[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނުގައި ބިދުޢައިގެ ޙުކުމް

އިސްލާމް ދީނުގައި ބިދުޢަހެދުމަކީ ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އަދި އިޖްމާޢުން ސާބިތުވާ ގޮތުގައި ކަނޑައެޅިގެން ޙަރާމްކަމެކެވެ.

ފަހެ މީސްތަކުންނަށް ދީން ޝަރުޢުކޮށް ދެއްވައި ކަނޑައަޅުއްވައި ހެއްދެވުމުގެ ވެރިއަކީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ، ބިދުޢަހަދާ މީހާ ދީނުގައި ކަނޑައެޅިފައި ނެތްކަމެއް ދީނުގެ ތެރެއަށް ވެއްދީމާ މީސްތަކުންނަށް ދީން ޝަރުޢު ކުރުމުގައި ﷲ އާ ބައިވެރިވެ އެއިލާހުގެ ޙައްޤަކަށް އަރައިގަތީއެވެ. އެ ނަޒަރުން ބަލާއިރު ބިދުޢަ ވެރިޔާ ﷲތަޢާލާއާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަނގުރާމަކޮށް އުރެދުނީއެވެ.

 

ދީނުގައި ބިދުޢަހަދާ މީހުންނަށް ﷲ ތަޢާލާ ކޯފާގެ ބަސްފުޅު ވަޙީކުރައްވައެވެ.

(أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ)[الشورى 21]

މާނައީ: “ﷲ ތަޢާލާ އެކަންކަމަށް އިޒުނަ ދެއްވާފައިނުވާ ކަންކަން އެމީހުންނަށް ޝަރުޢުކޮށްދޭ ބައިވެރިންތަކެއް އެކާފަރުންނަށް ފަހެވަނީހެއްޔެވެ. އަދި ޤިޔާމަތް ދުވަހުން އެމީހުންނަށް ޢަޛާބުދެއްވުމުގެ ކަލިމަފުޅު ކަނޑައެޅިފައި ނުވާނަމަ ހަމަކަށަވަރުން (ދުނިޔޭގައި) އެމިހުންގެ މެދުގައި ނިޔާ ކުރައްވައި އެމީހުންނަށް ޢަޛާބުދެއްވައިފީހެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިން (ދަންނައެވެ) އެމީހުންނަށް ވޭންދެނިވި ޢަޛާބުވެއެވެ.”

ޝައްކެތް ނެތެވެ. ބިދުޢަވެރިންނާއި ﷲ ތަޢާލާގެ އިޒްނަ އަކާއި ނުލައި ދީނުގައި ކަންތައް ޝަރުޢުކުރާ މީހުންނާއި އެބައި މީހުންގެ ބަހަށް ކިޔަމަންތެރިވާ މީހުންނީ އަނިޔާވެރިންކަން މިއާޔަތުން ފާހަކަކޮށްދެމެވެ.

ފަހެ صحيح مسلمގައި ރިވާވެގެންވާ العرباض بن ساريةގެ ޙަދީޘްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

((وإياكم ومحدثات الأمور ؛ فإن كل محدثة بدعة ، وكل بدعة ضلالة)) [أبو داود 4583]

މާނައީ: “ދީނުގައި އަލަށްއުފައްދާ ކަންކަމަށް ތިޔަބައި މީހުން ބިރުވެތިވެ، އެކަންކަމާއި ގާތްނުވާށެވެ. ހަމަކަށަވަރުން ދީނުގައި އަލަށް އުފައްދާ ކޮންމެ ކަމަކީ ބިދުޢައެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.” އަދި މިޙަދީޘްގެ ބައެއް ރިވާޔަތުގައި ވަނީ، “ކޮންމެ މަގުފުރެދުމަކީ ނަރަކައިގައިވާ ކަމެކެވެ.”

 

އަދި އެހެން ޙަދީޘްއެއްގައި ވެއެވެ.

((من أحدث فى أمرنا هذا ما ليس منه فهو رد)) [أبو داود 4582]

މިހަދީޘްގެ މުރާދަކީ: “ތިމަން ނަބިއްޔާ މިގެންނެވި އިސްލާމް ދީނުގައި ނުވާކަމެއް އުފައްދައި އެދީނުގެ ތެރެއަށް ވައްދައިފި މީހާއަށް އެކަމެއް ރައްދުވެގެން ވެއެވެ.” އެބަހީ؛ އެއީ ބާޠިލު ކަމެކެވެ. އެކަމެއް ޤަބޫލެއް ނުކުރައްވާނެއެވެ.

އާދެ! މި ދެހަދީޘުން އެކަނިވެސް މިދީނުގައި ބިދުޢަހެދުމުގެ ނުރައްކާތެރިކަން ފައުޅުވެ ހާމަވެއްޖެއެވެ. ފަހެ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ ބިދުޢަހެދުމުގެ ނުރައްކާތެރިކަމުން ދުރުވެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކަށް ތަބަޢުވެ އެސުންނަތުގައިވާގޮތުން ޢަމަލުކުރުމެވެ. އަދި މީހަކު ބިދުޢައެއް ހަދާތީ ފެނިއްޖެނަމަ އެކަމާމެދު އިންކާރުކޮށް ކުޅާދާނަވީ މިންވަރަކުން އެކަމެއް ނައްތައިލެވޭތޯ ބެލުމެވެ.

 

ސުވާލު:

(1) ދީނުގައި ބިދުޢަހެދުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

(2) ބިދުޢަ ހެދުމުން ބިރުގަންނަވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އާޔަތެއް ބަޔާންކުރޭ!

(3) ބިދުޢައިން ރައްކައުތެރިވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއް ބަޔާންކުރޭ!

(4) ބިދުޢައެއް ފެނިއްޖަނަމަ ހަދާނީ ކިހިނެއް؟