ހާރުކާގަޑީގައި ކިޔަން ވަކި ޚާއްސަ ދުޢާއެއް ސުންނަތުގައި ވާރިދުވެގެން އައިސްފައެއް ނުވެއެވެ. ނަމަވެސް ޝަރުޢުވެގެންވަނީ ﷲ ތަޢާލާގެ އިސްމުފުޅުގެ ބަރަކާތުން ކާންފެށުމާއި އަދި ކައިނިމުމަށްފަހު ﷲ ތަޢާލާއަށް ޙަމްދުކުރުމެވެ. އެއީ އާއްމު ޙާލަތުގައި ކަންކުރާފަދައިންނެވެ.
އެހެންނަމަވެސް، ރޭގަނޑުގެ ތިންބައިގެ ތެރެއިން ފަހުބައިގައި ހާރުކާނަމަ ދަންނާށެވެ! ފަހެ، އެއީ ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާ ގަޑިއެވެ. އަދި އެއީ ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ.
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މާނަ: ” ތިމަންމެންގެ ވެރިރައްބު ﷲ ތަބާރަކަ ވަތަޢާލާ ކޮންމެ ރެއެއްގެ ފަހުބައިގައި ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގަންނަވައެވެ. އަދި ވަޙީކުރައްވައެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކުހެއްޔެވެ. އެމީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކޮށްދެއްވާހުށީމެވެ. ތިމަން އިލާހުގެ ހަޟްރަތުން އެދި ދަންނަވާނީ ކާކުހެއްޔެވެ. އެމީހަކަށް ތިމަންއިލާހު ދެއްވާހުށީމެވެ. ފާފަ ފުއްސަވާދެއްވުން އެދި ތިމަން އިލާހަށް ދަންނަވާނީ ކާކުހެއްޔެވެ. އެމީހެއްގެ ފާފަ ތިމަން އިލާހު ފުއްސަވާދެއްވާހުށީމެވެ. “ رواه البخاري ( 1094 ) ومسلم ( 758 ) އެހެންކަމުން އެ ވަގުތަކީ ދުޢާ އިޖާބަކޮށްދެއްވާ ވަގުތަކަށްވީތީ، އެ ވަގުތުގައި ބޭނުން ދުޢާއެއް ކުރެވިދާނެއެވެ. ނަމަވެސް އެވަގުތުގައި ދުޢާކުރަން ޖެހޭނީ، އެވަގުތަކީ ހާރުކާގަޑިޔަށް ވީތީ ކުރާ ދުޢާއެއްގެ ގޮތުގައެއްނޫނެވެ.
އަދި ނިޔަތާއިމެދު ބުނަމެވެ. ނިޔަތްގަންނާނީ ހިތުންނެވެ. ދުލުން ނިޔަތްކިޔުމަކީ ޝަރުޢުކުރެވިފައިވާ ކަމެއްނޫނެވެ. ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިއެވެ. ” ތިމަން މާދަމާ ހުންނާނީ ރޯދައަށޭ މީހަކު ހިތަށް އަރުވައިފިނަމަ އެމީހަކަށް އެ ނިޔަތް ގަނެވުނީއެވެ. “
والله أعلم .