ދެވަނަ ބަޙުޘް:
ޤިޔާމަތް ދުވަހަށް ދެވިފައިވާ ނަންތައް.
ޤިޔާމަތުގެ ޢަލާމާތްތައް ޛިކުރު ކުރަމުން ދާއިރު، އާޚިރަތް ދުވަހަށް ދެވިފައިވާ އަހައްމިއްޔަތު ހާމަކޮށްދޭ އަނެއްކަމަކީ އެދުވަހަށް ދެވިފައިވާ ގިނަގުނަވެގެންވީ ތަފާތު ނަންތަކެއް ކީރިތި ޤުރުއާނުގައި ޛިކުރު ކުރައްވާފައި ވުމެވެ. އަދި އެއިން ކޮންމެ ނަމަކުންމެ ދަލާލަތު ކޮށްދެނީ ޚާއްޞަ ކަމެއްވެސް މެއެވެ. މިނަންތަކުގެ ތެރޭގައި؛
1. السَّاعَة (ވަގުތު): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿إِنَّ السَّاعَةَ لآتِيَةٌ لا رَيْبَ فِيهَا﴾ [سورة غافر: 59]
މާނައީ: “ހަމަކަށަވަރުން، ޤިޔާމަތުގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ.”
2. يَوْمُ الْبَعْث (އަލުން ދިރުއްވާ ދުވަސް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿لَقَدْ لَبِثْتُمْ فِي كِتَابِ اللَّهِ إِلَى يَوْمِ الْبَعْثِ فَهَذَا يَوْمُ الْبَعْثِ﴾ (سورة الروم: 56)
މާނައީ: “އަލުން ދިރުއްވާނޭ ދުވަހާ ޖެހެންދެން ﷲ ކަނޑައަޅުއްވާފައިވާގޮތަށް ހަމަކަށަވަރުން، ތިޔަބައިމީހުން ތިބެއްޖައީމުއެވެ.”
3. يَوْمُ الدِّين ([ކޮށްފައިވާ ޢަމަލުތައް] ޖަޒާދެއްވޭ ދުވަސް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿مَالِكِ يَوْمِ الدِّينِ﴾ (سورة الفاتحة: 4)
މާނައީ: “ކޮށްފައިވާ ޢަމަލުތައް ޖަޒާދެއްވޭ ދުވަހުގެ ވެރި ރަސްކަލާނގެއެވެ.”
4. يَوْمُ الْحَسْرَة (ހިތާމައިގެ ދުވަސް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿وَأَنْذِرْهُمْ يَوْمَ الْحَسْرَةِ﴾ (سورة مريم: 39)
މާނައީ: “(އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް އިންޒާރު ކުރައްވާށެވެ!”
5. الدَّارُ الآخِرَة (އާޚިރަތުގެ ގޮވަތި): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿وَإِنَّ الدَّارَ الآخِرَةَ لَهِيَ الْحَيَوَانُ لَوْ كَانُوا يَعْلَمُونَ﴾ (سورة العنكبوت: 64)
މާނައީ: “އަދި ހަމަކަށަވަރުން، ޙަޤީޤީ ދާއިމަށް ދެމިގެންވާ ދިރިއުޅުންވަނީ، އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ.”
6. يَوْمُ التَّنَاد (އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ދުވަސް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿إِنِّي أَخَافُ عَلَيْكُمْ يَوْمَ التَّنَادِ﴾ (سورة غافر: 32)
މާނައީ: “ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ދުވަހާމެދު ތިޔަބައިމީހުންގެ މައްޗަށް އަހުރެން ބިރުވެތިވަމެވެ.”
7. دَارُ الْقَرَار (ދެމިހުންނަނިވި ގޮވަތި): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿وَإِنَّ الآخِرَةَ هِيَ دَارُ الْقَرَارِ﴾ (سورة غافر: 39)
މާނައީ: “އަދި ހަމަކަށަވަރުން، އާޚިރަތަކީ ޤަރާރުވެ ދެމިހުންނަނިވި ގޮވައްޗެވެ.”
8. يَوْمُ الْفَصْل (ވަކިކުރެއްވުމުގެ ދުވަސް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿هَذَا يَوْمُ الْفَصْلِ الَّذِي كُنْتُمْ بِهِ تُكَذِّبُونَ﴾ (سورة الصافات: 21)
މާނައީ: “މިއީ ތިޔަބައިމީހުން އެދުވަހަކާމެދު ދޮގުކޮށް އުޅުނު ވަކިކުރެއްވުމުގެ ދުވަހެވެ.”
9. يَوْمُ الْجَمْعِ (އެއްކުރައްވާ ދުވަސް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿وَتُنْذِرَ يَوْمَ الْجَمْعِ لا رَيْبَ فِيهِ﴾ (سورة الشورى: 7)
މާނައީ: “އަދި (ޚަލްޤުތަކުން) އެއްކުރައްވާ ދުވަހާމެދު އިންޒާރު ކުރެއްވުމަށްޓަކައެވެ.”
10. يَوْمُ الْحِسَاب (ޙިސާބު ބައްލަވާ ދުވަސް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿هَذَا مَا تُوعَدُونَ لِيَوْمِ الْحِسَابِ﴾ (سورة ص: 53)
މާނައީ: “މިއީ ޙިސާބު ބައްލަވާދުވަހަށް ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތަކެވެ.”
11. يَوْمُ الْوَعِيْد (ވަޢީދުގެ ދުވަސް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿وَنُفِخَ فِي الصُّورِ ذَلِكَ يَوْمُ الْوَعِيدِ﴾ (سورة ق: 20)
މާނައީ: “(އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލައްވާނެތެވެ. އެއީ (ކާފިރުންނަށް ޢަޒާބުގެ) ވަޢީދު އަންނަ ދުވަހެވެ.”
12. يَوْمُ الْخُلُود (އަބަދަށް ދެމިތިބުމުގެ ދުވަސް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿ادْخُلُوهَا بِسَلامٍ ذَلِكَ يَوْمُ الْخُلُودِ﴾ (سورة ق: 34)
މާނައީ: “(ތަޤްވާވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން އަމާންކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ.”
13. يَوْمُ الْخُرُوج (ނުކުތުމުގެ ދުވަސް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿يَوْمَ يَسْمَعُونَ الصَّيْحَةَ بِالْحَقِّ ذَلِكَ يَوْمُ الْخُرُوجِ﴾ (سورة ق: 42)
މާނައީ: “(އެއީ) އެއުރެންނަށް (އެބަހީ: ޚަލްޤުތަކުންނަށް) ޙައްޤު ގޮތުގައި ގަދަފަދަ އަޑު އިވޭނޭ ދުވަހެވެ. އެއީ (ކަށްވަޅުތަކުން އެންމެން) ނުކުތުމުގެ ދުވަހެވެ.”
14. الْوَاقِعَة (ކަންހިނގާނޭ [ދުވަސް]): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿إِذَا وَقَعَتِ الْوَاقِعَةُ﴾ (سورة الواقعة: 1)
މާނައީ: “ކަންހިނގާނޭ ދުވަސް އަތުވެއްޖެހިނދެވެ.”
15. الْحَاقَّة (ކަށަވަރުވެގެންވީ [ދުވަސް]): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿الْحَاقَّةُ (١) مَا الْحَاقَّةُ (٢) وَمَا أَدْرَاكَ مَا الْحَاقَّةُ (٣)﴾ (سورة الحاقة: 1 – 3)
މާނައީ: “ކަށަވަރުވެގެންވާ ދުވަހެވެ. ކަށަވަރުވެގެންވާ ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ އަދި ކަށަވަރުވެގެންވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟”
16. الطَّامَّةُ الْكُبْرَى (ބޮޑުވެގެންވާ ކަންތައް): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿فَإِذَا جَاءَتِ الطَّامَّةُ الْكُبْرَى﴾ (سورة النازعات: 34)
މާނައީ: “ފަހެ، ބޮޑުވެގެންވާ ކަންތައް އަންނަހިނދެވެ.”
17. الصَّاخَّة (ގަދަފަދަ އަޑު): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿فَإِذَا جَاءَتِ الصَّاخَّةُ﴾ (سورة عبس: 33)
މާނައީ: “ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ.”
18. الآزِفَة (ގާތްވެގެންވީ [ދުވަސް]): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿أَزِفَتِ الآزِفَةُ﴾ (سورة النجم: 57)
މާނައީ: “ގާތްވެގެންވީ ދުވަސް ކައިރިވެއްޖެއެވެ.”
19. الْقَارِعَة (ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ [ދުވަސް]): މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿الْقَارِعَةُ (١)مَا الْقَارِعَةُ (٢) وَمَا أَدْرَاكَ مَا الْقَارِعَةُ (٣)﴾ (سورة القارعة: 1 – 3)
މާނައީ: “ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ދުވަހެވެ. ހިތްތަކަށް ބިރުވެރިކަންގެނެސްދޭ ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟”
*******
=ނުނިމޭ=