[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިދުޢަ

ބިދުޢައޭ ބުނެވުނު ބަހުގެ މާނައީ؛ އަލަށް ކަމެއް ނުވަތަ އެއްޗެއް އުފެއްދުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ބިދުޢައޭ ބުނެވުނު ބަހުގެ މާނައީ؛ އިސްލާމް ދީނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑައަޅުއްވާފައި ނުވާކަމެއް އެނަބިއްޔާއަށް ފަހު، ދީނުގެ ކަމެއް ކަމުގައި ހަދައިގެން ކުރުމެވެ. ނުވަތަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑައަޅުއްވާފައިވާ އަޅުކަމެއް އެނަބިއްޔާ ދެއްކެވި ގޮތްނޫން އެހެން ގޮތަކަށް ކުރުމެވެ. އަދި ދީނުގައި ކަޑައެޅިފައިވާ ކަމެއް އުނިކޮށް އަދި އެއީ ދީނުގައި ނެތް ކަމެއް ކަމުގައި ހެދުމަކީވެސް ބިދުޢައިގެވައްތަރެކެވެ.

 

ދީނުގެ ކަންތައް ކަމުގައި ނުހިމެނޭ ކަންތައް އަލަށް އުފައްދައި އީޖާދުކޮށް ހެދުމަކީ އެއްވެސް ހާލެއްގައި މަނާކަމެއް ނޫނެވެ. އަދި އެފަދަ ކަންކަމަށް ޝަރީޢަތުގައި ބިދުޢައެކޭ ނުކިޔާނެއެވެ. މިސާލަކަށް މަތިންދާ ބޯޓުހެދުން، ޓީވީހެދުން، ކާރެއް ނުވަތަ މޮޓަރ ސައިކަލެއް ހެދުން ފަދަ އެއްޗެތި އުފެއްދުމަކީ ޝަރީޢަތުގައި ބިދުޢައެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެފަދަ އެއްޗެތި ހެދުމީ ބޭނުންތެރި އަދި އެދެވޭ ކަންކަމެވެ.

ޝަރީޢަތުގައި މަނާވެގެންވާ ބިދުޢައިގެ އަޞްލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަރުޢީ ގޮތުން އެކަންކަމާއިގެން ވަޑައި ގެންނެވި ކަންކަމުގައި (ނަމާދު، ރޯދަ، ޒަކާތް ދިނުން، ހައްޖުވުންފަދަ އަދި ޞަލަވާތްކިޔެވުން، ދުޢާކުރުން) ޙަޤީޤަތުގެތެރެއަށް ނުވަތަ ސޫރައަށް އުނި އިތުރު ގެނައުމެވެ. އެނޫން ކަންކަން އީޖާދުކުރުމާއި އުނި އިތުރު ކުރުމެއް ނޫނެވެ.

ފަހެ ޝިރުކަކީ ތައުޙީދު އިދިކޮޅު ކަމުގައި ވީފަދައިން ބިދުޢައަކީ ސުންނަތުގެ އިދިކޮޅެވެ. ތައުޙީދާއި ޝިރުކު، އެއްކައުވަންތަކުރުމުގައި އެއްނުކުރެވޭނޭ ފަދައިން ސުންނަތާއި ބިދުޢަވެސް އެކެއް ނުކުރެވޭނެއެވެ. މާނައީ؛ އަޅުކަމެއް ކުރާއިރު ޝިރުކުކޮށްފިނަމަ ތައުޙީދުގެއްލުނީއެވެ. ހަމައެފަދައިން އަޅުކަމެއް ކުރާއިރު ބިދުޢަ ހަދައިފިނަމަ ސުންނަތުގެ އަލިކަން ގެއްލުނީއެވެ. ސުންނަތަކީ ތެދުމަގެވެ. ބިދުޢަ އަކީ މަގުފުރެދުމެވެ. ސުންނަތަކީ އިލާހީ ވަޙީއިން އުފެދިފައިވާ އެއްޗެކެވެ. ބިދުޢައަކީ އިންސާނާގެ ހަވާނަފްސުއެދޭ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ. ޝައްކެތްނެތެވެ. މުސްލިމުން ބިދުޢައިން ދުރުވެ ސުންނަތުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމީ ވާޖިބުއެކެވެ.

 

ސުވާލު:

(1) ބިދުޢަ އޭ ބުނެވުނު ބަހުގެ މާނައަކީ ކޮބައި ހެއްޔެވެ؟

(2) ޝަރީއަތުގެ އިޞްޠިލާޙުގައި ބިދުޢަ އޭ ބުނެވުނު ބަހުގެ މާނައަކީ ކޮބައި ހެއްޔެވެ؟

(3) ބިދުޢާގެ އިދިކޮޅު އެއްޗަކީ ކޮބައި ހެއްޔެވެ؟

(4) ސުންނަތާއީ ބިދުޢައާއި ހުރި ފަރަޤަކީ ކޮބައި ހެއްޔެވެ؟

(5) ޝަރީއަތުގައި މަނާވެގެންވާ ބިދުޢައިގެ އަޞްލަކީ ކޮބައި ހެއްޔެވެ؟

(6) ކާރެއް ނުވަތަ ޓީވީއެއް އަލަށް އުފެއްދުމީ ޝަރީޢަތުގައި ބިދުޢަހެއްޔެވެ؟