إن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له. وأشهد أن لا إله إلاّ الله وأن محمد رسول الله, وصلىّ الله وسلّم على نبيِّنا محمّد وعلى آله وصحبه وسلّم.
ހަމަކަށަވަރުން އެންމެހާ ޙަމްދު ޘަނާއެއްވަނީ الله سبحانه وتعالى އަށެވެ. އަހަރެމެން الله سبحانه وتعالىއަށް ޙަމްދު ކުރަމެވެ. އަދި އެފަރާތުގެ މަދަދާއި ފާފަ ފުއްސެވުމާއި އެދެމެވެ. އަހަރެމެންގެ ނަފްސުތަކާއި އަހަރެމެންގެ ޢަމަލުތަކުގެ ނުބައިކަމުން الله سبحانه وتعالىގެ ރައްކާތެރިކަންއެދެމެވެ. الله سبحانه وتعالى، އެމީހަކު ހިދާޔަތަށް (ތެދުމަގަށް) ގެންނަވައިފި މީހަކު މަގުފުރައްދާނޭ މީހަކު ނުވެއެވެ. އަދި الله سبحانه وتعالى، އެމީހަކު މަގުފުރައްދަވައިފި މީހަކު ހިދާޔަތަށް ގެންނާނެ މީހަކު ނުވެއެވެ. الله سبحانه وتعالى ފިޔަވައި (ޙައްޤު) އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލު ކަމަށް އަޅު ހެކިވަމެވެ. الله سبحانه وتعالىގެ ޞަލަޥާތާއި ސަލާމް، އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ލައްވާށިއެވެ.
އާދެ تَوَسُّلْ އަކީ الله سبحانه وتعالىގެ އަޅާ، އެއިލާހު އަމުރުކުރައްވާފައިވާ ވާޖިބު އަދި މުސްތަޙައްބު ޢަމަލުތައް ކޮށްގެން އެއިލާހުގެ ރުހިވޮޑިގަތުން ހޯދައިގަތުމެވެ. ނުވަތަ ކުއްތަންވުމެވެ. الله سبحانه وتعالى ވަހީ ކުރައްވަނީ:
“يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ” (المائدة: 35)
“އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން الله سبحانه وتعالى އަށް ތަޤްޥާވެރި (ބިރުވެތި) ވާށެވެ. އަދި (އެކަލާނގެއަށް އަދާ ކުރަންޖެހޭ ވާޖިބުތައް އަދާކޮށް) އެކަލާނގެއަށް ކުއްތަންވެރި ވެވޭނެ ގޮތްތައް ހޯދައި އެކަލާނގެ ޙަޟްރަތުން އެދޭށެވެ.” (ސޫރަތުލް މާއިދާ: 35)
الله سبحانه وتعالى އަށް ކުއްތަންވޭވޭނީ الله سبحانه وتعالى އަށް ހުރިހައި ކަމެއްގައިވެސް ކިޔަމަންތެރިކަން އަދާ ކޮށްގެންނެވެ. އަދި ހަމައެހެންމެ އެކަލާނގެ ފޮނުއްވި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم، އެކަމަކައިގެން ވަޑައިގެންނެވި ހުރިހާ ކަމަކަށް ކިޔަމަންވެ ބޯލަނބައިގެންނެވެ.
އަޅުގަނޑުމެންގެ މިދުނިޔަވީ ޙަަޔާތަށް ބަލައިލައިފިނަމަ ބައެއް ކަހަލަ ކަންތައްތަކުގައި ފެންނަމުން މިދަނީ، الله سبحانه وتعالىގެ ކިބައިން އެހީއާއި މަދަދަށް އެދި އާދޭސް ކުރަންޖެހޭ އެތައްކަމެއްގައި ފަންޑިތަވެރިންނާއި، ފައިސާ ވެރިންނާއި، ކަމުވޮށިގެންވާ ބޭފުޅުންނާއި، އަދި މިނޫނަސް އެތައް ބައެއްގެ ކައިރިއަށް ގޮސް ރޮއެ އާދޭސް ކޮށް ސަލާމް ޖަހަމުންދާ ތަނެވެ. މިގޮތުން ބޮޑެތި މުޞީބާތްތައް ޖެހުމުންނާއި، ލޯބިވެގެން އުޅޭ ދެމީހަކު ވަކިވުމުންނާއި ނުވަތަ ދެމަފިރިން ވަކިވުމާއި، މީހެއްގެ ކިބައިން ބަދަލުހިފުމަށް، ނުވަތަ މިކަހަލަ ކިތަންމެ ކިތަންމެ ކަމެއް ހިމެނެއެވެ. އެހެންނަމަވެސް الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަހީ ކުރައްވަނީ:
“وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ” (البقرة: 186)
“އަދި ތިމަން الله އާއި މެދު ތިމަންގެ އަޅުތަކުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، ފަހެ ތިމަން الله ވަނީ އެމީހަކާއި ކައިރިވެ ވޮޑިގެންނެވެ. އަދި ތިމަން اللهގެ ކިބައިން ކަމަކަށްއެދި އެކަމަށް ދުޢާކޮށްފި މީހަކަށް އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާހުށީމެވެ.” (ސޫރަތުލް ބަޤަރާ: 186)
އަދިވެސް الله سبحانه وتعالى ވަހީ ކުރައްވަނީ:
“وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ” (غافر:60)
“އަދި ތިޔަބައިމީހުންގެ ރައްބު ވަހީ ކުރައްވަތެވެ. ތިމަން الله އަށް ދުޢާ ކުރާހުށިކަމެވެ. އޭރުން ތިމަން ﷲ ތިޔަބައިމީހުންގެ ދުޢާތަށް އިޖާބަ ކުރައްވާ ހުށީމެވެ. ހަމަކަށަވަރުން ތިމަން އިލާހަށް ދުޢާ ކުރުމަށް ކިބުރުވެރިވެގަންނަ މީހާ (ލަސްތަކެއްނުވެ) ނިކަމެތި ވެގެންވާ ޙާލުގައި ޖަހަންނަމައަށް ވަންނަހުއްޓެވެ.” (ސޫރަތުލް ޣާފިރް: 60)
الله سبحانه وتعالى އާއި تَوَسُّلْ (ކުއްތަން/ގާތް) ވެވޭނެ ބައެއް ގޮތްތައް:
· الله سبحانه وتعالىގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ބޭނުންކޮށްގެން އެކަމަކަށް އެދުން.
މިޘާލަކަށް: – އޭ الله، މި އަޅާ އަށް ތެދުމަގު ދައްކަވާންދޭވެ. އޭ ރަޙީމްވަންތަ ރަޙްމާންވަންތަ الله އެވެ، މި އަޅާ އަށް ރަޙްމަތް ލައްވާންދޭވެ. އޭ ޣަފޫރްވަންތަ އިލާހެވެ. މި އަޅާގެ ފާފަ ފުއްސަވާންދޭވެ…..
· އީމާންތެރިކަމާއި އަމިއްލައަށް ކޮށްފައިވާ ހޮޔެ ޢަމަލްތަކުގެ ޛަރިއްޔާއިން. މިކަމަށް ކީރިތި ނަބިއްޔާގެ އަރިހުން ވަރަށް މަޝްހޫރު ޙަދީޘަކުން ދަލީލު ލިބެއެވެ. އާދެ އެޙަދީޘަކީ ތިން މީހަކު ދަތުރު ކުރަމުން ދަނިކޮށް ވާރޭ ވެހެން ފެށުމުން ހޮހޮޅައަކަށް ވަންހިނދު އެހޮހޮޅައިގެ ދޮރު މައްޗަށް ބޮޑު ހިލައެއް ޖެހި ނިކުމެވޭނޭގޮތެއް ނެތި އެތަނުގައި ބަންދުވިއެވެ. ދެން އެބޭކަލުން ކުރައްވާފައިވާ ހެޔޮޢަމަލުތަކުގެ ޛަރީޢާއިން އެތަނުން މިންޖުކޮށްދެއްވުމަށް އެދި ﷲ ތަޢާލާއަށް ދުޢާ ކުރެއްވިއެވެ. މިޙަދީޘަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ދަންނަ މަޝްހޫރު ޙަދީޘެކެވެ. ޙަދީޘް ރިވާ ކުރައްވާފައިވަނީ އިމާމް ބުޚާރީއާއި މުސްލިމްއެވެ.
· ޔޫނުސް عليه السلام ހެއްދެވިފަދައިން، الله سبحانه وتعالىގެ އެއްކައުވަންތަކަމަށް އިޤްރާރުވެ، الله سبحانه وتعالى ޙަޟްރަތުން އެކަމަކަށް އެދުން.
· އަމިއްލައަށް ކުރެވިފައިވާ ފާފަތަކަށް އެއްބަސްވާ ޙާލުގައި އެދުން.
· އައްޔޫބް عليه السلام ހެއްދެވިފަދައިން، ތިމާގެ ބަލިކަށިކަމާއި ނިކަމެތިކަމާއި، الله سبحانه وتعالى އަށް ބޭނުންވެފައިވާލެއް ބޮޑުކަން ހާމަކޮށް، އާދޭހާ އެކު އެދުން.
· ދިރިހުރި ޞާލިޙް މީހެއް މެދުވެރިކޮށް އެދުން. މިގޮތުން ޞަހާބިއްޔަ رضي الله عنهم ވަނީ އެބޭބޭކަލުންނަށް ތަދުމަޑު ކަމެއް ޖެހިއްޖެނަމަ ރަސޫލް صلى الله عليه وسلم އަރިހަށް ގޮސް ވާރޭ ވައްސަވައިދެއްވުން އެދި الله އަށް ދުޢާ ކޮށްދިނުމަށް އެދިފައެވެ. އަދި ރަސޫލު الله صلى الله عليه وسلم އަވަހާރަވުމުން އެބޭބޭކަލުން ވަނީ ހަމަ އެފަދައިން ރަސޫލު الله صلى الله عليه وسلمގެ ބޮޑުބޭބޭފުޅު އައްބާސްގެފާނުގެ އަރިހުންވެސް އެދިފައެވެ. އާދެ އެއްވެސް ޙާލެއްގައި އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ޤަބުރުކޮޅަށް ގޮސް ނުވަތަ އެކަލޭގެފާނުގެ ކިބައިން މިވެނި އެވެނި ކަމެއް ކޮށްދެއްވުމަށް ޞަޙާބިއްޔަ ބޭކަލުން އެދިފައެއް ނެތެވެ. އެބޭކަލުންނީ އެންމެ ހެޔޮ ޤަރުނުގައިވީ މީސްތަކުންނެވެ.
ބައެއް މީހުން ރަސޫލު الله صلى الله عليه وسلم އަވަހާރަ ވުމަށްފަހުވެސް، އެކަލޭގެފާނު މެދުވެރިކޮށް الله سبحانه وتعالى އާއި ކުއްތަންވުމަށް މަސައްކަތް ކުރެއެވެ. އަދި ހަމަ އެފަދައިން އެހެނިހެން ޞާލިޙް އަޅުތަކުން މެދުވެރިކޮށްވެސް الله سبحانه وتعالى އާއި ކުއްތަންވާން މަސައްކަތް ކުރެއެވެ. މިގޮތުން ދުޢާ ކުރާއިރު އެބޭކަލުންގެ ނަމުންގޮވައި އެހީއަށް އެދި ނުވަތަ އެބޭބޭކަލުންގެ ނަމުގައި ނަދުރު ބުނެ ނުވަތަ އެބޭބޭކަލުންގެ ޤަބުރު ދޮށަށް އެއްވެ ޠަވާފްކޮށް ނުވަތަ ރޮއެ އާދޭސްކޮށް އަދިވެސް މިފަދަ އެތައް އެތައް ޢަމަލެއް ހިމެނެއެވެ.
މިއީ އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ގޮތްތަކާއި މުޅިން ޚިލާފް ގޮތްތަކެވެ. އެއްވެސް މީހަކު މަރުވަށްފަހު އޭނާމެދުވެރިކޮށް الله سبحانه وتعالى އާއި ކުއްތަން ނުވެވޭނެއެވެ. އެއީ ކިތަންމެ މާތް މީހަކަށް ވިޔަސްވެއެވެ. އެފަދައިން ޢަމަލު ކުރާ މީހާ އެކުރަނީ الله سبحانه وتعالى އަށް ޝިރްކެވެ. ސަބަބަކީ އެއްވެސް ފުރާނައެއް ނެތް އާރެއްބާރެއް ނެތް، ފައިދާއެއް އަދި ގެއްލުމެއްވެސް ނުދެވޭ މީހެއްގެ ކިބައިން މަދަދަށް އެދޭތީއެވެ. މިކަމާ ބުދަށް އަޅުކަން ކުރުމާއި އެއްވެސް ތަފާތެއް ނެތެވެ. الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަހީ ކުރައްވަނީ:
“إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ” (النساء: 48)
“ހަމަކަށަވަރުން الله އަށް ޝިރުކު ކޮށްފައިވާ އެއްވެސް އަޅެއްގެ ފާފަ، އެކަލާނގެ ނުފުއްސަވާ ހުއްޓެވެ. އަދި އެނޫން އެހެން ހުރިހާ ފާފަތަކެއް، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ފުއްސަވާ ދެއްވާ ހުއްޓެވެ.” (ސޫރަތުއް ނިސާ:48)
އާދެ ޝަރުޢުގައި އަޅުކަމުގެ އަޞްލަކީ، ﷲ ތަޢާލާއާއި ކީރިތި ނަބިއްޔާގެ ޞައްޙަ ޙަދީޘްފުޅުތަކުން ޘާބިތުނުވާ ކޮންމެ އަޅުކަމަކީ ޙަރާމް އަދި ބާޠިލް އެއްޗެއް ކަމުގައިވުމެވެ. އެހެންކަމުން އެއްވެސް މީހަކަށް ދީނުގެ އަޅުކަމަކަށް ކުޑަވެސް ބަދަލެއް ގެނެސް އަދި އައު ކަންތައްތައް ގެނެސްގަތުން ހުއްދަވެގެން ނުވެއެވެ. ދީނުގެ ކަންތައްތައް ޝަރުޢުކުރައްވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަންކަން ބަޔާންކޮށްދެއްވެވީ އަޅުގަނޑުމެންގެ ކީރިތި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެވެ. އެދެފަރާތުން އަންގަވާފައިނުވާ އެއްވެސް އަޅުކަމެއް ކުރުމީ މަގުފުރެދިގެންވާ ބޮޑު ބިދުޢައެކެވެ. އަދިކިއެއްހެއްޔެވެ. އެކަންކަން ޝިރުކުގެ ތެރެއަށް ވަދެ އިންސާނާގެ ހުރިހައި ހެޔޮ ޢަމަލުތަކެއް ބާޠިލް ކޮށްލުން ގާތެވެ.
ޔަހޫދީންނާއި ނަޞާރާއިން މަގުފުރެދިގެން ދިޔައީ އެމީހުންގެ ދީނުގެ ކަންތައްތައް ގަޑުބަޑުކޮށް އެމީހުން ހިތުހުރިހާ ކަމެއް ދީނުގެ ތެރެއަށް ވައްދައި ހަދައިގެންނެވެ. އަޅުގަނޑުމެންގެ މައްޗަށް ބާއްވާލެވުނު އިސްލާމްދީންވަނީ ފުރިހަމަ ކުރެވިފައެވެ. އެހެންކަމުން ދީނުގައި ޝަރުޢު ކުރައްވާފައިނުވާ ކިތަންމެ ކުޑަކަމެއްވެސް ގެނެސްގަތުމުން އެދަލީލުކޮށްދެނީ އެފަދަމީހަކީ، އިސްލާމްދީނަކީ ފުރިހަމަވެފައިވާ ދީނެއް ނޫންކަން ޤަބޫލުކުރާ މީހެއް ކަމުގައެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
“الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْأِسْلامَ دِيناً” (المائدة: 3)
“ފަހެ މިއަދު ތިމަން ﷲ ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ ތިމަން ﷲގެ ނިޢުމަތްތައްވެސް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިޔަބައިމީހުންނަށްވާ ދީނަކީ އިސްލާމްދީން ކަމުގައި ރުހިވޮޑިގެންފީމެވެ.”