކަ އަހަރެއް އުޅެން ބޭނުންވާނެއެވެ. ޝަހުވަތާއި މަލައްޒާތަކީ ދުނިޔޭގައި ދިރިހުރުމުގެ ބޭނުން ކަމުގައި ދެކޭނެއެވެ. ތާއަބަދު ދުނިޔޭގައި ބާރާއި އާރާއި ޢިއްޒަތާއި ވެރިކަމުގައި ބޮޑުވެގެން އުޅެން ބޭނުންވާނެއެވެ. ކުޅިވަރު ކުޅުމާއި މަޖާކުރުމާއި، ފޫހި ފިލުވުމުގައި ދުނިޔޭގެ އަގުހުރި ވަގުތުތައް ގެއްލުވާލާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ ﴾ މާނައަކީ: [ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ.]
ދުނިޔޭގެ ޙަޔާތަކީ ދިގު އެއްޗެއްކަމުގައި ނުވަތަ ހުރިހާވެސް ތަނަކީ ދުނިޔެކަމުގައި ދެކުމުގެ ސަބަބުން މިފަދަ މީހާވަނީ ބޭކާރުވެގެންނެވެ. މަގުގެއްލިފައެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ގެއްލުމާއި ހަލާކެވެ. އެހެންކަމުން ހަޔާތުން ދަސްކުރަންވީ ކޮން ފިލާވަޅެއްކަން ތިބާ ދެނެގަންނާށެވެ.