ޖުނުބުވެރި ޙާލުގައި ކައިބޮއިހެދުމާ ނިދުމަކީ މަނާކަމެއް ނޫނެވެ. ނަމަވެސް ޖުނުބު ވެރިވެގެންވާ ޙާލު ކައިބޮއި ނިދައި ހަދަން ބޭނުންވެއްޖެނަމަ ޥުޟޫކޮށްގެން ކައިބޮއި ހެދުން މުސްތަޙައްބު ވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރަނގަޅު ނަމޫނާގައި ވާގޮތަކީ އެއީއެވެ. މާތްﷲ ރުއްސުންލެއްވި ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ.
“ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَرَادَ أَنْ يَأْكُلَ أَوْ يَنَامَ تَوَضَّأَ تَعْنِي وَهُوَ جُنُبٌ” (އަބޫދާއޫދު 221)
ޔަޢުނީ : “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖުނުބު ވެރިވެ ވަޑައިގެންވާ ޙާލުކޮޅު ފަރީއްކުޅުއްވަން ނުވަތަ އަވަހާރަފުޅު ލެއްޕެވުމަށް ބޭނުންފުޅުވާނަމަ ޥުޞޫކުރައްވާކަމުގައި ވިއެވެ.” މިއެވެ.
ވީމާ ޖުނުބުވެރިވެގެންވާ ޙާލު ކައިބޮއި ހެދުމާ އަދިފަހުން ހިނައިގަތުމަށްޓަކައި ހިނައިގަތުމުގެ ކުރީ ނިދުމީ މަނާކަމެއްނޫނެވެ. ނަމަވެސް އެފަދަކަމެއް އެފަދަ ޙާލުގައި ކުރަން ޤަސްދުކުރާމީހާ ވުޟޫކުރުމީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދު ގައިވާ ގޮތެވެ. އެއީ ރަނގަޅު މޮޅު އިތުރުގޮތެވެ. އަދި ޖުނުބު ވެރިޔާ ކައިބޮއި ހެދުމާއި ނިދުމާ މިކަންކަމުގެ ކުރިން ހިނައިގަތުމަކީ އޮޅުމެއްނެތްގޮތުގައި އެންމެ ރަނގަޅު ގޮތެވެ. ފަހެ މިހުރިހާ ގޮތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަތިވެރި އިރުޝާދުން ފެންނަ ގޮތްގޮތެވެ.