ތަޢުރީފް އަދި ޝަރަޙަ
ނަރަކައީ ﷲ ތަޢާލާ އެކަލާނގެ އަށް ކާފަރުވާ މީހުންނާއި އަދި އެކަލާނގެ ޝަރީޢަތާއި ދެކޮޅު ހަދާމީހުންނާއި އަދި އެކަލާނގެ ފޮނުއްވި ރަސޫލުން ދޮގު ކުޅަ މީހުންނަށް ޢަޛާބު ދެއްވުމަށް އެކަލާނގެ ހައްދަވާފައިވާ ތަނެވެ. އަދި ﷲ ގެ އަދުއްވުންނަށް ހުރި ޢަޛާބުގެ ގޮވައްޗެވެ. އަދި މުޖްރިމުން އެތަނެއްގައި ހައްޔަރު ކުރެވޭނެ ޖަލެވެ.
އެއީ ބޮޑުވެގެންވާ ނިކަމެތިކަމާއި އަދި ހަލާކެވެ، އެއަށް ވުރެ ބޮޑު ނިކަމެތިކަމެއް އަދި ހަލާކެއް ނުވެއެވެ.
)رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ) [سورة آل عمران 192]
މާނައީ: ” އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް ނަޞްރުދޭނެ އެއްވެސް ބަޔަކު ނުވެއެވެ .”
)) أَلَمْ يَعْلَمُوا أَنَّهُ مَن يُحَادِدِ اللَّـهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِدًا فِيهَا ۚ ذَٰلِكَ الْخِزْيُ الْعَظِيمُ)) [سورة التوبة 63]
މާނައީ: “ހަމަކަށަވަރުން، ﷲއާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހާ، ފަހެ، އެތާނގައި ދެމިހުންނަ ގޮތުގައި، އެމީހާއަށް ނަރަކައިގެ އަލިފާން ހުރިކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ބޮޑުވެގެންވާ ނިކަމެތިކަމަކީ އެއީއެވެ.”
((قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ)) [سورة الزمر 15]
މާނައީ:”ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ ޤިޔާމަތް ދުވަހުން އެއުރެންގެ އަމިއްލަ ނަފްސުތަކާއި، އެއުރެންގެ އަހުލުވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.”
ނަރަކައިގައިވާ ވޭންދެނެވި ޢަޛާބާއި އަދި ނިކަމެތިކަމަކީ މީހެއްގެ ގަލަމުން އަދި ދުލަކުން ޞިފަނުކުރެވޭނެ އެއްޗެއް ކަމުގައި ވާއިރު، މިސިފަކޮށްދިން ނޫން ގޮތަކަށް ނަރަކަ ވާނީ ކިހިނަކުން ހެއްޔެވެ؟ އަދި ނަރަކައީ ދާއިމަށް ދެމިއޮންނަ ތަނެކެވެ. އަދި އެނަރަކައިގެ އަހުލުވެރިން އެތަނުގައި އަބަދަށް ދާއިމަށް ދެމިތިބޭނެއެވެ. ﷲ ތަޢާލާ ވަނީ އެމީހުންނަކީ ކުއްވެރިންކަން އަދި އެމީނުނަށް ޙައްގު ވާތަނަކީ ނަރަކަމަށް ޙުކުމްކޮށް ނިންމާފައެވެ.
((إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا)) [سورة الفرقان 66]
މާނައީ:”ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމްވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.”
((هَـٰذَا ۚ وَإِنَّ لِلطَّاغِينَ لَشَرَّ مَآبٍ ﴿55﴾ جَهَنَّمَ يَصْلَوْنَهَا فَبِئْسَ الْمِهَادُ )) [سورة ص 55,56]
މާނައީ:”ކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން، ކާފިރުވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ. (އެއީ) ޖަހަންނަމެވެ. އެއުރެން އެތަނަށްވަންނަ ހުށްޓެވެ. ފަހެ، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!”
=ނުނިމޭ=
މިފޮތަކީ أ.د. عمر سليمان عبد الله الأشقر ގެ الجنة و النار ގެ އަސްލަށް ބަލައިގެން ތަރުޖަމާ ކުރަމުންދާ ފޮތެކެވެ.