ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ ޤައުމުކަމުގައިވާ އަލްޖަޒާއިރުގައި (ދުސްތޫރީ އިންތިޚާބުތަކެއް) އޮވެއެވެ. އެކަމުގައި އިސްލާމީ ޝަރީޢަތަށް ޙުކުމްކުރުމަށް ގޮވާލާ ޕާޓީތަކާއި އިސްލާމީ ޝަރީޢަތަށް ޙުކުމްކުރަން ބޭނުންނުވާ ޕާޓީތައްވެއެވެ. ނަމާދުކޮށް އުޅޭ ބައެއްމީހުންވެސް އިސްލާމީ ޝަރީޢަތާ ދެކޮޅަށް އިންތިޚާބުގައި ވޯޓުލާ ހަދައެވެ. އެފަދަ މީހެއްގެ ޙުކުމަކީ ކޮބާ؟
އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމް ނުކުރާ ޤައުމުތަކުގައި އުޅެމުންދާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެބައިމީހުންނަށް ވީ ވަރަކުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމްކުރުވުމަށް މަސައްކަތް ކުރުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކާ ގުޅި އެކަތިގަނޑެއްގެ ގޮތުގައި ތިބެ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމްކުރާނެކަމަށް އެނގިފައިވާ ޕާޓީއަށް އެހީތެރިވުމެވެ.
އިސްލާމީ ޝަރީޢަތަށް ޢަމަލުނުކުރުމަށް ގޮވާލާ ބަޔަކާ އެހީތެރިވުމާމެދު ދަންނައެވެ. ފަހެ މިއީ ހުއްދަކަމެއްނޫނެވެ. އަދި ކިއެއް ހެއްޔެވެ. އޭގެ ސަބަބުން އެކަންކުރާމީހާ ކާފަރުވުންވެސް އެކަށީގެންވެއެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ ﴿٤٩﴾ أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴿٥٠﴾ [ سورة المائدة ]
މާނައީ: “އަދި الله ބާވައިލައްވާފައިވާ ޙުކުމުން އެއުރެންގެ މެދުގައި ކަލޭގެފާނު ޙުކުމްކުރައްވާށެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައި ނުގަންނަވާށެވެ. އަދި الله ކަލޭގެފާނަށް ބާވާލެއްވި ބައެއް އާޔަތުން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ. ފަހެ އެއުރެން ފުރަގަސްދީފިނަމަ ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން الله އިރާދަކުރައްވަނީ އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން އެއުރެންނަށް ޢުޤޫބާތް ދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންނީ ފާސިޤުންކަން ކަށަވަރެވެ . [49] ފަހެ އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ ޙުކުމް ހެއްޔެވެ. ޔަޤީންކުރާ ބަޔަކަށް الله އަށް ވުރެ ޙުކުމްކުރެއްވުމަށް މޮޅީ ފަހެ ކާކު ހެއްޔެވެ. [50]”
އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމްނުކުރާ މީހުންގެ ކާފަރުކަން ﷲވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި އެބައިމީހުންނަށް އެހީތެރިވުމާއި އެބައިމީހުން ގާތް ބަޔަކުކަމުގައި ހެދުމުން ރައްކާތެރިވުމަށް އަންގަވާފައިވެއެވެ. އަދި އެއިލާހު އަމުރުކުރައްވާފައިވަނީ މުއުމިނުންނަށް ތަޤްވާވެރިވުމަށެވެ. އެއީ އެބައިމީހުންނަކީ ޙަޤީޤަތުގައިވެސް މުއުމިނުންކަމުގައިވާނަމައެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِّنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ ۚ وَاتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ﴾ [سورة المائدة ٥٧]
މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ ދީނަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، ކާފަރުން އެއީ އެހީތެރިން ކަމުގައި ނުހަދާށެވެ. އަދި ތިޔަބައިމީހުންނީ މުއުމިނުން ކަމުގައިވާނަމަ اللهއަށް ތަޤްވާވެރިވާށެވެ.”
وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ
عبد العزيز بن عبد الله بن باز
عبد الرزاق عفيفي
عبد الله بن غديان
_____________________________________