[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާ އަޅާ ބުރުޤާއާމެދު ވިސްނާލާށެވެ!

Hijab

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މީގެ އަހަރު ތަކެއް ކުރިން ދިވެހީންނަކީ ބުރުގާއާ އެހާ ރައްޓެހި ބައެއް ނޫނެވެ. އޭރު ބުރުގާ އަޅަނީ ހަމައެކަނި މުސްކުޅިންނެވެ. ތަންކޮޅެއް ޒުވާން މީހަކު އަޅައިފިއްޔާ އެއީ “މާމަގަނޑެކެވެ.” މިފަދަ ޙާލަތެއްގައި އޮއްވާ ދިވެހީންގެ ދީނީހޭލުންތެރިކަން އިތުރުވެ ބުރުގާ އެޅުމުގެ ވާޖިބުކަމާއި ބުރުގާ ނޭޅުމުން ހުރި ފިތުނަވެރިކަމާއި ޢަޛާބު އެނގުމުން ބުރުގާ އަޅާމީހުން އިތުރުވާން ފެށިއެވެ. ގިނަމީހުން ބުރުގާ އަޅަންފެށީ ބުރުގާ އެޅުމުގެ މަޤުޞަދު ޙާޞިލުވާނޭހެން އިސްތަށިގަނޑާއި މޭމަތި ނިވާކޮށް ގައިގެ ބައްޓަން ނޭގޭހެން ދޫ ހެދުން ލައިގެންނެވެ.

ބުރުގާ އަޅާމީހުން އިތުރުވާން ފެށުމާއެކު ފިހާރަތަކުގެ ހަރުގަނޑުތައް ބުރުގާތަކުން ފުރާލިއެވެ. އެހެންނަމަވެސް ޝައިޠާނާގެ ދަޅަތަކާއެކުގައެވެ. އެކިފާޑުފާޑުގެ އެކި ކުލަކުލައިގެ ބުރުގާއެވެ. އެކި ސްޓައިލްތަކަށް އަޅާ ބުރުގާއެވެ. ފެޝަން ޑިޒައިނަރުން ބެލީ އާ ގޮތްގޮތަށް ބުރުގާ ޑިޒައިން ކުރެވޭތޯއެވެ. ވިޔަފާރިވެރިން ބެލީ އެމީހުންގެ ވިޔަފާރި ކުރިއަރުވާށެވެ. އެބުރުގާއަކީ އިސްލާމީ މިންގަނޑަށް ފެތޭ އެއްޗެއްތޯ ނުވަތަ ނޫންތޯ ވިސްނާލުމެއްނެތިއެވެ. އެފަދަ ބުރުގާތައް ފެންނަން ފެށުމާއެކު މީހުންގެ ވިސްނުންބަދަލުވިއެވެ. ބުރުގާ އެޅުމުގެ މަޤުޞަދު ގިނަމީހުންގެ ހަނދާނުން ފިލައިގެން ދިޔައެވެ. ޙަޤީޤީ އިސްލާމީ ބުރުގާއާއި ޒަމާނީ ސްޓައިލް ތަކަށް އަޅާ ބުރުގާ އެއްވަރުވިއެވެ. އެވެސް ބުރުގާއެވެ. މިވެސް ނަމުގައި ބުރުގާއެވެ.

ބުރުގާގެ ބީރައްޓެހިކަން ފިލައި ފެޝަން ބުރުގާ ތަޢާރަފު ވުމާއެކު ތަފާތު ވިސްނުމުގެ މީހުން އެކި މަޤުޞަދުތަކުގައި ބުރުގާ އަޅަންފެށިއެވެ. ޙަޤީޤީ އިސްލާމީ ބުރުގާދެކެ ރުޅިއަންނަ މީހުންވެސް ބުރުގާގެ ނަމުގައި ބޮލުގައި ފޮތިކޮޅެއް އޮޅާ އޭގައިވާ ކުލަތަކުން މޫނު ޒީނަތްތެރި ކޮށްލިއެވެ. މޫނުމަތިން ފަލަކަމަށް ދައްކާ މީހުން ބޮލުގައިވާ އެ ތުނި ފޮތިކޮޅު އޮޅާލާ މޫނުގެ ބައްޓަން ރީތިކޮށްލިއެވެ. މައިންބަފައިން ކިޔާވަރުން ބުރުގާ އަޅަން މަޖުބޫރުވެފައިވާ ކުއްޖާ އެފޮތިކޮޅު އޮޅާ ނިތްކުރިމައްޗަށް އިސްތަށިކޮޅު ވައްޓާލިއެވެ. ހިތްއޮތީ ކޮންމެވެސް ފިލްމް ސްޓާރެއް ނޫނީ ލަވަކިޔުންތެރިއަކަށް ހުސްވެފައެވެ. ހުޅަނގުގެ ފެޝަންތަކަށް އަޅުވެތިވެފައެވެ.

އޭގެ ނަތީޖާއަކީ މިހާރު މަގުތައް މަތިން ފެންނަމުންދާ މަންޒަރެވެ. ކަނދުރާއިން ފެށިގެން ހަށިގަނޑުގެ ތިރީބައި ފެންނަނީ ހުޅަނގުގެ ފެޝަން މޮޑެލެއްހެންނެވެ. އެކުދިންގެ ހެދުންބާރުކަމުން ހަށިގަނޑުގެ ބައްޓަން ފާޅުވާއިރު ނިވާވެފައިވަނީ ހަމައެކަނި ގައިގެ ކުލައެވެ. ބައެއްކުދިންގެ ހެދުން ތުނިކަމުން ގައިގެ ކުލަވެސް އެނގޭހާވެއެވެ. މިއަދުގެ ބައެއް މުސްލިމް އަންހެންކުދިންގެ ހެދުންއެޅުމުގެ ވައްޓަފާޅި ފެނުމުން ޙައިރާންވެ ބަސްހުއްޓެނީ މުސްލިމުން އެކަންޏެއްނޫނެވެ. ބައެއް ޣައިރު މުސްލިމުންވެސް އެކުދިން ބުރުގާ އަޅާފައި ހުންނަގޮތާއި ލައިފާ ހުންނަ ހެދުން ބާރުވެފައި ކުރުކަމުން “ކުދިކިޔައެވެ.”

ބުރުގާއަކީ އިސްލާމީ ޝިޢާރެކެވެ. އިސްލާމީ ހެދުމުގެ ބައެކެވެ. ދީނީ ވާޖިބެކެވެ. އެހެންކަމުން ބުރުގާ އަޅަން ޖެހޭނީ ބުރުގާ އަޅަން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށެވެ. އަޅުގަނޑުމެން ސްކޫލުގެ ޔުނިފޯމު ލަނީ ސްކޫލުގެ ޤަވަޢިދުގައިވާ ގޮތަށެވެ. އޮފީސް ޔުނީފޯމު ލަނީ އޮފީހުގެ ޤަވާޢިދަށެވެ. އެހެންނަމަވެސް އިސްލާމީ ފޭރާން އިސްލާމް ދީނުގައި އަންގަވާފައިވާ ޤަވާއިދަށް  ފެތޭތޯ ބަލަނީ ކިތައް އުޚްތުންތޯ އެވެ. ސްކޫލަށް ދާން ތައްޔާރުވާއިރު ޔުނީފޯމު ގެ ޓައީއާއި ބަންދު އަޅަން ހަނދާން ބަހައްޓާ ފަދައިން ބުރުގާ އަޅާއިރު ތިމާގެ މޭމަތި ނިވާކުރަން ސަމާލުކަން ދެވޭތޯއެވެ. އޮފީސް ޔުނީފޯމް ފަހަން މިންނަގާއިރު ޔުނީފޯމުގެ ދިގުމިނާއި ފުޅާމިން އޮފީހުގެ ޤަވައިދަށް ފައްތަން މަސައްކަތް ކުރާއިރު ބޭރަށްދާން ލާހެދުން އޮންނަނީ ތިމާ ބޭނުން ތަނަކުން ދިގުކޮށްފައި ބޭނުންތަނަކުން ކުރުކޮށްފައެވެ. ދުނިޔޭގެ އާރެއްބާރެއް ނެތް އަޅުންނަށް ޖެހިލުންވެ އެމީހުންގެ އަމުރުތަކަށް ބޯލަނބަމުން ދާއިރު އެއަޅުންގެ ވެރި އިލާހަށް ނުކިޔަމަންތެރިވަނީ އެއްވެސް ބިރެއްޖެހިލުމެއްނެތިއެވެ.

އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “صِنْفَان مِن أَهلِ النَّار لَم أَرهُمَا، قَومٌ مَعَهُم سِياطٌ كَأذنَاب البَقَر يَضرِبُون بِها النَّاس ونِساءٌ كاسِيات عَاريَاتٍ مُمِيلاتٍ مَائلات رُؤسُهنَّ كَأسنِمة البُختِ المَائِلة، لا يَدخُلنَّ الجَنَّة ولا يَجِدنَ رِيحَهَا، وإنَّ رِيحَها لَيُوجَد مِن مَسيرَةِ كَذَا وكَذا” މާނައަކީ: “ނަރަކައިގެ އަހުލުވެރިންގެތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. ގެރިއެއްގެ ނިގޫތަކެއްފަދަ ޗާބޫކްތަކެއް ހިފައިގެން މީސްތަކުންގެ ގައިގައި ތަޅަމުން ދާ ބަޔެކެވެ. އަދި ހެދުން ލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ. އެކަނބަލުން ތިބެނީ އަނެކުންނާ ދިމާލަށް ލެނބިގެންވާ އަދި މީސްތަކުން ލަންބުވަމުން ދެއެވެ.  އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެފަދަ ކަނބަލުން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ސުވަރުގޭގެ ވަސްފޯރާ ހިސާބަށް ވެސް ނުދެވޭ ހުއްޓެވެ. ހަމަކަށަވަރުން ސުވަރުގޭގެ ވަސް މިވެނި އެވެނި ހިސާބަކަށް ދެމިގެންވެއެވެ.”

މި ޙަދީޘަށް ވިސްނާލުމުން، ތިމަންނަ މިހިރީ “ބުރުގާ” އަޅައިގެންނޭ ނުވަތަ ބުރުގާ ނާޅާ މީހުނަށްވުރެ “ޕޮއިންޓު” ގިނަވާނެއޭ ބުނެ ހިތްހަމަ ޖައްސާލައިގެން ހުރެވެން ނެތްކަން ހާމަވެއެވެ. ބުރުގާ އެޅިޔަސް ތިބާގެ ވަނާތައް ފާޅުވާހާ ހިނދަކު ތިބާވެސް ވަނީ މި ޙަދީޘްގައިވާ ބައިގަނޑުގެ ތެރޭގައެވެ. ވިސްނާލާށެވެ. ކިތައްމެ ދޫހެދުމެއް ލާފައި ހުއްޓަސް ބުރުގާ ނާޅާނަމަ ހިމެނެނީ “ހެދުންލައިގެން އޮރިޔާމުން” ހުރުން ކަމުގައެވެ. އެހެންކަމަށް ވާނަމަ ބުރުގާ އަޅާފައި ހުއްޓަސް ބާރުކޮށް، ތުނިކޮށް ނުވަތަ ކުރުކޮށް ހެދުން އެޅުން އެއީ “ހެދުންލައިގެން އޮރިޔާމުން” ހުރުންކަމަށްނުވާންވީ ކީއްވެގެންތޯއެވެ. އެހެނީ ބުރުގާ އަޅާފައި މިދެންނެވި ސިފަތައް ހުރިހެދުންލާމީހާގެ ލަދުވެތި ވަނާތައް މާބޮޑަށް ފާޅުވެއެވެ. ފިރިހެނުންގެ ލޯތަށް އެމީހުން ފަސްދީ އޮބާލާއިރުވެސް ވަކިވެގެން ނުދެއެވެ.

ބައެއް ކުދިންގެ ހިތުގައި ސުވާލު އުފެދޭނެއެވެ. ބުރުގާ އަޅާ ކުދިން ލާންޖެހެނީ ކޮންކަހަލަހެދުމެއް ހެއްޔެވެ؟؟!!

“އިސްތަށިގަނޑު އުފުލާފައި (ޖަމަލުގެ ގޮންގަނޑު ހުންނަހެން) ބުރުގާއެޅުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ.؟ ސްކިނީ ލާފައި ބުރުގާ އެޅުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ކަކުލާ ހިސާބަށް ހުންނަ ހެދުން ލާނަމަ ޓައިޓް ލިޔަސް އޯކޭ ވާނެބާއެވެ.؟ ބުރުގާ އަޅާކުދިން ހެދުމުގެ އަތުކުރި އޮޅާފައި ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ އަހަރެންމިހިރީ ދޫ ހަރުވާޅެއް ލައިފައެވެ. މަތިންލާ ޓޮޕް ކުރުވިޔަސް އޯކޭވާނެ ނޫންހެއްޔެވެ؟؟ މިހާދިގު ކަޅުހެދުމެއްލައިފައިވެސް މޭމަތި ނިވާ ކުރަން ޖެހޭހެއްޔެވެ.؟؟” ލޮބުވެތި އުޚްތުންނޭވެ. އަލަށް ތަޢާރަފުވާ ކޮންމެ ފެޝަނަކާމެދު ސުވާލު ނުއުފައްދާ އެންމެ ސުވާލެއްގެ ޖަވާބު ހޯދުމުންފުދޭނެއެވެ. އާދެ، އިސްލާމްދީނުގައި އަންހެނާ ހެދުން އަޅަންޖެހޭ ގޮތަކީ ކޮބާހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދާށެވެ. ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިންވަނީ އަންހެނާގެ ފޭރާމުގައި ހުންނަންޖެހޭ ޝަރުޠުތަކެއް ކަނޑައަޅުއްވާފައެވެ. މިޝަރުޠުތަކާ ތަޢާރުޟުވާ ކޮންމެ ހެދުމަކީ މުސްލިމުންނަށް ހުއްދަ ހެދުމެއް ނޫނެވެ. އެފަދަ ހެދުން ލުމުން ރައްކާތެރިވާށެވެ. ބޭރަށްދިއުމުގެ ކުރިން ލޯގަނޑުން ތިމާގެ މޫނާއި ހެދުން ރީތިތޯ ބެލުމަށްވުރެ ތިމާގެ ހެދުން އިސްލާމީ ހެދުމުގެ ޤަވައިދަށްފެތޭތޯ ބެލުމަށް އިސްކަންދޭށެވެ.

ލޮބުވެތި އުޚްތުންނޭވެ. ބުރުގާއަކީ ޒީނަތްތެރިކަން އިތުރަށް ހާމަކޮށް ތިބާއާ ދިމާއަށް މީހުން ލެންބުމަށް ބޭނުންކުރާ އާލަތަކަށް ނަހަދާށެވެ. ޙަޤީޤީ އިސްލާމީ ހެދުމާއި ބުރުގާއެޅުމުގެ ސަބަބުން ﷲތަޢާލާގެ ރުއްސެވުން ލިބި ސުވަރުގެ ލިބުމަށް މަގުފަހިވާނެއެވެ.

އިސްލާމީ ހެދުމުގެ ޝަރުޠުތައް ފުރިހަމަ ވާގޮތަށް ހެދުން އަޅާކުދިންނަށް ބައެއްފަހަރަށް މަލާމާތާއި ފުރައްސާރަ އާއި ކުރިމަތިލާންޖެހެއެވެ. އެތަކެއް ދަތިތަކަކާއި ހިތްދަތިކަމެއް ދިމާވެއެވެ. މިހުރިހާ ކަންތަކަށް ކެތްތެރިވެ ފުރިހަމަ އިސްލާމީހެދުމުން ނިވާވެ މިދީނުގައި ޘާބިތުވުމަށް މަސައްކަތްކުރާށެވެ. ނަރަކައިގެ ވޭނާއި ހޫނާއި ޢަޒާބަށް ބަލާއިރު މިދުނިޔޭގެ ވޭނަކީ އެއްވެސް އެއްޗެއްނޫނެވެ. މިއަދު ﷲތަޢާލާގެ އަމުރުފުޅަށް ބޯ ނުލަނބާ ދުނިޔަވީ އުފަލާއި އެދުމަށްޓަކައި ތިމާބޭނުން ގޮތަކަށް ހެދުންލައިގެން އުޅެނިކޮށް މަރުއައިސް ބައްދަލުކުރާނީ ކޮންވަގުތަކު ކަމެއްނޭނގޭނެއެވެ. އޭރުން ދެއްކޭނެ ޢުޒުރެއް ބަހަނާއެއް ނޯންނާނެއެވެ.