[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

عقيدة التوحيد 1

މުތަރުޖިމުގެ މުޤައްދިމާ

      اَلْحَمْدُ للهِ رَبِّ اَلْعَالَمِيْن، وَالصَّلاةُ والسَّلامُ عَلَى أَشْرَفِ الأَنْبِيَاءِ وَالْمُرْسَلِيْن، نَبِيِّنَا وَحَبِيْبِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبهِ أَجْمَعِيْن… وَبَعْدُ:

            الله سبحانه وتعالى އިންސީންނާއި ޖިންނީންގެ ގާތަށް ފޮނުއްވެވި ކޮންމެ ނަބިއްޔަކުމެ އަދި ރަސޫލަކު އެންމެފުރަތަމަ ގޮވާލެއްވީ الله سبحانه وتعالىގެ އެއްކައުވަންތަކަން ބިންމަތީގައި ޤާއިމްކުރުމަށެވެ. މީސްތަކުންގެ ހިތްތަކަށް މިކަން ފޯރު ކޮއްދެއްވުމަށެވެ. އެމީހުންގެ ޢަމަލުތަކުން ވެސް އެކަން ފެނިގެން ދިއުމަށެވެ. އަދި ހަމައެހެންމެ އެއާއިއެކު އެއިލާހަށް ކުރެވޭ އަޅުކަމުގައި އެހެން ދެވަނަ ފަރާތެއް ބައިވެރި ނުކުރުމަށެވެ. ޠާޣޫތުންގެ ކިބައިން އެއްކިބާވުމަށެވެ.

ފަހެ الله سبحانه وتعالى ކީރިތި ޤުރުއާނުގެ އަންނަހުލު ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ.

(وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ)

މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، ހަމައެކަނި اللَّه އަށް އަޅުކަންކުރުމަށާއި، ތާޣޫތުންނާއި ދުރުހެލިވެ އެއްކިބާވުމަށް އެންގެވުމަށެވެ.”

            އެހެންކަމުން، އަޅުގަނޑު މިއަދު ގަސްދުކުރީ އަޅުގަނޑުގެ ގައުމުގެ މީހުންނަށް ތައުޙީދު ފޮތެއްގެ ތަރުޖަމާ ހުށަހަޅައިދިނުމަށެވެ. އެންމެހައި ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ މަގުން ހިނގުމުގެ ގަޞްދުގައެވެ.

އަޅުގަނޑު މިތަރުޖަމާކުރަން ފަށަނީ، އުންމަތުގެ ދަންނަބޭކަލެއްކަމުގައިވާ ޝައިޚު ޞާލިޙު ބިން ފައުޒާން އަލްފައުޒާން حفظه الله ލިޔުއްވާފައިވާ ‘ޢަޤީދާތުއް ތައުހީދު’ އޭ ކިޔުނު ފޮތެވެ. މިފޮތް އަޅުގަނޑު އިޚްތިޔާރު ކުރީ މިފޮތަކީ ޞައްޙަ އިސްލާމީ ޢަޤީދާއަށް ވަރަށް ޝާމިލްކޮށް އަލިއަޅުވާލައިފައިވާ ފޮތެއްކަމުގައި ވުމެވެ. އަދި މިފޮތުގައި އުންމަތުގެ ކޮންމެ މުސްލިމަކުވެސް ދެނެގަތުން ވާޖިބުވެގެންވާ އެތަކެއް ކަމަކަށް އަލިއަޅުވާލާފައި ވުމެވެ.

    އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީ، މިފޮތަކީ އަޅުގަނޑުގެ ޤައުމުގެ އެންމެހައި ރައްޔިތުންނަށް ނުހަނު ފައިދާ ހުރި ފޮތެއް ކަމުގައި ވުމެވެ. އަދި އެބައިމީހުންގެ ހިތްތަކުގައި ތައުޙީދަށް ދެވިފައިވާ ޤަދަރަށް އާ ހިތްވަރެއް ގެނެސްދޭ ފޮތެއް ކަމުގައި ވުމެވެ.

          وَصَلَى اللهُ عَلَى نَبِيِّنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ.

**********************************************

މުޤައްދިމާ

      اَلْحَمْدُ للهِ رَبِّ اَلْعَالَمِيْن، وَالصَّلاةُ والسَّلامُ عَلَى نَبِيِّهِ الصَّادقِ اَلْأَمِيْن، نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبهِ أَجْمَعِيْن… وَبَعْدُ:

            ފަހެ، މިފޮތަކީ ތައުހީދު ޢިލްމުގެ ފޮތެކެވެ. މިފޮތުގައި، އަޅުގަނޑު ބަލާފައިވަނީ ވީހާވެސް ކުރުކޮށް އަދި ފަސޭޙަކޮށް އިބާރާތްތަށް ގެނެސްގަތުމަށެވެ. މިފޮތް އެކުލަވާލާފައިވަނީ އެތަކެއް މަޞްދަރުތަކަކުންނެވެ. އުންމަތުގެ ބޮޑެތި ދަންނަބޭކަލުންގެ ފޮތްތަކުންނެވެ. ޚާއްޞަކޮށް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ގެ ފޮތްތަކުންނާއި ޢައްލާމާ އިބްނުލް ޤައްޔިމްގެ ފޮތްތަކުންނާއި އަދި ޝައިޚުލް އިސްލާމް މުޙައްމަދު އިބްނު ޢަބްދުލް ވައްހާބުގެ ފޮތްތަކުންނެވެ. އަދި މިމާތް ދަޢުވަތުގެ އިމާމްވެރި، އެކަލޭގެފާނުގެ ދަރިވަރުންގެ ފޮތްތަކުންނެވެ.

    ޝައްކެއްނެތް ގޮތުގައި އިސްލާމީ ޢަޤީދާގެ ޢިލްމަކީ އެޢިލްމަކަށް އެންމެ ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ އަސާސީ ޢިލްމެވެ. އުނގަންނައި ދިނުމާއި އުނގެނުމުގަވެސް މެއެވެ. އަދި އެޢިލްމުގެ ސަބަބުން ވާޖިބު ކުރުވާ އެންމެހާ ކަންކަމަށް ޢަމަލު ކުރުމުގައިވެސް މެއެވެ. އެހެނީ ޢަމަލުތައް ޞައްޙަވާނީ އެގޮތުގެމަތީންނެވެ. އަދި ﷲގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވަނީ ވެސް ހަމަ އެގޮތުގެމަތީންނެވެ. ހަމައެފަދައިން ޢަމަލުކުރާމީހާ އަށް ފައިދާއެއް ކުރާނީވެސް އެގޮތުގެމަތީންނެވެ.

ދަންނަންވީ ކަމަކީ އަޅުގަނޑުމެން މިއަދު މިވަނީ މަގުން ކަސިޔާރުވެފައިވާ އެތަކެއް އޮއިވަރުތަކެއްގެ ތެރޭގައި ކަމެވެ. ކަލަކުވާކަން ޤަބޫލުނުކުރުމުގެ އޮއިވަރާއި، ސޫފީންގެ އޮއިވަރާއި، ޤަބުރަށް އަޅުކަން ކުރާމީހުންގެ އޮއިވަރާއި އަދި ނަބިއްޔާ صلى الله عليه وسلم އުނގަންނައި ދެއްވި ގޮތާ ޚިލާފަށް މަސައްކަތް ކުރާ ބިދުޢަވެރިންގެ އޮއިވަރުތަކުގެ ތެރޭގައެވެ. މިކޮންމެ އޮއިވަރަކީ ވެސް އެހާމެ ނުރައްކާތެރި އޮއިވަރުތަކެވެ. ޤުރުއާނާއި ސުންނަތުގެ މައްޗަށް ބިނާވެފައިވާ އަދި އުންމަތުގެ ސަލަފުން އެގޮތެއް މަތީގައިވާ ޞައްޙަ އަޤީދާ އަކުން މުސްލިމް އަޚާ ހަތިޔާރު އަޅާފައި ނުވާ ނަމަ، ދަންނަންވީ ކަމަކީ އޭނާ މިދެންނެވި މަގުފުރެދިފައިވާ އޮއިވަރުތަކުން އޮއިވަރެއްގައި ޖެހި އޮޔާ ދިޔުމަކީ ދުރުކަމެއް ނޫން ކަމެވެ.

މިކަންކަމަކީ މުސްލިމު ދަރީންނަށް އޭގެ ޢަޞްލު މަޞްދަރުތަކުން ޞައްޙަ ޢަޤީދާއެއް އުނގަންނައި ދިނުމުގެ ފުރިހަމަ މުހިންމުކަން ދައްކުވައިދޭ ބައެއް ކަންކަމެވެ.

          وَصَلَى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَآلِهِ وَصَحْبِهِ.

_______________________________

= ނުނިމޭ =

މިލިޔުމާގުޅޭ އެހެން ބައިތައް