[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 21 “ތިންވަނަ ބަހުޘް”

qiyaamai vumuge

ދެން އެއަށްފަހު ޢަޤީދާއާ ގުޅިފައިވާ ބިދުޢަވެރި މިބަސްތަކާހުރެ، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވާ އެތައް ސަތޭކަ ޞައްޙަ ޙަދީޘެއް ރައްދު ކުރުން ލާޒިމުވެގެން ވާކަން ކަށަވަރެވެ.

ފަހެ ޢަޤީދާގެ [މައްސަލަތަކުގައި] އެކަހެރި ޚަބަރު ނުނަގާމީހުންނަށް، އާޙާދު ޙަދީޘުން ޘާބިތުވާ އެތައް ބައިވަރު ޢަޤީދާއެއް ރައްދުކުރުން ވަނީ ލާޒިމުވެފައެވެ. އޭގެތެރޭގައި؛

1. އެންމެހާ ނަބިއްޔުންނާއި ރަސޫލުންގެ މައްޗަށް އަހަރެމެންގެ ނަބިއްޔާ صلى الله عليه وسلم އަށް ލިބިގެންވާ މަތިވެރިކަން.

2. މަޙްޝަރުގެ މައިދާނުގައި އެކަލޭގެފާނަށް ލިބިގެންވީ ބޮޑުވެގެންވާ ޝަފާޢަތްތެރިވުން.

3. އެކަލޭގެފާނު صلى الله عليه وسلم ގެ އުންމަތުގެ ބޮޑެތި ފާފައިގެ އަހުލުވެރިންނަށް ޝަފާޢަތްތެރިވުން.

4. ޤުރުއާން ފިޔަވައި، އެކަލޭގެފާނަށް ދެއްވިގެންވާ އެންމެހާ މުޢުޖިޒާތްތައް.

5. ޚަލްޤުތަކުން އުފެއްދެވުން ފެށިގެންއައި ގޮތާއި ޤުރުއާނުގައި ޛިކުރު ކުރެވިގެން ނުވާ، މަލާއިކަތުންނާއި ޖިންނީންގެ ޞިފަތަކާއި އަދި ސުވަރުގެއާއި ނަރަކައިގެ ޞިފަތައް.

6. ކަށްވަޅުގައި ނަކީރު މުންކަރުގެ [ދެމަލާއިކަތުން] ސުވާލު ކުރެއްވުން.

7. ކަށްވަޅުގައި މައްޔިތާއަށް ހުރި ދަތިކަން.

8. ޞިރާޠުމަގު، [މަޙްޝަރުގެ މައިދާނުގައިވާ] ޙައުޟު (ފެންގަނޑު) އަދި ދެފަރާތްލީ ތިލަފަތް.

9. ކޮންމެ އިންސާނަކުމެ އޭނާގެ މަންމަގެ ބަނޑުގައިވަނިކޮށް، އޭނާގެ ބާއްޖަވެރިކަމާއި އަބާއްޖަވެރިކަން އަދި އޭނާގެ ރިޒުޤާއި އޭނާގެ އަޖަލު (އެބަހީ: ޢުމުރު)، ﷲ ތަޢާލާ ލިޔުއްވަވާ ކަމުގައި އީމާންވުން.

10. އަލްއިމާމް ސުޔޫޠީ -رحمه الله- އެކަލޭގެފާނުގެ “الْخَصَائِصُ الْكُبْرَى” [ކިޔުނު] ފޮތުގައި ޖަމާކުރައްވާފައިވާ، ނަބިއްޔާ صلى الله عليه وسلم އަށް ލިބިގެންވާ ޚާއްޞަ ކަންކަން. މިޘާލަކަށް: އެކަލޭގެފާނުގެ ދިރިހުންނެވުމުގައި ސުވަރުގެއަށް ވަދެވަޑައިގެންނެވުމާއި އެތާނގެ އަހުލުވެރިން އެކަލޭގެފާނު ދުށުމާއި، ތަޤުވާވެރިންނަށްޓަކައި އެތާނގައި ތައްޔާރުކުރެވިފައިވާ ކަންކަން ދެކެވަޑައިގެންނެވުން އަދި އެކަލޭގެފާނުގެ އަރިހުގައިވާ ޖިންނީންގެ ތެރެއިންވާ ޤަރީން އިސްލާމްވެ ވަޑައިގަތުން.

11. ސުވަރުގޭގެ އުފާވެރި ޚަބަރު ދެއްވާފައިވާ ދިހަބޭކަލުންނަކީ ސުވަރުގޭގެ އަހުލުވެރީންކަމުގައި ޤަބޫލު ކުރުން.

12. ބޮޑެތި ފާފަކުރާ މީހުން ނަރަކާގައި ދާއިމަށް ދެމިނުތިބުން.

13. ޤުރުއާނުގައި ވާރިދުވެފައިނުވާ، ޞައްޙަ ޙަދީޘުން ޘާބިތުވާންހުރި ޤިޔާމަތުގެ ޞިފަތަކާއި މަޙުޝަރު ކުރެއްވުމާއި އަލުން ދިރުއްވައި ފޮނުއްވުގެ އެންމެހާ [ޞިފަތަކަށް] އީމާންވުން.

14. ޤިޔާމަތުގެ އެންމެހާ ޢަލާމާތްތަކަށް އީމާންވުން. މިޘާލަކަށް: މަހުދީގެފާނު ފޮނުއްވުމާއި، ޢީސާ عليه السلام ފައިބައިވަޑައިގެންނެވުމާއި، ދައްޖާލު ފާޅުވުމާއި، އަލިފާންގަނޑު ނުކުތުމާއި، ހުޅަނގުފަރާތުން އިރު އެރުމާއި އަދި ދާއްބަ [ފާޅު ކުރެއްވުމާއި] މިނޫންވެސް ކަންކަމެވެ.

ދެން އެއަށްފަހު ބުނެވިދިޔަ މިއެންމެހާ ޤަބޫލުކުރުންތަކުގެ ދަލީލުތައް ޘާބިތުވެގެންވަނީ [ހަމައެކަނި] އެކަހެރި ޚަބަރަކުން ނޫންކަން ކަށަވަރެވެ. އެކަމުގެ ދަލީލުތައް [އައިސްފައިވަނީ] އާޙާދު ޙަދީޘަކުން ނުމެނޫންމެއެވެ. ކިއެއްތޯއެވެ! އޭގެތެރޭގައި މުތަވާތިރު ޙަދީޘުން ދަލީލުކުރާ ކަންކަން ހިމެނިގެން ވެއެވެ. އެހެނެއްކަމަކު އެކަހެރި ޚަބަރުގެ ޙުއްޖަތާމެދު އިންކާރު ކުރާ ފަރާތްތަކުގެ ޢިލްމުގެ ކޮށިކަމާހުރެ، މިއެންމެހާ ޤަބޫލުކުރުންތަކާއި، ޞައްޙަ ޙަދީޘުން އައިސްފައިވާ މިނޫންވެސް ކަންކަން އެބައިމީހުން ރައްދުކުރެތެވެ.

*******

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ