الحمد لله رب العالمين. الصلاة و السلام على نبينا و حبيبنا محمد و على آله و صحبه. أما بعد.
ﷲ ސުބުހާނަހޫ ވަތަޢާލާ އީމާންވެއްޖެ ކަމަށް ބުނާ މީސްތަކުން އިމްތިޚާން ކުރައްވާނެ ކަމަށް ޚަބަރު ދެއްވަމުން އެއިލާހު ވަޙީކުރައްވައެވެ. أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ މާނައގެ ތަރުޖަމާއީ “އެބައިމީހުން އީމާންވެއްޖޭ ބުނުމުން އެބައިމީހުން އިމްތިހާން ނުކުރައްވާ ދޫކުރާނޭ ކަމަށް އެބަހީމީހުން ހީކުރަނީހެއްޔެވެ؟”
މި އާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ( މި އާޔަތުގައި އެވަނީ) ސުވާލުކުރެވޭ ކަންތައް ނަފީކުރާ ސުވާލެކެވެ. އެއާޔަތުގެ މާނައަކީ ” ހަމަކަށަވަރުން ﷲ ސުބުހާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންގެ ތެރެއިން އީމާންވާ މީސްތަކުން (މުއުމިނުން) އެބައިމީހުންގެ އިމާންކަމުގެ މިންވަރުން އިމްތިހާން ކުރައްވާނެއެވެ. ޞައްޙަ ޙަދީޘްގައި ބަޔާންވެފައިވާ ފަދައިންނެވެ. “އެންމެ ބަލާއި މުސީބާތް ބޮޑުވެގެންވާ (އިމްތިހާން ކުރެއްވުމުގައި) ބަޔަކީ ނަބީބޭކަލުންނެވެ. އެޔަށްފަހު ޞާލިހު އަޅުތަކުންނެވެ. ދެން އެޔާ ޖެހުނު އަދި އެޔާޖެހުނު މީހުންނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ދީންވެރިކަން (އީމާންކަން ) ހުރިވަރަކުން އިމްތިހާންކުރެވޭ ހުއްޓެވެ. އެމީހެއްގެ ދީންވެރިކަން ބޮޑުވީ ވަރަކަށް އެމީހަކަށް ދިމާވާ މުޞީބާތްވެސް އިތުރުވެއެވެ.”
އާދެ ނަމަވެސް އަޅުގަނޑުމެން އެއިލާޙުގެ ފޮތް ކިޔަވާ ހާލު އަޅުގަނޑުމެން ހީކުރަނީ އަޅުގަނޑުމެންނަށް އެއްވެސް ފިތުނައެއް ދިމާނުވާނެ ކަމަށެވެ. މާއްދިއްޔަތު ވަނީ އެކަން ޒީނަތްތެރިކޮށްދީފައެވެ. ތަރައްޤީއާއި ތަމައްދުން ވަނީ އަޅުގަނޑުމެން ކަނުކޮށްލާފައެވެ. އެއިލާހު ސުބުހާނަހޫ ވަތަޢާލާގެ މި އާޔަތުގައި މިއަންގަވާ އިމްތިހާނު އަތުވެދާނެ ކަމާމެދު އަޅުގަނޑުމެން ނުވިސްނައެވެ. އަދި ކީއްތޯއެވެ؟ ވިސްނާކަށް ބޭނުމެއްވެސް ނުވެއެވެ. އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ އިމްތިހާން ކުރެވިފައިވަނީ ކުރީގެ އުއްމަތްތައް ކަމެވެ. އެޔަށްފަހު އަޅުގަނޑުމެން އިމްތިހާން ކުރެވިދާނެ ކަމަކަށް ވިސްނައެއް ނުލައެވެ. ވިސްނައެއް ނުލެވެއެވެ.
ދެން އެޔާއި ޖެހިގެން އޮތް އާޔަތުގައި އެއިލާހު ބަސްފުޅު ވަހީކުރައްވަނީއެވެ. وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ މާނައިގެ ތަރުޖަމާއީ: “އަދި އެބައިމީހުންގެ ކުރީގެ މީސްތަކުން ތިމަންއިލާހު އިމްތިހާން ކުރެއްވީމެވެ. އަދި ހަމަކަށަވަރުން ﷲ ސުބުހާނަހޫ ވަތަޢާލާ އެބައިމީހުންގެ ބަސްތައް ތެދުކުރި މީޙުން އެނގޭގޮތް މެދުވެރިކުރައްވާނެއެވެ. އަދި ދޮގުކުޅަ މީހުންވެސް އެނގޭގޮތް މެދުވެރިކުރައްވާނެތެވެ.”
ދުޢާއަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންގެ ލޯތަށް ހުޅުއްވައިދެއްވައި ފިތުނައާއި ބަލާއާއި މުޞީބާތަށް ކެތްތެރިވެ އިމްތިހާނުން ނަޖާވާ ކާމިޔާބުވާ މީހުންގެ ތެރެއިން ލެއްވުމެވެ.
و آخر دعوانا أن الحمد لله رب العالمين.
ރެފަރެންސު: ތަފުސީރު އިބުނު ކަޘީރު، ފަތުޙުލް ޤަދީރު، އަންކަބޫތު ސޫރަތުގެ ދެވަނަ އަދި ތިންވަނަ އާޔަތުގެ ތަފުސީރުން.