[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 7 “މުޤައްދިމާ”

qiyaamai vumuge

އަދި ހަތަރުވަނަ ފަޞްލު ދަންނައެވެ؛ ފަހެ އެއީ ޔައުޖޫޖު މައުޖޫޖު ފާޅުވުމުގެ ވާހަކަ ނަންގަނެވުނު ފަޞްލެވެ. މިވާހަކަތައް ފަށައިފައިވާނީ “ޔައްޖޫޖު” އަދި “މައުޖޫޖު” މިދެކަލިމަ ނެގިފައިވާ ގޮތާބެހޭގޮތުންނެވެ. އެއަށްފަހު އެކަލިމައިގެ އަޞްލާ ގުޅޭގޮތުން ވާހަކަ ދެއްކީމެވެ. އަދި އެބައިމީހުންނީ އާދަމް عليه السلام ދަރިފަސްކޮޅުންވާ ބައެއް ކަމުގައި ބަޔާން ކުރީމެވެ. އޭގެފަހުގައި އެބައިމީހުންގެ ޞިފައާއި، ނުކުމެގެން (ފާޅުވެގެން) އަންނާނެގޮތާއި، އެބައިމީހުން ފާޅުވާނީ ފަހުޒަމާނުގައި ކަމުގައި ޘާބިތުވާ ކީރިތި ޤުރުއާނާއި ސުންނަތުގެ ދަލީލުތަކާއެކު ޛިކުރު ކުރީމެވެ. ދެން އެއަށްފަހު ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ބަންދުކުރެވިފައިވާ [ފާރުގެ] ވާހަކަ ނަންގަތީމެވެ. ހަމަޔަޤީނުންވެސް އެފާރު ވީތަނެއް އެނގިގެން ނުވެއެވެ. އަދިއަދަށް ދާންދެންވެސް އެފާރު ތަޅާލެވިފައި ނުވާކަމުގައި ދަލީލުތަކުން ހެކި ލިބޭކަމުގައި ބަޔާންކޮށްފައި ވާނެއެވެ. އަދި އެފާރު ތަޅާލެވިފައިވާ ކަމަށާއި، ހަމަޔަޤީނުންވެސް ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނުކުމެއްޖެ ކަމުގައާއި އެއީ ހިޖްރައިން 7 ވަނަ ޤަރުނުގައި ފާޅުވި ތަތާރުން ކަމުގައި ބުނާ ފަރާތްތަކަށް ރައްދު ދީފައި ވާނޭމެއެވެ.

ދެންފަހެ ފަސްވަނަ ފަޞްލު ދަންނައެވެ؛ ތިން ކޭތައެއް ހިފާނޭ ކަމުގެ ވާހަކަ މީގައި ނަންގަނެވިފައި ވެއެވެ. އެއީ އިރުމަތީ ބިތުގައި ހިފާ ކޭތައަކާއި ހުޅަނގު ބިތުގައި ހިފާ ކޭތައަކާއި އަދި ޢަރަބި ކަރައިގައި ހިފާ ކޭތައެކެވެ.

އެންމެ ފުރަތަމަ ވާހަކަ ދައްކާފައިވާނީ ކޭތައިގެ މާނައާ ބެހޭ ގޮތުންނެވެ. އަދި އެއަށްފަހު މި ތިން ކޭތައަކީ ހަމަކަށަވަރުންވެސް ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިންވާ [ކަންތައްތަކެއް ކަމުގައި] ބަޔާންކުރީމެވެ. އަދިއަދަށް ދާންދެންވެސް އެކޭތަތައް ހިފާފައި ނުވާކަން ޔަޤީނެވެ. ދެންފަހު [ދުނިޔޭގައި] ހިފާފައިވާ ކޭތަތަކަކީ، ކޭތައިގެ ބައިތަކުގެ ތެރެއިން ބައެއްކަމުގައި ނޫނީނުވެއެވެ. ޤިޔާމަތުގެ ކުދި ޢަލާމާތް ތަކުގެ ތެރޭގައި އެކަންކަން ޛިކުރުކޮށްފައި ވާނެއެވެ.

އަދި ހަވަނަ ފަޞްލު ދަންނައެވެ؛ މިއީ ދުންގަނޑުގެ ވާހަކަ ނަންގަނެވިފައިވާ ފަޞްލެވެ.

އެންމެ ފުރަތަމަ ޛިކުރުކޮށްފައިވާނީ ދުންގަނޑު ފާޅުވާނޭކަން ޘާބިތުކޮށްދޭ، ޤުރުއާނާއި ސުންނަތުގެ ދަލީލުތަކެވެ. އަދި ހަމަ އެފަދައިން މިދުންގަނޑާއި ބެހޭގޮތުން ޢިލްމުވެރީންގެ ބަސްފުޅުތައްވެސް ޛިކުރު ކުރީމެވެ. އެކަން ހިނގައިފިތޯ (އެބަހީ: ދުންގަނޑު ފާޅުވެއްޖެތޯ) ނުވަތަ ނޫންތޯ، މިކަމުގެ ރާޖިޙު (ރަނގަޅު) ގޮތަކީ ކޮބައިކަން ބަޔާންކުރުމާއެކު، އޭގެފަހުގައި ޠާހިރުވެގެންވީ ސުންނަތުގެ ދަލީލުތައް ޛިކުރުކުރީމެވެ.

އަދި ހަތްވަނަ ފަޞްލު ދަންނައެވެ؛ މީގައި ވާހަކަ ދައްކާފައިވާނީ ހުޅަނގު ފަރާތުން އިރުއެރުމާ ބެހޭގޮތުންނެވެ.

ކީރިތި ޤުރުއާނުން އެކަމަށް ހުރި ދަލީލުތައް، ތަފްސީރު ޢިލްމުވެރީންގެ ބައެއް ބަސްފުޅުތަކާއެކު ފުރަތަމަވެސް ޛިކުރު ކުރީމެވެ. އަދި އޭގެފަހުގައި [ރަސޫލުﷲ صلى الله عليه وسلمގެ] ސުންނަތުގެ ދަލީލުތައް (ޛިކުރު ކުރީމެވެ.) އަދި އެއަށްފަހު އަބޫ ޛައްރު ރަޟިޔަﷲ ޢަންހުގެ [އަރިހުން ރިވާވެފައިވާ] “އިރު ސަޖިދަ ކުރުމާބެހޭ ޙަދީޘް” ޤަބޫލުނުކުރެއްވުމާ ގުޅޭ ގޮތުން އައްޝައިޚް މުޙައްމަދު ރަޝީދު ރިޟާއާ މުނާޤަޝާ ކުރީމެވެ. (އެބަހީ: ޢިލްމީ ރައްދު ދިނީމެވެ.)

ދެން ބަޔާންކޮށްފައިވާނީ ހުޅަނގުފަރާތުން އިރު އެރުމަށްފަހު އީމާންވުމެއް އަދި ތައުބާއެއް ޤަބޫލު ވެވިގެންނުވާކަމުގެ ވާހަކައެވެ. ކިއެއްތޯއެވެ! އެހާހިސާބުން ޢަމަލުތައް ނިމުނީއެވެ. އަދި މިއާ ޚިލާފަށް ވާހަކަދައްކާ ފަރާތްތަކަށް ޞައްޙަ ދަލީލުތަކުން ރައްދު ދިނީމެވެ.

ދެންފަހެ އަށްވަނަ ފަޞްލު ދަންނައެވެ؛ ފަހެ މިއީ ބިމުދާއްބައެއް ނުކުތުމުގެ ވާހަކަ ނަންގަތް ފަޞްލެވެ.

އެންމެ ފުރަތަމަ [މިކަމަށް ދަލީލުކުރާ] ކީރިތި ޤުރުއާނުގެ ދަލީލުތައް ޛިކުރުރީމެވެ. ދެން ސުންނަތުގެ ދަލީލުތަކެވެ. އަދި އޭގެފަހުގައި މިދާއްބަ ނުކުންނާނޭތަނުގެ ވާހަކަ ނަންގަތީމެވެ.

އެއަށްފަހު މިދާއްބަގެ ވައްތަރާ ގުޅޭގޮތުންވާ ބަސްފުޅުތައް، އޭގެ ރާޖިޙު (ރަނގަޅުގޮތް) ޛިކުރު ކުރުމާއެކު ބަޔާންކޮށްދީފައި ވާނެއެވެ.

އޭގެފަހުގައި މިދާއްބަ ފާޅުވެއްޖައުމަށްފަހު ކުރާނޭ ކަންކަމުގެ ވާހަކަ ޛިކުރު ކުރީމެވެ.

އަދި ނުވަވަނަ ފަޞްލު ދަންނައެވެ؛ އެއީ މީސްތަކުން މަޙުޝަރުކުރުވާ (އެއްތަންކުރުވާ) އަލިފާންގަނޑު ފާޅުވުމުގެ ވާހަކަ ނަންގަނެވުނު ފަޞްލެވެ.

އެއަލިފާންގަނޑު ނުކުންނާނެ ތަނާމެދުގައި ވާހަކަދައްކައި އަދި އެކަމުގެ މައްޗަށް ހުރި ދަލީލުތައް ގެނެސްދީފައި ވާނެއެވެ. އެއަށްފަހު ޛިކުރުކޮށްފައިވާނީ އެއަލިފާންގަނޑު، މީސްތަކުން މަޙްޝަރުކުރުވާނެ ގޮތާއި އެކަމުގެ ދަލީލުތަކެވެ.

ދެން ވާހަކަ ދައްކާފައިވާނީ އެއަލިފާންގަނޑު މީސްތަކުން މަޙްޝަރުކުރުވާނޭ ބިމާ ބެހޭގޮތުންނެވެ. އޭގެފަހުގައި ޝާމްގެ ބިމުގެ މާތްކަމުގެ ވާހަކަ ޛިކުރު ކުރީމެވެ. އަދި ޝާމުގެ ބިމަކީ މަޙުޝަރުގެބިން ނޫންކަމުގައި ބުނާ ފަރާތްތަކަށް ރައްދު ދީފައި ވާނެއެވެ.

އެއަށްފަހު، ޙަދީޘްތަކުގައި ޛިކުރު ކުރެވިފައި މިވާ މަޙްޝަރުއަކީ (އެބަހީ: އެއްކުރެއްވުމަކީ) ޤިޔާމަތްވުމުގެ ކުރިން ދުނިޔޭގައި ހިނގާކަމެއް ކަމުގައި ބަޔާންކޮށްދީފައި ވާނެއެވެ. އަދި ޢިލްމުވެރީންގެ މެދުގައި އެކަމާމެދުގައިވާ ޚިލާފުތައް އޭގެ ރާޖިޙު ބަޔާން ކުރުމާއެކު ޛިކުރުކުރީމެވެ.

ނިންމުން: މި (ބަޙުޘްއިން) ވާޞިލްވެފައިވާ އެންމެ މުހިންމު ނަތީޖާ މީގައި ނަންގަތީމެވެ.

ދެން އެއަށްފަހު ދަންނައެވެ!

ފަހެ ﷲ ތަޢާލާގެ ވާގިވެރިވެވޮޑިގަތުމާއި [މިކަން] ފަސޭހަކޮށްދެއްވިކަމުގެ މައްޗަށް، އެންމެ ފުރަތަމަ އަދި އެންމެ ފަހުންވެސް، ފާޅުގައްޔާއި ސިއްރުގައި އަޅުގަނޑު ޙަމްދާއި ޝުކުރު ދަންނަވަނީ އެކަލާނގެ ޙަޟްރަތަށެވެ. އަދި އެކަލާނގެ ވާގިވެރިވެވޮޑިގަތުމާއި ތައުފީޤު އިތުރުކޮށްދެއްވުންއެދި ދުޢާދަންނަވަމެވެ.

މިބަޙުޝް އެންމެ ފުރިހަމަ ކުރެވިފައިވާކަމަށް އަޅުގަނޑު ނުދަންނަވާނަމެވެ. ފަހެ ފުރިހަމަކަން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އުނިކަމަކީ އިންސާނުންގެ ޠަބީޢަތެވެ. އެހެނެއްކަމަކު ހަމަޔަޤީނުންވެސް، އަޅުގަނޑުގެ [ޤާބިލިއްޔަތު ތަންދިން] އެންމެ ފުޅާދާއިރާއެއްގައި މިކަމުގައި ހިތްވަރު ކުރީމެވެ. ފަހެ މީގައި ރަނގަޅުވެފައިވާ ކޮންމެ ކަމަކީ މާތް ﷲގެ ތައުފީޤެވެ. އަދި އެނޫން ގޮތަކަށް ގޮސްފައިވާ ކޮންމެކަމަކުންމެ އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވަމެވެ. އެކަލާނގެ އަޅުގަނޑަށް ފުދެއެވެ. ވަކީލުކަރަނީ އެކަލާނގެ ޙަޞްރަތަށެވެ.

وسبحان ربك رب العزة عما يصفون، وسلام على المرسلين، والحمد لله رب العالمين.

وصلى الله وسلم على عبده ورسوله محمد إمام المتقين، وعلى آله وصحبه ومن اهتدى بهديه إلى يوم الدين.

*****

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ