[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްބާލް ކުރުމުގެ (ތަނބިކައްޓައްވުރެ ތިރިއަށް ހެދުން ބެހެއްޓުމުގެ) ޙުކުމް

13363844541

الحمد لله رب العالمين. والصلاة والسلام على رسول لله و على آله وأصحابه أجمعين.

 

سبحانه وتعالى އަޙްޒާބު ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْراً أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالاً مُبِيناً” (الأحزاب:36)

އާއި އެއިލާހުގެ ރަސޫލާ ކަމަކަށް އަމުރުކުރައްވައިފިނަމަ، އެއްވެސް މުއުމިނު ފިރިހެނަކަށް އަދި އަންހެނަކަށްވެސް އެކަމެއް ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިގެން ނުވެއެވެ. (އެބަހީ އެކަމަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވާން ޖެހޭނެއެވެ). އަދި ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެމީހާ ދަންނައެވެ. ފަހެ އޭނާ ބަޔާންވެގެންވާ ބޮޑު މަގުފުރެދުމަކުން މަގުފުރެދި ހިނގައްޖެއެވެ.”

 

އިސްބާލް ކުރުމަކީ އިސްލާމްދީނުގައި އިންސާނާގެ ދުނިޔެވީ ޙަޔާތުގައިވާ އެންމެހައި ކަންތައްތަކެކޭ އެއްފަދައިން ވަކި ޙުކުމްތަކަކާއި މިންވަރުތަކެއް ކަނޑައެޅިފައިވާ ކަމެކެވެ. އިސްބާލް ކުރުމާ ބެހޭގޮތުން ހޯދާބަލާ މީހަކަށް އެންމެ އެކަށީގެންވާ ވަރަށް މާތް ނަބިއްޔާ صلى اللّـه عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ. އެކަލޭގެފާނު صلى اللّـه عليه وسلم ދެއްވާފައިވާ އިރުޝާދުތަކާއި މެދު ވިސްނާ ފިކުރު ހިންގާ އެއްވެސް މީހަކަށް އެކަމުގެ ނުރައްކާތެރިކަމާއިމެދު އެއްވެސް ޝައްކެއް އެމީހެއްގެ ހިތުގައި އޮތުމަށް ޖާގައެއް ނުވާވަރަށެވެ. ކޮންމެއަކަސް އިސްބާލް ކުރުމަކީ މިހާރަކަށް އައިސް އިސްލާމްދީނަށް އުޅެން ބޭނުންވާ މީހުންނާއި އިސްލާމުންނޭ ކިޔައިގެން ދަޢުޥާކުރާ މީހުންގެ މެދުގައި ވަރަށް ބޮޑަކަށް އަރާރުންވެވޭ މަޥްޟޫޢެކެވެ. ބައެއް ފަހަރަށް މިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކޮށް ފުރައްސާރަކުރާ ހިސާބަށްވެސް ދެއެވެ. އަދި އަނެއްބައި ފަހަރަށް މިކަމުގައި ދެބައިމީހުން ބައިއެޅި ވަކިބައެއްގެ ގޮތުގައި އެއްބަޔަކު އަނެއްބަޔަކަށް ޤަބޫލުކުރެވި، އިސްލާމީ ޢަޚްވަންތަކަން ކަނޑައި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ކަނޑާ ހިސާބައްވެސް ދެއެވެ. އަދި މީގެ އެންމެ ހިތާމަވެރި ކަމަކީ ދީނުގެ ޢިލްމް ޙާޞިލް ކުރާ ކުދީންގެ ތެރެއިން އެތައް ކުދީންނެއް، މިކަމުގެ ނުރައްކައުތެރިކަމާއި ބެހޭގޮތުން އެތަކެއް ޙަދީޘްފުޅުތަކެއް ވާރިދުވެފައިވަނިކޮށްވެސް މިމައްސަލައާއިމެދު ފަރުވާކުޑަ ކުރާކަމެވެ. އެހެންކަމުން މިކަމުގެ ޙަޤީޤަތް، އަޅުގަނޑުގެ ޤާބިލިއްޔަތު ހުރި މިންވަރަކުން ބަޔާންކޮށްދެވޭތޯ ޤަޞްދުކޮށް ﷲ سبحانه وتعالىގެ ވާގިފުޅާއިއެކު ފަށައިގަންނަމެވެ.

 

1. އިސްބާލު ކުރުމަކީ ކޮބައި ހެއްޔެވެ؟

އިސްބާލް ކުރުމުގެ މާނައަކީ، ލައިގެން ހުންނަ ހެދުން، ފަޓުލޫނު، ސޯޓު، ޖުއްބާ، އަންނައެތި ނުވަތަ މިނޫންވެސް އިންސާނާގެ ހަށިގަނޑު ނިވާކުރަން ބޭނުންކުރެވޭ ނުވަތަ ފޭރާމެއްގެ ގޮތުގައި ބޭނުންކުރެވޭ ކޮންމެ އެއްޗެއް ތަނބިކަށްޓަށް ވުރެ ތިރިއަށް ދޫކޮށްލާފައި ބެހެއްޓުމެވެ. އިސްބާލު ކުރުމަކީ ކޮބައިކަމާއި މީހުން އިސްބާލުކޮށް އުޅެނީ ކޮންކޮން އެއްޗެއްސަކުން ކަމުގައި ބަޔާންކުރައްވައި ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘް ކުރައްވަނީ:

“الإسبال في الإزار والقميص والعمامة ، من جر منها شيئاً خيلاء لا ينظر الله إليه يوم القيامة (رواه أبو داود رقم 4085 والنسائي رقم 5334 بإسناد صحيح)

މާނަ:- “އިސްބާލު ކޮށްއުޅެނީ، އިޒާރުންނާއި (ތިރި ނިވާކުރުމަށްޓަކައި އަންނަ ނުވަތަ ލާ އެތި) ގަމީހުން(ޖުއްބާ ފަދައިން މުޅި ހަށިގަނޑު ފޮރުވާދޭ ހެދުމުން)ނާއި ފަގުޑިންއެވެ. ބޮޑާކަމާއެކު މިއިން އެއްޗެއް (އިސްބާލްކޮށް) ބިންމަތީގައި ދަމާފައި ދާމީހާއަށް ޤިޔާމަތް ދުވަހުން މާތް ﷲ ބައްލަވާވޮޑިނުގަންނަވާނެއެވެ”.

 

2. އިސްބާލު ކުރުމަކީ ޙަރާމްކަމެއްކަމަށް ވާރިދުވެފައިވާ ޙަދީޘްފުޅުތައް.

ކޮންމެއަކަސް މިކަމުގެ ބޮޑުކަމާއި ނުރައްކާތެރިކަން ބަޔާންކޮށްދިނުމަށްޓަކައި ރަސޫލު ﷲ صلى اللّـه عليه وسلم ވަރަށް ގިނަ އިރުޝާދު ދެއްވާފައިވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

 

ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

1. “ما أسفل من الكعبين من الإزار ففي النار” (البخاري رقم 5787)

މާނަ:- “ފަހެ އިޒާރުން ދެތަނބިކައްޓަށްވުރެ ތިރިއަށް ގޮސްފައިވާ ބައި ވަނީ ނަރަކައިގައެވެ”.

 

2. وعَنْ ابْنِ عَبَّاسٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: “إِنَّ اللَّهَ عَزَّ وَجَلَّ لا يَنْظُرُ إِلَى مُسْبِلِ الإِزَار”. رواه النسائي في المجتبى (5332) كتاب الزينة : باب : إسبال الإزار

މާނަ:- އިބްނު ޢައްބާސް رضي اللّـه عنه ރަސޫލު ﷲ صلى اللّـه عليه وسلمގެ އަރިހުން ރިޥާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން އިޒާރު އިސްބާލް ކުރާ މީހާއަށް اللَّه عَزَّ وَجَلَّ ބައްލަވާ ވޮޑިނުގަންނަވާނެއެވެ”.

 

3. “ثلاثة لا ينظر الله إليهم يوم القيامة ولا يزكيهم ولهم عذاب أليم : المسبل والمنان والمُنفِّق سلعته بالحلف الكاذب”) رواه مسلم رقم 106)

މާނަ:- “ޤިޔާމަތް ދުވަހުން މާތް ﷲ ބަސް ވަޙީ ނުކުރައްވާނޭ ތިން މީހެއްވެއެވެ. އަދި އެކަލާނގެ އެމީހުންގެ ފާފަތަކުގެ ކިބައިން އެމީހުން ޠާހިރު ނުކުރައްވާނެތެވެ. އަދި އެބައިމީހުންނަށް ގަދަފަދަ ޢަޛާބުވެއެވެ. އެމީހުންނީ: އިސްބާލް ކުރާ މީހާއާއި ކަލަގޮވާ މީހާއާއި ވިޔަފާރީގައި ދޮގު ހުވާކޮށްގެން އެއްޗެތި ވިއްކާ މީހާއެވެ”.

 

4. رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: “وَلا حَقَّ لِلْكَعْبَيْنِ فِي الإِزَارِ” رواه النسائي في كتاب الزينة رقم (3529) وصححه الألباني في صحيح سنن النسائي رقم (4922)

މާނަ:- ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘް ކުރެއްވިއެވެ: “ދެތަނބިކައްޓަށްވުރެ ތިރިއަށް އިޒާރު ބެހެއްޓުމުގެ އެއްވެސް ޙައްޤެއް ނުވެއެވެ”. (އެބަހީ އިޒާރު ދެތަނބިކައްޓަށްވުރެ ތިރިއަށް ބެހެއްޓުން އެއްގޮތަކަށްވެސް ހުއްދަވެގެން ނުވެއެވެ.)

 

5. عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” بَيْنَمَا رَجُلٌ يَتَبَخْتَرُ يَمْشِي فِي بُرْدَيْهِ قَدْ أَعْجَبَتْهُ نَفْسُهُ فَخَسَفَ اللَّهُ بِهِ الأَرْضَ فَهُوَ يَتَجَلْجَلُ فِيهَا إِلَى يَوْمِ الْقِيَامَةِ رواه مسلم 2088

މާނަ:- އަބޫ ހުރައިރާ رضي اللّـه عنهގެ އަރިހުން ރިޥާވެގެންވެއެވެ. ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘްކުރެއްވިއެވެ. “އެއްފަހަރަކު މީހެއް އޭނާގެ އަމިއްލަ ނަފްސާއި އޭނާގެ ފޭރާމާއި މެދުގައި ބޮޑާވެ ކިބުރުވެރިވެގެންވާ ޙާލު ބިންމަތީގައި ހިނގަމުން ދަނިކޮށް މާތް ﷲ އެމީހާ ބިމުގެ އަޑިއަށް ގަންބަވާލެއްވިއެވެ. އަދި ޤިޔާމަތް ދުވަހާ ޖެހެންދެން އޭނާ ގެނބިގެނބި ހުންނާނެއެވެ”.

 

6. لا ينظر الله إلى من جر إزاره بطراً ) البخاري رقم 5788 ، ومسلم رقم 2087

މާނަ:- “ބޮޑާކަމާއެކީ އެމީހެއްގެ އިޒާރު ބިންމަތީގައި ދަމަމުން ހިނގާ މީހާއަށް މާތް ﷲ ޤިޔާމަތް ދުވަހުން ބައްލަވާވޮޑިނުގަންނަވާނެއެވެ”.

 

ކަންމިހެން ހުރިކަމުގައި ވިޔަސް އަޅުގަނޑުމެންގެ މުޖުތަމަޢުގައާއި އަދި ދުނިޔޭގައިވާ އެހެނިހެން މުސްލިމް މުޖުތަމަޢުތަކުގައި ކަންތައްތައް ހުރީ މިޙަދީޘްތައް އަޑު އިވުމަށްފަހު މުސްލިމަކު ޢަމަލު ކުރާނޭގޮތާއި މުޅިން އިދިކޮޅަށެވެ. އެބައިމީހުންގެ އިޒާރުތައް ވަނީ އިސްބާލް ކުރެވިފައެވެ. ދޫކޮށްލެވިފައެވެ. މިކަމުގެ އެންމެ ބޮޑު އެއްސަބަބަކީ ޖާހިލުކަމެވެ. އޭގެން މީހެއްގެ ގާތުގައި “އިސްބާލް” މި ލަފްޛަކީ ދުވަހަކުވެސް އަޑުނީވޭ ލަފްޛެކެވެ. الله المستعان.

 

3. އިސްބާލު ކުރުމާއި ބޮޑާވެރިކަމާއި ހުރި ގުޅުން.

އިސްބާލް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއީ މާތް ﷲ، އެއިލާހުގެ ޛާތުފުޅަށް ޚާއްޞަ ކޮށްފައިވާ ސިފަފުޅުތަކުން ސިފައެއް ކަމަށްވާ ބޮޑާކަމާއި ކިބުރުވެރިކަމާއި ވާދަކުރުމަށް ނުވަތަ ތިމާއަށްވެސް އެސިފަ ޙައްޤުވާކަމަށް ޢަމަލީ ގޮތުން ކުރެވޭ ދަޢުވާއެކެވެ. އެހެނީ އެއްވެސް މީހަކު ތިމަންނާ އިސްބާލް ކުރަނީ ބޮޑާކަމާއިގެން ކަމުގައި ނުބުނާނެއެވެ. އެކަން ވާނީ ހިތުގައި ފޮރުވިފައެވެ.  ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

قال رسول الله صلى الله عليه وسلم قال الله تعالى : “العز إزاره والكبرياء رداؤه فمن ينازعني عذبته رواه مسلم ( 2620 )

އަބޫ ސަޢީދް އަލްޚުދްރީ އާއި އަބޫ ހުރައިރާއާއި ދެބޭކަލުން ރަސޫލު ﷲ صلى اللّـه عليه وسلمގެ ކިބައިން ރިވާކުރައްވާފައިވާ ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ. ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘް ކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. “ޢިއްޒަތްތެރިކަމަކީ އެއިލާހުގެ އިޒާރު ކޮޅެވެ. އަދި ކިބްރިޔާވަންތަވެރިކަންވަނީ އެއިލާހުގެ ރިދާކޮޅެވެ. ފަހެ އެކަންކަމުގައި ތިމަން ﷲ އާއި ވާދަކުރުމަށް އުޅޭ މީހުންނަށް ތިމަން ﷲ ޢަޛާބު ދެއްވަވާ ހުށީމެވެ.”

އެންމެ ފުރަތަމަ ބޮޑާވެރިކަމަކީ ކޮބައިތޯ ބަލާލާއިރު، އެއީ ޙައްޤުގޮތް އެނގުމަށްފަހު އެއަށް އިންކާރު ކުރުމާއި މީސްތަކުންނަކީ ތިމާއަށްވުރެ ދަށްމީހެއް ކަމަށް ދެކުމެވެ. ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

الكبر بطر الحق وغمط الناس (أخرجه مسلم وغيره)

“ކިބުރުވެރިކަމަކީ ޙައްޤަށް އިންކާރު ކުރުމާއި މީސްތަކުންނަކީ ތިމާއަށްވުރެ ދަށް ނުވަތަ ދެރަ މީހުން ކަމުގައި ދެކުމެވެ.”

އިސްބާލުކުރުން ހުއްދަކުރާ މީހުން އެދައްކާ ޢުޛުރުކަމުގައިވާ، ‘ތިމަންނާ ފައިކުރި ތިރިކުރަނީ ކިބުރުވެރިކަމަކުން ނޫނޭ ބުނާ ބުނުން’ އޭގެ ޒާތުގައިވެސް އެބަ ކިބުރުވެރިކަން ފާޅުކުރެއެވެ. މިކަން ޚުދު ރަސޫލު ﷲ صلى اللّـه عليه وسلم ވެސް ބަޔާންކޮށްދެއްވާފައިވެއެވެ.

قال جابر بن سليم قال لي رسول الله صلى الله عليه وسلم “إياك وإسبال الإزار فإنهـا من المخيلة وإن الله لا يحب المخيلة” صححه الترمذي رقم: 2722

ޖާބިރް ބިން ސުލައިމް رضي اللّـه عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى اللّـه عليه وسلم ތިމަންކަލޭގެފާނަށް ދެންނެވިއެވެ. “ތިބާގެ އިޒާރު އިސްބާލު ކުރުމުން ދުރުހެލިވެގަންނާށެވެ. ހަމަކަށަވަރުން އެއީ ދެއްކުންތެރިކަމުގެ (އެބަހީ ބޮޑާވެރިކަމުގެ) ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ﷲ ތަޢާލާ ދެއްކުންތެރިކަމަށް ލޯބިވެވޮޑިނުގަންނަވައެވެ.”

عن ابن عمر t رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :  “وإياك وجر الإزار؛ فإن جر الإزار من المَخِيلة”. “فتح الباري” (10/264) .

މާނަ:- އިބްނު ޢުމަރު رضي اللّـه عنهގެ އަރިހުން ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘް ކުރެއްވިކަމަށް ރިޥާވެފައިވެއެވެ. “އިޒާރު [ބިންމަތީގައި] ދަމަމުން ހިނގުމާމެދު ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން އިޒާރު [ބިންމަތީގައި] ދަމަމުން ހިނގުންވަނީ ބޮޑާކަމުގެ ތެރެއިންނެވެ”.

 

މި ދެޙަދީޘުން އެނގޭގޮތުގައި އިސްބާލް ކުރުމަކީ ބޮޑާކަމާއި ދެއްކުންތެރިކަމުގެ ޢަމަލެކެވެ. އެއީ މިދެސިފައަށް ބޭރުފުށުން ދަލީލްކޮށްދޭ ފިޢުލެކެވެ. ތިމާއަށް އިސްބާލް ކުރުން އެހާ އާދައިގެ ކަމަކަށްވެފައިވާލެއް ބޮޑުކަމުން އެކަން އިޙްސާސް ނުކުރެވިދާނެއެވެ. ނަމަވެސް ރަސޫލު ﷲ صلى اللّـه عليه وسلمގެ ފަރާތުން އެކަން އެނގުމުން އެއްވެސް މުސްލިމަކަށް އެކަމާ އިންކާރު ކުރުމުގެ ފުރުޞަތެއް ނެތެވެ. އިސްބާލު ކުރުމަކީ ބޮޑާވެރިކަމުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށާއި އަދި އެކަމުގެ ނުރައްކައުތެރިކަމާއި މެދު އެތަކެއް ޞައްޙަ ޙަދީޘެއް ވާރިދުވެފައިވަނިކޮށްވެސް އެކަމަށް އިންކާރުކުރާ މީހަކަށްވުރެ ވަކި ބޮޑާވެރިމީހަކީ ކޮބައިތޯއެވެ.

ބޮޑާކަން ހިތުގައި ނުވާކަމަށް ދަޢުޥާ ކުރަމުން އިސްބާލް ކުރާ މީހެކޭ، އަންހެނެއްގެ ވަނާތަކަށް ބަލައި ތިމާގެ ހިތުގައި އެއަންހެނާއާއިއެކު އެއްވެސް ފާޙިޝްކަމެއް ކުރުމުގެ އެދުންވެރިކަން ނެތޭ ބުނެ ދަޢުޥާ ކުރާ މީހެކޭ އެއްވެސް ތަފާތެއް ވޭހެއްޔެވެ؟ ދެމީހުންވެސް ބުނަކީ “މިކަން މިކުރަނީ ފާފަވެރިވާކަށް ނޫނޭއެވެ”. ނަމަވެސް މިއީ މާތް ﷲގެ ޙަޟްރަތުގައި އެއްގޮތަކަށްވެސް ޤަބޫލު ކުރެވޭނެ ޢުޛުރެއް ނޫނެވެ. އެހެނީ މާތް ﷲ ވަނީ ފާފަ ކުރުން ޙަރާމް ކުރެއްވުމާއިއެކު ފާފައަށް އަރައިގަތުމަށްވާ އެންމެހާ މަގެއްވެސް މަނާ ކުރައްވާފައެވެ.

 

    އެހެންކަމުން މިހައި ހިސާބުން މިމައްސަލާގައި އަރާފައިވާ ހުރިހައި އޮޅުންތަކެއް ފިލައި ސާފުވީއެވެ. މިމައްސަލާގައި ވާރިދުވެފައިވާ ހުރިހައި ޙަދީޘްތަކެއް ޖަމާކުރުމަށްފަހު އަޅާކިޔާލުމުން އެނގެނީ މިމައްސަލަ ދެބަޔަކަށް ބެހޭކަމެވެ. ފުރަތަމަ ބަޔަކީ ހަމައެކަނި އިސްބާލު ކުރުމެވެ. ދެވަނަ ބަޔަކީ ދެއްކުންތެރިކަމާއި ބޮޑާވެރިކަމާއި އެކު ފައިކުރި ބިންމަތީގައި ދަމަމުން ދިޔުމެވެ. މިދެބައިގައިވެސް ބޮޑާވެރިކަން ހިމެނޭކަމަށް ރަސޫލު ﷲ صلى اللّـه عليه وسلم އެވަނީ ބަޔާން ކުރައްވާފައެވެ. އަދިހަމަ އެގޮތަށް މިދެގޮތްވެސް އެވަނީ ނަހީ ކުރައްވާފައެވެ.

 

4. ދެއްކުންތެރިކަމާއި ބޮޑާވެރިކަމާއިއެކު ބިންމަތީގައި އިޒާރު ދަމަމުންދާ މީހުންނަށް ހުރި ޢަޛާބު، އަދި އިސްބާލު ކުރާ މީހާއަށްވުރެވެސް ބޮޑުވެގެންވާ ވާހަކަ.

ކުރިން ބަޔާންކުރެވުނު ފަދައިން ބައެއް މީހުން ބުނާ ގޮތުގައި ފާފަ ލިބޭނީ ބޮޑާކަމުން އިސްބާލް ކުރާ މީހަކަށެވެ. ނަމަވެސް ތިރީގައި މިބަޔާންކުރާ ޙަދީޘުން އެއީ ރަނގަޅު މަފްހޫމެއް ނޫންކަން ޘާބިތުވެއެވެ.

 

حديث أبي سعيد الخدري رضي الله عنه قال رسول الله صلى الله عليه وسلم ( إزرة المسلم إلى نصف الساق ولا حرج ولا جناح فيما بينه وبين الكعبين ، وما كان أسفل من الكعبين فهو في النار ، ومن جرّ إزاره بطراً لم ينظر الله إليه ) رواه أبو داود رقم 4093 بإسناد صحيح

މާނަ:- އަބޫ ސަޢީދް އަލްޚުދްރީ رضي اللّـه عنه ވިދާޅުވިއެވެ. “ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘްކުރެއްވިއެވެ: ‘މުސްލިމެއްގެ އިޒާރު ހުންނަންވާނީ ކުޑަކަޅުވާމަހުގެ މެދާހަމައަށެވެ. އަދި ކުޑަކަޅުވާމަހާއި ތަނބިކައްޓާ ދެމެދުގައި ބެހެއްޓިކަމުގައިވިޔަސް އެއްވެސް މައްސަލައެއް ނުވަތަ ގޯހެއް ނެތެވެ. ނަމަވެސް ތަނބިކަށިން ތިރީގައިވާ ބައި ވަނީ ނަރަކައިގައެވެ. އަދި ބިންމަތީގައި އެމީހެއްގެ އިޒާރު ދަމަމުން ހިނގާ މީހާއަށް ޤިޔާމަތް ދުވަހުން މާތް ﷲ ބައްލަވާ ވޮޑިނުގަންނަވާނެއެވެ'”.

މިޙަދީޘުން ދެކަމަކަށް އިންޒާރު ދެއެވެ. އެއީ ތަނބިކަށިން ތިރިއަށް އިޒާރު ދޫކޮށްލުމާއި ބޮޑާވެރިކަމާއިއެކު ބިންމަތީގައި އިޒާރު ދަމަމުންދިއުމެވެ. މިޙަދީޘްގައި މިވަނީ، “ތަނބިކަށިން ތިރިއަށް އިޒާރު ދޫކޮށްލުމާއި ބޮޑާވެރިކަމާއިއެކު ބިންމަތީގައި އިޒާރު ދަމަމުންދިއުމާ” މިދެކަން ފަރަޤުކޮށްފައެވެ. މިޙަދީޘުން ދަލީލުކޮށްދެނީ ބޮޑާވެރިކަމާއި ނުލާ އިސްބާލު ކުރާ މީހާއަށް ނަރަކައިގެ ޢުޤޫބާތް ވާކަމާއި އަދި ބޮޑާވެރިކަމާއިއެކު އިސްބާލު ކުރާ މީހާއަށް މާތް ﷲ ބައްލަވާ ވޮޑިގެންވެސް ނުވާކަމެވެ. އާދެ ބޮޑާވެރިކަމާއި އެކުގައިނަމަ ޢަޛާބު ބޮޑުވެގެންވާ ކަމެވެ.

 

5. އަބޫބަކުރު رضي اللّـه عنه ގެ ޙަދީޘްގެ މަފްހޫމް.

ކޮންމެއަކަސް ގިނަމީހުންނަށް މިމައްސަލާގައި ޖާހިލުކަމުގެ (ނޭނގުމުގެ) ޢުޛުރު އޮތަސް، އެނގިތިބެ މިކަން ކުރާ މީހުންނާއި މިކަމުގެ ޙަޤީޤަތް ރަނގަޅަށް އެނގިތިބެ އެހެން މީހުންނަށް އޮޅުވާލާ މީހުންވެސް މަދެއްނޫނެވެ. އަދި މީގެ ތެރޭގައި ގިނައީ އިސްބާލް ނުކުރުމަށް ގޮވާލާ އަދި އެހެން މީހުންނަށް މިކަމުގެ ޙަޤީޤަތް ބަޔާންކޮށްދީ މީސްތަކުން މިކަމަށް ހޭއަރުވަން އުޅޭ މީހުންނަށް މަލާމާތްކޮށް ފުރައްސާރަކުރާ މީހުންނެވެ. އެމީހުންގެ ވާހަކައިގެ އެންމެ ޢާއްމުކޮށް އިސްބާލް ކުރުން ހުއްދަކުރަން ދައްކާ ޢުޛުރަކީ، “ބޮޑާކަމާއި ދެއްކުންތެރި ކަމާއި ނުލައި އިސްބާލް ކުރުމަކުން މައްސަލައެއް ނެތެވެ”. އަދި އަބޫބަކުރު رضي اللّـه عنه އާއިމެދު އައިސްފައިވާ މިޙަދީޘް އެމީހުން ހުއްޖަތަކަށް ނަގައެވެ.

النبي صلى الله عليه وسلم قال “من جر ثوبه خيلاء لا ينظر الله إليه يوم القيامة” فقال أبو بكر “يا رسول الله! إزاري يسترخي إلا أن أتعاهده” فقال “إنك لست ممن يفعله خيلاء” (رواه البخاري رقم 5784)

މާތް ނަބިއްޔާ صلى اللّـه عليه وسلم ޙަދީޘްކުރެއްވިއެވެ: “އެމީހެއްގެ އިޒާރު ބޮޑާވެރިކަމާއިއެކީ ބިންމަތީގައި ދަމާފައިދާ މީހާއަށް މާތް ﷲ ޤިޔާމަތް ދުވަހުން ބައްލަވާވޮޑި ނުގަންނަވާނެއެވެ” އެހިނދު އަބޫބަކުރު رضي اللّـه عنه ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ތިމަންގެ އިޒާރަށް ސަމާލުވެ ފަރުވާތެރި ނުވެވޭ ފަހަރު އިޒާރުގެ ސޮހިގެން ތިރިއަށް ފައިބައެވެ”. ރަސޫލާ صلى اللّـه عليه وسلم ޙަދީޘްކުރެއްވިއެވެ. “ބޮޑާވެރިކަމާއިއެކު އެކަންކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވައެވެ”. އަދި މިޙަދީޘްގެ އަނެއް ރިޥާޔަތުގައި އައިސްފައިވާ ގޮތުން އަބޫބަކުރު رضي اللّـه عنه އެކަލޭގެފާނުންގެ އިޒާރު އަލުން ތަނބިކަށްޓައްވުރެ މައްޗަށް ނަންގަވައި އެކަން ރަނގަޅު ކުރައްވައެވެ.

 

މިދެ ރިޥާޔަތުން ވަރަށް ރަނގަޅަށް އެނގި ޘާބިތުވަނީ އަބޫބަކުރު رضي اللّـه عنه އަކީ ތަނބިކައްޓަށްވުރެ ތިރިއަށް އެކަލޭގެފާނު ތުރުކުރައްވާ އަންނައުނު ބަހައްޓަވާ ބޭކަލެއް ނޫންކަމެވެ. އެކަލޭގެފާނަކީ ހަށިގަނޑު ހިކި ބޭފުޅަކަށްވާތީ އިޒާރަށް ސަމާލުނުވެވި ހުންނަ ބައެއްފަހަރު ތަނބިކައްޓަށްވުރެ ތިރިއަށް އިޒާރު ސޮހިގެން ފައިބަނީއެވެ. އަދި ހިތުގައި ކިބުރުވެރިކަން ނުވާހާލުގައިވެސް އިސްބާލް ކުރެވިއްޖެނަމަ އެކަން އެނގުމުން އަވަހަށް އިޒާރު ރަނގަޅުކުރައްވައި އޭގެ މަޙައްލަށް ރުޖޫޢަ ކުރައްވާކަންވެސް ސާފުކޮށް އެނގެއެވެ.

މާތް ﷲ އެއިލާހުގެ ރަޙްމަތުން އެމީހަކު ޠާހިރު ކުރެއްވި މީހެއް މެނުވީ ކޮންމެ މީހެއްގެ ހިތުގައި، ކޮންމެވެސް މިންވަރަކަށް ބޮޑާކަން ވާނެކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އެހެންކަމުން ﷲގެ ނަބިއްޔާގެ ދޫފުޅުން އެބޭފުޅަކީ ކިބުރުވެރިކަމުން ސަލާމަތްވެގެންވާ ބޭފުޅެއްކަން ބަޔާންކުރައްވާފައިވާ ބޭކަލަކާއިމެދު ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއް އަޅުގަނޑުމެން ކަހަލަ ނުކިޔަމަންތެރި އުރެދޭ ބަޔަކަށް ނިސްބަތްކުރެވޭނީ ކިހިނަކުންތޯއެވެ؟ އަދި ކިއެއްހެއްޔެވެ. އެހެން ޞަޙާބިއްޔަ ބޭކަލުންގެ އެތަނުގައި ޙާޟިރުވެވަޑައިގެންވުމާއި އެކުވެސް އެކަލޭގެފާނު އެހެން ވިދާޅުވެފައިވަނީ އަބޫބަކުރުގެފާނަށް އެކަންޏެވެ. މިޘާލަކަށް އެކަލޭގެފާނު ވިދާޅުވީ “ތިޔަބޭކަލުންނީ ބޮޑާވެރިކަމާއިއެކު އެކަން ކުރާ ބައެއްކަމުގައި ނުވެއެވެ”، މިހެން ވިދާޅުވިނަމަ އެގޮތަށް އެބުނާ މީހުންނަށް ކޮންމެވެސް ކަހަލަ ދަލީލެއް އޮތީހެވެ. އެކަމަކުވެސް ވިދާޅުވެފައި އެއޮތީ ވަކި މީހަކަށް ޚާއްޞަ ކުރައްވާފައެވެ.

 

6. އަންހެނުންނާއި ފިރިހެނުންގެވެސް ހެދުމުގެ ފަސްބައި ނުވަތަ ފައިކުރި ހުންނަންޖެހޭ ޙިސާބު.

އިސްބާލް ކުރުމުގެ ނުރައްކާތެރިކަން ބަޔާންކުރެއްވުމާއިއެކީ އެކަލޭގެފާނު ވަނީ މުސްލިމް އަންހެނާއާއި ފިރިހެނާގެ ފޭރާން ނުވަތަ އިޒާރު ބަހައްޓަންޖެހޭ ހިސާބުވެސް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ.

 

وعَنْ حُذَيْفَةَ قَالَ أَخَذَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَضَلَةِ سَاقِي أَوْ سَاقِهِ فَقَالَ هَذَا مَوْضِعُ الإِزَارِ فَإِنْ أَبَيْتَ فَأَسْفَلَ فَإِنْ أَبَيْتَ فَلا حَقَّ لِلإِزَارِ فِي الْكَعْبَيْنِرواه الترمذي وقَالَ هَذَا حَدِيثٌ حَسَنٌ صَحِيحٌ سنن الترمذي رقم 1783

މާނަ:- ޚުޛައިފާ رضي اللّـه عنه ވިދާޅުވިއެވެ. “ރަސޫލު ﷲ صلى اللّـه عليه وسلم ތިިމަންނާގެ ނުވަތަ އެކަލޭގެފާނުންގެ ކުޑަކަޅުވާ މަސްގަނޑުގައި ހިއްޕެވުމަށްފަހު ވިދާޅުވިއެވެ. ‘އިޒާރު ހުންނަންޖެހޭ ހިސާބަކީ މިއީއެވެ. ފަހެ ތިބާއަށް އެގޮތަށް ބެހެއްޓުން އުނދަގޫނަމަ އެއަށްވުރެ ތިރިއަށް ބެހެއްޓިދާނެއެވެ. އެކަމަކު އިޒާރު ދެތަނބިކައްޓަށްވުރެ ތިރިއަށް ބެހެއްޓުން ޙައްޤުވެގެން ނުވެއެވެ'”.

 

وعَنْ ابْنِ عُمَرَ قَالَ مَرَرْتُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَفِي إِزَارِي اسْتِرْخَاءٌ فَقَالَ يَا عَبْدَ اللَّهِ ارْفَعْ إِزَارَكَ فَرَفَعْتُهُ ثُمَّ قَالَ زِدْ فَزِدْتُ فَمَا زِلْتُ أَتَحَرَّاهَا بَعْدُ, فَقَالَ بَعْضُ الْقَوْمِ إِلَى أَيْنَ؟ فَقَالَ أَنْصَافِ السَّاقَيْنِ .”رواه مسلم رقم 2086 كتاب الكبائر للذهبي 131-132.

މާނަ:- އިބްނު ޢުމަރު رضي اللّـه عنه ވިދާޅުވިއެވެ. އެއްފަހަރަކު ރަސޫލު ﷲ صلى اللّـه عليه وسلمގެ ކުރިފުޅުމަތިން ތިމަން ހުރަސްކުރީމެވެ. އަދި ތިމަންގެ އިޒާރު އޭރު ހުރީ (ތަނބިކަށިން ތިރިއަށް) ސޮހިފައެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ‘އޭ ޢަބްދުﷲ އެވެ! ތިބާގެ އިޒާރު އުފުލާށެވެ’. ދެން ތިމަންގެ އިޒާރު އުފުލީމެވެ. ދެންވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ‘އަދިިވެސް އުފުލާށެވެ’. ދެންއަނެއްކާ ތިމަންގެ އިޒާރު އެއަށްވުރެ މައްޗަށް އުފުލީމެވެ. އޭގެފަހުން ތިމަންގެ އިޒާރު ރަނގަޅަށް ބަލަހައްޓަމެވެ. ބައެއްމީހުން އަހައެވެ. ‘އިޒާރު ބަހައްޓަންވީ ކިހާ ހިސާބަކަށްތޯއެވެ؟‘. ދެން ވިދާޅުވެއެވެ. ‘ދެފައިގެ ކުޑަކަޅުވާމަސްގަނޑުގެ މެދަށެވެ””.

ފާފަ ލިބޭނީ ބޮޑާކަމުން އިސްބާލް ކުރާ މީހާއަށް ކަމަށް ބުނާ މީހުންގެ ދެވަނަ ޢުޛުރަކީ އިސްބާލް ނުކުރުމަށް ރަސޫލު ﷲ صلى اللّـه عليه وسلم އެންގެވީ އެޒަމާނުގައި މަގުތައް ރަނގަޅަށް ހެދިފައިނުވުމާއިއެކު ގެރިބަކަރީގެ ނަޖިހާއި އަދި އެނޫންވެސް އެހެން ނަޖިސްތަކެތި ހިނގާފައި ދާއިރު ފޭރާމުގައި ހޭކޭނެތީއެވެ. މިޢުޛުރު ދައްކާ މީހުންނަށް ރަސޫލު ﷲ صلى اللّـه عليه وسلمގެ ސުންނަތުގައި އެކަލޭގެފާނު ދޫކުރައްވާފައިވާ ރައްދަކީ އަންނަނިވި ޙަދީޘްއެވެ.

إبْنِ عُمَرَ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” مَنْ جَرَّ ثَوْبَهُ مِنْ الْخُيَلاءِ لَمْ يَنْظُرْ اللَّهُ إِلَيْهِ قَالَتْ أُمُّ سَلَمَةَ يَا رَسُولَ اللَّهِ فَكَيْفَ تَصْنَعُ النِّسَاءُ بِذُيُولِهِنَّ قَالَ تُرْخِينَهُ شِبْرًا قَالَتْ إِذًا تَنْكَشِفَ أَقْدَامُهُنَّ قَالَ تُرْخِينَهُ ذِرَاعًا لا تَزِدْنَ عَلَيْهِ .” النسائي : كتاب الزينة : باب ذيول النّساء .

މާނަ:- އިބްނު ޢުމަރު رضي اللّـه عنه ވިދާޅުވިއެވެ. “ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘް ކުރެއްވިއެވެ. ‘ބޮޑާކަމާއެކީ އެމީހެއްގެ އިޒާރު ބިންމަތީގައި ދަމަމުން ހިނގާ މީހާއަށް މާތް ﷲ ބައްލަވާވޮޑިނުގަންނަވާނެއެވެ”. އެހިނދު أُمُّ سَلَمَةَ رضي اللّـه عنها އެއްސެވިއެވެ. ‘އޭ ﷲގެ ރަސޫލާ އެވެ! އެހެންވީރު އަންހެނުން އެކަނބަލުންގެ ފަސްބަޔަށް ހަދަންވީ ކިހިނަކުންތޯއެވެ؟‘ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ‘އެއަށް ކައިވަތެއްގެ މިންވަރު އިތުރުކުރާށެވެ’. ދެންވެސް އެކަމަނާ ދެންނެވިއެވެ. ‘އެވަރުން އެކަނބަލުންގެ ފައިތައް ފެންނަކަމުގައިވާނަމަ ތޯއެވެ؟‘ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ‘އެއަށް މުށެއްގެ މިންވަރު އިތުރުކުރާށެވެ. ތިޔަ ކަނބަލުން އެއަށްވުރެ ދިގު ނުކުރާހުށިކަމެވެ'”.

 

މިޙަދީޘްގައި މިވަނީ އަންހެނުން ބޭރަށް ނިކުންނައިރު ފިރިހެނުންނާ ޚިލާފަށް އެކަނބަލުންގެ ފޭރާން މުށެއްގެ މިންވަރަށް ދިގުކުރުމަށް އަންގަވާފައެވެ. އެހެންވީރު، ސުވާލަކީ އެކަނބަލުންގެ ފޭރާން އިސްބާލް ކޮށްގެން ބޭރަށް ނިކުންނައިރު އެބުނާ ގެރިބަކަރީގެ ނަޖިހުގައި އުނގުޅޭނެކަން ރަސޫލު ﷲ صلى اللّـه عليه وسلم އަށް އެނގަވަޑައި ނުގަންނަވަނީބާވައެވެ؟ އެއްގޮތަކަށްވެސް އެހެނެއްނޫނެވެ. އިސްބާލް ކުރުން ނަހީ ކުރެވިފައިވަނީ ގެރިބަކަރީގެ ނަޖިހުގައި އުނގުޅޭތީއެއް ނޫނެވެ. އެކަން މަނާ ކުރެވިފައިވަނީ ކިބުރުވެރިކަމާއި ދެއްކުންތެރިކަމުގެ ޢަމަލަކަށް އެކަން ވާތީއެވެ.

 

 

7. މައިން ބަފައިން ނުވަތަ ވެރީން ނުރުހޭތީ ފައިކުރި ދޫކޮށްލާފައި ބެހެއްޓިދާނެ ހެއްޔެވެ؟

މިހާހިސާބުން ބުނެލަންބޭނުންވާ ވާހަކައަކީ މައިން ބަފައިން ނުރުހޭތީ ނުވަތަ ވަޒީފާ ގެއްލިދާނެތީ ވެރިމީހާ ރުއްސުމަށްޓަކައި ނުވަތަ އެނޫންވެސް އެހެން މީހެއް ރުއްސުމައްޓަކައި އިސްބާލް ކުރުމާއި އަދި އެހެން ފާފަތައް ކުރާ މީހުންނަށް، ނުވަތަ ދީނީ ޙުކުންތައް ބަދަލު ކުރާ މީހުންނަށް ރަސޫލު ﷲ صلى اللّـه عليه وسلم ވަރަށް ވަރުގަދަ ޥަޢީދުގެ ބަސްފުޅުތައް ޙަދީޘްފުޅު ކުރައްވާފައިވާ ކަމެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

 

“لا طاعة في معصية الله إنما الطاعة في المعروف” رواه النسائي وأبو داوود وصححه الألباني في صحيح سنن النسائي رقم (3921) والسلسلة الصحيحة(181)

މާނަ:- “ﷲ އަށް އުރެދުމެއްވާ ކަމެއްގައި (އެއްވެސް ފަރާތަކަށް) ކިޔަމަންވުމެއް ނެތެވެ. ހަމަކަށަވަރުން ކިޔަމަންތެރިކަން އަދާކުރުންވަނީ ހެޔޮކަންކަމުގައެވެ”.

 

އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ.

 

رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : “من التمس رضى الله بسخط الناس كفاه الله مئونة الناس ، ومن التمس رضى الناس بسخط الله وكله الله إلى الناس” رواه الترمذي في كتاب الزهد رقم (2338) .

މާނަ:- ރަސޫލު ﷲ صلى اللّـه عليه وسلم ޙަދީޘް ކުރެއްވިއެވެ. “ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި މީސްތަކުންގެ ނުރުހުން ލިބިގަންނަ މީހާއަށް ﷲ ފުއްދަވައިދެއްވާނެއެވެ. އަދި މީސްތަކުންގެ ރުހުން ހޯދުމަށްޓަކައި ﷲ ގެ ނުރުހުން ލިބިގަންނަ މީހާގެ ކަންތައްތައް މީސްތަކުންނާ ﷲ ހަވާލުކުރައްވައެވެ”.

 

ނިންމާލުމުގެ ކުރިން މިތާނގައި ޢުމަރު رضي اللّـه عنه މަރުއެނދުމަތީގައި ވަނިކޮށް އިސްބާލް ކޮށްގެން ހުރި ޒުވާނަކު ތައުޒިޔާ ދަންނަވަން އައުމުން އޭނާއަށް ދެއްވި ނަޞޭޙަތް ޛިކްރުކޮށްލާނަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އޭ ޒުވާނާއެވެ! ތިބާގެ އިޒާރު އުފުލާށެވެ! އޭރުން ތިބާގެ ފޭރާން ގިނަދުވަހަށް ހުންނާނެއެވެ. އަދި ތިބާގެ ހައްދަވައި ގެންގުޅުއްވާ އިލާހަށް ކިޔަމަންތެރިކަންވެސް އަދާކުރެވޭނެއެވެ”. ޢުމަރު رضي اللّـه عنه އެހާލުކޮޅުގައި ވީހިނދުވެސް އިޒާރު އުފުއްލެވުމަށް އެޒުވާނާއަށް އެނގެވުމުން އިސްބާލް ކުރުމުގެ ނުރައްކާތެރިކަން ހާމަވެއެވެ.

 

ކޮންމެއަކަސް ނިންނާމަލުން ދަންނަވަން އޮތީ އިސްބާލު ކުރުމަކީ ޙަރާމް ކަމެކެވެ. އޭގެ އިދިކޮޅަކީ ޥާޖިބު ކަމެކެވެ. ސުންނަތެއް ކަމެއް ނޫނެވެ. ވީމާ، ޢާލަމްތަކުގެ ވެރި އިލާހުއާއި، އެކަލާނގެ ކޯފާވެގެންވާ ޙާލުގައި ބައްދަލުވުމަށް ނޭދޭމީހާ އިސްބާލު ކުރުމާއި އަދި އެނޫންވެސް އެހެން ފާފަތަކުން ދުރުހެލިވުން ހުއްޓެވެ.

وصلى الله على محمد وآله وصحبه أجمعين. والحمد لله رب العالمين.