[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 3

17760

ޞަޙީޙު ބުޚާރީ އަދި މުސްލިމުގައި ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރުވެއްޖެއް ކަމުގައިވާނަމަ، ހެނދުނާއި ހަވީރު އޭނަ ދާން އޮތްތަން ކަށްވަޅުގައި އޭނަޔަށް ދެއްކޭނެވެ. އޭނައީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން މީހެއް ކަމުގައިވާނަމަ ސުވަރުގެ އިންނެވެ. އަދި އޭނައަކީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިން މީހެއް ކަމުގައިވާނަމަ ނަރަކަ އިންނެވެ. އަދި އޭނައަށް ބުނެވޭނެވެ. މިއީ (ކަށްވަޅަކީ) ﷲ ތަޢާލާ ޤިޔާމަތް ކުރައްވަންދެން ތިބާ އޮންނަން ޖެހޭތަނެވެ.”

އަދި އަލްބަރާއު ބުން ޢާޒިބު ރަޟިޔަﷲ ޢަންހު ކިބައިން ރިވާ ވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“އުޑުން ގޮވާލާ މީހަކު ގޮވާލާނެވެ. ތިމަން އިލާހުގެ އަޅާ ތެދު ބުނެފިއެވެ. އޭނައަށްޓަކައި ސުވަރުގެއިން ތަނެއް ތައްޔާރު ކުރާށެވެ. އަދި އޭނަގެ ގަބުރަށް ސުވަރުގެއިން ދޮރެއް ހުޅުވާށެވެ.” ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “ދެން އެސުވަރުގޭގެ މީރުވަސް އޭނަޔަށް ލިބިލިބި ހުރެއެވެ.”

ޞަޙީޙު މުސްލިމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި އިރުކޭތައެއް ހިފިއެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

““ތިމަން ކަލޭގެފާނު މިތަނުގެއި ހުންނަވަނިކޮށް( ކޭތަ ނަމާދު ކުރެއްވުމަށް ހުންނަވަނިކޮށް)، ތިޔަބައިމީހުންނަށް ވަޢުދު ކުރެވިގެންވާ ހުރިހާ ކަމެއް ތިމަން ކަލޭގެފާނަށް ދެއްކެވުނެވެ. ތިމަން ކަލޭގެފާނު ކުރިޔަށް ޖެހިވަޑައި ގަންނަވަނިކޮށް ތިޔަބައި މީހުންނަށް ފެނުނީ، ތިމަންކަލޭގެފާނަށް ސުވަރުގެ ފެނުމުން އެތަނުގައިވާ މޭވާތައް ތިމަންކަލޭގެފާނު ނަންގަވަން އުޅުއްވަނިކޮށެވެ. އަދި ތިމަން ކަލޭގެފާނު ފަހަތަށް ޖެހިވަޑައި ގަންނަވާތަން ތިޔަބައިމީހުންނަށް ފެނުނީ، ތިމަންކަލޭގެފާނަށް ނަރަކަ ފެނި އޭގެ އެއްބައި އަނެއް ބަޔެއްގެ މައްޗަށް ގަދަވެ އުތުރި އަރައި ގަންނަ ތަން ފެނުމުންނެވެ”

ބުޚާރީ އަދި މުސްލިމުގައި ޢަބްދުﷲ ބުން އައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި އިރުކޭތައެއް ހިފިއެވެ. ދެން ޞަޙާބީން ދެންނެވިއެވެ.

“. . . އޭ ﷲގެ ރަސޫލާއެވެ. (ކޭތަ ނަމާދު ކުރައްވަން ހުންނަވާފައި)ކަލޭގެފާނު އެއްޗެއް ނަންގަވަނިކޮށް ތިމަންމެންނަށް ފެނުނެވެ.  އަދި ދެން ފަހަތަށް ޖެހިވަނޑައި ގަންނަވަނިކޮށް ފެނުނެވެ.” ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

” ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ސުވަރުގެ ފެނުނެވެ. އަދި ސުވަރުގޭގެ މޭވާތަކުގެ ތެރެއިން މޭވާތަކެއް ނެންގެވުމަށް ތިމަންކަލޭގެފާނު އުޅުއްވީމެވެ. ތިމަންކަލޭގެފާނަށް އެނެންގެވުނު ނަމަ ތިޔަބައިމީހުން ދުނިޔެ ނިމުމާ ހަމަޔަށް އެއިން ކެއީހެވެ. އަދި ތިމަން ކަލޭގެފާނަށް ނަރަކަ ދެއްކެވުނެވެ، އެއަށްވުރެ ބިރުވެރި ތަނެއް ތިމަންކަލޭގެފާނު ދުވަހަކުވެސް ނުދެކެމެވެ. އަދި އެނަރަކައިގެ ގިނަ އަހުލުވެރިންނަކީ އަންހެނުންނެވެ.” ދެން އެބައިމީހުން ދެންނެވިއެވެ. ” އޭ ﷲގެ ރަސޫލާއެވެ. އެތަނުގައި އަންހެނުން ގިނައީ ކީއްވެތޯއެވެ”. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.” އެކަނބަލުންގެ ކާފަރުކަމުގެ ސަބަބުންޏެވެ. ދެން އެބައިމީހުން ދެންނެވިއެވެ. “އެކަނބަލުން ކާފަރުވަނީ ﷲއަށް ހެއްޔެވެ؟” ދެން އެކަލޭގެފާނު ދެންނެވިއެވެ.” (ނޫނެކެވެ.) އެކަނބަލުންގެ ފިރިންނަށެވެ. އަދި އިޙްސާންތެރިކަމަށެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު، އެމީހެއްގެ މުޅި އުމުރު ދުވަސް އެކަނބަލުންގެ ތެރެއިން ކަނބަލަކާމެދު ހެޔޮކޮށް ޢަމަލުކޮށްފައި، ދެން ތިބާގެ ކިބައިން ނުބައި ކަމެއް ފެންނަ ހިނދުގައި އޭނަ ބުނާނެތެވެ. ތިބާގެ ކިބައިން ދުވަހަކުވެސް ރަނގަޅު ކަމެއް އަހަރެން ނުދެކެމެވެ.”

އަދި ޞަޙީޙު މުސްލިމުގައި ޢާއިޝާ ރަޞިޔަﷲ ޢަންހާ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކޭތަ ނަމާދަށް ފަހުގައި އެޚުޡުބާގައި ޙަދީޘް ކުރެއްވިއެވެ.

” ތިމަންކަލޭގެފާނަށް އެނގި ވަޑައިގަންނަވާ ތަކެތި ތިޔަބައިމީހުންނަށް އެނގޭނަމަ ތިޔަބައިމީހުން ގިނައިން ރޮއެ މަދުން ހުނީހެވެ.”

އަދި ކަޢުބު ބުން މާލިކުގެ ފަރާތުން އަލްމުވައްޡައު އަދި އައްސުނަނުގައި ރިވާވެގެން އައިސްފައިވެއެވެ. އަދި މިޙަދީޘް އަލްބާނީ ރަޙިމަހުﷲ ވަނީ ޞައްހަ ކޮށްފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“ހަމަކަށަވަރުން މުއުމިނާގެ ފުރާނަޔަކީ ސުވަރުގޭގައިވާ ގަހެއްގައި އެލުވިގެންވާ ދޫންޏެކެވެ. އެއީ ﷲ ތަޢާލާ ޤިޔާމަތް ދުވަހުގައި އޭނަގެ ހަށިގަނޑަށް އެފުރާނަ ރައްދުކޮށްފުމަށް ދާންދެނެވެ.”

މުއުމިނާގެ ފުރާނަ ޤިޔާމަތް ދުވަހުގެ ކުރިން ސުވަރުގެއަށް ވަންނާނެ ކަން މިޙަދީޘުން ޞަރީޙަކޮށް އެނގެވެ.

އަދި ޞަޙީޙު މުސްލިމުގައި އަބޫހުރައިރާ ގެފާނުގެ ކިބައިން ރިވާވެގެންވާ ހަދީޘް އެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދިޘް ކުރެއްވިއެވެ.

“ﷲ ތަޢާލާ ސުވަރުގެއާއި ނަރަކަ ހެއްދެވުމަށްފަހުގައި، ދެން ޖިބްރީލު ގެފާނު ސުވަރުގެއަށް ފޮނުއްވަމުން ވަޙީ ކުރެއްވިއެވެ. “ދާށެވެ. އަދި އެތަނަށް ބަލާށެވެ. އަދި އެތަނުގެ އަހުލުވެރިންނަށްޓަކައި ތިމަން އިލާހު ތައްޔާރު ކޮށްފައިވާ ކަންތައްތައް ބަލާށެވެ.” ދެން އެކަލޭގެފާނު ސުވަރުގެއަށް ގޮސް އެތަން ބެއްލެވުމަށްފަހު އައިސް ދެންނެވިއެވެ. “އިބައިލާހުގެ ޢިއްޒަތް ގަންދީ ބުނައެވެ. އެތަނުގެ ވާހަކަ އަޑު އިވިއްޖެ ކޮންމެ މީހަކު އެތަނަށް ވައްނަން އެދޭނެވެ.” ދެން ﷲތަޢާލާ ސުވަރުގެ ވަށައިގެން ހިތް ނުރުހޭ އުނދަގޫ ކަންތައްތައް ލެއްވިއެވެ. ދެން ޖިބްރީލްގެފާނަށް ވަޙީކުރެއްވިއެވެ. “އެތަނަށް އެނބުރި ދާށެވެ. އަދި އެތަނަށް ބަލާށެވެ.  އަދި އެތަނުގެ އަހުލުވެރިންނަށްޓަކައި ތިމަން އިލާހު ތައްޔާރު ކޮށްފައިވާ ކަންތައްތައް ބަލާށެވެ.” ދެން އެކަލޭގެފާނު ސުވަރުގެއަށް ގޮސް ބެލުމަށްފަހު އައިސް ދެންނެވިއެވެ. “އިބައިލާހުގެ ޢިއްޒަތް ގަންދީ ބުނައެވެ. އެތަނަށް އެއްވެސް މީހަކު ނުވަދެދާނެ ކަމަށް ތިމަންކަލޭގެފާނު ބިރުހީވެއެވެ.”

ދެން އެއަށްފަހު ޖިބްރީލުގެފާނު ނަރަކަޔަށް ފޮނުއްވަމުން ވަޙީ ކުރެއްވިއެވެ. “ދާށެވެ. އަދި އެތަނަށް ބަލާށެވެ. އަދި އެތަނުގެ އަހުލުވެރިންނަށްޓަކައި ތިމަން އިލާހު ތައްޔާރު ކޮށްފައިވާ ކަންތައްތައް ބަލާށެވެ.” ދެން އެކަލޭގެފާނު ނަރަކަޔަށް ގޮސް އެތަނަށް ބެއްލެވި ހިނދު އެތަނުގެ އެއްބަޔައް އަނެއް ބަޔެއްގެ މައްޗަށް ވާގޮތަށް ބައިބަޔަށް ހުއްޓައި ފެނިވަޑައި ގަތެއެވެ. ދެން އެކަލޭގެފާނު އެނބުރި އައިސް ދެންނެވިއެވެ. “އިބައިލާހުގެ ޢިއްޒަތް ގަންދީ ބުނަމެއެވެ. އެތަނުގެ ވާހަކަ އަޑު އިވިއްޖެ މީހަކު ދުވަހަކުވެސް އެތަނަކަށް ވަންނަން ނޭދޭނެވެ.” ދެން ﷲ އެނަރަކަ ޝަހަވާތް ތަކުން ވަށާލެއްވިއެވެ. ދެން ޖިބްރީލްގެފާނަށް ވަޙީކުރެއްވިއެވެ. “އެތަނަށް އެނބުރި ދާށެވެ. އަދި އެތަނަށް ބަލާށެވެ.  އަދި އެތަނުގެ އަހުލުވެރިންނަށްޓަކައި ތިމަން އިލާހު ތައްޔާރު ކޮށްފައިވާ ކަންތައްތައް ބަލާށެވެ.” ދެން އެކަލޭގެފާނު ސުވަރުގެއަށް ގޮސް ބެއްލުމަށްފަހު އައިސް ދެންނެވިއެވެ. “އިބައިލާހުގެ ޢިއްޒަތް ގަންދީ ބުނައެވެ. އެތަނަށް އެއްވެސް މީހަކު ނުވަދެ ސަލާމަތްވެދާނެ ކަމަށް ތިމަންކަލޭގެފާނު ބިރުހީވެއެވެ.”

ސުވަރުގެއާއި ނަރަކަ މިހާރުވެސް ވަނީ ހައްދަވާފައި ކަން މިޙަދީޘްތަކުން ވެސް ވަރަށް ރަނގަޅަށް އެނގެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ