[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: އައްޔާމުއް ތަޝްރީޤުގައި ރޯދަހިފުން

އައްޔާމުއް ތަޝްރީޤުގައި [އެބަހީ: ޙައްޖުމަހުގެ 11 ،12 ،13ގައި] ރޯދަހިފުން ހުއްދަވެގެންވޭ ހެއްޔެވެ؟

 

ޖަވާބު: އައްޔާމުއް ތަޝްރީޤަކީ އަޟްޙާ ޢީދު ދުވަހާ ޖެހިގެން އަންނަ ތިން ދުވަހެވެ. އަޔާމުއް ތަޝްރީޤުގެ ނަމުން އެދުވަސްތަކަށް ނަންދީފައިވަނީ އެދުވަސްތަކުގައި މީސްތަކުން އެއްގަމުމަސް އަވީލާތީއެވެ. އެއީ އެމަސްތައް ހަލާކުވެދިޔުމުން ރައްކާތެރިކުރުމަށްޓަކައި ހިއްކުމަށެވެ.

މިތިންދުވަހާ ބެހޭގޮތުން رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

((أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ، وَشُرْبٍ، وَذِكْرِ اللَّهِ)).

މާނަ: “އައްޔާމުއް ތަޝްރީގަކީ ކެއުމާއި ބުއިމާއި ﷲގެ ޛިކުރުކުރުމުގެ ދުވަސްތަކެކެވެ.”

ފަހެ އެފަދައިން އެކަން އޮތްއިރު، އެބަހީ: ކެއުމާއި ބުއިމާއި އަދި ޛިކުރުކުރުމަށް ޝަރުޢީގޮތުން އެދުވަސްތައް ލެއްވިފައިވާއިރު އެދުވަސްތަކަކީ ރޯދަހިފުމުގެ ދުވަސްތަކެއް ނޫނެވެ. އެހެންކަމުން އިބްނު ޢުމަރާއި ޢާއިޝާ رضي الله عنهم ވިދާޅުވެފައިވެއެވެ.

((لَمْ يُرَخَّصْ فِي أَيَّامِ التَّشْرِيقِ أَنْ يُصَمْنَ، إِلَّا لِمَنْ لَمْ يَجِدِ الهَدْيَ)).

މާނަ: “ހަދްޔު ނުލިބުނު މީހަކަށް މެނުވީ އައްޔާމުއް ތަޝްރީޤުގައި ރޯދަހިފުމަށް ހުއްދަ ދެވިފައިނުވެއެވެ.”

އެބަހީ: ތަމައްތުޢުކޮށް އަދި ޤިރާނުކޮށް ޙައްޖުކުރާމީހުން [ކަތިލާނެ ހަދްޔެއް ނުލިބިއްޖެނަމަ] ދަންނައެވެ. ފަހެ، ހަމަކަށަވަރުން އެފަދަ މީހުންނަށް އޮތީ ޙައްޖު ދުވަސްވަރު ތިން ރޯދަހިފުމަށްފަހު އޭނާގެ އަހުލުންގެ ގާތަށް ދެވުނީމަ ހަތްރޯދަ ހިފުމެވެ. އެހެންކަމުން ޤިރާނުކޮށް ނުވަތަ ތަމައްތުޢުކޮށް ޙައްޖުވާ މީހުންނަށް ހަދްޔުއެއް ނުލިބިއްޖެނަމަ އެތިން ދުވަހު އެމީހުންނަށް ރޯދަހިފޭނެއެވެ. އެއީ އެރޯދަތައް ނުހިފިގެން އުޅެނިކޮށް ޙައްޖު މޫސުން ނިމިދާނެތީއެވެ.

ފަހެ ހަމަކަށަވަރުން އެނޫން އެހެން ބަޔަކު އެދުވަސްތަކުގައި ރޯދަހިފުން ހުއްދައެއް ނުވާނެއެވެ. އެއީ [ކައްފާރާގެ ގޮތުގައި] ދެމަސްދުވަހު ވިދިވިދިގެން ރޯދަހިފަން ޖެހިފައި ހުރި މީހެއް ނަމަވެސްމެވެ. ފަހެ އެފަދަ މީހަކުވެސް [އަޟްޙާ] ޢީދުދުވަހާއި އެއާ ޖެހިގެން އަންނަ ތިން ދުވަހު ރޯދަ ދޫކޮށްލާނީއެވެ. އެއަށް ފަހު އަލުން [ޛުލްޙިއްޖާ 14 ވަނަ ދުވަހުން ފެށިގެން ރޯދަތައް] ފުރިހަމަ ކުރަމުންދާނީއެވެ.

__________________________________________

 -ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން – رحمه الله

مجموع فتاوى ورسائل العثيمين (20 / 60)