[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުގަނޑުމެންނަކީ ކޮން ޢަޤީދާއެއްގެ ބައެއް؟

aqeedha nishan article

الحمد لله والصلاة والسلام على أشرف الأنبياء والمرسلين نبيِّنا محمّد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد:

މިއަދު އިސްލާމީ އުންމަތުން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ވަރަށްވެސް ހިތާމަވެރި މަންޒަރު ތަކެކެވެ. މުސްލިމު އެތައް ފަރުދުންތަކެއް މިވަނީ އެމީހުންގެ ޢަޤީދާ އޮޔާ ދުއްވާލާ، އިސްލާމްކަމާއި އީމާންކަމާއި އަދި މިނޫންވެސް ދީނުގެ އެތައް ޙުކުމްތަކަކީ އެމީހުންގެ ހަވާ ނަފްސުގެ އެދުންތަކާއި އެއްގޮތަށް މާނަކުރާ އެއްޗެއް ކަމުގައި ހަދާފައެވެ. އެމީހުން ދެކެނީ ހަމައެކަނި، ދުލުކުރިން ޝަހާދަތުގެ ދެކަލިމަ ކިޔާލުމުން ފުރިހަމަ މުސްލިމަކަށްވެ އީމާންކަން ފުރިހަމަވީ ކަމަށެވެ.

އަދި ހަމައެގޮތަށް އެކަންތައްތަކެއް ތެދުކޮށް ޤަބޫލުކޮށް ޢަމަލުކުރުމުން މެނުވީ އަޅުގަނޑުމެންގެ އިސްލާމްކަމާއި އީމާންކަން ޞައްޙަ ނުވާނޭކަމަށް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلَّى اللهُ عليه وسلَّمގެ ސުންނަތުގައި ބަޔާންވެފައިވާ އެތައް ކަންތައްތަކެއް ޤަބޫލުނުކޮށް އެއަށް އިންކާރު ކުރަމުންދާ ޙާލުވެސް މިފަދަ މީހުން ދަޢުވާ ކުރަމުން ދަނީ އެމީހުންނަކީ ހަމަ ފުރިހަމަ މުސްލިމުން ކަމުގައެވެ.

އަދި ކިއެއްހެއްޔެވެ. މީގެ އެންމެ އަންތަރީސްވާ ކަމަކީ އެމީހުން ކުރަމުންދާ އެތައް ކަންތައްތަކަކީ އެއީ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ކަންތައްތަކެއްކަން، ކަނޑައެޅިގެން އެމީހުންނަށް އެނގޭޙާލުވެސް އެމީހުން އެދަޢުވާ ކުރަމުންދަނީ އެބައިމީހުންނަކީ މެދުމިނުގެ މުސްލިމުން ކަމުގައެވެ. އަދި ހަމައެއާއެކު މިފަދަ މީސްމީހުން ދެކެނީ، ﷲ ތަޢާލާއާއި އެއިލާހުގެ މަތިވެރި ނަބިއްޔާ صلَّى اللهُ عليه وسلَّم އަންގަވާ އަމުރު ކުރައްވާފައިވާ ގޮތަށް ފައިތިލަ ޘާބިތުކޮށް އެގޮތަށް ތަބާވާން މަސައްކަތް ކުރަމުންދާ މީހުންނަކީ ޙައްދުފަހަނައަޅާފައިވާ ބޯދާ ޚިޔާލުތަކެއް ގެންގުޅޭ މިޒަމާނާ ނުގުޅޭ “ކަޓު” ބައެއްގެ ގޮތުގައެވެ.

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ.
(فَإِن لَّمْ يَسْتَجِيبُوا لَكَ فَاعْلَمْ أَنَّمَا يَتَّبِعُونَ أَهْوَاءهُمْ وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَوَاهُ بِغَيْرِ هُدًى مِّنَ اللَّهِ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ) [سورة القصص: ٥٠]
މާނައީ: “އެބައިމީހުން ކަލޭގެފާނަށް ކިޔަމަންވެ ތަބާ ނުވެއްޖެ ކަމުގައިވާނަމަ ދަންނާށެވެ. ހަމަކަށަވަރުން އެބައިމީހުން އެތަބާވަނީ އެބައިމީހުންގެ ހަވާނަފްސުގެ އެދުން ތަކަށެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުންވާ ހިދާޔަތު ދޫކޮށް އެބައިމީހުންގެ ހަވާނަފްސުގެ އެދުންތަކަށް ތަބާވި ބަޔަކަށްވުރެ ވަކިން ބޮޑަށް މަގުފުރެދިފައިވާ ބަޔަކީ ކޮބައި ހެއްޔެވެ. ހަމަކަށަވަރުން އަނިޔާވެރިވި ބަޔަކަށް ﷲ ތަޢާލާ ހިދާޔަތް ނުދައްކަވާ ހުއްޓެވެ.”

އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ކަމުގައި ވާން އެދޭ ނަމަ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއަކީ ކޮބައިތޯ ދެނެގަންނަން އެބަޖެހެއެވެ. އެގޮތުން މިތަނުގައި އަޅުގަނޑު ކުރުގޮތަކަށް ޢަޤީދާއަކީ ކޮބައިކަމާއި އަދި ޞައްޙަ ޢަޤީދާއަކީ ކޮބައިކަން، ﷲގެ އިރާދަފުޅާއި ވާގިފުޅާއިއެކު ބަޔާންކޮށްދެވޭތޯ ބަލާނަމެވެ.

 العقيدة – ޢަޤީދާއަކީ ކޮބާ؟

ލުޣަވީ ގޮތުން “ޢަޤީދާ” ގެ މާނައަށް ބަލާލާއިރު، “ޢަޤީދާ” މިކަލިމަ ނެގިފައިވަނީ “العقد” (އަލްޢަޤްދު) މިލަފްޒުންނެވެ. އޭގެ މާނައަކީ އެއްޗެއް އައްސާލުމެވެ. ނުވަތަ ބަނދެލުމެވެ. ޢަޤީދާއަކީ އިންސާނާ ޤަބޫލުކުރާ ގޮތަކަށް ކިޔޭ ނަމެކެވެ. މިގޮތުން ޢަޤީދާއަކީ ހިތުގެ ޢަމަލެކެވެ. އެއީ ގޮތަކަށް އީމާންވެ ހިތުން ތެދު ކުރުމެވެ.

ޝަރުޢީ އިސްޠިލާޙުގައި ޢަޤީދާއަކީ: “ﷲ އަށް އީމާންވުމާއި، އެއިލާހުގެ މަލާއިކަތުންނާއި، އެއިލާހު ބާއްވާލެއްވެވި ފޮތްތަކާއި، އެއިލާހު ފޮނުއްވެވި ރަސޫލު ބޭކަލުންނާއި ޤިޔާމަތް ދުވަހާއި އަދި ޤަޟާ ޤަދަރުގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ.” [الشيخ صالح الفوزان، “عقيدة التوحيد وبيان ما يضادها من الشرك الأكبر والأصغر والتعطيل والبدع وغير ذلك” މިފޮތުގައި ބަޔާން ކުރައްވާފައިވާ ޢަޤީދާގެ ތަޢާރަފްގެ ޙުލާޞާ]

ޢަރަބި ބަހުގައި “عقيدة” މިލަފްޒު ބޭނުން ކުރާއިރު، އޭގެ ކުރިއަށް “ال” އިތުރުކޮށް މަޢުރިފާކޮށް (ޙާއްޞަ ނަމެއް ގޮތަށް)، “العقيدة” ބޭނުން ކުރެވެނީ އަހްލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާ ބަޔާން ކުރުމުގެ ގޮތުންނެވެ. ތަފާތު ބާޠިލު ޢަޤީދާތައް އުފެދިފައިވާއިރު، މިގޮތަށް އެކަލިމައިގެ ކުރިޔަށް “ال” ލުމުން ޢަރަބި ބަހުގައި އެއިން އެދޭހަކޮށްދެނީ އެއީ ވަކި ޚާއްޞަ ޢަޤީދާއެއް ކަމެވެ. އާދެ، އެއީ އަހްލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއެވެ.

ޢަޤީދާގެ ޢިލްމަށް، تَوْحِيدُގެ ޢިލްމު ނުވަތަ أُصُولُ الدِّيْنُގެ ޢިލްމު ނުވަތަ السُّنَّة ވެސް ބޭނުން ކުރެވެއެވެ. ސަލަފުންގެ ވަރަށް ގިނަ ޢިލްމުވެރިން، ޢަޤީދާގެ މާނައިގާ “السُّنَّة” މިލަފްޒު ބޭނުން ކުރައްވާފައި ވެއެވެ.

“السُّنَّة” ގެ ނަމުގައި ޢަޤީދާގެ މައުޟޫއަށް ލިޔެވިފައިވާ ފޮތްތައް ނުހަނުގިނައެވެ. އޭގެ ތެރޭގައި، އިބްނު އަބީ ޢާޞިމް ލިޔުއްވާފައިވާ “السُّنَّة” އާއި، އަލްޙުމައިދީ ލިޔުއްވާފައިވާ “أُصُولُ السُّنَّة” އާއި، އަލް-ޚައްލާލް ލިޔުއްވާފައިވާ “السُّنَّة” އާއި، އަބޫ މުޙައްމަދުލް ބަރްބަހާރީ ލިޔުއްވާފައިވާ “شَرْحُ السُّنَّة” ހިމެނެއެވެ.

أَهْلُ السُّنَّة وَالْجَمَاعَة – އަހްލުއް ސުންނަތި ވަލް ޖަމާޢާ.

أَهْلُ السُّنَّة وَالْجَمَاعَة ނުވަތަ “ސުންނަތް ޖަމާޢަތުގެ އަހުލުވެރިން” މިނަން ބޭނުން ކުރެވެނީ ކީރިތި ޤުރުއާނާއި ކީރިތި ނަބިއްޔާ މުޙައްމަދު صلَّى اللهُ عليه وسلَّم ގެންނެވި ގޮތުގައި ހިފަހައްޓައިގެން ޙައްޤުގެ އަހުލުވެރީންގެ ގޮތުގައި ތިބި މީސްތަކުންނަށެވެ.
އެބައިމީހުންނަށް، أَهْلُ السُّنَّة އޭ ކިޔުނީ އެބައިމީހުން ކީރިތި ނަބިއްޔާ މުޙައްމަދު صلَّى اللهُ عليه وسلَّم ގެ ސުންނަތަށް އިޢުތިމާދުވެ (ބިނާވެ ބުރަވެ ތިބެ)، އަމިއްލަ އެދުމާއި ހަވާ ނަފްސުގެ އެދުންތަކުގެ މައްޗަށް ކީރިތި ނަބިއްޔާ صلَّى اللهُ عليه وسلَّم ގެ ސުންނަތް އިސް ކުރުމުންނެވެ. އަދި وَالْجَمَاعَة މިހެން ކިޔުނީ އެބައިމީހުން ބައިބައިނުވެ އެކަތިގަނޑަކަށްވެ، ރަސޫލުﷲ صلَّى اللهُ عليه وسلَّم ގެ ސުންނަތަށް ތަބާވުމުގެ މަތީގައި އެއްބައިވެ ތިބުމުންނެވެ.

ކީރިތި ޤުރުއާނާއި ކީރިތި ނަބިއްޔާ މުޙައްމަދު صلَّى اللهُ عليه وسلَّم ގެންނެވި ގޮތުގައި ހިފަހައްޓައިގެން ތިބި މީސްތަކުންނަށް، أَهْلُ السُّنَّة وَالْجَمَاعَةގެ ނަމުން ނަން ދެވުނު ސަބަބަކީ އިސްލާމްދީނުގެ ތެރެއަށް މީސްތަކުން އެބައިމީހުންގެ ހަވާ ނަފްސުގެ އެދުންތަކާއި އަމިއްލަ އެދުންތައް ވައްދާ، އިސްލާމީ އުންމަތް ތަފާތު އެކިއެކި ބާޠިލް ފިރުޤާ ތަކަށް (ބައިބަޔަށް) ބެހިގެން ދިއުމުގެ ސަބަބުންނެވެ. މިގޮތުން ބާޠިލު ޢަޤީދާގެ އަހުލުވެރިންނާއި ވަކިވެ، ޙައްޤު ޢަޤީދާގެ އަހުލުވެރިންކަށް އެނގިގެންވުމަށްޓަކައި “أَهْلُ السُّنَّة وَالْجَمَاعَة” މިނަން މިގޮތުގައި ބޭނުން ކުރެވެއެވެ.

ކީރިތި ޤުރުއާނާއި ކީރިތި ނަބިއްޔާ މުޙައްމަދު صلَّى اللهُ عليه وسلَّم ގެންނެވި ގޮތުގައި ހިފަހައްޓައިގެން ތިބި ޞައްޙަ ޢަޤީދާގެ އަހުލުވެރީންނަށް أَهْلُ السُّنَّة وَالْجَمَاعَةގެ އިތުރުން، أَصْحَابُ الحَدِيْث، ނުވަތަ اَهْلُ الحَدِيْث، ނުވަތަ أَصْحَابُ الأثَر، ނުވަތަ اَهْلُ الأثَر (މިޖުމްލަތަކުގެ މުރާދަކީ ޙަދީޘްގެ އަހުލުވެރިން މިއެވެ) އަދި މިނޫންވެސް މިފަދަ ނަންތައް ނިސްބަތް ކުރެވިފައިވެއެވެ.