[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިދުޢަ ހަދަން ދިމާވި ބައެއް ސަބަބު

ދީނުގެ ކަންކަމުގައި ބިދުޢަހެދި މީސްތަކުން ބިދުޢަހަދާފައިވަނީ އެކިއެކި ސަބަބާހުރެއެވެ. އެކިއެކި މަޤްޞަދުގައެވެ. ބައެއް މީހުން ބިދުޢަހެދީ ސުންނަތަށް ޢަމަލުނުކުރުމުގެ ގަސްތުގައެވެ. އަނެއް ބަޔަކު ބިދުޢަހެދީ ސުންނަތް ނޭނގިގެންނެވެ. އަދި އަނެއް ބަޔަކު ބިދުޢަ ހެދީ، މަތިވެރިވެ ގަތުމުގެ އެދުމުގައެވެ. ނަމަވެސް މިހުރިހައި ސަބަބެއްވެސް ޙަޤީޤަތުގައި ނިމެނީ ހަމަ އެއް އަޞްލަކަށެވެ. އެއީ ތިމާމެންގެ އަމިއްލަ އެދުން ފޫބައްދާށެވެ. ނަތީޖާއަކަށްވީ ތިމާމެންގެ އެދުންތައް ފުރިހަމަ ކުރުމުގެ ހަތިޔާރެއްގެ ގޮތުން ދީނުގެ އެކިއެކި ކަންކަމަށް ޝަރުޢީ ގޮތްގޮތް ނޫންގޮތުން ދީނުގެ ކިތަންމެ ހުކުމްތަކެއް އޮޅުވާ، ތިމާއާއި އަދި އެހެނިހެން މީސްތަކުންވެސް މަގު ފުރެއްދުމެވެ. އާދެ! ދީނުގައި ބިދުޢަހެދި މީހުން ބިދުޢަހަދަން ދިމާވި ސަބަބުތައްކަމުގައި ދީނުގެ ޢިލްމުވެރިން އަރިހުގައި މުޢުތަބަރުވެފައިވާ މުހިންމު ބައެއް ސަބަބު ނޯޓް ކޮށްލަމެވެ.

1- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ނޭނގުން؛ އެއީ ތެދުމަގު އޮޅި މަގުފުރެދޭނެކަމެކެވެ. އަދި މަގު ފުރެދުމުން ބިދުޢަހަދާނެއެވެ.

2- ޤަސްތުގައި ސުންނަތައް ޢަމަލުކުރުން ދޫކުރުން؛ ފަހެ ސުންނަތަށް ޢަމަލުކުރުން ދޫކޮށްފިނަމަ ދެން ބިދުޢަހެދުމާއިގެން މަޝްޣޫލުވެދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ * وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُمْ مُهْتَدُونَ)(الزحرف 36, 37)  މާނައީ: “ﷲ ތަޢާލާގެ ތެދުމަގާއި ފޭވެގެންފި މީހާއަށް، ޝައިތާނެއް އެކުވެރިއެއްގެ ގޮތުގައި ތިމަން އިލާހު ފާ ކުރައްވާ ހުށީމެވެ. އެ ޝައިތާނާ އަބަދުވެސް އޭނާއާއި އެކުގައި އުޅޭނެއެވެ. އަދި އެ ޝައިތާނާ އޭނާ އާއި އެކުގައިވާ މީހުން ސީދާ މަގުން ދުރުކުރާނެއެވެ. އަދި އެމީހުންނަށް އެލިބުނު ވަސްވާސް ތަކުގެ ސަބަބުން އެމީހުންނީ ތެދުމަގުގައިވާ ބަޔަކު ކަމުގައި އެމީހުން ހީކުރާނެއެވެ.”

މިއާޔަތުން ވަރަށް ތަފްޞީލުކޮށް ބިދުޢަވެރީންގެ ކަންތައް ހުންނަ ގޮތް ބަޔާންކޮށް ދެއްވަނީއެވެ. ބިދުޢަވެރީން އަބަދުވެސް ހީކުރަނީ އެމީހުން މިތިބީ ހަމަ ތެދުމަގުގައި ކަމަށެވެ. އެހެން މީހުން އެތިބީ މަގު ފުރެދިފައި ކަމަށެވެ. ނަމަވެސް މަގުފުރެދިފައިވަނި ހަމަ ބިދުޢަވެރިންނެވެ.

3- އަޅުކަމާއި ހެޔޮކަންތައް ކުރުމުގެ އެދުން ބޮޑުވުން؛ ފަހެ އެފަދަ މީހުން ދީނުގެ ސިދާމަގު ފެންނާން ނެތްނަމަ ތިމާމެންނަށް ރަނގަޅޭ ހީވާހައި ގޮތެއް އަޅުކަމުގައި ހަދައި ކިޔެވެލިތަކާއި ވިރުދުތައް އިތުރުކޮށް ދީނުގެ  އަޅުކަމުގެ ތެރެއަށް ވައްދާނެއެވެ.

4- އިސްލާމްދީނާއި މުސްލިމުން ހަލާކުކޮށް ބަރުބާދު ކުރުން؛ ޝިޢައީންނާއި މަގުފުރެދިފައިވާ ފިރުޤާތައް އުފެދިފައިވަނީ މިމަޤްސަދު ގައެވެ.

5- ވެރިންގެ ކިބައިން ތަކެތި ހޯދައި ނަސީބުހޯދުން؛ އާދެ، މިމަޤުޞަދުގައި އުފެއްދީ ކިތަންމެ ބިދުޢައެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަމުގައި އެތަކެއް ޙަދީޘްހެދިއެވެ. ޙަލާލުކިތަންމެ ކަމެއް ޙަރާމްކޮށް، ޙަރާމްކިތަންމެ ކަމެއް ޙަލާލުކުރިއެވެ. ކީރިތި ޤުރްއާނަކީ މަޚްލޫގެކޭ ކިޔައިގެން އުފެދުނު ބިދުޢަ އުފެދުނީވެސް މިގޮތުގެ މަތިންނެވެ. والعياذ باالله

މިބަޔާންވެ ދިޔައީ ހައްތާވެސް ބިދުޢަވެރީން ބިދުޢަހަދާން ދިމާވި ސަބަބެވެ. މިއިން އެންމެ ސަބަބެއް އެކަނިވެސް އިސްލާމްދީނުގެ ހިދާޔަތުން މީހާ ދުރުކުރުމަށް ފުދެއެވެ. އަދި މިނޫންވެސް ސަބަބު އެބަހުއްޓެވެ. ނަމަވެސް މިއީ ޢާންމުކޮށް ހިނގާ ސަބަބުތައްކަމުގައި ވާތީ މިވަރުން ފުއްދައި ލީއެވެ.

نسأل الله السلامة من مصائب البدع.