[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 11 “ފުރަތަމަ ބަހުޘް”

qiyaamai vumuge

ދެންފަހެ ﷲ އަށާއި އާޚިރަތް ދުވަހަށް، އަދި އެދުވަހުގެ ޙިސާބުބެއްލެވުމާއި ޖަޒާއަށް އީމާން ނުވާމީހާ ދަންނައެވެ. ފަހެ އޭނާ ގަދައަޅައި މަސައްކަތް ކުރަނީ އޭނާގެ ދުނިޔެވީ ޙަޔާތުގެ އެދުންތައް ފުއްދުމަށެވެ. އެތާނގެ ސާމާނުތަކުގެ ފަހަތުގައި، އެތަކެތި އެއްކޮށް ޖަމާކުރުމަށް ޝައުޤުވެރިމީހެއްގެ ގޮތުގައެވެ. އޭނާގެ މަގަށް މީސްތަކުން ގެނައުމަށްޓަކައި، ހެޔޮކަންތައް މަނާކުރާ މީހެއްގެ ގޮތުގައިވެސް މެއެވެ. ހަމަކަށަވަރުން އޭނާ އެންމެ ބޮޑަށް ދަންނަ އަދި އެންމެ ސަމާލުކަމެއްދޭ ތަނަކީ ދުނިޔެ ކަމުގައި އޭނާ ހަދައެވެ. ފަހެ އޭނާގެ ކަންކަން ބައްޓަންކުރަނީ، އަނެކާއާމެދު ފަރުވާލެއް ބެހެއްޓުމެއްނެތި، ޚާއްޞަ ގޮތެއްގައި އޭނާއަށް މަންފާވާނޭ ގޮތުގެ މަތީންނެވެ. އަދި ވަގުތު ކަނޑައެޅިގެންވީ މިދުނިޔޭގައި، އޭނާއަށް މަންފާ ލިބިދާނެ ކަމެއްގައި މެނުވީ އޭނާއާ އެއްޖިންސުގެ [މީހުން ކަމުގައިވާ] އާދަމުގެ ދަރީންނަށް ބަލައިލުމެއްވެސް ނޯވޭމެއެވެ. އޭނާގެ ޙަރަކާތްތަކާއި އެކަންކަމުގެ ހައްދުކަމުގައިވަނީ ބިންމަތީގެ މިންގަނޑާއި މިތާނގެ ޢުމުރެވެ. އެހެންކަމުން އޭނާގެ މީޒާން ތަފާތުވެ ޙިސާބު ބަދަލުވެގެން ދެއެވެ. އަދި އޭގެ ނަތީޖާ ނުރައްކާ ފައްތަރަކަށް ނިމިގެން ދެއެވެ. [އަލުން ދިރުއްވައި] ފޮނުއްވުން އެއީ ދުރުގައިވާ ކަމެއްކަމުގައި އޭނާ ހީކުޅައުމުގެ ސަބަބުންކަން ކަށަވަރެވެ. ﴿بَلْ يُرِيدُ الإنْسَانُ لِيَفْجُرَ أَمَامَهُ (٥) يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ (٦)﴾ (سورة القيامة: 5-6) މާނައީ: “އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ. އޭނާ ސުވާލުކުރާނެތެވެ. ޤިޔާމަތް ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟”

މިއީ ޖާހިލުމީހާގެ، އިން ކަނޑައެޅިގެންވާ ތަޞައްވުރުގެ ހަނިކަމެވެ. ޖާހިލުކަމުގެ އަހުލުވެރިންނީ [މީސްތަކުންގެ] ލޭއޮހޮރުވާ، މުދާފޭރޭ، [ހެޔޮކަމުގެ] މަގުތައް ބަންދުކުރާ ބައެއް ކަމުގައި ލެއްވުނެވެ. އެއީ އަލުން ދިރުއްވޭނޭ ކަމަށާއި އަދި [އާޚިރަތުގެ] ޖަޒާއަށް އެބައިމީހުން އިމާން ނުވުމުގެ ސަބަބުންކަން ކަށަވަރެވެ. އެބައިމީހުންގެ ޙާލަތު ﷲ ތަޢާލާ ޞިފަކުރައްވާފައިވާ ފަދައިންނެވެ. ﴿وَقَالُوا إِنْ هِيَ إِلاَّ حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ﴾ (سورة الأنعام: 39) މާނައީ: “އަދި އެއުރެން ބުނެފޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިތިބުން މެނުވީ، އެހެން ދިރިތިބުމެއް ނެތެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނެ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.” އަދި އެމީހުންގެ ތެރެއިން ބަސްބުނާ މީހުން ބުނެއުޅޭ ފަދައިންނެވެ. “އެއީ ހަމައެކަނި ރަޙިމުން ނެރެލުމެވެ. އަދި ބިންގަނޑު [އެނަފްސު] ދިރުވައިލުމެވެ. (އެބަހީ: ޙަޔާތަކީ އުފަންވުމަށްފަހު ބިންގަނޑުގެ ދަށަށް އިންސާނާ ދިއުމާއެކު ނިމޭކަމެކެވެ.)”

އަދި ޤަރުނުތައް ފާއިތުވަމުން ދިޔަވަރަކަށް ބޮޑާވެރިކަމާއި ކިބުރުވެރިކަން ދަނީ އަންނަމުންނެވެ. މިއަށްވުރެ ބޮޑަށް، މިކަންކަމާމެދު އިންކާރުކުރާ މީހުން ދަނީ އަލަށް ފާޅުވަމުންނެވެ. ފަހެ ﷲ އަށް އީމާންނުވާ އަދި އާޚިރަތް ދުވަހަށް އީމާންނުވާ މުލްޙިދުން ކަމުގައިވާ މަރކްސިޒަމް [ފިކުރު]ގެ މީހުން ފަދައިން، [ޤުދުރަތީ] ޙިއްސީ މާއްދާތަކުގެ ފަހަތުގައިވާ ކަންކަމަށް އެބައިމީހުން މުޅިން އިންކާރުކުރާތީ ފެންނަމުންދެއެވެ. އަދި އެބައިމީހުން ސިފަކުރާ ގޮތުގައި ދިރިހުރުމަކީ ހަމައެކަނި [ޙިއްސީ] މާއްދާއެކެވެ! އަދި މިޙިއްސީ މާއްދާގެ ފަހަތުގައި އިތުރު ކަމެއް ނުވާކަމަށް އެބައިމީހުން ދެކެއެވެ. ފަހެ ދީން ޤަބޫލު ނުކުރާ އެބައިމީހުންގެ ވެރިޔާ، މާރކްސް ދެކޭގޮތުގައި އެއްވެސް އިލާހެއް ނުވެއެވެ! އަދި ޙަޔާތަކީ މާއްދާއެކެވެ! ދެންފަހެ މިހެންކަމުން އެބައިމީހުންނާ ޙައިވާނުންނާ ތަފާތެއްނެތެވެ. އެކަމަކަށްޓަކައި އެބައިމީހުން އުފެއްދެވުނު ބޭނުމެއް އަދި ދިރިހުރުމުގެ މާނައެއް އެބައިމީހުންނަކަށް ނޭގޭމެއެވެ. އަދި ކިއެއްތޯއެވެ! އެބައިމީހުންވަނީ މަގުފުރެދި ގެއްލިފައިވީ ބަޔަކު ކަމުގައެވެ. ފަހެ އެބައިމީހުން އެއްބައިވާނަމަ، އެއްބައިވާކަމުގައި ވަނީ ޤާނޫނުތަކުގެ ބާރަށް ބިރުންނެވެ.

އަދި ދިރިހުރުމަށް އެންމެ އެދުންވެރިކަންބޮޑު ބައެއްގެ ގޮތުގައިވެސް ފެނިގެންދަނީ މިބާވަތުގެ މީހުންނެވެ. އެހެނީ މަރުވުމަށްފަހު އަލުން ދިރުއްވޭނޭކަމަށް އެބައިމީހުން އީމާނެއް ނުވެތެވެ.  ﷲ ތަޢާލާ،  މުޝްރިކުންގެ ތެރެއިން ޔަހޫދީންނާއި އެނޫން މީހުން  ޞިފަ ކުރައްވާފައިވާ ފަދައިންނެވެ. ﴿وَلَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَى حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنَ الْعَذَابِ أَنْ يُعَمَّرَ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ﴾ (سورة البقرة: 96) މާނައީ: “އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި ޝަރީކުކުޅަ މީހުންނަށްވުރެވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް ޢުމުރު ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ. އެ ޢުމުރު ދިގުވުން އެއީ، އެމީހަކު ޢަޒާބުން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. ﷲއީ އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ