[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކާފިރުކަމުގެ ތަޢުރީފާއި އޭގެ ވައްތަރުތައް 1

10122009368

އަޞްލު ލިޔުއްވީ:صالح بن فوزان الفوزان

ތަރުޖަމާ:أبو بكر إبراهيم علي

ތަޢުރީފު:

ބަހުގެ އަޞްލަށް ބަލާއިރު ކުފުރު މި ލަފްޒުގެ މާނައީ މަތިޖަހާ ބަންދުކުރުމެވެ. ނުވަތަ ނިވާކުރުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ކުފުރަކީ، އީމާންކަމުގެ އިދިކޮޅެވެ. އެހެނީ ކާފަރުކަމަކީ ﷲއާއި އަދި އެ ކަލާނގެ ރަސޫލުންނަށް އީމާންނުވުމެވެ. އެދެފަރާތް ދޮގުކުރިޔަސް ނުކުރިޔަސް ހަމަހަމައެވެ. އަދި ކިޔެއްހެއްޔެވެ. ޝައްކު އުފެދިގެން ނުވަތަ މޫނު އަނބުރާލައި ނަމަވެސް ނުވަތަ ޙަސަދަވެރި ވެގެންނަމަވެސް ނުވަތަ ބޮޑާކަމުން ނުވަތަ ރަސޫލުންނާ ތަބަޢަވުމަށް ހުރަސްއަޅާފަދަ ބައެއް ކަންކަމާއި ތަބަޢަ ވެގެންނަމަވެސް ފަރުވާލެއް ނެތެވެ. އަދި ﷲ އާއި އެކަލާނގެ ރަސޫލުން ދޮގުކުރުމުގެ ކާފަރުކަންބޮޑުވިޔަސް މެއެވެ. އެބަހީ: ﷲ އާއި އެކަލާނގެ ރަސޫލުން ދޮގުކުރުމާއި އެކު އެދެފަރާތަށް އީމާން ނުވިނަމަ އަދި ކާފަރުކަން ބޮޑުވެގެން ވެއެވެ. އެދެފަރާތް ދޮގުކުރުމެއްނެތި އެދެފަރާތަށް އީމާންނުވުމީވެސް ކާފަރުކަމެވެ. ކުރީ ޢިބާރާތުގައި އެވަނީ އެވާހަކައެވެ. والله أعلم. އަދި ހަމަ އެފަދައިން ރަސޫލުބޭކަލުންގެ ރަސޫލުކަން އެއީ ތެދުކަން ޔަޤީންވުމާއިއެކު ޙަސަދަވެރިކަމުންދޮގުކުރި މުލްޙިދު މީހާވެސް ކާފަރުކަން ބޮޑުވެގެން ވެއެވެ. (مجموع فتاوى ابن تيمية)

ކާފަރުކަމުގެ ވައްތަރުތައް:

ކާފަރުކަން ހުރީ ދެވައްތަރަކަށެވެ.

ކާފަރުކަމުގެ ފުރަތަމަ ވައްތަރު: އެއީ އިސްލާމްދީނުން ބޭރުވާ ބޮޑު ކާފަރުކަމެވެ. އެކަންހުރީ ފަސްބަޔަކަށެވެ.

1- ފުރަތަމަބައި: އެއީ ދޮގުކުރުމުގެ ކާފަރުކަމެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅެވެ.﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ﴾ [العنكبوت:٦٨]މާނައީ: ﷲ ތަޢާލާއަށް ބޮޑުދޮގެއް އުފައްދައިގެންފި މީހަކަށްވުރެ ވަކީންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ އެބަހީ: އެޔަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ. ނުވަތަ އޭނާގެ ގާތަށް ޙައްޤު އައިހިނދު އެބަހީ ޙައްޤާއިގެން ރަސޫލުބޭކަލުން ވަޑައިގެންހިނދު އެޙައްޤު ދޮގުކުރި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ އަޅެފަހެ ކާފަރުންގެ ޖާގައެއްކަމުގައި ނަރަކަ ނުވޭ ހެއްޔެވެ. މިއެވެ.

2- ދެވަނަބަޔަކީ: ތެދުކުރުމާއި އެކުވެސް ބޮޑާކަމާ މަނާވެގަތުމުގެ ކާފަރުކަމެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅެވެ. ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ﴾ [البقرة :٣٤]މާނައީ: އަދި އާދަމުގެފާނަށް ސަޖިދަ ކުރާށޭ މަލާއިކަތް ބޭކަލުންނަށް ތިމަން ރަސްކަލާނގެ ވަޙީކުރެއްވި ހިނދު ފަހެ އިބިލީސް މެނުވީ އެންމެހާ މަލާއިކަތް ބޭކަލުން ސަޖިދަ ކުރެއްވިއެވެ. އެސޮރު މަނާވެގަތީ އެވެ. އަދި ބޮޑާވެގަތީއެވެ. އަދި އެސޮރުވީ ކާފިރުންގެ ތެރެއިންނެވެ. މިއެވެ.

3- ތިންވަނަބަޔަކީ: ޝައްކުވުމުގެ ކާފަރުކަމެވެ. އެއީ ހީކުރުމުގެ ކާފަރު ކަމެވެ. އޭގެ ދަލީލަކީ ﷲތަޢާލާގެ ބަސްފުޅެވެ. ﴿وَدَخَلَ جَنَّتَهُ وَهُوَ ظالِمٌ لِنَفْسِهِ قالَ ما أَظُنُّ أَنْ تَبِيدَ هذِهِ أَبَدًا (35)وَما أَظُنُّ السَّاعَةَ قائِمَةً وَلَئِنْ رُدِدْتُ إِلى رَبِّي لَأَجِدَنَّ خَيْرًا مِنْها مُنْقَلَبًا (36) قالَ لَهُ صاحِبُهُ وَهُوَ يُحاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِنْ تُرابٍ ثُمَّ مِنْ نُطْفَةٍ ثُمَّ سَوَّاكَ رَجُلًا (37) لكِنَّا هُوَ اللَّهُ رَبِّي وَلا أُشْرِكُ بِرَبِّي أَحَدًا (38)[الكهف]މާނައީ “އޭނާގެ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލު އޭނާގެ ބަގީޗާއަށް ވަނެވެ. އަދި ބުންޏެވެ. އަހުރެންނަށް ހީވާ ގޮތުގައި ދުވަހަކުވެސް މިތަކެތި ހަލާކުވެ ބަރުބާދު ވެގެން ނުދާނެއެވެ. އަދި އަހުރެންނަށް ހީވާގޮތުގައި ޤިޔާމަތް ޤާއިމް ނުވާނެއެވެ. އަދި އަހުރެންގެ ރައްބުގެ ޙަޟްރަތަށް ދެވިއްޖެއްޔާ މިއަށްވުރެ ރަނގަޅު މާހެޔޮތަނެއް އެނބުރި، ދެވޭ ތަނެއްގެ ގޮތުން އަހުރެން ދެކޭނޫއެވެ. އޭނާގެ އެކުވެރިޔާ އޭނާޔާ އިދިކޮޅަށް ވާހަކަ ދައްކާ ޙާލު އޭނާޔާ ދިމާލަށް ބުންޏެވެ. ކަލޭ ވެލިން ހައަދަވައި ދެން ނުޠްފާ އަކުން ހައްދަވައި ދެން ފުރިހަމަ ފިރިހެނަކަށް ބަރާބަރުކޮށްދެއްވި ކަލާނގެއަށް ކާފަރު ވެއްޖައީމުއެވެ. އެހެނެއްކަމަކު އަހުރެން އަހުރެންގެ ރައްބާއި ހަމަ އެކަކާއިވެސް ޝަރީކުކޮށް ބައިވެރިކޮށް ނުހަދާނަމެވެ. މިއެވެ. (ނުޠްފާގެ މާނައަކީ މަނިތިއްކެވެ.)

4- ހަތަރުވަނަބަޔަކީ: އެނބުރި ފުރަގަސްދީ ޤަބޫލު ނުކުރުމުގެ ކާފިރު ކަމެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅެވެ. ﴿وَالَّذِينَ كَفَرُوا عَمَّا أُنْذِرُوا مُعْرِضُونَ﴾ [الأحقاف: ٣] މާނައީ: ކާފިރުވި މީސްތަކުން (ދަންނައެ!) އެމީހުން އެވަނީ އެމީހުންނަށް އިންޒާރު ކުރެވޭ ބިރުގެންނެވޭ ކަންތައްތަކާއި މެދު އެނބުރި ފުރަގަސްދޭ ބަޔަކުކަމުގައެވެ.”

5- ފަސްވަނަބަޔަކީ: ނިފާޤު ކަމުގެ (ދެފުށްދެގޮތްކަމުގެ) ކާފަރުކަމެވެ. އޭގެ ދަލީލަކީ ﷲތަޢާލާގެ ބަސްފުޅެވެ. ﴿ذَٰلِكَ بِأَنَّهُمْ آمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ﴾ [المنافقون: ٣]މާނައީ: “އެގޮތަކީ ހަމަކަށަވަރުން އެމީހުން އީމާންވިއެވެ. ދެން ކާފަރުވީއެވެ. އަދި އެމީހުންގެ ހިތްތަކުގެ މަތީގައް ސިއްކަޖެހެވި ބަންދުވެގެން ވެއެވެ. ފަހެ އެމީހުންނަކަށް ނުވިސްނޭނެއެވެ. މިއެވެ. (ނުނިމޭ)