[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 9 “ފުރަތަމަ ބަހުޘް”

qiyaamai vumuge

ފުރަތަމަ ބަޙުޘް:

އާޚިރަތް ދުވަހަށް އީމާންވުމުގެ އަހައްމިއްޔަތު އަދި އެކަމާގުޅިގެން އިންސާނާގެ ސުލޫކަށްކުރާ އަޘަރު.

އާޚިރަތް ދުވަހަށް އީމާންވުމީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އަދި އެއީ އިސްލާމީ ޢާޤީދާގެ އަޞްލުތަކުގެ ތެރެއިން ހިމެނޭ ޢަޤީދާއެއްވެސް މެއެވެ. ފަހެ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަށްފަހު، [މަރުވުމަށްފަހު] އަލުން ދިރުއްވައި، އާޚިރަތުގެ ގޮވައްޗަށް ފޮނުއްވޭނޭކަން ޤަބޫލުކުރުމަކީ ޢަޤީދާ އޭގެ މައްޗަށް ބިނާވެފައިވާ ބިންގާކަން ކަށަވަރެވެ.

އަދި އުޚުރަވީ ޙަޔާތުގެ ކަންތައްތަކާއި [ޤިޔާމަތުގެ] ޢަލާމާތްތަކަކީ ޣައިބަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެއީ ހަމައެކަނި ބުއްދި ބޭނުންކޮށްގެން ދެނެނުގަނެވޭ ކަމެކެވެ. އަދި ވަޙީގެ ޒަރީޢާއިންވާ ނައްޞަކުން (ޤުރުއާނާއި ސުންނަތުން) މެނުވީ އެކަންކަން ދެނެގަތުމުގެ އިތުރު އެއްވެސް މަގެއްނުވާ ކަމެކެވެ.

ﷲ ތަޢާލާއަށް އީމާންވުމާއި ޤިޔާމަތް ދުވަހަށް އީމާންވުން، ގުޅިލާމެހިފައިވާ ގޮތުގައި ބަސް ވަޙީ ކުރައްވާފައިވާ އެތަކެއް އާޔަތެއް ފެންނަން އޮތުމުން [އެނގިގެންދަނީ] މިބޮޑުވެގެންވާ ދުވަހުގެ އަހައްމިއްޔަތުކަމުގެ ކަށަވަރުކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ…﴾ (سورة البقرة: 177)

މާނައި: “ހެޔޮކަމަކީ (ހަމައެކަނި) އިރުމަތީފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲއަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވި މީހާއެވެ.” 

އަދިވެސް މިފަދަ [އެހެން އާޔަތެއްގައި] އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.

﴿…ذَلِكُمْ يُوعَظُ بِهِ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ…﴾ (سورة الطلاق: 2)

މާނައީ: “ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް ނަސޭޙަތްދެއްވާފައިވާ ގޮތަކީ އެއީއެވެ.” 

……މިނޫންވެސް މިފަދަ އެތައް އާޔަތެކެވެ.

އަދި ކީރިތި ޤުރުއާނުގެ ޞަފްޙާތައް އުކެމުންދާއިރު (އެބަހީ: ޤުރުއާން ކިޔަވަމުން ދާހިނދު) މަދު ފަހަރެއްގައި މެނުވީ، އާޚިރަތް ދުވަހާ ބެހޭގޮތުންނާއި އެދުވަހުގައި ހުރި ޘަވާބާއި ޢަޒާބުގެ ވާހަކަތައް ނުފެނި ނުދެއެވެ.

އިސްލާމްދީނުގައި ޙަޔާތުގެ ތަޞައްވަރަކީ ވަގުތު ކަނޑައެޅިގެންވާ، ދުނިޔަވީ ކުރުކުރު ޙަޔާތެއް ނޫނެވެ. އަދި އެއީ ވަގުތު ކަނޑައެޅިފައިވާ، އިންސާނާގެ ކުރު ޢުމުރެއްވެސް ނުމެނޫންމެއެވެ. ހަމަކަށަވަރުން އިސްލާމްދީނުގައި ޙަޔާތުގެ ތަޞައްވަރު ކުރެވިފައިވަނީ ތާއަބަދަށް ދާއިމަށް ދެމިގެންވާ ޒަމާނަކަށެވެ. އަދި އެކަން ދެމިގެންވަނީ [ދުނިޔަވީ] ގޮވަތިން ފެށިގެން، އުޑުތަކާއިއިބިންތައްފަދަ ތަނަވަސްކަންހުރި ސުވަރުގޭގެ، އުޚުރަވީ ގޮވައްޗަށެވެ. ނުވަތަ ދިގު ދެމިގެންވީ އަހަރުތަކުގައި އެބައެއްގެ ޢުމުރު، ދުނިޔޭގެ ބިމުގައި ވޭތުކުރި އެތަކެއް ޖީލަކަށްޓަކައި ތަނަވަސްކުރެވިފައިވާ ނަރަކައަށެވެ.

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ:

﴿سَابِقُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالأرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ…﴾ (سورة الحديد: 21)

މާނައި: “ތިޔަބައިމީހުންގެ رَبّގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ. އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ﷲ އަށާއި، އެކަލާނގެ ރަސޫލުންނަށް އީމާންވި މީހުންނަށްޓަކައެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ:

﴿يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلأتِ وَتَقُولُ هَلْ مِنْ مَزِيدٍ﴾ (سورة ق: 30)

މާނައީ: “އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ ވަޙީކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ.”

ހަމަކަށަވަރުން ﷲ އަށް އީމާންވުމާއި އަދި އާޚިރަތް ދުވަހަށާއި އެދުވަހުގެ ޘާވާބާއި ޢުޤޫބާތަށް އީމާންވުމީ އިންސާނާ ހެޔޮކަމުގެ މަގަށް މަގުފަހިކުރުވާ ޙަޤީޤީ ކަންތަކެވެ. އަދި އާޚިރަތް ދުވަހަށް އީމާންވުމުގެ ސަބަބުން، އިންސާނާގެ ކަންކަން ހަމަހަމަކަމާއެކު ސީދާވެގެންވީގޮތުގައި ހިންގުވާފަދައިން އެކަން ކުރުވުމަށް، ދުނިޔަވީ އެއްވެސް ޤާނޫނަކަށް ކުޅަދާނަކަން ލިބިގެން ނުވެއެވެ.

މިހެންކަމުން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާއާއި [އެނޫންމީހާއާ] ދެމެދުގައި ނުހަނުބޮޑު ފަރަޤެއް އަދި އެހާމެ ދިގު ދުރުމިނެއް ވާކަން ކަށަވަރުވެއެވެ. އަދި ދަންނާށެވެ! ހަމަކަށަވަރުން ދުނިޔެއަކީ އާޚިރަތުގެ ދަނޑުބިންކަން އެފަދަމީހާ ދަނެއެވެ. އަދި ހެޔޮޢަމަލުތަކަކީ އާޚިރަތުގެ ގޮވަތީގެ ކޮއްތުކަން އޭނާއަށް ޔަޤީންވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.

﴿…وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى…﴾ (سورة البقرة: 197)

މާނައީ: “އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ. ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤްވާއެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ