[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 14 “ފުރަތަމަ ބަހުޘް”

qiyaamai vumuge

ނ. ބިޔަބޮޑެތި ތަކެތި އުފެއްދެވި، ގަދަކީރިތި ވަންތަ ﷲގެ ކުޅަދުންވަންތަކަން.

އެކަލާނގެ ވަޙީ ކުރެއްވިއެވެ.

﴿أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالأرْضَ بِقَادِرٍ عَلَى أَنْ يَخْلُقَ مِثْلَهُمْ بَلَى وَهُوَ الْخَلاقُ الْعَلِيمُ (٨١)إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ (٨٢)﴾ (سورة يس: 81-82)

މާނައީ: “އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ! އެކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ އަމުރުފުޅު ވާކަން ކަށަވަރީ އެކަމަކަށް، “ވާށޭ” ވަޙީކުރެއްވުމެވެ. ދެން އެކަމެއް ވެދެއެވެ.”

ފަހެ އުޑުތަކާއި ބިން، ބިޔަބޮޑު ތަންތަނުގެ ގޮތުގައި އުފެއްދެވި ފަރާތަކަށް، ކުޑަކުޑަ އިންސާނާ ކުރިން ހުރި ފަދައިން އުފެއްދެވުމީ ކުޅަދާނަކަމެކެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

﴿لَخَلْقُ السَّمَاوَاتِ وَالأرْضِ أَكْبَرُ مِنْ خَلْقِ النَّاسِ وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ﴾ (سورة غافر: 57)

މާނައީ: “ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.”

ރ.  އަމިއްލައެދުމާއި ހަވާނަފްސު އެއްކިބާކޮށް، ރަނގަޅަށް ބަލައި ވިސްނާ ފިކުރުކޮށްފި ކޮންމެ މީހަކަށް ފާޅުގައި ފެންނަންހުރި ﷲ ތަޢާލާގެ ޙިކްމަތްވަންތަކަން.

އަދި ޙިކްމަތްވަންތަރަސްކަލާނގެ، މީސްތަކުން ބޭކާރުގޮތުގައި ދޫކޮށެއް ނުލައްވައެވެ. އަދި އެބައިމީހުންނަށް އަމުރާއި ނަހީ ނުކުރައްވައި، އެބައިމީހުންގެ ޢަމަލުތަކަށް ޖަޒާނުދެއްވާ، ކުޅިވަރެއްކަމުގައި އެބައިމީހުން ނުއުފައްދަވާނެވެސް މެއެވެ.

އެކަލާނގެ ވަޙީ ކުރެއްވިއެވެ.

﴿أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْ‌جَعُونَ( ١١٥) فَتَعَالَى اللَّـهُ الْمَلِكُ الْحَقُّ… (١١٦)﴾ (سورة المؤمنون 115-116)

 މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުރީ ހެއްޔެވެ؟ [115] ފަހެ ރަސްވަންތަ، ޙައްޤުވަންތަ ﷲ މަތިވެރިވެވޮޑިގެންފިއެވެ… [116]”

އަދވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ.

﴿وَمَا خَلَقْنَا السَّمَاوَاتِ وَالأرْضَ وَمَا بَيْنَهُمَا لاعِبِينَ (٣٨)مَا خَلَقْنَاهُمَا إِلا بِالْحَقِّ وَلَكِنَّ أَكْثَرَهُمْ لا يَعْلَمُونَ (٣٩)﴾ (سورة الدخان: 38 – 39)

މާނައީ: “ތިމަންރަސްކަލާނގެ، އުޑުތަކާއި ބިމާއި އެދެމެދުގައިވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ. ޙައްޤު ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ، އެ ދެތަނެއް ނަހައްދަވަމެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެއެވެ.”

ފަހެ ﷲ ތައާލާގެ މިމަޚްލޫޤުތަކުންގެ ކިބައިގައިވާ ޢަޖައިބުތަކާމެދު ބަލައި، އަދި އޭގައިވާ ނިޒާމާއި ފުރިހަމަކަމާމެދު ފިކުރުކޮށްފި މީހަކަށް، ކޮންމެ އެއްޗެއްވެސް އުފެއްދެވިފައިވަނީ ވަކި މިންގަޑަކަށް ކަމުގައި ބަޔާންވެގެން ދެއެވެ. އަދި މިލަނޑުދަނޑި ޙާޞިލް ކުރުމުގައި ކޮންމެ އެއްޗެއްމެ އުފައްދަވާފައިވަނީ ވަކި މުއްދަތަކަށް ވަކި މަޤްޞަދެއްގައެވެ. އަދި އެއީ އެކަމުގައި ﷲ ތަޢާލާ އިރާދަ ކުރައްވާ ރާއްވަވާފައިވާ ގޮތެވެ.

މިފުޅާވެގެންވާ ކައުނަށް ބަލައިފިކަމުގައި ވަނީނަމަ ފެނިގެންދަނީ ﷲ ތަޢާލާގެ ފުރިހަމަ ޢިލްމުފުޅާއި މަތިވެރި ޤުދުރަތްފުޅުގެ ކޮޅެއްނެތް ޙިކްމަތްފުޅުތަކެވެ. ފަހެ އެއްވެސް ހަމައެއް ލަމައެއް ނެތްގޮތުގައި، ވަރުގަދަމީހުން ނިކަމެތިމީހުންގެ މައްޗަށް ގަދަވެގަތުމަށް [އެކަލާނގެ] މީސްތަކުން ދޫކޮށެއް ނުކޮށްލައްވައެވެ. ޙައްޤު މަގުން އެއްކިބައިވެފައިވާ މިފަދަމީހުންނަށް އެބައިމީހުންގެ ދިރިއުޅުމުގެ ފުރަގަހުގައިވާ، އެކަމަކަށްޓަކައި އުފެއްދެވިފައިވާ ޙަޔާތުގައި އެއްވެސް ޢުޤޫބާތެއް ނުލިބޭނެ ގޮތަކަށްވެސް ދޫކޮށެއް ނުލައްވައެވެ. އަދި ދުނިޔެވީ ޙަޔާތުގެ ބުރަތައް އުފުލުމުގައި އެބައިމީހުންގެ ކަންކަން އެއްކަން އަނެއްކަމާ ގޮށްޖެހި ބަނދެވި، އަދި އެބައިމީހުންގެ ވެރި ރަސްކަލާނގެ ރުއްސެވުން ހޯދުމަށްޓަކައި އެބައިމީހުންގެ ޢަމަލުތަކާމެދު ތަނަވަސް ރައްކާތެރިކަމެއްނުވި މިފަދަމީހުނަށް، އެބައިމީހުންގެ ވެރިރަސްކަލާގެ ފަޟްލުވަންތަވެރިކަމާއި އެބައިމީހުންނަށް އާޚިރަތް ދުވަހުގައި ހުރި ނިޢުމަތްތައް ދައްކަވައި، އެކަންކަމުން ހިތްހަމަޖެހިގަތުން ލިބުމުން މަޙްރޫމުވެގެން ދިޔައީ ކޮންކަމަކާހުރެކަން އަންގަވައި ނުދެއްވައި ދޫނުކުރައްވާނެތެވެ. އެކަންކަމީ އެތަނުން ފެންނަން ހުންނާނެ ޘަވާބާއި ދަރުމައިގެ ތެރެއިން، ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އަޑުއިވިފައިނުވާ އަދި މީހެއްގެ ހިތަކަށް އަރާފައިވެސްނުވާ، ސުވަރުގޭގެ ހެޔޮކަމުގެ ކުޑަކުޑަ އާދައިގެ މިންވަރެއްކަމުގައި ނޫނީ ނުވެއެވެ.

ދެންފަހެ ﷲ ތަޢާލާގެ ޙިކްމަތްވަންތަކަމުގެ މަތިވެރި ކަމާއި، ކައުނުގެ ކަންކަން ﷲ ތަޢާލާ ހިންގަވާގޮތާއި އަދި އިންސާނާއަށް ދެއްވާފައިވާ ދެއްވުންތަކުގެ މަތިވެރިކަމާއި، އެބައިމީހުންނަށްޓަކައިވާ އެކަލާނގެ ދީލަތިވެވޮޑިގަތުމާމެދު ވިސްނައި ފިކުރުކޮށްފި ކޮންމެ އިންސާނަކުމެ، އާޚިރަތް ދުވަހަށް އީމާންވާނެކަން ކަށަވަރެވެ. ފަހެ އެހިނދު އެކަންކަމުގެ ކުރިމަތީގައި ނުރުހުމުގެ ޢައިބު ޞިފައިގެ ވެރިއަކަށް އޭނާ ނުމެވާނެތެވެ. އަދި ދުނިޔޭގެ ދިރިއުޅުމަށް ދަހިވެތި މީހެއް ކަމުގައިވެސް ނުވާނޭމެއެވެ. ކިއެއްތޯއެވެ! [އޭނާވާހުށީ] ހެޔޮކަންކަމާއި ތަޤްވާވެރިކަމުގައި ވާގިވެރިވުމުގެ މަތީގައެވެ.

*******

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ