[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 12

17760

ނަރަކައިގެ ދަރު

ނަރަކައިގެ ދަރަކީ ކާފަރުންނާއި ހިލައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ . . .) [سورة التحريم 6]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ. އެ ނަރަކައިގެ ދަރަކީ މީހުންނާއި ހިލައެވެ…”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(. . . فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ ۖ أُعِدَّتْ لِلْكَافِرِينَ) [سورة البقرة 24]

މާނައީ: “ފަހެ ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ ރައްކާތެރިވާށެވެ. އެނަރަކައަކީ މީހުންނާއި ހިލަ އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ ކާފިރުންނަށްޓަކައެވެ”

މިތާގައި ނަރަކައިގެ ދަރުކަމުގައި ބަޔާންކޮށްފައިވާ މީހުންނަކީ ކާފަރުންނެވެ. އަދި އެނަރަކައިގެ ހިލަކަމުގައި ބަޔާން ކޮށްފައިވަނީ ކޮން ވައްތަރެއްގެ ހިލައެއްކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. ސަލަފުންގެ ތެރެއިން ބައެއް ބޭކަލުން ދެކިލައްވާ ގޮތުގައި އެހިލަޔަކީ ‘ކިބްރީތް’ އިން ވާ ހިލައެވެ.  brimstone

ޢަބްދު ﷲ ބުން އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ.

“އެއީ ކިބްރީތުން އުފެދިފައިވާ ހިލައެވެ. އެހިލަ ﷲ ތަޢާލާ އުފެއްދެވީ އުޑުތަކާއި ބިން ހެއްދެވި ދުވަހުގައި ދުނިޔޭގެ އުޑުގައެވެ. އެތައްޔާރު ކުރެވިގެންވަނީ ކާފަރުންނަށްޓަކައެވެ.” [رواه ابن جرير وابن أبي حاتم والحاكم في المستدرك]

އަދި މިގޮތަށް ވިދާޅުވާ ސަލަފުންގެ ބޭކަލުންގެ ތެރެއިން، އިބްނު ޢައްބާސް އަދި މުޖާހިދު އަދި ޖުރައިޖު ހިމެނި ވަޑައިގަންނަވައެވެ.

އިބްނު ރަޖަބު رحمه الله ވިދާޅިވިއެވެ.

“ތަފްސީރު ޢިލްމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިން ދެކިލައްވަނީ އެހިލަޔަކީ އަލްކިބްރީތު އޭކިޔުނު ހިލައެވެ. އަދި ބުނެވޭ ގޮތުގައި މިހިލައިގައި އަޛާބެއްގެ ގޮތުގައި އެހެން ހިލަތަކުގައި ނުވާ ފަސް ކަމެއްވެއެވެ. އެއީ ފަސޭހައިން އަލިފާން ހިފުމާއި، ނުބައި ވަސްދުވުމާއި، ގިނައިން ދުން އެރުމާއި، ގައިގައި ވަރުގަދަޔަށް ތަތްލުމާއި އަދި މިހިލަ ހޫނުކުރެވޭ ހިނދު އޭގެ ހޫނުކަމުގެ ގަދަކަމެވެ.”

އެހެން ނަމަވެސް ޤިޔާމަތްދުވަހުން މިހިލަޔަށް ވުރެ ޢަޛާބުގެ ގޮތުން ވަރުގަދަ ގަދަފަދަ ހިލަ ﷲ ތަޢާލާ އުފައްދަވާފާނެވެ. އަދި ކަނޑައެޅިގެން ޔަޤީންވާ ގޮތުގައި އާޚިރަތުގައިވާ ތަކެއްޗަކީ މިދުނިޔޭގައި ވާތަކެއްޗަށްވުރެ އެތައް ގޮތަކުން ތަފާތު އެއްޗެހިތަކެވެ.

އަދި ހަމައެފަދައިން ނަރަކައިގެ ދަރުތަކުގެ ތެރެއިން ހިމެނޭ އަނެއް ތަކެއްޗަކީ  ﷲ ފިޔަވައި މީސްތަކުން އަޅުކަންކުރަން ގެންގުޅުނު ތަކެއްޗެވެ. ﷲ ވަޙީކުރެއްވިއެވެ.

(إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّـهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ [٩٨] لَوْ كَانَ هَـٰؤُلَاءِ آلِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَالِدُونَ  [٩٩]) [سورة الأنبياء]

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންނާއި ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ ނަރަކައިގެ ދަރެވެ. ތިޔަބައިމީހުން އެތަނަށް ވަންނަ ހުއްޓެވެ. މި ތަކެއްޗަކީ އިލާހުންތަކެއް ކަމުގައިވީނަމަ އެ ތަކެތި އެ ތަނަކަށް ނުވަނީހެވެ. އަދި އެހުރިހާތަކެތި އެތާނގައި ދެމިތިބޭނެތެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ