[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

عقيدة التوحيد 2

Aqeedat-at-tawheed

 

ފުރަތަމަ ބައި

ޢަޤިދާއަކީ ކޮބަކަމާއި އަދި އެއީ ބިނާއެއްގެ އަސާސް ފަދައިން އެހާމެ މުހިންމު އެއްޗެއް ކަން ބަޔާން ކޮށްދޭ ބާބު

ބަހުގެގޮތުން ޢަޤީދާ:

    ޢަޤީދާ، މިބަސް ނެގިފައިވަނީ اَلْعَقْدُ މިބަހުންނެވެ. އެއީ އެއްޗެއް އައްސައި ގޮއްޖަހައި ބަނދެލުމެވެ. (ޢަރަބިބަހުން އެބަސް ބޭނުން ކުރާނަމަ ބުނާނީ) اِعْتَقَدْتُ كَذَا އެބަހީ: އަހުރެން މިވެނި އެވެނި ކަމެއް ގެ މައްޗަށް އަހަރެންގެ ހިތާއި ޒަމީރު ގޮއްޖަހައި ގުޅުވާލައިފީމެވެ. އިންސާނާ ދީނެއްގެ ގޮތުގައި ބަލައި ޢަމަލު ކުރާ އެއްޗަކީ އަޤީދާއެވެ. (އަރަބި ބަހުގައި) ބުނެވެއެވެ: لَهُ عَقِيْدَةٌ حَسَنَةٌ އެބަހީ: ޝައްކުތަކާއި ވަހުމްތަކުން ސަލާމަތްވެގެންވާ ޢަޤީދާއެއް އޭނާއަށް ވެއެވެ. ޢަޤީދާއަކީ ހިތުގެ ޢަމަލެކެވެ. އެއީ ކަމަކަށް ނުވަތަ އެއްޗަކަށް ހިތުގެ އަޑިން އީމާންވެ ތެދުކުރާ ކުރުމެވެ.

ޝަރުޢީ އިޞްޠިލާޙުގައި ޢަޤީދާ:

    އެއީ ﷲ އާއި އެއިލާހުގެ މަލާއިކަތުންނާއި ފޮތްތަކާއި ރަސޫލުބޭކަލުންނާއި ޤިޔާމަތްދުވަހަށާއި އަދި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ. މި އެންމެހާ ކަންތައް ތަކަށް އީމާންކަމުގެ ރުކުންތަކޭ ކިޔެއެވެ.

    ޝަރީޢަތް ބެހިގެން ވަނީ ދެބަޔަށެވެ. އެއީ އިޢްތިޤާދު (ޤަބޫލުކުރަން) ޖެހޭ ކަންތައްތަކަކާއި ޢަމަލުން ދައްކަން ޖެހޭކަންތައްތަކެއްގެ މައްޗަށެވެ.

    އިޢްތިޤާދު (ނުވަތަ ޤަބޫލުކުރަންޖެހޭ ކަންތައްތަކޭ) މި ބުނެވެނީ އެޢަމަލެއް ކުރުމަށް ވަކި ގޮތެއް ކަނޑައެޅިފައި ނުވާ ކޮންމެ ޢަމަލަކަށެވެ. މިސާލަކަށް ﷲ ގެ ރުބޫބިއްޔަތުވަންތަކަމަށް އީމާންވުމާއި، އެއިލާހަށް އަޅުކަން ކުރުމަކީ ވާޖިބެއްކަން ހިތުގެ އަޑިން ޤަބޫލުކުރުމާއި އަދިވެސް ކުރިން ބަޔާން ކުރި އެންމެހައި ރުކުންތަކަށް އީމާންވުމެވެ. މިބަޔަށް ދީނުގެ ޢަޞްލޭ ކިޔެއެވެ.

    ޢަމަލުން ދައްކަން ޖެހޭ ކަންތައްތަކޭ ބުނެވުނީ އެޢަމަލުތައް ކުރުމަށް ވަކިގޮތެއް ހަމަޖެހި ކަނޑައެޅިފައިވާ ކޮންމެ ޢަމަލަކަށެވެ. އެއީ ނަމާދާއި ޒަކާތާއި ރޯދަ ފަދަ އެންމެހާ އަޅުކަންތަކެވެ. މިއަށް ދީނުގެ ފަރުޢު އޭ ކިޔެއެވެ. އެހެނީ މިހުރިހާ ކަމެއް ބިނާވެގެން ވަނީ ކުރިން ބަޔާން ކުރި އަޞްލުތަކުގެ މައްޗަށެވެ. (ފަރުޢުތައް) ޞައްޙަވުމާއި ނުވުން ބިނާ ވެގެން ވަނީ ވެސް ހަމަ އެއަޞްލުތަކުގެ މައްޗަށެވެ.

    ފަހެ، ޞައްޙަ ޢަޤީދާއަކީ ދީން އެ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ބިންގަލެވެ. އަދި ޢަމަލުތައް ޞައްޙަ ކޮއްދޭ ކަންވެސް މެއެވެ. الله تعالى ވަޙީ ކުރެއްވިއެވެ.

(فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا) [سورة الكهف 110]

މާނައީ: “ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާއި ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صَالِحُ عَمَل ން عَمَل ކުރާ ހުށިކަމެވެ. އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ.”

    އަދިވެސް ވަޙީކުރެއްވިއެވެ.

(وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ) [سورة الزمر 65]

މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسولންނަށް وحى ކުރައްވާފައިވެއެވެ. ކަލޭގެފާނު شريك ކުރައްވައިފިނަމަ، ކަލޭގެފާނުގެ عمل ތައް باطل ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.”

    އަދިވެސް ވަޙީކުރެއްވިއެވެ.

(فَاعْبُدِ اللَّهَ مُخْلِصًا لَّهُ الدِّينَ ]2[ أَلَا لِلَّهِ الدِّينُ الْخَالِصُ) [سورة الزمر 2-3]

މާނައީ: “ފަހެ، اللَّه އަށް دِيْنُ خَالِص ކުރާ حَالُ، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ!  ދަންނާށެވެ! خالص ވެގެންވާ دين ވަނީ اللَّه އަށެވެ.”

    މިއާޔަތްތަކާއި އަދި މިމާނައިގައިވާ މިނޫންވެސް އެތަކެއް އާޔަތްތަކެއް – ވަރަށް ގިނަ ޢަދަދެއް އާޔަތްތައް – ދަލީލުކުރަނީ ޝިރުކުން ރައްކާތެރިވެގެން ނުވާނަމަ އެއްވެސް ޢަމަލެއް ޤަބޫލުވެވިގެން ނުވާނެ ކަމެވެ. އެހެންކަމުން އެންމެހައި ރަސޫލުބޭކަލުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ފުރަތަމަ ޢަޤީދާ އިޞްލާޙު ކުރެއްވުމަށެވެ. އެބޭކަލުން، އެބޭކަލުންގެ ޤައުމުގެ މީހުންނަށް އެންމެ ފުރަތަމަ ގޮވާލެއްވި ކަމަކީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށެވެ. އަދި އެހެން ހުރިހައި ފަރާތަކަށް އަޅުކަން ކުރުން ދޫކުރުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.

(وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ) [سورة النحل 36]

މާނައީ: “ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ ހަމައެކަނި اللَّه އަށް އަޅުކަންކުރުމަށާއި، އަދި ޠާޣޫތުންގެ ކިބައިން އެއްކިބާވެ ދުރުހެލިވުމަށް އެންގެވުމަށެވެ.”

     ކޮންމެ ރަސޫލުބޭކަލަކުމެ – ފުރަތަމަވެސް އެބޭކަލެއްގެ ޤައުމުގެ މީސްތަކުންނާއި މުޚާޠަބުކޮށް – ވިދާޅުވާކަމުގައި ވެއެވެ:

(اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ) [سورة الأعراف 59،65،73،85]

މާނައީ: “އޭ އަހަރެންގެ قوم ގެމީހުންނޭވެ. ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.”

ނޫހު عليه السلام، ހޫދު عليه السلام، ޞާލިޙު عليه السلام، ޝުޢައިބު عليه السلام އަދި އެހެން އެންމެހައި ނަބީބޭކަލުންވެސް އެބޭކަލުންގެ ޤައަމުގެ މީސްތަކުންނަށް މިފަދައިން ވިދާޅުވިއެވެ.

          ނަބިއްޔާ صلى الله عليه وسلم ، ރަސޫލު ކަމައިގެން ފޮނުއްވެވުމަށް ފަހު، ތައުހީދަށް (އެބަހީ: ﷲ ގެ އެއްކައުވަންތަކަމަށް) ގޮވާލެއްވުމާއި (މީސްތަކުންގެ) ޢަޤީދާ އިޞްލާޙު ކުރެއްވުމުގައި 13 އަހަރު މައްކާގައި ހޭދަ ކުރެއްވިއެވެ. އެހެނީ އެއީ ދީން އޭގެ މައްޗަށް ބިނާވެފައިވާ އަސާސްކަމުގައި ވާތީއެވެ. އެންމެހައި ދުވަސްވަރުތަކުގައިވެސް ދީނަށް ގޮވާލައްވާ ދާޢީންނާއި މުޞްލިޙުން، ނަބީބޭކަލުންނާއި ރަސޫލުބޭކަލުން މިހިންގެވި މަގުން ހިންގެވިއެވެ. އެބޭކަލުން ދީނަށް ގޮވާލެއްވުން ފައްޓަވާކަމުގައި ވަނީ ތައުހީދު މީސްތަކުންނަށް އުނގަންނަވައި ދެއްވައި ޢަޤީދާ އިޞްލާޙު ކުރެއްވުމުންނެވެ. ދެން އެއަށް ފަހު އެބައިމީހުން ދީނުގެ ބާކީހުރި އަމުރު ފުޅުތައް މީސްތަކުންނަށް އުނގަންނައި ދެއްވުމަށް މިޞްރާބު ޖައްސަވައެވެ.

_______________________________

= ނުނިމޭ =

މިލިޔުމާގުޅޭ އެހެން ބައިތައް