[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

” ق ” ސޫރަތާއި ” الجمعة ” ސޫރަތާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘްތައް.

leter-q-arabic

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ކީރިތި ޤުރުއާނުގެ ކޮންމެ ސޫރަތަކީވެސް މާތްވެގެންވާ ސޫރަތެކެވެ. ނަމަވެސް ޤުރުއާނުގެ ބައެއް ސޫރަތްތަކާއި ބައެއް އާޔަތްތަކަށް އެހެން ސުރާތްތަކާއި އާޔަތްތަކަށް ލިބިފައިނުވާ ބައެއް ޚާއްޞަކަން ލިބިފައިވެއެވެ.

މިގޮތުން ހުކުރުނަމާދުގެ ފުރަތަމަ ރަކްޢަތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ” الجمعة ” ސޫރަތް އަދި ދެވަނަ ރަކްޢަތުގައި ” المنافقون ” ސޫރަތް ކިޔަވާ ވިދާޅުވީ ކަމަށް އެންގެން އޮތުން ފިޔަވައި، ” الجمعة ” ސޫރަތުގެ މާތަކަމާއިމެދު ޞައްޙަ މަގުން އެއްވެސް ޙަދީޘްއެއް އައިސްފައެއް ނުވެއެވެ.

ނަމަވެސް ” ޤާފް ” ސޫރަތުގެ މާތްކަމާއި ބެހޭގޮތުން ޞައްޙަ ބައެއް ޙަދީޘްތައް އައިސްފައި ވެއެވެ.

1-     ޢުބައިދުﷲ ބުން ޢަބްދުﷲ ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ” އަބޫ ވާޤިދު އައްލައިޘިއްޔުގެ އަރިހުން ޢުމަރުގެފާނު ސުވާލުކުރެއްވިއެވެ. އަޟްޙާ ޢީދު ނަމާދާއި ފިޠުރު ޢީދު ނަމާދުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިޔަވާ ވިދާޅުވީ ކޮންސޫރަތްތަކެއް ހެއްޔެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެދެނަމާދުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިޔަވާވިދާޅުވީކަމުގައި ވީ ” ق وَالْقُرْآنِ الْمَجِيدِ ” އަދި ” اقْتَرَبَتِ السَّاعَةُ وَانْشَقَّ الْقَمَرُ ” މި ދެސޫރަތެވެ. ” رواه مسلم

2-     އުއްމު ހާޝިމް ބިންތު ޙާރިޘާ ބުނުއްނުޢުމާން ވިދާޅުވިއެވެ. ” ކޮންމެ ހުކުރު ދުވަހެއްގައި ހުކުރު ޚުޠުބާއެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤާފް ސޫރަތް ކިޔަވާ ވިދާޅުވާތީ، އެގޮތުން މެނުވީ ތިމަންނާއަށް އެ ސޫރަތް ހިތުދަސްވީކަމުގައިނޫނީ ނުވެއެވެ. ” رواه مسلم

އަލް އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ :

” ޢިލްމުވެރިން ވިދާޅުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސޫރަތް އިޚްތިޔާރު ކުރެއްވުމުގެ ސަބަބަކީ، އެ ސޫރަތް އެކުލެވިގެންވަނީ ދެވަނަފަހަރަށް ދިރުއްވުމާއި، މަރާއި ، ވަރުގަދަވެގެންވާ ނަޞޭޙަތާއި ، ޢަޒާބުގެ ވާހަކައިން މީސްތަކުން ބިރުގެންނެވުންފަދަ ވާހަކަތަކުގެ މައްޗަށެވެ. އަދި ހުކުރު ޚުޠުބާގައި ޤާފް ސޫރަތް ނުވަތަ އެ ސޫރަތުގެ ބައެއް ކިޔެވުން މުސްތަޙައްބުވެގެންވާކަން ބަޔާންވެދިޔަ އުއްމު ހާޝިމް ބިންތު ޙާރިޘާ ބުނުއްނުޢުމާންގެ ޙަދީޘުން ދޭހަވެއެވެ. “

އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ޢީދާއި ހުކުރުފަދަ ބޮޑެތި އިޖްތިމާޢުތަކުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސޫރަތް ކިޔަވާކަމުގައިވެއެވެ. އެއީ ޚަލްޤުތަކުންގެ ފެށުމާއި ، ދެވަނަފަހަރަށް ފޮނުއްވުމާއި، ޙިސާބުކިތާބުގެ ކަންތަކާއި، ސުވަރުގެއާއި ނަރަކައިގެ ވާހަކަތަކާއި ޘަވާބާއި ޢަޒާބުގެ ވާހަކަތަކުގެ މައްޗަށް އެކުލެވިގެންވާތީއެވެ. “