[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 29 “أَشْرَاطُ السَّاعَة ގެ ތަޢާރަފް”

qiyaamai vumuge

ފުރަތަމަ ބާބު

އެއްވަނަ ފަޞްލު

“أَشْرَاطُ السَّاعَة” ގެ ތަޢާރަފް

الشَّرَطَ: އެއީ ޢަލާމާތެވެ. ގިނަގޮތީ أَشْرَاط އެވެ. އެއްޗެއްގެ أَشْرَاطُ އަކީ އޭގެ ފެށުމެވެ. އޭގެތެރޭގައި “شُرَطَ السُّلْطَان” އެއީ ވެރިމީހާގެ ލަޝްކަރުން، ލަޝްކަރުގެ އެހެނިހެން މީހުންގެ މައްޗަށް އިސްކުރެވޭ މީހުންނެވެ. އަދި ހަމައެފަދައިން: އެއްބަޔަކު އަނެއްބަޔަކަށް ލާޒިމުކުރާ ކަންކަމަށް “الاشْتِرَاطُ” [ނުވަތަ شَرْط] އޭ ކިޔައެވެ. ފަހެ ޝަރުޠަކީ ޝަރުޠުކުރެވޭ އެތީގެ ޢަލާމާތެކެވެ.[1]

“السَّاعَة” ގެ ބަހަވީ މާނަ:

އެއީ ރެއާދުވާލުގެ ބައިތަކުގެ ތެރެއިން ބައެކެވެ. އޭގެ ގިނަގޮތީ سَاعَات އަދި سَاع އެވެ. އަދި ރެއާދުވާލުގައި ސައުވީސް ގަޑީރު ވެއެވެ.

ޝަރުޢީ އިސްޠިލާޙުގައި السَّاعَة ގެ މާނަ:

ޝަރީޢަތުގެ އިސްޠިލާޙުގައި السَّاعَة ގެ މުރާދަކީ: އެވަޤުތެއްގައި ޤިޔާމަތް ޤާއިމްވާ ވަޤުތެވެ. އަދި އެގޮތަށް ނަންދެވުނީ އެދުވަހުގެ ޙިސާބު ބެއްލެވުން އަވަސްކަމުގެ ސަބަބުންނެވެ. ނުވަތަ ކުޑަވަޤުތުކޮޅެއްގެ ތެރޭގައި ކުއްލިއަކަށް އެކަން ޖެހޭނެތީއެވެ. ފަހެ އެންމެހާ ޚަލްޤުތަކުން އެއްކޮށް ތާޅަފިލީގެ ގަދައަޑު އިވުމުން، އެކީއެކައްޗަކަށް މަރުވާނެތެވެ.[2]

“أَشْرَاطُ السَّاعَة”: އެއީ ޤިޔާމަތްވުމުގެ ކުރިން އަންނަ، އެދުވަސް ގާތްވެއްޖެކަން އަންގައިދޭ ޢަލާމާތްތަކެވެ. އަދި ބުނެވެއެވެ: އެއީ ޤިޔާމަތް ޤާއިމްވުމުގެ ކުރިން، މީސްތަކުން އިންކާރުކޮށްއުޅޭ އެކަމުގެ ކުދިކުދި ކަންކަމެވެ. އަދި ބުނެވެއެވެ: އެއީ އެކަމުގެ ބޮޑުތިކަންކަމާއި އަދި އެކަން ޤާއިމްވުން ފިޔަވައި އެކަމުގެ ސަބަބުތަކެވެ.[3]

އަދި 3 މާނައެއްގައި السَّاعَة ބޭނުންކުރެވެއެވެ:

ހ. السَّاعَة الصُّغْرَى (ކުޑަ ޤިޔާމަތް): އެއީ އިންސާނާ މަރުވުމެވެ. ފަހެ މަރުވެއްޖެ މީހާއަށް ޤިޔާމަތް ލައިގަނެއްޖެއެވެ. އާޚިރަތުގެ ޢާލަމަށް އޭނާ ވަނުމުގެ ސަބަބުންނެވެ.

ށ. السَّاعَة الوُسْطَى (މެދު ޤިޔާމަތް): އެއީ އެއްޤަރުނެއްގެ އަހުލުވެރިން މަރުވުމެވެ. ޢާޢިޝާ رضي الله عنها ގެ އަރިހުން ރިވާވެފައިވާ ބަސްފުޅުން އެކަމަށް ބާރު ލިބެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަށްފުށު ހިސާބު މީހުން ރަސޫލުﷲ صلى الله عليه وسلم އާ ބައްދަލުވެއްޖެނަމަ ޤިޔާމަތާ ބެހޭގޮތުން ސުވާލުކުރެއެވެ. ޤިޔާމަތްވާނީ ކޮންއިރަކުންތޯއެވެ؟ ފަހެ އެމީހުންގެ ތެރެއިން އެންމެ ޅަމީހާއާ ދިމާއަށް ބައްލަވާލައްވާ ޙަދީޘްކުރައްވައެވެ. ((إِنْ يَعِشْ هَذَا لَمْ يُدْرِكْهُ الْهَرَمُ؛ قَامَتْ عَلَيْكُمْ سَاعَتُكُمْ))[4] މާނައީ: “މިބޭފުޅާ މާމުސްކުޅިނުވެ ދިރިހުރެއްޖެނަމަ ތިޔަބައިމީހުންނަށް ޤިޔާމަތް ޤާއިމްވާނެއެވެ.” އެބަހީ: އެބައިމީހުންގެ މަރެވެ. އަދި އޭގެ މުރާދަކީ މުޚާޠަބު ކުރެވުނު މީހުންނެވެ.[5]

ނ. السَّاعَة الكُبْرَى (ބޮޑު ޤިޔާމަތް): އެއީ ޙިސާބު ބެއްލެވި ޖަޒާ ލިބުމަށްޓަކައި މީސްތަކުން ކަށްވަޅުތަކުން ނެރުއްވުމެވެ.

އަދި ކީރިތި ޤުރުއާނުގައި السَّاعَة ގެ ނަންގަނެވިފައިވާނަމަ ފަހެ އޭގެ މުރާދަކީ ބޮޑު ޤިޔާމަތެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ﴿يَسْأَلُكَ النَّاسُ عَنِ السَّاعَةِ…﴾ (سورة الأحزاب: 63) އެބަހީ: ޤިޔާމަތާ ބެހޭގޮތުންނެވެ. [އާޔަތުގެ މާނައީ: “ޤިޔާމަތް ވުމުގެ ވަގުތާމެދު މީސްތަކުން ކަލޭގެފާނާ ސުވާލުކުރެތެވެ…”]

އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿اقْتَرَبَتِ السَّاعَةُ…﴾ (سورة القمر: 1) އެބަހީ: ޤިޔާމަތް ކައިރިވެއްޖެއެވެ. [އާޔަތުގެ މާނައީ: “ޤިޔާމަތްވުމުގެ ވަޤުތު ގާތްވެއްޖެއެވެ…”]

__________________________________________

[1] ބައްލަވާ: ((النهاية في غريب الحديث والأثر)) (2/460)، و ((لسان العرب)) (7/329-330) لأبي الفضل ابن منظور، ط. دار الفكر ودار صادر، بيروت.

[2]  ބައްލަވާ: ((النهاية في غريب الحديث)) (2/422)، و ((لسان العرب)) (8/169)، و((ترتيب القاموس المحيط)) (2/647) للأستاذ الطاهر أحمد الزواري، دار الكتب العلمية، (1399هـ).

[3]  ބައްލަވާ: ((النهاية في غريب الحديث والأثر)) (2/460)، و ((لسان العرب)) (7/329-330) لأبي الفضل.

[4] ((صحيح البخاري)) كتاب الرفق، باب سكرات الموت، (11/361-مع الفتح)، و((صحيح مسلم))، كتاب الفتن وأشراط، باب قرب الساعة، (18/90-مع شرح النووي).

[5] [ބައްލަވާ:] ((فتح الباري)) (11/363)