[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް ޢަމަލުކުރުން

DSC01226ސުންނަތަށް ޢަމަލު ކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުން ސުންނަތް ވާޖިބުކަން ރަނގަޅަށް އެނގެއެވެ.

މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا  (الحشر 7) –މާނައީ: “ކަލޭމެންގެ ގާތަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ކޮންމެ ކަމެއްގައި ކަލޭމެން ހިފާށެވެ. (އެބަހީ؛ އެކަމެއް ޤަބޫލުކޮށް އެގޮތަށް ޢަމަލުކުރާށެވެ.) އަދި އެނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަކުން ކަލޭމެންނަށް ނަހީކުރައްވާ މަނާކުރެއްވި ކޮންމެ ކަމަކުން ކަލޭމެން ދުރުވެ ގަންނާށެވެ.”

 

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވ ވަސައްލަމަ ނުހަނު ބޮޑަށް އުއްމަތަށް އަމުރުފުޅު ކުރައްވާފައިވަނީ އެނަބިއްޔާގެ ސުންނަތުގައި ހިފުމަށެވެ. އަދި އެއަށް ޢަމަލުކުރުމަށެވެ.

 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخَلَفَاءِ الرَّاشِدِيْنَ الْمَهْدِيِّيْنَ تَمَسَّكُوا بِهَا عَضُّوا عَلَيْهَا بِالنَّوَاجِذِ) (ابو داؤد , والترمزى)މާނައީ: “ތިމަންނަބިއްޔާ އަދި ތިމަން ނަބިއްޔާއަށް ފަހު ތެދުމަގު ލިބިގެން ތިއްބެވި ޚުލަފާއުއް ރާޝިދީންގެ ސުންނަތުގައި ހިފުން ތިޔަބައި މީހުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަދި ރަނގަޅަށް (ދޫނުވާ ވަރަށް) ކޮލުދަތުން ދަތް އަޅާ ހިފަހައްޓާށެވެ.” އެބަހީ؛ ސުންނަތަށް ތަބަޢުވެ އަދި ސުންނަތުގައިވާ ފަދައިން ޢަމަލުކުރާށެވެ. އެއާއި ޚިލާފަށް ޢަމަލުނުކުރާށެވެ.

އާދެ! ޚުލަފާއުއް ރާޝިދީންގެ ސުންނަތުގައި ހިފުމީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅެއްކަން ހަނދާން ކުރުން ހުއްޓެވެ. ނަމަވެސް އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ފެންނަށް ނެތް ޙާލުގައެވެ.

 

އެހެން ޙަދީޘެއްގައި ވެއެވެ. فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي (البخارى)މާނައީ: “ފަހެ ތިމަން ނަބިއްޔާގެ ސުންނަތުން މޫނު އަބުރާލައިފި މީހާއީ ތިމަން ނަބިއްޔާގެ ހިދާޔަތުގައިވާ މީހަކު ކަމުގައި ނުވެއެވެ.”

 

މިޙަދީޘްގެ މުރާދަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައިވާ ގޮތްފެނި އަދި އެސުންނަތުގައިވާ ގޮތަށްވުރެ އެހެންގޮތެއް ރަގަޅުވާނެ ކަމުގައި ބަލައި އެގޮތަށް ޢަމަލުކުރާ މީހާއީ ސުންނަތްދޫކޮށްލި މީހެއްކަމުގައި ބެލެވޭނެ ވާހަކައެވެ. އަދި އެނަބިއްޔާގެ ސުންނަތްދޫކޮށްފި މީހާއީ އެކަލޭގެފާނުންގެ ހިދާޔަތުންބޭރު ގައިވާ މީހެއްކަން އަންގައި ދެއްވުމެވެ.

ޝައްކެއްވެސްނެތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތު ގައިވާ ގޮތަށް ޢަމަލުތައް ބަރާބަރު ކޮށްގެން މެނުވީ ފުރިހަމަ މުސްލިމަކަށް ނުވާނެއެވެ.

 *************************************************

ސުވާލު:

(1) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުގައި ހިފައި ޢަމަލުކުރުމުގައި ޙުކުމަކީ ކޮބައި ހެއްޔެވެ؟

(2) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ހިފުމަށް މާތް ﷲ ވަޙީ ކުރައްވާފައިވަނީ ކޮން ފަދައަކުން ހެއްޔެވެ؟

(3) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ހިފުމަށް އެނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއް ބަޔާންކުރޭ!