[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 28 “ހަވަނަ ބަހުޘް”

qiyaamai vumuge

ހަވަނަ ބަޙުޘް

ޤިޔާމަތުގެ ވަޤުތު ކުޑަތަންވުން

ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ޞައްޙަ ޙަދީޘްތަކުން، ޤިޔާމަތުގެ ވަޤުތު ގާތްވެ ކުޑަތަންވެފައިވާ ކަމުގައި ދަލީލު ލިއްބައިދެއެވެ.  ފަހެ އަޅުގަނޑުމެން މިވަނީ ދުނިޔޭގެ އެންމެ ފަހު ދުވަސްތަކުގައި ކަމަށްވެފައި، ޤިޔާމަތުގެ ގިނަޢަލާމާތްތައް ފާޅުވެ ނިމިފައިވުމީ މިކަމުގެ ދަލީލެއްކަން ޔަޤީނެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. ﴿اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُعْرِضُونَ﴾ (سورة الأنبياء: 1) މާނައީ: “މީސްތަކުންނަށް އެއުރެންގެ (ޢަމަލު ތަކުގެ) ޙިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެންވީ ޣާފިލުވެ (އެކަމުން) އެއްކިބާވެގެންވާ ޙާލުގައެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ. ﴿وَمَا يُدْرِيكَ لَعَلَّ السَّاعَةَ تَكُونُ قَرِيبًا﴾ (سورة الأحزاب: 63) މާނައީ: “އަދި ކަލޭގެފާނަށް އެކަން އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ ޤިޔާމަތްވުމުގެ ވަގުތު ވަރަށް ގާތްވެފައިވެސް އޮވެދާނެތެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّهُمْ يَرَوْنَهُ بَعِيدًا (٦) وَنَرَاهُ قَرِيبًا (٧)﴾ (سورة المعارج: 6-7) މާނައީ: “ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ. އަދި ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ.”

އަދިވެސް ވަޙީކުރައްވާފައި ވެއެވެ. ﴿اقْتَرَبَتِ السَّاعَةُ وَانْشَقَّ الْقَمَرُ﴾ (سورة القمر: 1) މާނައީ: “ޤިޔާމަތްވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ.”

…ދުނިޔަވީ މިޢާލަމް ފަނާވެ އާޚިރަތުގެ ގޮވައްޗަށް ބަދަލުވާންޖެހޭ ވަޤުތު ކައިރި ވެއްޖެ ކަމަށްހުރި މިނޫންވެސް އެތަކެއް އާޔަތެކެވެ. އެއާއެކު ކޮންމެ މީހަކުވެސް އެމީހާ ކުރި ޢަމަލުތައް ގެންދެއެވެ. [އެޢަމަލުތައް] ހެޔޮވެއްޖެ ނަމަ ފަހެ ހެޔޮކަންހުއްޓެވެ. އަދި ނުބައިވެއްޖެ ނަމަ ފަހެ ނުބައިކަންހުއްޓެވެ.

[ރަސޫލުﷲ] صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ)) މާނައީ: “ތިމަންކަލޭގެފާނާއި ޤިޔާމަތް ފޮނުއްވުނީ މިފަދައިންނެވެ.” އަދި އެކަލޭގެފާނުގެ ދެއިނގިލިފުޅު ސީދާކޮށްލައްވައި އެއަށް އިޝާރާތްކޮށްލެއްވިއެވެ.[1]

އަދިވެސް [އެކަލޭގެފާނު] -صلى الله عليه وسلم- ޙަދީޘްކުރެއްވިއެވެ. ((بُعِثْتُ فِيْ نَسَمِ السَّاعَة))[2] މާނައީ: “ތިމަންކަލޭގެފާނު ފޮނުއްވުނީ ޤިޔާމަތުގެ ފުރަތަމަ ޢަލާމާތްތަކާ އެކުއެވެ.”

އަދިވެސް ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((إِنَّمَا أَجَلُكُمْ -فِي أَجَلِ مَنْ خَلاَ مِنَ الأُمَمِ- مَا بَيْنَ صَلاَةِ العَصْرِ وَمَغْرِبِ الشَّمْسِ))[3] މާނައީ: “ތިޔަބައިމީހުންގެ އަޖަލަކީ -އިސްވެދިޔަ އުންމަތްތަކުގެ މީހުންގެ އަޖަލާ އަޅާ ބަލާއިރު- ޢަޞުރުފަހުން ގޮސް އިރުއޮއްސުމާ ދެމެދުގައިވާ [ކުޑަ ވަޤުތުކޮޅު ފަދަ ވަޤުތުކޮޅެއްކަމުގައި] މެނުވީ ނުވެއެވެ.”

އަދި އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ތިމަންމެންބޭކަލުން ތިއްބެވީމުއެވެ. އެއީ ޢަޞުރުފަހުން، قُعِيْقُعَان[4]ގައި އިރު ވަނިކޮންނެވެ. ފަހެ ހަދީޘްކުރެއްވިއެވެ. ((مَا أَعْمَارُكُمْ فِي أَعْمَارِ مَنْ مَضَى إِلاَّ كَمَا بَقِيَ مِنَ النَّهَارِ وَفِيمَا مَضَى مِنْهُ))[5] މާނައީ: “އިސްވެ ދިޔަ މީހުންގެ ޢުމުރާއި ތިޔަބައިމީހުންގެ ޢުމުރުގެ ތަފާތަކީ ދުވާލުން ބާކި އޮތް ބަޔާއި ވޭތުވެ ގޮސްފައިވާ ބައި ތަފާތުވެފައިވާ މިންވަރެވެ.”

މިއިން ދަލާލަތުކޮށްދެނީ ހަމަކަށަވަރުން “[ދުނިޔެއިން] ވޭތުވެގޮސްފައިވާ މުއްދަތާ އަޅާބަލާއިރު ބާކީ އޮތީ ވަރަށްވެސް ކުރުމުއްދަތެއް ކަމުގައެވެ. އެހެނެއްކަމަކު އިސްވެގޮސްވެފައިވާ މުއްދަތެއް ﷲ ތަޢާލާ ފިޔަވައި އެއްވެސް ފަރާތަކަށް އެނގިގެން ނުވެއެވެ. އަދި އެކަމުގެ މުއްދަތު ކަނޑައަޅައިދޭ، އެކަމާ ހަމައަށް ފޯރުކޮށްދޭފަދަ އެއްވެސް ދަލީލެއް ޞައްޙަ ސަނަދަކުން އައިސްފައެއް ނުވެއެވެ. އެހެނެއްކަމަކު މާޒީވެ ގޮސްފައިވާ [މުއްދަތާ] އަޅާ ބަލާއިރު ބާކީ އޮތް މިންވަރަކީ ވަރަށްވެސް ކުޑަ މިންވަރެއް ކަމުގައި އެނގެއެވެ.”[6]

އަދި ރަސޫލުﷲ صلى الله عليه وسلم ގެ މިބަސްފުޅު ((بُعِثْتُ أَنَا وَالسَّاعَةُ جَمِيْعَا، إنْ كَادَتْ لَتَسْبقني))[7] އަށްވުރެ ވަކީން ބަލާޣާތްތެރި ބަސްފުޅެއް ޤިޔާމަތް ކައިރިވުމާ ބެހޭގޮތުން ނުވެއެވެ. [ޙަދީޘް ބަސްފުޅުގެ މާނައީ: “ތިމަންކަލޭގެފާނާއި ޤިޔާމަތް ފޮނުއްވުނީ އެކުއެކީގައެވެ. ތިމަންކަލޭގެފާނުގެ ވަޑައިގަތުމުގެ ކުރިން ހަމަކިރިޔާ އެކަން ނުހިނގި ކަހަލައެވެ.”]

ފަހެ މިއީ ނަބިއްޔާ صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވުމާއި ޤިޔާމަތުގެ ވަޤުތު ކުޑަތަންވެފައިވާލެއް ބޮޑުކަމަށް ހުރި އިޝާރާތެކެވެ. އެކަލޭގެފާނުގެ ކުރީން ޤިޔާމަތް އަތުވެދާނެކަމަށް ބިރުފުޅުގެންފައި ވާތީއެވެ.

*******

__________________________________________

[1] ބައްލަވާ: صحيح البخاري / كتاب الرفق / ياب قول النبي صلى الله عليه وسلم: ((بعثت أنا والساعة كهاتين))، عن سهل رضي الله عنه.

[2] قال الألباني: ((رواه الدولابي في “الكنى” وابن منده في “المعرفة” عن أبي حازم عن أبي جبيرة مرفوعا. وهذا إسناده صحيح، رجاله كلهم ثقات…))

[3] صحيح البخاري / كتاب أحاديث الأنبياء / باب ماذكر عن بني إسرائيل.

[4] ޤުޢައިޤިޢާން އަކީ މައްކާގެ ދެކުނުން ގާތްގަނަޑަކަށް 10 ވަރަކަށް މޭލުގައި ހުންނަ ފަރުބަދައެކެވެ. އެފަރުބަދަޔަށް ޤުޢައިޤިޢާން އޭ ކިޔުނީ ޖުރުހަމް ވަންހައިގެ މީހުނާ ހަނގުރާމަ ކުރެވުނުހިނދު އެބައިމީހުންގެ ހަތިޔާރުތަކުގެ قعقعة (އެބަހީ: ޙަރަކާތުގެ އަޑު) ވަރަށް ގިނައިން އެތަނުން އިވުނީނެވެ. އަދި ނަބިއްޔާ صلى الله عليه وسلم މިބަސްފުޅު ވިދާޅުވި ކަމުގައި ބޮޑަށްބުރަވެވެނީ ޙައްޖަތުލްވަދާޢުގެ ދުވަހު ނުވަތަ މައްކާ ފަތަޙަ ކުރެއްވި ދުވަހުގައި ކަމުގައެވެ. އަދި ޞަޙާބީންނާއެކު އިބްނު ޢުމަރު – رضي الله عنهما- އެތަނަށް ޙާޟިރުވެވަޑައިގެންނެވިއެވެ.

[5] مسند إمام أحمد:5966 / شرح أحمد شاكر، وقال: ((إسناده صحيح))

[6] ބައްލަވާ: ((النهاية / الفتن والملاحم)) (195/1)، تحقيق: دز طه زيني.

[7] ((مسند أحمد)) (348/5- بهامشة منتخب الكنز)، و((تاريخ والملوك)) (8/1) للطبراني.