[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 19 “ތިންވަނަ ބަހުޘް”

qiyaamai vumuge

އެކަހެރި ޚަބަރު ޤަބޫލުވެވިގެންވާ ކަމުގެ މައްޗަށް ހުރި ދަލީލުތައް:

ޢަޤީދާގެ މައްސަލަތަކުގައި އެކަހެރި ޚަބަރުގައި ހިފުން ނުވާކަމަށް ބާޠިލުގެ އަހުލުވެރީން އެބައިމީހުންގެ ބަޔާންކުރުންތައް އެއްވެސް ބުރަދަނެއްނެތް އެއްޗެއްގެ މަތީގައި ބިނާކޮށްފައިވާކަން ބަޔާންވެ ދިޔުމުން ފަހެ ދަންނައެވެ. އެކަހެރި ޚަބަރެއްގައި ހިފުން ވާޖިބުވެގެންވާ ކަމަށް އައިސްފައިހުރި ދަލީލުތައް ޤުރުއާނާއި ސުންނަތުގައި ނުހަނު ގިނަގުނަ ވެގެން ވެއެވެ. އޭގެތެރޭގައި:

ޤުރުއާނުން ހުރި ދަލީލުތައް ދަންނައެވެ! ފަހެ އެއީ ވަރަށް ބައިވަރެވެ. އޭގެތެރެއިން ބައެއް ޛިކުރު ކުރާނަމެވެ:

 1. ﷲ ތަޢާލާގެ ވަޙީކުރެއްވާފައިވެއެވެ. ﴿وَمَا كَانَ الْمُؤْمِنُونَ لِيَنْفِرُوا كَافَّةً فَلَوْلا نَفَرَ مِنْ كُلِّ فِرْقَةٍ مِنْهُمْ طَائِفَةٌ لِيَتَفَقَّهُوا فِي الدِّينِ وَلِيُنْذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ﴾ (سورة التوبة: 122) މާނައީ: “އަދި އެންމެން އެކުގައި ހަނގުރާމަޔަށް ނުކުތުމެއް، މުއުމިނުންނަކަށް ނެތެވެ. ފަހެ، އެއުރެންގެ ތެރެއިން ކޮންމެ ޤަބީލާއަކުން ބަޔަކު ހަނގުރާމަޔަށް ނުކުތްނަމަ ކިހާރަނގަޅުހެއްޔެވެ. (އެއީ) އެއުރެން (އެބަހީ: ނުގޮސްތިބި މީހުން) ދީންއުނގެނި ދަސްކުރުމަށެވެ. އަދި އެއުރެންގެ ޤައުމުގެމީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެއުރެންނަށް އިންޒާރު ކުރުމަށްޓަކައެވެ. (އެއީ) އެއުރެން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ.”

ފަހެ މިއާޔަތުގައި މިވަނީ ދީނުގައި ފިޤުހުވެރިވުމަށް މުއުމިނުތަކުންނަށް ހިތްވަރު ދެއްވާފައެވެ. އަދި [ޢަރަބިބަހުގައި] “الطَّائِفَةٌ” (އެބަހީ: ބަޔަކު)، ކިޔައިއުޅެނީ އެކަކުންފެށިގެން މައްޗަށެވެ.

އަލްއިމާމު ބުޚާރީ – رحمه الله- ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ]: “އަދި އެކަކަށް ޖަމާޢަތެކޭ ނަންދެވިގެން ވެއެވެ. ﷲ ތަޢާލާގެ މިބަސްފުޅުގައިވާ ގޮތުގެ މަތީންނެވެ. ﴿وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا…﴾ (سورة الحجرات: 9) (އާޔަތުގެ މާނައީ: “މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ!”)، ފަހެ ދެމީހަކު ތަޅައިފޮޅައިފިނަމަ މިއާޔަތުގައިމިވާ މާނައިގެ ތެރެއަށް އެދެމީހުން ވަދެގެންދާ ހުއްޓެވެ.”

ދެންފަހެ މީހަކު އޭނާގެ ދީނާ ބެހޭގޮތުން ގެންނަ ޚަބަރުތަކުގައި ހިފޭކަމުގައި ވާނަމަ، މިއީ އޭނާގެ އެޚަބަރަކީ ޙުއްޖަތެއްކަމުގެ ދަލީލެކެވެ. އަދި ދީނުގައި ފިޤުހުވެރިވުމުގައި ޢަޤީދާއާއި އަދި [ޝަރުޢީ] ޙުކުމްތައްވެސް ހިމެނިގެން ވެއެވެ. އަދި ކިއެއްތޯއެވެ! ޢަޤީދާގެ [މައްސަލަތަކުގައި] ފިޤުހުވެރިވުމަކީ [އެހެނިހެން] ޙުކުމްތަކުގައި ފިޤުހުވެރިވުމަށްވުރެ މުހިއްމު ކަމެއްކަން ކަށަވަރެވެ.

2. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا…﴾ (سورة الحجرات: 6) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ…”

ޘިޤާއެއްގެ (އެބަހީ: ހިތުދަސްކުރުމުގެ ބާރު ވަރުގަދަ، ޝައްކުކަމުން ދުރުވެގެންވާ ފަރާތެއްގެ) އެކަހެރި ޚަބަރު ޤަބޫލުކޮށް އޭގައި ހިފުންވާކަމަށް މި[އާޔަތުން] ދަލީލު ލިއްބައިދެއެވެ. އަދި އޭނާ ފާސިޤުންގެ ތެރެއިން ނުހިމެނުމާއެކު [އެޚަބަރު] ޘާބިތު ކުރުމުގެ ބޭނުމެއް ނުވާކަން ކަށަވަރެވެ. އަދި އޭނާގެ ޚަބަރަކީ ޢިލްމު ލިއްބައިނުދޭ ޚަބަރެއް ކަމުގައި ވަނީނަމަ، ޢިލްމު ލިއްބައިދިނުމަށްދާންދެން މުޠުލަޤުކޮށް އެ ޘާބިތުކުރުމަށް އަމުރުވެވުނީހެވެ.

3. މާތް ﷲ ވަޙީ ކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الأمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ…﴾ (سورة النساء: 59) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު ﷲ އާއި އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ!)”

އިބްނުލް ޤައްޔިމް – رحمه الله- ވިދާޅުވެގައި ވެއެވެ. [އެބަސްފުޅުގެ މާނައީ]: “ރަސޫލުﷲ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ، އެކަލޭގެފާނަށް ރައްދު ކުރުމަކީ އެއީ އެކަލޭގެފާނަށް ރުޖޫޢަވުން [އެބަހީ: އެކަލޭގެފާނު ނިންމަވާ ގޮތަށް ރުޖޫޢަވުން]ކަމުގައި މުސްލިމުން ވަނީ އިއްތިފާޤުވެފައެވެ. އަދި އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވުމަށްފަހު އެއީ އެކަލޭގެފާނުގެ ސުންނަތަށް ރުޖޫޢަވުމެވެ. އަދި އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވުމަށްފަހު  މިރައްދުކުރުމުގެ ފަރްޟުކަން ކެނޑިގެން ނުދާނޭކަމުގައިވެސް އެބައިމީހުން އިއްތިފާޤުވެފައި ވެއެވެ. ފަހެ އެކަލޭގެފާނުގެ [ކިބައިންވާ] މުތަވާތިރު ޚަބަރު ތަކާއި އާޙާދު ޚަބަރުތަކުން ޢިލްމެއް އަދި ޔަޤީންކަމެއް ނުލިބޭކަމުގައި ވާނަމަ އެކަލޭގެފާނަށް ކަންކަމުގައި ރައްދުކުރެވޭނެ އެއްވެސް ގޮތެއް ނުވެއެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ