[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަލިތަކާއި މުޞީބާތްތައް ކުރިމަތިވާހިނދު….

الحَمْدُ لِلَّهِ رَبِّ العَالَمِيْنَ ، الحَمْدُ لِلَّهِ الَّذِيْ أَنْزَلَ الدَّاءَ وَالدَّوَاءَ ، وَالصَّلَاةُ وَالسَّلَامُ عَلَى خَيْرِ وَلَدِ آدَمَ أَجْمَعِيْنَ سَيِّدُ الأَطِبَّاءِ ، وَعَلَى آلِهِ الطَّاهِرِيْنَ وَصَحْبِهِ الغُرِّ الْمَيَامِيْنَ وَعَلَى مَنْ تَبِعَهُمْ وَوَالَاهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ

ﷲ އަށް އީމާންވެގެންވާ މުއުމިނުއަޅާ އަބަދުވެސް އުޅެމުންދާނީ އުފާވެރި، ހިތްހަމަޖެހޭ އަރާމު ދިރިއުޅުމެއްގައެވެ. އޭނައަށް ނިޢުމަތެއްލިބޭހިނދު، އޭނާ އެކަމާ އުފާކޮށް ﷲއަށް ޙަމްދުކޮށް، އެއިލާހަށް ޝުކުރުކުރަމުންދާނެއެވެ. އަދި މުޞީބާތެއް ކުރިމަތިވާހިނދުވެސް އުފާކޮށް ކެތްތެރިކަމުން ވާގިލިބިގަންނަމުންދާނެއެވެ. އެހެނީ ކުރިމަތިވާ ކޮންމެ މުޞީބާތަކާއެކު ފާފަތަކެއްފޮހެވިގެންދާނެކަން އޭނާއަށް އެނގެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَا مِنْ مُؤْمِنٍ وَلَا مُؤْمِنَةٍ وَلَا مُسْلِمٍ وَلَا مُسْلِمَةٍ يَمْرَضُ مَرَضًا إِلاَّ قَضَى اللهُ بِهِ عَنْهُ مِنْ خَطَايَاهُ  ” މުއުމިނު ފިރިހެނަކާއި މުއުމިނު އަންހެނަކަށް، އަދި މުސްލިމު ފިރިހެނަކާއި މުސްލިމު އަންހެނަކަށްވެސް ކުރިމަތިވާ ކޮންމެ ބައްޔަކާއެކު އޭނާގެ ފާފާތަކެއް ﷲތަޢާލާ ފުއްސަވައެވެ.”

އާދެ، މުޞީބާތްތަކާއި ބަލިތައް ކުރިމަތިވާހިނދު ކެތްތެރިވުމާއެކު، އެކަމުން ސަލާމަތްވުމަށްޓަކައި ކަނޑައެޅިފައިވާ ސަބަބުތަކުގައިހިފުމަކީވެސް އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. يَا عِبَادَ اللهِ تَدَاوَوْا فَإِنَّ اللهَ عَزَّ وَجَلَّ لَمْ يَضَعْ دَاءًا إِلاَّ وَضَعَ لَهُ شِفَاءًا غَيْرَ دَاءٍ وَاحِدٍ قَالُوْا وَمَا هُوَ يَا رَسُوْلَ اللهِ قَالَ الْهَرَمُ قَالُوا يَا رَسُوْلَ اللهِ مَا خَيْرُ مَا أُعْطِيَ الإِنْسَانُ قَالَ خُلُقٌ حَسَنٌ  ” އޭ ﷲގެ އަޅުތަކުންނޭވެ! (ބަލިވުމުން) ބޭސްކުރާށެވެ. ފަހެ ހަމަކަށަވަރުން އެންމެބައްޔެއް ފިޔަވައި އެހެން ހުރިހާބައްޔަކަށް ﷲ ތަޢާލާވަނީ ބޭހެއްލައްވާފައެވެ. ދެންނެވުނެވެ. އޭ ﷲގެރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްއެވެ. އެއީ ކޮންބައްޔެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. މުސްކުޅިވުމެވެ. ދެންނެވުނެވެ. އޭ ﷲގެރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްއެވެ. އިންސާނަކަށް ލިބިފައިވާ އެންމެރަގަޅު އެއްޗަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ރިވެތި އަޚްލާޤެވެ.” އެހެން ރިވާޔަތެއްގައިވާގޮތުން ފަރުވާއެއްނުވާ ހަމައެކަނިކަމަކީ މަރެވެ.

މިޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ބައްޔެއްކުރިމަތިވުމުން ފަރުވާހޯދުމުގެ މުހިންމުކަމެވެ. ނަމަވެސް ފަރުވާހޯދަން މަސައްކަތްކުރަމުންދާއިރު އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންޖެހޭ ޙަޤީގަތަކީ ފަރުވާ ނުވަތަ ޝިފާއަކީ ޑޮކްޓަރުގެ މޮޅުކަމުން ނުވަތަ ބޭހުގެ މޮޅުކަމުން ލިބޭއެއްޗެއްނޫންކަމެވެ. އެބޭހަކީ އަޅުގަނޑުމެންނަށް ޝިފާލިބުމަށްޓަކައިވާ ސަބަބެއްކަމެވެ. އަދި ވަސީލަތެއްކަމެވެ. އެހެނަސް ޝިފާދެއްވަނީ ﷲތަޢާލާކަމެވެ. ﷲ ތަޢާލާވަޙީކުރައްވާފައިވެއެވެ. وَإِذَا مَرِضْتُ فَهُوَ يَشْفِينِ   “(އިބްރާހިމް ޢަލައިހިއްސަލާމްވިދާޅުވިއެވެ.) ތިމަންކަލޭގެފާނު ބަލިވުމުން ޝިފާދެއްވަނީ ﷲތަޢާލާއެވެ.” ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيبَ دَوَاءُ الدَّاءِ بَرَأَ بِإِذْنِ اللَّهِ عَزَّ وَجَلَّ ” ކޮންމެބައްޔަކަށްވެސް ފަރުވާއެއްވެއެވެ. ފަހެ އެބައްޔަކަށްވާ ފަރުވާއަކާއި ދިމާވެއްޖެނަމަ ﷲގެ އިޒުނަފުޅާއެކު ޝިފާލިބޭހުއްޓެވެ.”