عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : ” وَالَّذِيْ نَفْسِيْ بِيَدِهِ لَا تَدْخُلُوْنَ الْجَنَّةَ حَتَّى تُؤْمِنُوْا وَلَا تُؤْمِنُوْا حَتَّى تَحَابُّوْا أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوْهُ تَحَابَبْتُمْ؟ أَفْشُوْا السَّلَامَ بَيْنَكُمْ “. (رواه مسلم 21/ 35 نووي، كتاب الِإيمان، باب بيان أنه لا يدخل الجنة إلا المؤمنون).
ޙަދީޘުގެ މާނަ
ﷲ ތަޢާލާ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. އީމާންކަން ފުރިހަމަ ވެއްޖެއުމަށްދާން ތިޔަބައިމީހުން ސުވަރުގެ ނުވަންނަހުއްޓެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޯބި ކޮށްފުމަށްދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދިގެންދާނޭކަމެއް ތިމަންކަލޭގެފާނު ބަޔާންކޮށް ދެއްވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ.
ތަފްޞީލީ މާނަ
މި ޙަދީޘްގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ، ޞަޙާބީންގެ ސަމާލުކަމަށް ގެންނަވާފައިވަނީ ވަރަށް މުހިންމު ކަމެކެވެ. ފަހެ އެފަރާތެއްގެ އަތްޕުޅުގައި އެކަލޭގެފާނުގެ ނަފްސުވާ އިލާހު، ﷲ ސުބުޙާނަހޫ ވަތަޢާލާ ގަންދެއްވައި އެކަލޭގެފާނު ޙަދީޘް ކުރައްވަނީ، އީމާންވާންޖެހޭ ގޮތަށް އީމާންވެއްޖެއުމަށް ދާންދެން އެއްވެސް މީހަކު ސުވަރުގެ ނުވަންނާނެ ކަމުގައެވެ. އެއަށްފަހު ޞާލިޙު ޢަމަލުކުރުން، އިމާންކަން ލާޒިމުކުރާކަމުގައި ބަޔާންކުރެއްވިއެވެ. އެއިތުރުވުމުން އީމާންކަންވެސް އިތުރުވެގެންދެއެވެ. އެ މަދުވުމުން އީމާންކަންވެސް ބަލިކަށިވެގެންދެއެވެ. އެއަށްފަހު އެކަލޭގެފާނު އަޅުގަނޑުމެންނަށް އިރުޝާދު ދެއްވަނީ މުސްލިމުން އެކަކު އަނެކަކަށް ހެޔޮކޮށް ހިތައި ލޯބިކުރުމަކީވެސް އީމާންކަމުގެ ތެރެއިންވާކަމެއް ކަމެވެ. އަދި އެކަންތައް ޙާޞިލު ކުރާނޭގޮތް ބަޔާންކޮށްދެއްވައި ޙަދީޘްކުރައްވަނީ މުޖުތަމަޢުގައި ސަލާމް ފެތުރުމަށެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންނަށްވެސް ސަލާމްގޮވައި ހެދުމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ސުވާލު ދެންނެވުނެވެ. އިސްލާމްކަމުގެ (ޢަމަލުތަކުގެ) ތެރެއިން އެންމެ ހެޔޮވެގެންވާކަމަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. تُطْعِمُ الطَّعَامَ وَتَقْرَأُ السَّلَامَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ (رواه مسلم). “ދަންނަމީހުންނާއި ނުދަންނަ މީހުންނަށް ކާންދީ(ޞަދަޤާތްކޮށް) އެމީހުންނަށް ސަލާމް ގޮވައިހެދުމެވެ.” އަދި ޞައްޙަ ސަނަދަކުން ޠަބަރާނީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި އައިސްފައިވެއެވެ. أَطْعِمُوْا الطَّعَامَ وَأَفْشُوْا السَّلَامَ تُوَرَّثُوا الْجِنَانَ “(މީސްތަކުންނަށް ޞަދަޤާތްކޮށް) ކާންދޭށެވެ. އަދި ސަލާމް ފަތުރާށެވެ. ސުވަރުގެ ލިބޭހުއްޓެވެ.”
މިގޮތަށް ޢަމަލުކޮށްފިނަމަ މުޅި އިސްލާމީ މުޖުތަމަޢުގައި އަޚުވަންތަކަމާއި ލޯތްބާއި އެކުވެރިކަން ފެތުރިގެންދާނެއެވެ.
މި ޙަދީޘުންލިބޭ ބައެއް ފައިދާތައް
- ބޮޑެތި ކަންތައްތަކެއްގެ ވާހަކަ ދައްކާއިރު ހުވާކުރުމަކީ ހުއްދަ ކަމެއްކަން.
- މުއުމިނަކު ނޫނީ ސުވަރުގެ ނުވަންނާނެކަން.
- މުއުމިނުންގެ މެދުގައި ލޯތްބާއި އެކުވެރިކަން އުފެދޭ ކަންތައްކުރުމަކީ ވާޖިބު ކަމެއްކަން.
- ދޭދޭ ފަރުދުންގެ މެދުގައާއި މުޖުތަމައުގައިވެސް ލޯތްބާއި އެކުވެރިކަން އުފެދިގެން ދިއުމުގެ އެންމެބޮޑު ސަބަބުތަކުގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް ސަލާމްކުރުން ހިމެނޭކަން.