އަދި [ރަސޫލުﷲ صلى الله عليه وسلم ގެ] ސުންނަތުން ހުރި ދަލީލުތަކާމެދު ދަންނައެވެ! ފަހެ އެއީ ނުހަނު ބައިވަރެވެ. އޭގެތެރެއިން ބައެއް ކުރުގޮތަކަށް ޛިކުރުކޮށްލާނަމެވެ:
1. ރަސްރަސްކަލުންގެ އަރިހަށް [ދަޢުވަތާއިގެން] އެއްބޭކަލަކަށް ފަހު އަނެއް ބޭކަލެއް، ރަސޫލުﷲ صلى الله عليه وسلم ފޮނުއްވައި އުޅުއްވިއެވެ. އަދި ހަމައެފަދައިން ރަށްތަކުގެ ވެރިންނަށް އެކަލޭގެފާނު ކަނޑައެޅުއްވި ބޭކަލުންވެސް މެއެވެ. ފަހެ ޢަމަލީ އަދި އިޢުތިޤާދީ އެންމެހާ ޙުކުމްތަކާއިގެން އެބޭކަލުންގެ ގާތަށް އެބައިމީހުން ރުޖޫޢަވެއެވެ. ފަހެ ނަޖްރާންގެ އަހުލުވެރިންގެ ގާތަށް އަބޫ ޢުބައިދާ ޢާބިރް ބުނުލްޖައްރާޙް -رضي الله عنه- ފޮނުއްވެވިއެވެ. އަދި ޔަމަންގެ އަހުލުވެރިންގެ ގާތަށް މުޢާޛް ބިން ޖަބަލް -رضي الله عنه- ފޮނުއްވުނެވެ. އަދި ބުޞްރާއަށް، ދިޙްޔަތުލް ކަލްބީ -رضي الله عنه-، ފޮނުއްވުނެވެ…. އަދި އަޞްޙާބުންގެ ތެރެއިން އެހެނިހެން ބޭކަލުންވެސް މިގޮތަށް ފޮނުއްވުނެވެ.. -رضي الله عنهم-
2. ޢަބްދުﷲ ބިން ޢުމަރު -رضي الله عنهما- ގެ އަރިހުން ބުޚާރީ -رحمه الله- ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((بَيْنَا النَّاسُ بِقُبَاءٍ فِي صَلاَةِ الصُّبْحِ، إِذْ جَاءَهُمْ آتٍ، فَقَالَ: إِنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَدْ أُنْزِلَ عَلَيْهِ اللَّيْلَةَ قُرْآنٌ، وَقَدْ أُمِرَ أَنْ يَسْتَقْبِلَ الكَعْبَةَ، فَاسْتَقْبِلُوهَا، وَكَانَتْ وُجُوهُهُمْ إِلَى الشَّأْمِ، فَاسْتَدَارُوا إِلَى الكَعْبَةِ))[1] މާނައީ: “ޤުބާ މިސްކިތުގައި މީސްތަކުން ފަތިސްނަމާދަށް ތިބެނިކޮށް މީހަކު އައިސް ބުންޏެވެ. ‘ހަމަކަށަވަރުން ރަސޫލުﷲ އަށް ޤުރުއާނެއް (އެބަހީ: އާޔަތެއް) ބާވައިލެވިއްޖެއެވެ. އަދި ކަޢުބާއަށް (އެބަހީ: ކަޢުބަތުﷲ ގެފުޅަށް) ކުރިމަތިލުމަށް އަމުރު ވެވިއްޖެކަން ޔަޤީނެވެ. ފަހެ ތިޔަބައިމީހުން އެއަށް (ކަޢުބާއަށް) ކުރިމަތިލާށެވެ. އެބައިމީހުންގެ މޫނުތައްވީ ޝާމްއާ ދިމާއަށެވެ. (އެބަހީ: ބައިތުލް މަޤްދިސްއާ ދިމާއަށެވެ.) ފަހެ ކަޢުބާއާ ދިމާއަށް އެބައިމީހުން އެނބުރިއްޖެއެވެ.”
އަދި އެބައިމީހުން [މިފަދައިން] ނުބުނެއެވެ. “މިއީ ޢަމަލީ ޙުކުމެއްކަން ގައިމެވެ. އެހެނީ މިޙުކުމަށް ޢަމަލު ކުރުން ބިނާވެފައިވަނީ މިޚަބަރުގެ ޞައްޙަކަން ޤަބޫލު ކުރެވުމުންކަން ކަށަވަރެވެ.”
3. އަދި ޢުމަރު -رضي الله عنه- ވިދާޅުވިއެވެ. ((وَكَانَ رَجُلٌ مِنَ الأَنْصَارِ، إِذَا غَابَ عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَشَهِدْتُهُ؛ أَتَيْتُهُ بِمَا يَكُونُ مِنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَإِذَا غِبْتُ عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَشَهِدَ؛ أَتَانِي بِمَا يَكُونُ مِنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ))[2] މާނައީ: “އަންޞާރިއްޔަބޭކަލެއް ވިއެވެ. އެކަލޭގެފާނު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ނުވާނަމަ އެބޭކަލަކު ފެނުމުން، ރަސޫލުﷲ صلى الله عليه وسلم ގެ ކިބައިންވީ ކަންކަމުގެ [ޚަބަރާއިގެން] ތިމަންކަލޭގެފާނު އެބޭކަލެއްގެ އަރިހަށް ގޮސް އުޅުނީމެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ތިމަންކަލޭގެފާނު ނުވަނީސް ރަސޫލުﷲ صلى الله عليه وسلم ގެ ކިބައިންވީ ކަންކަމުގެ [ޚަބަރާއިގެން] ތިމަންކަލޭގެފާނު ފެނުމުން، އެބޭކަލަކު ތިމަންކަލޭގެފާނުގެ ކައިރިއަށް ވަޑައިގަންނަވައެވެ.”
ފަހެ މިއީ ޞަޙާބީންގެ މެދުގައި ކަންހިނގައިފައިވާ ގޮތެވެ. އެއިން ބޭކަލަކު އެބޭކަލުންގެ ދީނުގެ ކަންކަމުގައި އެކަހެރި ޚަބަރުން ފުއްދާލައި ކަމުގައި މިހުރީ ފެންނާށެވެ. އެއީ ޢަޤީދާއާ ގުޅޭ [ޚަބަރެއް] ކަމުގައި ވިޔަސް ނުވަތަ އެނޫންވެސް [ޚަބަރެއް] ކަމުގައި ވީނަމަވެސް މެއެވެ.
4. ޢަބްދުﷲ ބިން މަސްޢޫދު -رضي الله عنه- ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((نَضَّرَ اللَّهُ امْرَأً سَمِعَ مِنَّا حَدِيثًا فَحَفِظَهُ حَتَّى يُبَلِّغَهُ فَرُبَّ مُبَلَّغٍ أَوْعَى مِنْ سَامِعٍ))[3] މާނައީ: “ތިމަންމެންގެ ކިބައިން ޙަދީޘެއް އަޑުއަހައި، އެޙަދީޘް އެހެންމީހަކަށް ފޯރުކޯށްދީފުމަށްދާންދެން އެޙަދީޘް ހިދުދަސްކުރާމީހާ ﷲ އަލިކުރައްވާށިއެވެ. ފަހެ ފަހަރުގައި [އެ ޙަދީޘް] އަޑުއެހި މީހާއަށްވުރެ ފޯރުކޮށްދެވުނު މީހާގެ ހިތުދަސްކުރުން ނުވަތަ ވިސްނުން ގަދަވެދާނެއެވެ.”
އަދި މި [ޙަދީޘް]ވެސް، އެހެން ކަންކަން ފިޔަވައި ޢަމަލުތަކާ ގުޅޭ ކަންކަމަށް އެކަނި ނިންމައިލައިފައި ނުވެއެވެ. ކިއެއްތޯއެވެ؟ އެއީ ޢަމަލުތަކާއި އަދި ޢަޤީދާއާބެހޭ ޙަދީޘްތައް އޭގައި އެކުލެވިގެންވާ ޢާންމު [ޙަދީޘް] އެކެވެ. ފަހެ އާޙާދު ޙަދީޘަކުން، އެކަލޭގެފާނު صلى الله عليه وسلم ގެ ކިބައިން ޘާބިތުވާ ޢަޤީދާއާ ގުޅޭ ޚަބަރަކަށް އީމާންވުން ވާޖިބު ނުވާކަމުގައި ވާނަމަ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް ފޯރުކޮށްދިނުމަށް، މުޠުލަޤު މާނައެއް [ދޭހަވާގޮތަށް]، ނަބިއްޔާ صلى الله عليه وسلم މިއަމުރު ނުކުރެއްވީސްކަން ކަށަވަރެވެ. އަދި ކިއެއްތޯއެވެ؟ އެނޫން ޙަދީޘްތައް ފިޔަވައި ޢަމަލުތަކާ ގުޅޭ ޙަދީޘަކަށް އެކަނި އޮތްކަމެއްކަމުގައި ރަސޫލުﷲ صلى الله عليه وسلم ބަޔާންކޮށްދެއްވީހެވެ.
މިހެންކަމުން، އާޙާދު ޙަދީޘުން ޢަޤީދާ ޘާބިތު ނުކުރެވޭނެކަމުގައި ބުނެވޭ ބަސްތަކަކީ އެއީ ދީނުގައި އަލަށް އުފެދިގެންއުޅޭ، އޭގައި އެއްވެސް އަޞްލެއްނުވާ ބިދުޢަވެރި ބަސްތަކެއްކަން ކަށަވަރެވެ. އަދި ސަލަފުއްޞާލިޙުންގެ އެއްވެސް ބޭކަލަކު އެފަދައިން ވިދާޅުވެފައި ނުވެއެވެ. -މާތް ﷲ އެބޭކަލުންނަށް ރުއްސުން ލައްވާށިއެވެ.- އަދި އެއިން އެއްވެސް ބޭކަލެއްގެ ކިބައިން އެފައިން ނަޤުލުވެފައިވެސް ނުވެތެވެ. ކިއެއްތޯއެވެ؟ އެބޭކަލުންގެ ކަމެއްގައި އެފަދައިން އައިސްފައިވެސް ނުވެއެވެ. އަދި އާޙާދު ޙަދީޘުން ޢަޤީދާ ޘާބިތު ނުވާނެކަމުގައިވާ ޤަޠަޢީ ދަލީލެއް ފެނިފައިވާނަމަ އަޞްޙާބުބޭކަލުންނަށް އެކަން އެނގިވަޑައިގަތީހެވެ. އަދި އެކަން ފާޅުކުރެއްވީހެވެ. އަދި ހަމައެފަދައިން އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ސަލަފުއްޞާލިޙުންގެ ބޭކަލުން އެކަން ކުރެއްވީހެވެ.
=ނުނިމޭ=
މިލިޔުމުގެ އެހެންބައިތައް ބައްލަވާ
__________________________________________
[1] صحيح البخاري / كتاب أخبار الآحاد / باب ماجاء في إجازة خبر الواحد الصدوق
[2] صحيح البخاري / كتاب أخبار الآحاد / باب ماجاء في إجازة خبر الواحد الصدوق
[3] مسند أحمد: 4157، وقد رواه الإمام أحمد بإسنادين صحيحين