الله سبحانه وتعالى އެންމެހައި ކާއިނާތުތައް ހައްދަވައި، އެތަންތަނުގައި އެންމެހައި ތަކެތި ލައްވަވައި އެހުރިހާ މަޚްލޫޤާތްތައް ހެއްދެވުމަށްފަހު، އެއްވެސް ހަމައެއް ލަމައެއްނެތި ކައުނުގެ ތެރެއަށް އެތަކެތި ދޫކޮށް ނުލައްވައެވެ. އެހެނެއްކަމަކު ކޮންމެކަމަކަށްވެސް ފުރިހަމަ ނިޒާމްތަކަކާއި ހަމަތަކެއް ކަނޑައަޅުއްވައި އެގޮތުގެ މަތީގައި ހުރިހާ ކަމެއްވެސް ދައުރުވަމުންދާގޮތަށް ތަދުބީރުކުރައްވަވައި ހިންގަވައެވެ. އެގޮތުން އިންސާނުން މިދުނިޔެއަށް ފޮނުއްވުމަށްފަހުވެސް އެބައިމީހުން ހިތުހުރިހާ ގޮތަކަށް އުޅެން ދޫކޮށްލެއްވެވީއެއް ނޫނެވެ. އެބައިމީހުންނަށް ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު ބަޔާންކޮށްދެއްވުމަށް ކޮންމެ ޒަމާނެއްގައިވެސް ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވެވިއެވެ. އެއީ އެއިލާހު ކަނޑައަޅުއްވަވާފައިވާ ސިޔާސަތުތައް އެބައިމީހުންގެ މައްޗަށް ތަންފީޛުކޮށް އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައެވެ. ﷲތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
((وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ فَاحْكُم بَيْنَهُم بِمَا أَنزَلَ اللّهُ وَلاَ تَتَّبِعْ أَهْوَاءهُمْ عَمَّا جَاءكَ مِنَ الْحَقِّ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا)) سورة المائدة: 48
މާނައީ: “އަދި ތިމަން އިލާހު ޙައްޤުގޮތުގައި ކަލޭގެފާނަށް ކީރިތި ޤުރްއާން ބާއްވާލެއްވީމެވެ. އެއީ އޭގެކުރިން ބާއްވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ. ފަހެ، ﷲ ބާއްވާލައްވާފައިވާ އެއްޗަކަށް ކަލޭގެފާނު އެބައިމީހުންގެ މެދުގައި ޙުކުމްކުރައްވާށެވެ. އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ ޙައްޤުގޮތާއި ޚިލާފަށް އެބައިމީހުންގެ ހަވާނަފްސުގެ އެދުންތަކަށް ކަލޭގެފާނު ތަބާވެ ވަޑައިނުގަންނަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، ޝަރީޢަތަކާއި ފާޅުވެގެންވާ މަގެއް، ތިމަން އިލާހު ލެއްވީމެވެ.”
މަތީގައި ބަޔާންވެދިޔަ އާޔަތުން އަޅުގަނޑުމެންނަށް އެނގިގެންދަނީ އިސްލާމްދީނަކީ ދިރިއުޅުމަށް އޮތް މަގުކަމެވެ. އެއީ ދުނިޔަވީ އަދި އުޚްރަވީ ޙަޔާތަށް މަގުދައްކާ ޢަމަލުކުރަންވީ ގޮތުގެ އިލާހީ ދުސްތޫރު (ޤާނޫނު) ކަމުގައެވެ. އެއްވެސް ޙާލެއްގައި އިސްލާމްދީނަކީ ހަމައެކަނި އަޅުކަންކޮށްލައިގެން މިސްކިތުން ގެޔަށް ދިޔުމުން އެދީނަށް ފުރިހަމައަށް އުޅެވުނީކަމަށް ބެލެވޭ ދީނެއް ނޫނެވެ.
ކޮންމެއަކަސް އަޅުގަނޑުމެންގެ މިއުންމަތް، އެހެން އުންމަތްތަކުގެ މައްޗަށް މަތިވެރިކުރައްވަވައި މާތްކުރައްވަވައި ފޮނުއްވެވީ ފުރިހަމަ މަތިވެރިވެގެންވާ ޝަރީޢަތަކާއިގެންނެވެ. އެއީ އެޝަރީޢަތުގައި ހިފައިފި ބަޔަކަށް ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބޭނެކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވަމުންނެވެ. ﷲތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
((تِلْكَ حُدُودُ اللّهِ وَمَن يُطِعِ اللّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَذَلِكَ الْفَوْزُ الْعَظِيمُ)) سورة النساء: 13
މާނައީ: “އެއީ ﷲ ތަޢާލާ ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ. ފަހެ ﷲއަށާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެއީ އެތާނގައި އެބައިމީހުން އަބަދުގެއަބަދަށް ދެމިތިބޭ ގޮތަށެވެ. ބޮޑުވެގެންވާ ކާމިޔާބު ލިބުމަކީ އެއީއެވެ.”
އެހެންނަމަވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ އިސްލާމީ މުޖްތަމަޢުތަކުގައިވެސް ހުޅަނގުގެ ޢަލްމާނީ (ސެކިއުލަރ، ލާދީނީ) ފިކުރުތަކުގެ އޮށްތަކުގެ ގަސްތައް ފަޅައި މޫތައް ލަމުންދާކަމެވެ. އެގޮތުން އެމީހުން ދެކެނީ ދީނާއި އަދި ވެރިކަމާއި ސިޔާސަތަކީ ވަކިދޭއްޗެއް ކަމުގައެވެ. ހުޅަނގުގެ މިފަލްސަފާގައި އެމީހުން ޤަބޫލުކުރާގޮތުގައި ދީނަކީ ހަމައެކަނި އަޅުކަމުގެ ކަންތައްތައް ހިމެނޭ އެއްޗެކެވެ. ދީން އޮންނަންވާނީ ހަމައެކަނި އަޅުކަންކުރާ ކަނީސާ (ފައްޅި) ނުވަތަ މިސްކިތްފަދަ ތަންތަނުގައި އެކަންޏެވެ. ދީނާއި ދުނިޔެވީ ކަންތައްތަކާއި އެއްވެސް ގުޅުމެއް ނުވެއެވެ. ޚާއްޞަގޮތެއްގައި ދީނާއި އަދި ވެރިކަމާއި ސިޔާސަތަކީ އެއްގޮތަކަށްވެސް ގުޅުމެއް ނުވާ ތަފާތު ވަކި ދޭއްޗެކެވެ. އެހެންނަމަވެސް މިޢަޤީދާއަކީ ނުވަތަ ފަލްސަފާއަކީ މުޅިން ބާޠިލް ޢަޤީދާއެއްކަން ބަޔާންކޮށްދޭ އެތައް ދަލީލުތަކެއް ކީރިތި ޤުރްއާނާއި ސުންނަތުގައި ވާރިދުވެފައިވެއެވެ.
އިސްލާމްކަމަކީ ﷲ ތަޢާލާ ބާއްވާލެއްވެވި ހުރިހާ އެއްޗެއް ތެދުކޮށް ޤަބޫލުކުރުމާއި އެއިލާހުގެ ނަބިއްޔާ صلّى الله عليه وسلّم އެކަމަކާއިގެން ވަޑައިގެންނެވި ކޮންމެ ކަމެއް ފުރިހަމައަށް ކިޔަމަންތެރިވެ ބޯލެނބުމާއި ނަހީ ކުރެއްވި ކޮންމެ ކަމަކުން ދުރުހެލިވެގަތުމެވެ. އެހެންކަމުގައި ވާއިރު ޝަހާދަތުގެ ދެކަލިމަ ހަމައެކަނި ދުލު ކުރިން ކިޔާލުމަށްފަހު ދެން ތިމަންމެން ޢަމަލުކުރާނީ އަދި ޙުކުމް ކުރާނީ ތިމަންމެން ރުހޭހާގޮތަކަށޭ ނުވަތަ ގިނަބަޔަކަށް ފެންނަގޮތަށޭ ބުނުމަކީ ޝަހާދަތުގެ ދެކަލިމައިގާ ކޮޅުފައިން ޖެހުން ނޫންތޯއެވެ! نعوذ بالله من ذلك. އެޔަށް އިސްލާމްކަމޭ ކިޔާނީ ކޮންފަދައަކުންތޯއެވެ! ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
((فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّىَ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُواْ فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُواْ تَسْلِيمًا)) سورة النساء: 65
މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދިފައިވާ އަރައިރުމާއި ދެބަސްވުމުގައި ޙުކުމްކުރާ މީހެއްކަމުގައި ކަލޭގެފާނު ހަދައި އެއަށްފަހު އެބައިމީހުންގެ ހިތްތަކުގައި ކަލޭގެފާނު ކުރެއްވެވި ޙުކުމާއި (ނިޔާއާއި) މެދު އެއްވެސް ނުރުހުންތެރިކަމެއްނެތި އަދި އެކަމަށް ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންތެރިވެއްޖައުމަށް ދާންދެން އެބައިމީހުން އީމާންނުވެއެވެ.”
އަޅުގަނޑުމެން މުސްލިމުންނަށް އަމުރުވެވިގެންވަނީ ﷲ ފިޔަވައި އަޅުކަން އަދާކުރެވޭ، އަދި ޙުކުމް ކުރެވޭ ހުރިހާ އެއްޗަކަށް ކާފަރުވުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
((لاَ إِكْرَاهَ فِي الدِّينِ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىَ لاَ انفِصَامَ لَهَا وَاللّهُ سَمِيعٌ عَلِيمٌ )) سورة البقرة: 256
މާނައީ: “އިސްލާމްދީނުގައި އެއްވެސް މަޖުބޫރުކަމެއް ނުވެއެވެ. ހަމަކަށަވަރުން މަގުފުރެދުމުގެ އަނދިރިކަމުގެ ތެރެއިން ހިދާޔަތުގެ ސީދާމަގު ފާޅުވެ ބަޔާންވެއްޖެއެވެ. ފަހެ ޠާޣޫތަށް ކާފަރުވެ ﷲއަށް އީމާންވި މީހާ ދަންނާށެވެ. ފަހެ އޭނާ އެހިފީ އެންމެ ވަރުގަދަވެގެންވާ އުޅަކުގައެވެ. (އެބަހީ އިސްލާމްދީނުގައެވެ.) އެއުޅައް އިރައިގެން ދިއުމެއް ނުވެއެވެ. ﷲއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”
ﷲ ތަޢާލާ ބާއްވާލެއްވެވި ޝަރީޢަތް އެއްލާލައި، އަމިއްލަ ވަޟަޢީ ޤާނޫނުތައް ހަދައި އެއަށް ޙުކުމްކުރުމަކީ މީހާ ދީނުން ބޭރުވެގެންވެސް ދާނޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
((وَمَن لَّمْ يَحْكُم بِمَا أَنزَلَ اللّهُ فَأُوْلَـئِكَ هُمُ الْكَافِرُونَ)) سورة المائدة: 44
މާނައީ: “އަދި ﷲ ބާއްވާލެއްވެވި އެއްޗަކަށް ޙުކުމްނުކުރާ ބަޔަކީ، ފަހެ ހަމަ ކާފަރުންނެވެ.”
އާދެ އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީންކަމުގައިވީ އެދީނަކީ ދިރިއުޅުމުގެ ހުރިހާކަމެއްގައިވެސް ޢަމަލުކުރަންވީގޮތުގެ އެންމެފުރިހަމަ ސިޔާސަތުތައް ކަނޑައެޅިފައިވާ ދީންކަމުގައި ވާތީއެވެ. އެހެންކަމުން އަޅުގަނޑުމެން ދެނެގަންނަންވީ އިސްލާމްދީނަކީ އެންމެ ފުރިހަމަ ވެރިކަމާއި ސިޔާސަތުގެ މައްޗަށް ބިނާވެފައިވާ ދީންކަމުގައެވެ.
ނޯޓް: މިލިޔުމަކީ “އިސްލާމްދީނުގައި ވެރިކަމާއި ސިޔާސަތު”، މިމައުޟޫޢަށް އަޅުގަނޑު ލިޔަމުންދާ ލުއި ފޮތަކަށް ލިޔެފައިވާ ލިޔުމެކެވެ.