މި ލިޔުމުގައި މި ބަލާލަނީ ﷲ ތަޢާލާގެ ފޮތުގައި ބަޔާންވެފައިވާ، އެއިލާހުގެ މި ވަޙީ ބަސްފުޅާއިމެދުގައެވެ. އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ.
﴿وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ﴾ [ سورة مريم ٣٩ ]
މާނަ: “ހުރިހާކަމެއް ނިޔާކުރައްވާހިނދު އެއުރެންނަށް އޮތް ހިތާމައިގެ ދުވަހާމެދު ކަލޭގެފާނު އެއުރެންނަށް އިންޒާރު ކުރައްވާށެވެ. އެދުވަހާމެދު އެއުރެންވަނީ ޣާފިލުކަމެއްގެ ތެރޭގައެވެ. އަދި އެއުރެން އީމާނެއް ނުމެވޭމެއެވެ.”
މި އާޔަތުގައި ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރައްވާފައި މިވަނީ، ހިތާމަޔާއި މޮޅިވެރިކަން އިންތިހާއަށް ބޮޑުވެގެންދާ ދުވަހާއިމެދު، އާދެ! ޤިޔާމަތްދުވަހާއިމެދު މީސްތަކުންނަށް އިންޒާރު ދެއްވުމަށެވެ. ޝައްކެއްނެއްގޮތުގައި އެއީ ހިތާމަވެރިކަން ބޮޑުވެގެންދާނޭ ދުވަހެވެ. ﷲތަޢާލާގެ ރުހިވޮޑިގަތުމާއި އެއިލާހުގެ ނިޢުމަތުގެ ގޮވެތި ސުވަރުގެ ލިބުމުން މަޙްރޫމްވުމަށްވުރެ ބޮޑު ހިތާމައެއް އޮންނާނެހެއްޔެވެ؟ އަދި ﷲ ތަޢާލާގެ ކޯފާއާއި އެއިލާހުގެ ޢަޒާބުގެ ގޮވެތި ނަރަކަ ހައްޤުވުމަށްވުރެ ބޮޑު ހިތާމައަކީ ކޮބާހެއްޔެވެ؟ ޢަމަލުތައް އިސްތިއުނާފްކޮށް އަލުން ޢަމަލުތައްކުރުމަށް ދުނިޔެއަށް އެނބުރި ދިޔުމަކީ ވާނޭކަމެއްނޫނެވެ. ދެން މިފަދަ ޙާލެއްގައި އިންސާނާ ވާހިނދު އެއިންސާނާއަށް ހިތާމައާއި، މޮޅިވެރިކަމާއި، މާޔޫސްކަން ވެރިވާނޭ މިންވަރު ހިތްމައްޗަށް ގެންނަވާށެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿… قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ﴾ [سورة الزمر ١٥]
މާނަ: “… ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ގެއްލެނިވެގެންވާ ބަޔަކީ ޤިޔާމަތް ދުވަހުން އެއުރެންގެ އަމިއްލަ ނަފްސުތަކާއި، އެއުރެންގެ އަހުލުވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ. ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.”
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “يَوْمَ الْحَسْرَةِ އަކީ ޤިޔާމަތް ދުވަހަށް ކިޔޭ ނަންތަކުގެ ތެރެއިން ނަމެކެވެ. އެދުވަހަކީ ބޮޑުވެގެންވާ ދުވަހެއްކަމުގައި ލައްވައި، ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް އެދުވަހާއިމެދު އިންޒާރުދެއްވިއެވެ. “
ޢަބްދުއްރަޙްމާން ބިން ޒައިދު ބިން އަސްލަމް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “(وَأَنذِرْهُمْ يَوْمَ الْحَسْرَةِ) އެއީ ޤިޔާމަތް ދުވަހެވެ. އަދި އެކަލޭގެފާނު މި އާޔަތް ކިޔަވާ ވިދާޅުވިއެވެ.
﴿أَن تَقُولَ نَفْسٌ يَا حَسْرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنبِ اللهِ وَإِن كُنتُ لَمِنَ السَّاخِرِينَ ﴾ [سورة الزمر٥٦ ]
މާނަ: “ﷲ ގެ ފަރާތަށް އަދާކުރަންޖެހޭ ވާޖިބުތަކުގައި މިއަޅާ ފަރުވާކުޑަކުރި ކަމަށްޓަކައި، މިއަޅާޔަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން، މިއަޅާވީ ދީނަށް ފުރައްސާރަކުރާ މީހުންގެ ތެރެއިންނެވެ.”
(إِذْ قُضِيَ الْأَمْرُ) އެބަހީ: ޙިސާބުކިތާބުގެ ކަންކަން ނިމި ސުވަރުގޭގެ އަހުލުވެރިން ސުވަރުގެ ވައްދަވައި ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވެއްދެވުމެވެ.
(وَهُمْ فِي غَفْلَةٍ) އެބަހީ: ހިތާމަވެރިކަން ބޮޑުވެގެންދާނޭ ދުވަހަށްޓަކައި، ކިޔަމަންތެރިކަމާއެކު ހެޔޮޢަމަލުތައްކުރުމުގެ ބަދަލުގައި ދުނިޔޭގައި އެބައިމީހުން އުޅެމުންދަނީ ހަވާނަފްސު އެދޭފަދަ ޝަހުވަތްތަކާއި މަލައްޒާތުތައް ލިބިގަތުމުގައި ޣާފިލުކަންމަތީގައެވެ.
(وَهُمْ لَا يُؤْمِنُونَ) އެބަހީ: މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވޭނޭކަމާއި، ކިޔަމަންތެރި އަޅުންނަށްހުރި މަތިވެރިވެގެންވާ ނިޢުމަތްތަކާއި، ނުކިޔަމަންތެރި އުރެދޭ އަޅުންނަށް ހުރި ގަދަފަދަވެގެންވާ ޢަޒާބުގެ ޚަބަރުތައް އެމީހުން ތެދެއްނުކުރެތެވެ.
އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“ޤިޔާމަތްދުވަހުން މަރު ގެނެވޭނެއެވެ. އެ މަރު ގެނެވޭނީ ހުދާއިކަޅުކުލައިގެ ކަންބަޅިއެއްގެ ސިފައިގައެވެ. – އަބޫ ކުރައިބުގެ ރިވާޔަތުގައިވެއެވެ – ” އަދި މަރު ގެނެސް ސުވަރުގެއާއި ނަރަކައާއި ދެމެދުގައި ބެހެއްޓޭނެއެވެ. ” އަދި ބުނެވޭނެއެވެ..އޭ ސުވަރުގޭގެ އަހުލުވެރިންނެވެ. މީ ކޮން އެއްޗެއްކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ. ފަހެ އެބައިމީހުންގެ ބޯތައް އުފުލާލާފައި ބަލާލާނެއެވެ. އަދި ބުނާނެއެވެ. އާދޭހެވެ. މީ މަރެވެ. އަދި ބުނެވޭނެއެވެ. އޭ ނަރަކައިގެ އަހުލުވެރިންނެވެ. މިއީ ކޮން އެއްޗެއްކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ. ފަހެ އެބައިމީހުންގެ ބޯތައް އުފުލާލާފައި ބަލާލާނެއެވެ. އަދި ބުނާނެއެވެ. އާދޭހެވެ. މީ މަރެވެ. ދެން އެ މަރު ޛަބަޙަ ކުރުމަށް އަމުރުކުރެވި ޛަބަޙަކުރެވޭނެއެވެ. ދެން ބުނެވޭނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނެވެ. ދެމިގެންވާގޮތުގައެވެ. މަރުވުމެއްނެތެވެ. އަދި އޭ ނަރަކައިގެ އަހުލުވެރިންނެވެ. ދެމިގެންވާގޮތުގައެވެ. މަރުވުމެއް ނެތެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. ﴿وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ﴾ [سورة مريم ٣٩] އަދި އެކަލޭގެފާނުގެ އަތްޕުޅުން ދުނިޔެއަށް އިޝާރާތްކުރެއްވިއެވެ.” [رواه مسلم]
އިބްނު ޢުމަރު ރަޞިޔަﷲ ޢަންހުމާގެ ކިބައިން އައިސްފައިވާ އެހެން ރިވާޔަތެއްގައި ވެއެވެ.
“ފަހެ ސުވަރުގޭގެ އަހުލުވެރިންގެ އުފާވެރިކަމުގެ މައްޗަށް އުފާވެރިކަން އިތުރުވެގެންދާނެއެވެ. އަދި ނަރަކައިގެ އަހުލުވެރިންގެ ހިތާމައިގެ މައްޗަށް ހިތާމަވެރިކަން އިތުރުވެގެންދާނެއެވެ.” [متفق عليه]
________________________________
މަސްދަރު : ” الدرر المنتقاة من الكلمات الملقان : دروس يومية ” – د/أمين بن عبدالله الشقاوي –